ލީގު ކާމިޔާބުކުރަން ލިވާޕޫލަށް ދެން ބޭނުންވަނީ 2 ޕޮއިންޓު

ޙުސައިން އަފްޝަން 25 ޖޫން 2020 10:02
Flowers
އިނގިރޭސި ޕްރިމިއާ ލީގުގައި ދެވަނައަށް އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ މުޙައްމަދު ޞަލާޙު

ލިވާޕޫލާއި އިނގިރޭސި ޕްރިމިއާ ލީގުގެ ތައްޓާ ދެމެދުގައި މިހާރު އޮތީ އެންމެ ދެ ޕޮއިންޓުގެ ދުރުމިނެވެ. ލީގުގެ ތަށި އެޓީމަށް ކާމިޔާބުނުވާތާ ގާތްގަނޑަކަށް ތިން ދަހަ ފާއިތުވެގެން ދިއުމަށްފަހު މިހާރު ލިވާޕޫލަށް ތަށި ކާމިޔާބުވުމާ މިވަނީ ވަރަށް ބޮޑަށް ގާތްވެފައެވެ. 

ލީގުގައި އެންމެ ފަހުން ލިވާޕޫލު ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސްއާ ބައްދަލުކޮށް 4-0 ގެ ނަތީޖާއަކުން އެޓީމު ކުރި ހޯދުމާއެކު އިތުރަށް ލީގު ކާމިޔާބުކުރުމަށް އެޓީމަށް ބޭނުންވަނީ އެންމެ 2 ޕޮއިންޓެވެ. ލިވާޕޫލަށް ލިބުނު މިކާމިޔާބާއެކު ލިވާޕޫލުގެ ޕޮއިންޓުގެ ޢަދަދު މިހާރުވަނީ 86 ޕޮއިންޓަށް އުފުލިފައެވެ. ލިވާޕޫލު މެޗުތަކުން ތަކުރާރުކޮށް މޮޅުވަމުން އައި އައުމަށް އެވާޓަން މެޗުގައި އެއްވަރުވުމުން ނިމުމެއް އައެވެ. ނަމަވެސް ބުދަދުވަހު ކްރިސްޓަލް ޕެލެސް ބަލިކުރުމާއެކު އަނބުރައި ކާމިޔާބީގެ މަގަށް ލިވާޕޫލުވަނީ އިޢާދަވެފައެވެ. 

ލިވާޕޫލާ އެންމެ ގާތުން ވާދަކުރާ ޓީމަކީ މެންޗެސްޓާ ސިޓީއެވެ. ސިޓީއާއި ލިވަޕޫލުގެ ދެމެދުގައި 23 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ނަމަވެސް އެދެޕޮއިންޓު ހޯދުމަކާ ނުލައި ކުރިއަށް އޮތް މެންޗެސްޓާ ސިޓީއާއި ޗެލްސީ މެޗުގައި ސިޓީ ބަލިވެއްޖެނަމަ ތަށި ލިވަޕޫލަށް ލިބިގެން ދާނެއެވެ. އެންމެ ފަހުން ލިވަޕޫލަށް ލީގު ތަށި ލިބިފައިވަނީ 1989-1990 ވަނަ ސީޒަނުގައެވެ. 

ލިވަޕޫލާ ކްރިސްޓަލް ޕެލެސް މެޗުގައި އެންމެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އެލެކްޒެންޑާ އާނޯލްޑެވެ. އެއީ 23 ވަނަ މިނިޓުގައެވެ. އެއަށްފަހު މިޞްރުގެ ބައިނަލްއަޤުވާމީ ތަރި މުޙައްމަދު ޞަލާޙު ވަނީ 44 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މިއީ ލިވަޕޫލަށް މިސީޒަނުގައި ކާމިޔާބުވި 100 ވަނަ ލަނޑެވެ. އަދި ލީގުގައި ޞަލާޙުގެ ލަނޑުގެ ޢަދަދުވަނީ 17 އަށް އުފުލިފައެވެ. ޞަލާޙަކީ މިސީޒަނުގައި ލީގުގެ ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެއްވަނަ ކާމިޔާބުކުރީ އާސެނަލްގެ އައުބެމެޔަންއެވެ. 

ކިޔުންތެރިންގެ ހިޔާލު