ގުއާމް އާއި ދެކޮޅަށް ކުޅެ ރާއްޖެ މޮޅުވެއްޖެ

މަރިޔަމް ލީނާ
Flowers
ރާއްޖޭ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ:މިހާރު

ވޯލްޑް ކަޕް އަދި އޭއެފްސީ ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި ގުއާމް އާއި ދެކޮޅަށް މިއަދު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ރާއްޖެ މޮޅުވެއްޖެއެވެ. މި މެޗުން ރާއްޖެ މޮޅުވީ 3 ލަނޑު އެއް ލަނޑުންނެވެ. 

މި މެޗުގައި އެންމެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 24 ވަނަ މިނިޓުގައި ދަގަނޑޭ ކޯނަރަކުން ހުސްކުރި ބޯޅަ އަކުން ސަމުއްޓެއެވެ. ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބުވީ އޭގެ 15 ވަރަކަށް މިނިޓު ފަހުން ގުއާމް ކުޅުންތެރިއަކު ބައިކޮޅަށް ޖެހި ގޯލަކާއި އެކުއެވެ. ރާއްޖޭގެ ހައިޝަމް އަރިމަތިން ހުރަހަށް ފޮނުވާލި ބޯޅައެއް ގޯލް ކުރިމަތިން ގުއާމްގެ ޓރަވިސް ނިކޮލާ ދިފާއު ކުރަން އުޅުމުގެ ތެރޭގައި އޭނާގެ އަތުން ޖެހި ވަނީ ގޯލު ތެރެއަށެވެ. އޭގެ ފަހުން ވެސް ގިނަ ހަމަލާތަކެއް ރާއްޖޭގެ ގުޅުންތެރިން ގުއާމްގެ ގޯލަށް ފޮނުވާލިއެވެ. 

ފުރަތަމަ ހާފް ނިމުނީ ރާއްޖެ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފް ފެށިގެން ކުޑަ ވަގުތުކޮޅެއް ތެރޭ ގުއާމް އިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހިއެވެ. އެ ލަނޑު ޖެހީ ގުއާމް ގެ ޖޯން މަޓްކިންއެވެ. އަދި އެވަގުތު ރާއްޖޭގެ 3 ޑިފެންޑަރުން ގޯލު ކައިރީ ތިއްބެވެ. އަދި އެފަހުން ވެސް ގުއާމް ކުޅުންތެރިންވެސް ރާއްޖޭ ގޯލަށް ހަމަލާތައް ފޮނުވިއެވެ. ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ރާއްޖޭގެ ތިންވަނަ ލަނޑު ޖެހީ މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ހުއްޓާ ގުއާމް ގެ ކީޕަރު ދިފާއު ކުރަން ފޮނުވި ބޯޅަ ދަގަނޑޭގެ ގައިގައި ޖެހިފައެވެ. 

މި މުބާރާތުގައި ރާއްޖެ މީގެ ކުރިން ކުޅުނީ ފިލިޕީންސް އާއި ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ވީ ބައްޔެވެ. މިއަދު ގުއާމް އާއި ދެކޮޅަށް ކުޅުނު އިރު ގުއާމް އަކީ ރާއްޖެ ހިމެނޭ ގުރޫޕުގެ އެންމެ ފުލުގައި އޮތް ޓީމެވެ. 

ކިޔުންތެރިންގެ ހިޔާލު