އޮސަސޫނާ އަތުން ބާސެލޯނާ ބަލިވުމާއެކު ޓީމުގެ ހާލަތާމެދު މެސީގެ ހިތްހަމަނުޖެހުން

ޙުސައިން އަފްޝަން 17 ޖުލައި 2020 08:05
Flowers
ބާސެލޯނާގެ ކެޕްޓަން އަދި އެންމެ މުހިއްމު ކުޅުންތެރިޔާ ލައަނަލް މެސީ/ ފޮޓޯ:ރޮއިޓާސް

ސްޕެއިނުގެ ލީގު ލަލީގާގެ ރޭ މެޗުގައި ބާސެލޯނާއާއި އޮސްސޫނާ ވާދަކޮށް އޮސްސޫނާއި 2-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރުމާއެކު، ޓީމުގެ ޙާލަތާމެދު ބާސެލޯނާގެ ތަރި އަދި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލައަނަލް މެސީ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. 

ރޭ ވިލަރެއާލާ ބައްދަލުކޮށް ރެއާލް މޭޑްރިޑުން 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރުމާއެކު، އެޓީމަށް ލަލީލާވެސް ކާމިޔާބުވީއެވެ. އަނެއްކޮޅުން 10 ކުޅުންތެރިންނާއެކު، އެއް ކުޅުންތެރިއެއް މަދުކޮށް ކުޅުނު އޮސަސޯނާ އަތުން ބާސެލޯނާ ބަލިވުމަކީ އެޓީމަށް ކުރިމަތިވި ލަދުވެރި ހިތްދަތި ބައްޔެކެވެ. 

ދަނޑުމަތިންވެސް މެސީގެ ހިތްހަމަނުޖެހުން ފެނިފައިވެއެވެ. އެގޮތުން ރޭ މެޗުގެ 62 ވަނަ މިނިޓުގައި އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކުރުމަށްފަހު މެސީގެ މޫނުމަތިންނާއި އަތުގެ އިޝާރާތުން އޭނާގެ ހިތްހަމަނުޖެހުން ދައްކައިލިއެވެ. 

މެޗަށްފަހު އޮތް ނޫސްވެރިން ބައްދަލުވުމުގައި މެސީވަނީ ވަރަށް ބޮޑަށް ރުޅިއައިސްގެން ވާހަކަދައްކާފައެވެ. އޭނާ ބުނެފައިވަނީ ބަދަލުވާންޖެހޭ ކަންކަން ވަރަށް ގިނަ ކަމުގައެވެ. އަލްޖަޒީރާގެ ބީއެން ސްޕޯޓްސް ޢަރަބި ޗެނަލުގައި ފުޓުބޯޅަ ތަހުލީލުކުރާ މިޞްރުގެ ކުރީގެ ތަރި މުޙައްމަދު އަބޫތުރީކާ ވިދާޅުވީ މެސީގެ މިބަހަކީ ބާސެލޯނާގެ ކޯޗު ކީކޭ ސިއެޓަނަށް ސާފު މެސެޖެއް ކަމުގައެވެ. 

އޭގެ އިތުރަށް މެސީ ބުނެފައިވަނީ ގަދައަށް ޕްރެޝަރުކޮށް ފިއްތުން އަމާޒުކޮށް ރަނގަޅަށް ޖައްސައިފިނަމަ މިހާރު ކޮންމެ ޓީމަކަށްވެސް ބާސެލޯނާ ކައިރިން މޮޅުވެވޭނެ ކަމުގައެވެ. މިއަހަރު ފެށުނީއްސުރެ އެޓީމު އޮތީ ރަނގަޅު ނޫން ޙާލަތެއްގައި ކަމަށްވެސް މެސީ ބުންޏެވެ. 

އެޓީމާއެކު މެސީ ހަދާފައިވާ އެއްބަސްވުން އައުކުރުމާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލަކަށް މެސީ ޖަވާބު ނުދެއެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގައި ނަޕޯލީއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެޓީމުގެ ޙާލަތު ރަނގަޅުކުރުމަކީ ކުރަންޖެހޭ އަސާސީ ކަމެއް ކަމުގައި މެސީ ފާހަގަކުރިއެވެ. މިހާރު އެޓީމުން ފެންނަ ކުޅުމާއި ފަންނީ ޤާބިލުކަމާއެކު، ނަޕޯލީއާ ދެކޮޅަށް ނުކުމެ ބާސެލޯނާ ބަލިވުމުގެ ފުރުޞަތު ވަރަށް ބޮޑު ކަމަށް މެސީ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު