ރެއާލް މެޑްރިޑް ލަލީގާގެ އެއްވަނައަށް

ހުސެން ޒަހީން 27 ޖެނުއަރީ 2020 08:19
Flowers

ރޭ ސްޕެނިޝް ލަލީގާގައި ކުޅުނު މެޗް ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ރެއާލް ވަލާޑޯލިޑް އާއި ދެކޮޅަށް ކުޅުނު މެޗް ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 0-1 އިންނެވެ.

ރެއާލް ވަލާޑޯލިޑްގެ ފަރާތުން ވަރުގަދަ ދިފާއީ ކުޅުމެއް ފެނިގެން ދިޔަ މިމެޗްގެ ހަމައެކަނި ގޯލް ރެއާލްއަށް ކާމިޔާބުކޮށްދިނީ 78 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު ނާޗޯ ފެނާންޑޭޒްއެވެ.

ނާޗޯގެ މިގޯލްގެ އިތުރުން ވެސް ފުރަތަމަ ހާފުގައި ރެއާލްގެ ކަސެމީރޯ ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށްފަހު އެ ގޯލް ވަނީ ކެންސަލްކޮށްފައެވެ.

އަދި ހަމައެހެންމެ މެޗް ނިމެން 3 މިނިޓަށް ވެފައި ވަނިކޮށް ވަލާޑޮލިޑްގެ ގާޑިއޯލާ ކާމިޔާބުކުރި ގޯލެއް ވެސް ވީއޭއާރް އިން ބެލުމަށް ފަހު ވަނީ ކެންސަލްކޮށްފައެވެ. 

ރޭގެ މެޗުން މޮޅުވެ ރެއާލް މެޑްރިޑަށް 46 ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާ ދެވަނައިގައި އޮތީ 43 ޕޮއިންޓާއި އެކުގައެވެ. 

ރެއާލް މެޑްރިޑަށް ގިނަ ދުވަސްތަކަކަށް ފަހު ތާވަލްގެ އެއްވަނަ ލިބުނީ މީގެ ކުރިން އެއްވަނައިގައި އޮތް ބާސެލޯނާ އިއްޔެ ކުޅުނު މެޗްގައި ވެލެންސިޔާ އަތުން 0-2 އިން ބަލިވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު