އެސްޕަނިޔޯލް ބަލިކޮށް ރެއާލް މެޑްރިޑުން ބާސެލޯނާއާ އޮތް ފަރަގު ބޮޑުކޮށްފި

އާމިނަތު ޝިމާ 29 ޖޫން 2020 08:55
Flowers
އިސްޕެނިއޯލާ ދެކޮޅަށް ކަސެމެރޯ ޖެހި ލަނޑު/ ފޮޓޯ: ރޮއިޓާސް

ރެއާލް މެޑްރިޑުން ހޯދަމުން އަންނަ ކާމިޔާބީތައް ތަކުރާރުކޮށް، ސްޕެއިނުގެ ލަލީގާގައި އެންމެ ކައިރިން ވާދަކުރާ ބާސެލޯނާއާއި އެޓީމުގެ މެދުގައި އޮތް ތަފާތު ބޮޑުކޮށްފިއެވެ. އެގޮތުން އާދީއްތަދުވަހު ކުޅުނު މެޗުގައި އިސްޕަނިޔޯލާ ވާދަކޮށް ރެއާލުން 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރިއެވެ. 

އާދީއްތަދުވަހު ރެއާލަށް މެޗު ކާމިޔާބުވީ އެޓީމުގެ ދިފާޢީ މިޑުފީލްޑަރު ކަސަމެރޯގެ ސަބަބުންނެވެ. މެޗުގެ އެންމެ ފަހު މިނިޓުގައި އޭނާވަނީ މިމެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށް ރެއާލަށް ތިން ޕޮއިންޓު ހޯދައިދީފައެވެ. 

ރެއާލުންވަނީ އެޓީމަށް ލިބިފައިވާ ޕޮއިންޓުގެ ޢަދަދު 71 ޕޮއިންޓަށް އިތުރުކޮށްފައެވެ. ތާވަލުގައި އެޓީމާ އެންމެ ކައިރީ އޮތް ބާސެލޯނާއާއި އެޓީމުގެ މެދުގައި އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ. ނަމަވެސް ސެލްޓާ ވީގޯއާ ކުޅުނު މެޗުގައި ބާސެލޯނާވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. 

މިކާމިޔާބަކީ ލަލީޖާގައި ޖެހިޖެހިގެން އެޓީމުން ކާމިޔާބުކުރި 5 ވަނަ މެޗެވެ. އަދި ޖުމްލަކޮށް މުޅި ލީގުގައި އެޓީމުން ކާމިޔާބުކުރި 21 ވަނަ މެޗެވެ. އެޓީމަށް ނާކާމިޔާބުވެފައިވަނީ 3 މެޗުގައެވެ. އަދި އެއްވަރުވެގެން ނިމުނީ 8 މެޗެވެ. 

އިސްޕާނިއޯލަށް ބަލާއިރު މިމެޗުގައި އެޓީމަށް ކުރިމަތިވި ނާކާމިޔާބަކީ މިހާތަނަށް ޖެހިޖެހިގެން އެޓީމަށް ކުރިމަތިވި ތިންވަނަ ނާކާމިޔާބެވެ. 

ކިޔުންތެރިންގެ ހިޔާލު