އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ސަރ ބޮބީ ޗާލްޓަންއަށް ޑިމެންޝިއާ ޖެހިއްޖެ

ޙުސައިން އަފްޝަން 1 ނޮވެމްބަރު 2020 20:38
Flowers
އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ސަރ ބޮބީ ޗާލްޓަން

އިނގިރޭސިވިލާތުގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާކަމަށް އެ ޤައުމުގެ ގިނަ ބަޔަކު ޤަބޫލުކުރާ ސަރ ބޮބީ ޗާލްޓަންއަށް ޑިމެންޝިއާ ޖެހިއްޖެއެވެ. 

އުމުރުން 83 އަހަރުގެ ޗާލްޓަންއަކީ އިނގިރޭސި ޤައުމީ ޓީމަށާއި، މެންޗެސްޓާ ސިޓީއަށް ރެކޯޑު މިންވަރަކަށް ގޯލު ޖަހާދީފައިވާ ކުޅުންތެރިއެކެވެ. އޭނާއަށް މި ބަލިޖެހިފައިވާކަން ޔަޤީންކޮށްދެއްވީ އޭނާގެ އަނބިކަނބަލުން ލޭޑީ ނޯމާ ކަމުގައި ޓެލެގްރާފް ނޫހުން ރިޕޯޓުކޮށްފައިވެއެވެ. 

އިނިގިރޭސި ޤައުމީ ޓީމަށް ޗާލްޓަންވަނީ 106 މެޗު ކުޅެދެއްވާފައެވެ. އަދި އޭނައަކީ ދުނިޔޭގެ ވާދައަށް ކުޅޭ ފުޓުބޯޅައިގެ މުބާރާތް 1966 ވަނަ އަހަރު ކާމިޔާބުކުރި އިނގިރޭސި ޓީމުގެ މުހިއްމު އަސާސީ މެންބަރެކެވެ. ކުލަބު ކެރިއަރަށް ބަލާއިރު އޭނާއަކީ އިނގިރޭސި ލީގު ތިން ބުރަށް ކާމިޔާބުކުރެއްވިއެވެ. އަދި ޔޫރަޕު ކަޕާއި އެފްއޭ ކަޕްވެސް ކާމިޔާބުކުރެއްވިއެވެ. އޭނާވަނީ މެންޗެސްޓާ ސިޓީގައި 17 އަހަރު ކުޅުއްވާފައެވެ. ފަހުން އެ ޓީމުގެ ޑައިރެކްޓަރުންގެ ބޯޑުގައިވެސް އިންނެވިއެވެ. 

މެންޗެސްޓާ ސިޓީން ނެރުނު ބަޔާނެއްގައި އެ ކުލަބުން ބުނެފައިވަނީ މި ނުރައްކާތެރި އަދި އެހާމެ ހިތްދަތިކުރުވަނިވި ބަލި ސާ ބޮބީ ޗާލްޓަންއަށް ކުރިމަތިވުމަކީ މުޅި ކުލަބަށް ހިތާމައާއި ކެކުޅުން ލިބުނު ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސަރ ބޮބީއާއި އޭނާގެ އާއިލާއަށް ލޯތްބާއި މަދަދުވެރިކަން ކުލަބުން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އެ ކުލަބުން ދިނެވެ. 

ސަރ ބޮބީގެ ބޭބެ ޖެކްވެސް އުމުރުން 85 އަހަރުގައި މަރުވީ މި ބައްޔާ ހަނގުރާމަކުރުމަށްފަހުގައެވެ. އަދި 1966 ވަނަ އަހަރު އިނގިރޭސިވިލާތަށް ދުނިޔޭގެ ވާދައިގެ ތަށި ކާމިޔާބުކޮށްދިން ޓީމުގެ އިތުރު ތިން މެންބަރަކަށް މި ބަލި ޖެހިފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު