ތިރީސް އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ލިވަޕޫލުން ކާމިޔާބުކޮށްފި

އާމިނަތު ޝިމާ 26 ޖޫން 2020 11:52
Flowers
ލިވަޕޫލުގެ މިޞްރު ފޯވާޑު މުޙައްމަދު ޞަލާޙު

ރަސްމީކޮށް ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުވެއްޖެއެވެ. ލިވަޕޫލަށް ތަށި ކާމިޔާބުވީ ލީގު ތާވަލުގެ ދެވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި ޗެލްސީ ވާދަކުރި މެޗުގައި 2-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވުމާއެކުއެވެ. 

ސިޓީއާއި ޗެލްސީގެ މެޗު ނިމުނުކަން ރެފުރީގެ ކަށިގަނޑުން އިޢުލާނުކުރުމާއެކު، ލިވާޕޫލަށް ތަށި ކާމިޔާބުކުރެވުމާ ގުޅިގެން އެކުލަބުގެ ސަޕޯޓަރުން އިހުތިފާލުތައް ފެށިއެވެ. ލިވާޕޫލަކީ އިނގިރޭސި އެންމެ ބޮޑު އެއް ކުލަބެވެ. ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގު އެޓީމަށް ކާމިޔާބުނުވާތާ 30 އަހަރު ފާއިތުވެފައިވެއެވެ. 

ލިވަޕޫލަށް މިހާތަނަށް ލިބިފައިވަނީ 86 ނުކުތާއެވެ. ލިވަޕޫލާ އެންމެ ކައިރިން ތާވަލުގައި ވާދަކުރާ ޓީމު ކަމުގައިވާ މެންޗެސްޓާ ސިޓީއާއި އެޓީމުގެ ދެމެދުގައި 23 ނުކުތާގެ ތަފާތު އޮތެވެ. އަދި ލިވަޕޫލުން ލީގު ކާމިޔާބުކުރިއިރު އަދި އެޓީމު މިސީޒަނުގައި ލީގުގައި ކުޅެންޖެހޭ އިތުރު ހަތް މެޗު ބާކީ އެބަ އޮތެވެ. އެމެޗުތަކުގެ ނަތީޖާއަކުން ލީގުގެ ތާވަލަށް ބަދަލެއް ނާންނާނެއެވެ. 

ރޭ ޗެލްސީއާއި ސިޓީ ބައްދަލުކުރި މެޗުގެ 36 ވަނަ މިނިޓުގައި މެންޗެސްޓާ ސިޓީގެ ދިފާޢީ ކުޅުންތެރިން ހެދި ގޯހެއްގެ ފައިދާ ހޯދައި ގޯލު ފޫއަޅުވައިލީ ޗެލްސީގެ ކުޅުންތެރިޔާ ކްރިސްޓިއަން ޕިއުލިސިޗެވެ. 

ނަމަވެސް މެޗުގެ 55 ވަނަ މިނިޓުގައި ލިބުނު ހިލޭ ޖެހުމެއް ބޭނުންކޮށްގެން ސިޓީގެ ހުނަރުވެރި މިޑުފީލްޑަރު ކެވިން ޑެ ބްރުޔުނާ ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، މެޗުގެ 78 ވަނަ މިނިޓުގައި ވިލިއަން ޗެލްސީއަށް ކާމިޔާބުކޮށްދިން ލަނޑާއެކު ޗެލްސީގެ އަމިއްލަ ދަނޑުގައި ޗެލްސީއަށް މެޗު ކާމިޔާބުވިއެވެ. 

ރޭ ކުރިއާލާ ލިވަޕޫލް ކުލަބު އެޝަހަރަކަށް ނިސްބަތްވާ ލިވަޕޫލް ސިޓީވަނީ އިހުތިފާލުތަކަށް ތައްޔާރުވެފައެވެ. އެގޮތުން ރަތްކުލައިގެ ދިދަތަކުން މަގުތައްވަނީ ފުރާލާފައެވެ. އަދި "ތިބާ އެކަނި ހިނގަންނުޖެހޭނެ" ކަމުގައި ބުނެ ޝިޢާރުގެ އަޑުން މުޅި ސިޓީވަނީ ގުގުމާލާފައެވެ. އަދި ގެދޮރުގެ ބޭރުގައި ލިވަޕޫލް ކުލަބުގެ ކޯޗު ޖާގެން ކްލޮޕާއި އެޓީމުގެ ތަރިންގެ ފޮޓޯތައް ޖަހާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު