މައިކް ޕޮމްޕެއޯގެ ދަތުރުފުޅުގައި ފޮރުވިފައި އޮތީ ކޮން ކަމެއްބާ؟!

ޝިފްޒާން އަހްމަދު 27 އޮކްޓޯބަރު 2020 13:22
Flowers
އެމެރިކާއަށް ޚާރިޖީވަޒިރު ޝާހިދު ކުރެއްވި ދަތުރުފުޅުގައި މައިކް ޕޮމްޕެއޯއާ ބައްދަލުކުރެއްވުން

މާދަމާއަކީ އެމެރިކާގެ ޚާރިޖީވަޒީރު މައިކް ޕޮމްޕެއޯ ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާ ދުވަހެވެ. 1992 ވަނަ އަހަރަށްފަހު، އެމެރިކާގެ ކެބިނެޓުގެ މެންބަރެއް ދިވެހިރާއްޖެއަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހެވެ. ދުނިޔޭގެ އެންމެ ބާރުގަދަކަމަށް ބުނާ ޤައުމުގެ ޚާރިޖީ ގުޅުންތައް ބައްޓަންކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރައްވާ، އަދި ރައީސް ޓުރަމްޕުގެ ޚާރިޖީ ސިޔާސަތާ ގުޅުންހުރި ވަޢުދުތައް ތަންފީޒުކުރެއްވުމުގައި އެންމެ ގަދައަށް މަސައްކަތްކުރައްވާ ވަޒީރު ރާއްޖެއަށް ޒިޔާރަތްކުރައްވާތީ ސުވާލުތަކެއް އުފެދެއެވެ. މައިކް ޕޮމްޕެއޯއަކީ ކޮން ބޭފުޅެއްތޯއާއި، އޭނާ ރާއްޖެ ވަޑައިގަތުމުގެ ފަހަތުގައި ފޮރުވިފައި އޮތީ ކޮން ކަހަލަ ކަންތައްތަކެއްތޯ ކުރެވޭ ސުވާލެވެ. 

މައިކް ޕޮމްޕެއޯއަކީ ކާކު؟ 

މައިކް ޕޮމެޕެއޯ ތައުލީމު ހާސިލުކުރެއްވީ އެމެރިކާގެ އެންމެ ޤަދަރުވެރި ޢަސްކަރީ ކޮލެޖު ކަމުގައިވާ ވެސްޓް-ޕޮއިންޓުންނެވެ. 2011 ވަނަ އަހަރު ހިއުމަން އިވެންޓްސް މަޖައްލާއަށް ދެއްވި ބަސްދީގަތުމުގައި ޕޮމްޕެއޯ ވިދާޅުވި ގޮތުގައި ވެސްޓްޕޮއިންޓަށް ވަޑައިގަންނަވަން ފުރުޞަތު ދެއްވީ އޭނާ ހައި ސުކޫލުން އެއްވަނަ ހޯއްދަވައިގެން ސުކޫލު ނިންމެވުމުން، އޭނާ ނިސްބަތްވާ ޑިސްޓްރިކްޓު އެމެރިކާގެ ކޮންގުރެސްގައި އެއިރު ތަމްސީލުކުރެއްވި ބޮބް ޑޯނާންއެވެ. ވެސްޓް ޕޮއިންޓުގައި ޕޮމްޕޭ ފާހަގަވީ މޮޅު ދަރިވަރެއްގެ ގޮތުގައެވެ. ކޮލެޖު ފުރިހަަމަކުރެއްވީ ކިލާހުން އެއްވަނަ ހާސިލުކުރައްވައިގެންނެވެ. ކިޔަވައިވިދާޅުވި މައިގަނޑު ދާއިރާއަކީ އިންޖިނިއަރިން މެނޭޖުމެންޓެވެ. 

ވެސްޓު ޕޮއިންޓުން ދަސްވެނިވެވަޑައިގެން ގުޅިވަޑައިގަތީ އެމެރިކާގެ ޢަސްކަރިއްޔާއާއެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރުގައި އިރުމަތީ ޖަރުމަނާއި ހުޅަނގު ޖަރުމަނު އިންވަކިކުރާ ބޯޑަރު ސަރަހައްދު ބެލެހެއްޓި ޓޭންކު ރެޖިމެންޓެއްގެ ކޮމާންޑަރެއްގެ ގޮތުގައި ޕޮމްޕެއޯ ހުންނެވިއެވެ. ބާލިން ފާރު ވެއްޓުމާއި، ފިނި ހަނގުރާމަ ނިމުމަކަށް އައުމާއެކު، ޢަސްކަރީ ކެރިއަރ ކުރުކޮށްލެއްވުމަށްފަހު ޕޮމްޕެއޯ ވަޑައިގަތީ ހަވާޑަށެވެ. ހަވާޑު ލޯ ސްކޫލުން ކިޔަވައިވިދާޅުވިއެވެ. 

ޤާނޫނު ކިޔަވައިވިދާޅުވުމަށްފަހު، އެ ދާއިރާގައި ދުވަސްކޮޅަކު މަސައްކަތްކުރެއްވުމަށްފަހު، ޕޮމްޕެއޯ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތެވެ. ކެންސަސްގެ ޑިސްޓްރިކްޓަކުން އެމެރިކާގެ ސެނެޓަށް ހޮވިވަޑައިގަތެވެ. އެފަހަރު ވާދަކުރެއްވި އިންޑިޔާ ނަސްލުގެ ބޭފުޅަކާއެވެ. ޕޮމްޕެއޯގެ ކެމްޕެއިން ފާހަގަވީ އޭނާގެ ވާދަވެރިޔާގެ ނަސްލު ބޭނުންކޮށްގެން އަގުވައްޓައިލުމަށް މަސައްކަތްކުރި އިންތިޚާބެއް ކަމުގައެވެ. 8،000 ލަފުޒު ހިމެނޭ ޕޮމްޕެއޯގެ ޕްރޮފައިލެއް ނިއުޔޯކު ޓައިމްސްގައި ޝާއިޢުކޮށްފައިވެއެވެ. އޭގައި ފާހަގަކުރި ގޮތުގައި ޕޮމްޕެއޯއަކީ އެވެންޖެލިކަލް ކްރިސްޓިއަނެކެވެ. ވަރަށް ގަދައަށް އެ ދީނުގައި ހިފަހައްޓަވާ ބޭފުޅެކެވެ. 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި މިހާރުގެ ރައީސް ޑޮނާލްޑު ޓުރަމްޕަށް ތާއީދުކުރެއްވުމުގެ ބަދަލުގައި ތާއީދުކުރެއްވީ އެހެން ކެނޑިޑޭޓަކަށެވެ.

ރައީސް ޓުރަމްޕު ވެރިކަމަށް ވަޑައިގެން ޕާޓީގެ އެކި ފަންތީގެ ބޭފުޅުންނަށް މަޤާމުތައް ދެއްވި ދެއްވުމުގައި ޕޮމްޕެއޯއަށްވެސް މަޤާމެއް ދެއްވިއެވެ. އޭނާ ލެއްވީ އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ ސީއައިއޭގެ ޑިރެކްޓަރު ކަމަށެވެ. އެ މަޤާމުގައި ހުންނެވި ދުވަސްވަރަކީ ރައީސް ޓުރަމްޕު އެމެރިކާގެ ޖާސޫސީ ދާއިރާގެ މުއައްސަސާތަކަށް އެކި ބާވަތުގެ ހަމަލަތައް އަމާޒުކުރެއްވި ދުވަސްވަރެކެވެ. ނަމަވެސް ޖާސޫސީ އިދާރާތަކުގެ އިތުބާރު ނަގަހައްޓަވައި އަދި އެ އިދާރާތަކުގައި ޓުރަމްޕަށް ކޮންމެވެސް މިންވަރެއްގެ އިތުބާރެއް އުފެއްދެވުމުގައި ޕޮމްޕެއޯ މުހިއްމު ދައުރެއް އަދާކުރައްވާފައިވެއެވެ. 

މައިކް ޕޮމްޕެއޯއާއި މުސްލިމުންނާއި އިސްލާމްދީން 

މައިކް ޕޮމްޕެއޯއަކީ މުސްލިމުންނާމެދު ނަފުރަތާއި ރުޅިވެރިކަމުގެ ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެކެވެ. އިންޓަސެޕްޓްގައި މަހްދީ ޙަސަން ލިޔުއްވި ލިޔުމެއްގައި ފާހަގަކުރެއްވި ގޮތުގައި ޕޮމްޕެއޯއަކީ އެމެރިކާގައި ހިންގާ މުސްލިމުންނާ ދެކޮޅު ޖަމްޢިއްޔާ ޖަމާޢަތްތަކާ ގާތް ގުޅުމެއް ބާއްވަވައި އެ ޖަމްޢިއްޔާ ޖަމާޢަތްތަކަށް މަދަދުވެރިވެލައްވާ ބޭފުޅެކެވެ. އެގޮތުން އޭސީޓީ އެމެރިކާ ނަމަކަށް ކިޔާ ޖަމްޢިއްޔާއެއް ހިންގާ ބްރިގެޓް ގެބްރިއެލްއާ ޕޮމްޕެއޯއާ ވަރަށް ގާތް ގުޅުމެއް އޮވެއެވެ. މި ޖަމްޢިއްޔާއާމެދު ސަދަން ޕަވާޓީ ލޯ ސެންޓާއިން ބުނެފައިވަނީ މުޅި ޤައުމުގައިވެސް އޮތް އެންމެ ބޮޑު މުސްލިމުންނާ ދެކޮޅު ހަރަކާތަކީ މި ޖަމްޢިއްޔާ ކަމުގައެވެ. ބްރިގެޓު ބުނެފައިވަނީ މައިކް ޕޮމްޕެއޯއަކީ ކޮންގުރެސްއަށް 2010 ވަނަ އަހަރު އިންތިޚާބުވެވަޑައިގަތް ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެ ޖަމްޢިއްޔާގެ ސާބިތު އެކުވެރިއެއް ކަމުގައެވެ. 

ދެން އޮތީ ސެންޓަރ ފޯ ސެކިއުރިޓީ ޕޮލިސީ ނަމަކަށް ކިޔާ މުއައްސަސާއެއް ހިންގާ ފްރޭންކް ގަފްނޭއެވެ. ސަދަން ޕަވަޓީ ލޯ ސެންޓާއިން މި މަރުކަޒު ސިފަކުރަނީ އެއްވެސް ޙަޤީޤަތެއް ނެތް މުއާމަރާތް (ކޮންސްޕިރިސީ) ބޭނުންކޮށްގެން މުސްލިމުންނާ ދެކޮޅު ވިސްނުން ފަތުރާ މުއައްސަސާއެއް ކަމުގައެވެ.  2014 ވަނަ އަހަރާއި 2016 ވަނަ އަހަރާ ދެމެދުގައި މި ޖަމްޢިއްޔާއިން ހިންގާ "ފްރީޑަމް ރޭޑިޔޯ"ގައި 18 ފަހަރެއްގެ މަތިން ޕޮމްޕެއޯ ބައިވެރިވެވަޑައިގެންފައިވާ ކަމުގައި ޖޯޖް ޓައުން ޔުނިވަރސިޓީގެ ބްރިޖް އިންޝިއޭޓިވްއިން ބުނެފައިވެއެވެ. 

ޕޮމްޕެއޯއަކީ އިސްލާމީ ސިޔާސީ ޙަރަކާތެއް ކަމުގައިވާ އިޚުވާނުލް މުސްލިމީން ނުވަތަ މުސްލިމް ބުރަދަރހުޑަކީ ބައިނަލްއަޤުވާމީ ޓެރަރިސްޓު ޖަމްޢިއްޔާއެއް ކަމުގައި ހަމަޖެއްސުމަށް އެމެރިކާގެ ސެނެޓަށް ޤާނޫނު ވެއްދެވި ބޭފުޅާވެސްމެއެވެ. އެމެރިކާގައި ހިންގާ އާންމު މުސްލިމު ޖަމްޢިއްޔާ ޖަމާޢަތްތަކީ އިޚުވާނުލް މުސްލިމީންގެ ގޮފިތަކެއް ކަމުގައިވެސް ޕޮމްޕެއޯ ޞިފަކުރައްވައެވެ. މަހުދީ ޙަސަންގެ ލިޔުމުގައި ފާހަގަކުރައްވާފައިވަނީ އެމެރިކާ އަދި ހުޅަނގުގެ ކަނާތުފިޔައިގެ ޕާޓީތައް އެއްގަލަކަށް އަރުވަނިވި ކަމެއްގެ ގޮތުގައި އޮންނަނީ އިސްލާމްދީނާއި މުސްލިމުންނާމެދު ބިރުގަތުމާއި ނަފުރަތު އުފެއްދުމެވެ. 

އިސްރާއީލާ އިސްލާމީ ޤައުމުތަކުގެ މެދުގައި ގުޅުން ޤާއިމުކުރުން 

އިހަށް ދުވަހު އަޅުގަނޑުމެންނަށް އަޑުއިވެގެން ދިޔައީ މުސްލިމު ޢަރަބި ތިން ޤައުމުން އިސްރާއީލާއެކު ގުޅުން ބަދަހިކުރި ވާހަކައެވެ. އެކުވެރި ޢަރަބި އިމާރާތާއި، ބަޙުރައިނާއި، ސޫދާނެވެ. މި ޤައުމުތަކާއި އިސްރާއީލުގެ މެދުގައި ގުޅުން ޤާއިމުކުރުމަށް އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކުރިއިރު، މުޅި މަސައްކަތުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ މައިކް ޕޮމްޕެއޯއެވެ. މި މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާތީ ފެންނަނީ ޓުރަމްޕުގެ ދަބިދަރިކަލުން ޖެރެޑް ކުޝްނާއެވެ. ކުޝްނާ ފިޔަވައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅަކީ މައިކް ޕޮމްޕެއޯއެވެ. 

ބަޙުރައިނަށް ވަޑައިގެން ބަޙުރައިނާއި އިސްރާއީލުގެ މެދުގައި ގުޅުން ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު އެ ޤައުމުން ފުރާވަޑައިގަންނަވަމުން ޕޮމްޕެއޯ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ މި މޮމެންޓަމް ނުވަތަ ފޯރި ނަގަހައްޓައި ގިނަ އިސްލާމީ ޤައުމުތަކަކާ އިސްރާއީލާ ގުުޅުން ޤާއިމުކުރަން ޖެހޭ ކަމަށެވެ. 

ދިވެހިރާއްޖެއަކީވެސް އިސްރާއީލާއެކު ރަސްމީ ގުޅުމެއް ނޯންނަ ސައްތައިން ސައްތަ މުސްލިމު ޤައުމެކެވެ. އެހެންކަމުން ޢަރަބި އިސްލާމީ ޤައުމުތަކަށް އެމެރިކާއިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ހުށަހެޅުމެއް މިކަމުގައި ރާއްޖެއަށް އައުމަކީ އެކަށީގެންވާ ކަމެކެވެ. ޕޮމްޕޭގެ ދަތުރުފުޅުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވުމުގެ ޖާގަ ކޮންމެވެސް މިންވަރަކަށް އޮތުމަކީ މުނާސަބު ވެދާނެ ކަމެކެވެ. ނަމަވެސް ރާއްޖޭގެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދުވަނީ އިސްރާއީލާއެކު ރާއްޖެއިން ގުޅުން ޤާއިމުނުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެހެންކަމުން އެފަދަ ހުށަހެޅުމެއް ހުށަހެޅި ނަމަވެސް އެ ހުށަހެޅުމަކަށް ސަރުކާރުން ނޫނެކޭ ބުނާނެ ކަމުގައި ބަލަމާތޯއެވެ. 

ޗައިނާއާ ދެކޮޅު އިއްތިހާދެއް ޤާއިމުކުރުން 

ޕޮމްޕެއޯ ރާއްޖެއަށް ވަޑައިގަންނަވާ މި ދަނޑިވަޅަކީ އެމެރިކާއާއި ޗައިނާގެ މެދުގައި ވާދަވެރިކަން ބޮޑުވެފައިވާ ވަގުތެކެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ޓުރަމްޕުގެ އެންމެ ގިނަ ހަމަލާ އަމާޒުވާ ޤައުމަކީވެސް ޗައިނާއެވެ. އެމެރިކާއިން ދަނީ ޗައިނާއާ ދެކޮޅަށް ސަރަހައްދީ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި އިއްތިހާދުތައް ޤާއިމުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ޖުލައި މަހުގެ 23 ވަނަ ދުވަހު ޕޮމްޕެއޯވަނީ ޗައިނާއާ ދެކޮޅަށް ވަރުގަދަ ބަދަހި އިއްތިހާދެއް ޤާއިމުކުރުމުގެ މަސައްކަތުގެ މުހިއްމުކަން ފާހަގަކުރައްވައި އެކަމަށް ގޮވާލައްވާފައެވެ. ރަޝިޔާއިންވަނީ މި އިއްތިހާދުގައި ބައިވެރިނުވާނެ ކަމުގައި ބުނެފައެވެ. 

ރާއްޖެއާއި އެމެރިކާގެ މެދުގައި އަސްކަރީ އެއްބަސްވުމެއްގައި ވަރަށް ފަހުން ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމާ ގުޅިގެން ޔޫރޭޝިއަން ޓައިމްސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ރާއްޖެއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވެފައިވަނީ އެ އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެ އިންޑޯ އޭޝިޔާ ޕެސިފިކް އެލައަންސްގައި ދިވެހިރާއްޖެ ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެން ގޮސްފައިވާ ކަމަށެވެ. މި އެލައެންސަކީ އޭޝިޔާ ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުފޫޒު ފެތުރުން ހުއްޓުމަށްޓަކައި އުފައްދާފައިވާ އިއްތިހާދެކެވެ. މި އިއްތިހާދުގައި ދިވެހިރާއްޖެއިން ބައިވެރިވާން ޕޮމްޕެއޯ ހުށަހެޅުއްވުމަކީ އެކަށީގެންވާ ކަމެކެވެ.

ޗައިނާއާ ދެކޮޅަށް ފުޅާ އިއްތިހާދެއް ޤާއިމުކުރުމުގެ ވިސްނުމުގައި އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި މި ސަރަހައްދުގައި އެމެރިކާގެ އެންމެ ބޮޑު ބައިވެރިއަކީ އިންޑިޔާއެވެ. އަދި ދިވެހިރާއްޖެއިން މިވަގުތު އެންމެ ބޮޑު ގުޅުމެއް ޤާއިމުކޮށްފައިވަނީވެސް އިންޑިޔާއާއެވެ. އެހެންކަމުން އިންޑިޔާއާއި އެމެރިކާއިން ޗައިނާގެ ނުފޫޒު މި ސަރަހައްދުގައި ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖޭގެ ބައިވެރިވުމާއި މަދަދު ކަށަވަރުކުރުމަކީ ޕޮމްޕެއޯގެ ދަތުރުގެ އަމާޒެއް ކަމުގައިވާނެ ކަމަށެވެ.  

މި ދެންނެވުނީ އެމެރިކާއިން ހުށަހަޅަފާނެ ކަމުގައި ބެލެވޭ އެންމެ ބޮޑު ދެކަމެވެ. ނަމަވެސް މިއަށްވުރެ ކުދި ކަންކަން ހުށަހެޅުއްވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ސަލާމަތީ ދާއިރާއިން އިތުރު ތަމްރީނުތައް ހެދުމުގައި ދެ ޤައުމު އެކީ ބައިވެރިވުމާއި، ޓެރަރިޒަމް ފަދަ ކަންކަމާ ގުޅޭ މައުލޫމާތު ދެ ޤައުމުގެ މެދުގައި ބަދަލުކުރުން ފަދަ ކަންކަމަކީ ދެ ޤައުމުގެ މެދުގައި މަޝްވަރާކުރުން އެކަށީގެންވާ ކަންކަމެވެ. 

ކިޔުންތެރިންގެ ހިޔާލު