ސޮސިއެޑާޑް އަތުން ބަލިވެ ކޮޕަޑެލްރޭ އިން ރެއާލް މެޑްރިޑް ކަޓައިފި

ހުސެން ޒަހީން 7 ފެބްރުއަރީ 2020 11:25
Flowers

ސްޕެނިޝް ކޮޕަ ޑެލް ރޭގެ ކުއާޓާ ފައިނަލުގައި ރެއާލް ސޮސިއެޑާޑް އަތުން ބަލިވެ ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފިއެވެ.

ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބާނަބޭގައި ކުޅުނު މިމެޗް ރެއާލް ސޮސިއޭޑާޑް އިން ކާމިޔާބު ކުރީ 3-4 އިންނެވެ. ގިނަ ބަޔަކު ހައިރާންކުރުމަށް ފަހު ސޮސިއެޑާޑް އިން ހޯދި މިކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް ވަނީ ސޮސިއެޑާޑްގެ މާޓިން އޮޑެގާޑެވެ. ނޯވޭ އަށް ނިސްބަތްވާ އޮޑެގާޑް ސޮސިއެޑާޑް އަށް ކުޅެމުން ދަނީ ރެއާލް މެޑްރިޑުން އޭނާ ލޯނު އުސޫލުން އެ ޓީމަށް ދޫކޮށްލުމުންނެވެ. 

ރޭގެ މެޗްގައި ސޮސިއެޑާޑަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މެޗްގެ 22 ވަނަ މިނިޓްގައި އޮޑެގާޑެވެ. 

ދެވަނަ ހާފް ފަށައިގެން ރެއާލް މެޑްރިޑުން މެޗްގެ ނަތީޖާ ހަމަހަމަ ކުރަން މަަސައްކަތް ކުރަމުން ދަނިކޮށް ސޮސިއެޑާޑްގެ އިސާކް ވަނީ އެ ޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މި ލަނޑަށް ފަހު 2 މިނިޓް ވެސް ނުވަނީސް އިސާކް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ 0-3 އަށް ބަދަލުކޮށްދީފައެވެ. 

ސޮސިއެޑާޑްގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ ރެއާލް މެޑްރިޑަށް ލަނޑެއް ކާމިޔާބު ކުރެވޭ ވަރުވީ މެޗްގެ 59 ވަނަ މިނިޓްގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މާސެލޯއެވެ. 

ރެއާލްގެ ލަނޑަށް ފަހު އަނެއްކާ ވެސް ސޮސިއެޑާޑް އިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 1-4 އަށް ބަދަލުކޮށްފައެވެ. މި ލަނޑާއި އެކު ރެއާލް އިން ވަނީ ލޫކާ ޔޮވިޗް އާއި ރޮޑްރީގޯ ކުޅެން ނެރެފައެވެ. 

މި ދެކުޅުންތެރިން ކުޅެން ނެރުމާއި އެކު ރެއާލްގެ އެޓޭކް އިތުރަށް ވަރުގަދަކުރިއެވެ. އަދި ނަތީޖާއެއްގެ ގޮތުން މެޗްގެ 80 ވަނަ މިނިޓްގައި ވިނީޝިއަސް ޖޫނިއަރ ރެއާލް އަށް ލަނޑެއް ޖަހައި ދިނެވެ. އެހެން ނަމަވެސް ވީއޭއާރް އިން ބެލުމަށް ފަހު ރެފްރީ ނިންމީ އޮފްސައިޑް ލަނޑެއް ކަމަށެވެ. 

ރެއާލް އިން މެޗްގައި ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ 81 ވަނަ މިނިޓްގައި ރޮޑްރީގޯއެވެ. އަދި މެޗްގެ 93 ވަނަ މިނިޓްގައި ރެއާލްގެ ނާޗޯ އެ ޓީމަށް 3 ވަނަ ލަނޑެއް ކާމިޔާބުކޮށްދިނެވެ. އެހެން ނަމަވެސް މެޗް ނިމުނީ 3-4 އިން ސޮސިއެޑާޑް މޮޅުވެގެންނެވެ. 


ކިޔުންތެރިންގެ ހިޔާލު