މެސުތު އޮޒިލް: އުއިޣުރު މުސްލިމުންގެ ދިފާޢުގައި ތެދުވުމުން "ގެއްލުވައިލި" ހުނަރުވެރިޔާ

އިބްރާހިމް އާދަމް 2 ނޮވެމްބަރު 2020 14:56
Flowers
އުއިޣުރު މުސްލިމުންގެ އިހުތިޖާޖެއްގައި އޮޒިލްގެ ފޮޓޯއެއް އުފުލަނީ

މެސުތު އޮޒިލްއަކީ ދުނިޔޭގެ ފެންވަރުގެ ފުޓުބޯޅަ ކުޅުންތެރިއެކެވެ. ޚާއްޞަކޮށް މެދުތެރެއަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ޕާސްކުރުމުގައާއި ކުރިމަތީގައި ކުޅޭ ކުޅުންތެރިންނަށް ގޯލުޖަހާނެ ފުރުޞަތު އުފައްދައިދިނުމުގައި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންގެ ތެރޭގައި އޮޒިލް ހިމެނޭނެއެވެ. 

އޮޒިލް ގެއްލުވައިލުމާއި އަދަބު ދިނުމުގެ ސިލްސިލާ ފެށިގެން ދިޔައީ އޭނާ ޝާއިޢުކުރި ޓުވީޓަކާއެކުއެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޑިސެންބަރުގައި އޮޒިލް ވަނީ ޗައިނާއިން އުއިޣުރު މުސްލިމުންނާމެދު ކަންކަން ކުރަމުންދާ ގޮތަށް ފާޑުކިޔާފައެވެ. އަދި އޭގެ އިތުރަށް އޭނާވަނީ ދުނިޔެއިން އެކަމުގައި ހިމޭނުން އޮންނަ އޮތުމަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. 

ޗައިނާއާ ދެކޮޅަށް ފާޑުކިޔުމަކީ އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކަކާ ކުރިމަތިލާންޖެހޭނެ ކަމުގައި އޮޒިލްގެ އެކުވެރިންނާއި މުޝީރުން އޭނާއަށް ލަފާ ދިނެވެ. މާކެޓެއްގެ ގޮތުގައި ޗައިނާ އޭނާއަށް ގެއްލޭނެ ކަމުގައާއި، ޗައިނާގެ އެންމެ ބޮޑު ސޯޝަލް ނެޓުވޯކު ކަމުގައިވާ ވެއިބޯގައި އޭނާއަށް ފޮލޯކުރާ 6 މިލިއަން މީހުން ގެއްލި، 50،000 މެންބަރުން އެކުލެވޭ އޮޒިލްގެ ފޭންކުލަބުވެސް ނެތިގެން ހިނގައިދާނެކަމާއި، ޗައިނާގައި ދުވަހަކުވެސް ފުޓުބޯޅަ ނުކުޅެވޭނެ ކަމާއި، ޗައިނާގައި ވިޔަފާރިކުރަން ބޭނުންވާ ސްޕޮންސަރުން ގެއްލޭނެ ކަމާއި ޗައިނާ އޯނަރުންގެ ޓީމަކުން ޖާގައެއް ނުލިބޭނެ ކަމުގައިވެސް އެ ފަރާތްތަކުން ލަފާދިނެވެ. 

މި ކަންކަމަކީ ޙަޤީޤަތެއްކަން އެނގިހުރެމެ އޮޒިލް ނިންމީ ހަނު ހުރުމަކީ އޮތް ޚިޔާރެއް ނޫން ކަމަށެވެ. އެހެންކަމުން އެ ޓުވީޓު އޭނާގެ ފޭނުންނަށް ދޫކޮށްލިއެވެ. އެއާއެކު އާސަނެލްއާއި އޭނާގެ ދެމެދުގައި މައްސަލައަކަށްފަހު މައްސަލައެއް އުފަންވާން ފެށިއެވެ. މައްސަލަތައް ނިމިގެންދިޔައީ އާސަނަލްގެ ޓީމުން އޭނާއަށް ޖާގަ ގެއްލިގެންނެވެ. އޭނާގެ ހުނަރު ދައްކައިލާނެ ފުރުޞަތު އޭނާއަށް ނުލިބޭނެ ގޮތް މެދުވެރިވިއެވެ. ޗައިނާގައި ޕްރިމިއާ ލީގު ދުރަށް ދައްކާ ޗެނަލްތަކުން އާސަނަލްގެ މެޗުތައް ދެއްކުން ހުއްޓައިލިއެވެ. އަދި ފަހުން އާސަނަލް މެޗުތައް ދެއްކި ނަމަވެސް އޮޒިލްގެ ނަމެއް އެއިން ޗެނަލެއްގައި ނުކިޔައެވެ. 

ސިޔާސީ ބަޔާންތައް ނުނެރުމަށް ނުވަތަ ސިޔާސީ ވާހަކަދައްކާނަމަ އޮޒިލްއާއި އާސެނަލްގެ ގުޅުން އެއްފަރާތްކުރުމަށް ކުލަބުން އެދުނެވެ. ދެން ފެށުނީ މަޑުމަޑުން އަދަބު ދިނުމެވެ. އެގޮތުން ޗައިނާ އައު އަހަރުގެ މުނާސަބަތުގައި އެ ކުލަބުން ނެރުނު އެއްވެސް އުފެއްދުމެއްގައި އޮޒިލް ހިމަނާފައިނުވެއެވެ. 

ފާހަގަކުރަންޖެހޭ ކަމަކީ އޮޒިލްއަށް ސިޔާސީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޯންނާނެ ކަމަށާއި، އޭނާ ފާޅުކުރި ޚިޔާލަކާ ގުޅިގެން އޭނާއަށް އަދަބު ދިން ނަމަވެސް، ބްލެކް ލައިވްސް މެޓާ ސިޔާސީ ހަރަކާތަށް ތާއީދުކޮށް ޕްރިމިއާ ލީގުގެ ކުޅުންތެރިން ނެރުނު ބަޔާންތަކާއި ދެއްކި ވާހަކތަކާ ގުޅިގެން އެއްވެސް ކުޅުންތެރިޔަކާމެދު މި ޒާތުގެ ފިޔަވަޅެއް އަޅާފައިނުވާ ކަމެވެ. އަދި އެފުރިކާ ޤައުމުތަކުގައި ފުލުހުން ހިންގާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް އާސަނަލްގެ ކެޕްޓަން ޕިއެރޭ އެމެރިކް އައުބަމެޔަންގ ކުރި ޓުވީޓާ ގުޅިގެން ނައިޖީރިއާ އަދި އެފުރިކާގެ ކުޅުންތެރިންނަށް ތާއީދުކޮށް އެ ކުލަބުން ޓުވީޓެއް ކުރިއެވެ. 

މިހުރިހާ ކަމަކުން އެނގެނީ އޮޒިލްގެ މައްސަލައަކީ ސިޔާސީ ވާހަކައެއް ދެއްކުން ނޫން ކަމެވެ. ނަމަވެސް އޭނާ ދައްކަން އިޚުތިޔާރުކުރި މައްސަލަ ކަމެވެ. މައްސަލައަކީ ޕްރިމިއާ ލީގުގެ އެންމެ ބޮޑު އެއް ބާޒާރު ކަމުގައިވާ ޗައިނާއާ ދެކޮޅަށް އަޑުއުފުލުމެވެ. މައްސަލައަކީ އޭނާ ކުޅޭ ކުލަބު އާސަނަލަށް އެންމެ ގިނަ ފައިސާ ލިބޭ ޤައުމާ ދެކޮޅަށް އަޑުއުފުލުމެވެ. 

ކިޔުންތެރިންގެ ހިޔާލު