އަޒަރުބައިޖާން-އަރްމޭނިއާ ހަނގުރާމަ ކުރުކޮށް!

އަހްމަދު އަޒާން 9 އޮކްޓޯބަރު 2020 13:18
Flowers

މެދުތެރޭ އޭޝިއާގެ ދެ ޤައުމުކަމަށްވާ އަރްމޭނިއާ އާއި އަޒަރުބައިޖާން އާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުން އަންނަތާ 2 ހަފްތާވަނީއެވެ. 

ސޯވިއެޓު ޔުނިއަން އުވި ދިޔުމަށްފަހު މި ދެ ޤައުމަށް މިނިވަންކަން ލިބުނު ފަހުން 1990 ގައި ކުރި ހަނގުރާމައަށް ފަހު އަދި މިހާތަނަށް މިހާބޮޑަށް ދެ ޤައުމުގެ ދެމެދުގައި ހަމަލާ ބަދަލުކޮށްފައިނުވެއެވެ. މި ހަނގުރާމައާއި މެދު ތަފާތު ގޮތްތަކަށް އެކި ފަރާތްތަކުން ވާހަކަ ދައްކައެވެ. މިގޮތުން ހާއްސަކޮށް މުސްލިމް ބައެއް ޤައުމުތަކުގައި މިއީ ދީނީ ތަޅާފޮޅުމެއް ގޮތަށް ސިފަކުރަމުންދެއެވެ. ނަމަވެސް މި ހަނގުރާމައަކީ ދީނީ ކުރިމަތިލުމެއް ނޫނެވެ. އަޒަރުބައިޖާން އަކީ ދުނިޔޭގައި އެންމެ ސެކިއުލާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. މުސްލިމް ނަންތަކެއް ކިޔެއް ކަމަކު، އިސްލާމްދީނަށް އަމަލުކޮށް އުޅެނީ އާބާދީގެ ތެރެއިން ވަރަށްވެސް މަދު ބައެކެވެ. އެހެން ކަމުން މިއީ އެފަދަ ހަނގުރާމައެއް ނޫނެވެ. 

ދެ ޤައުމުގެ ދެމެދުގައި ހަނގުރާމާ ކުރެވެމުން ދަނީ ނަގޯނޯ ކަރަބަކް ކިޔާ ސަރަހައްދަކާއި ގުޅިގެންނެވެ. އެ ސަރަހައްދަކީ ޒަމާނުއްސުރެ އަޒަރުބައިޖާންގެ ސަރަހައްދެކެވެ. ސޯވިއެޓް ޔުނިއަންގެ ދަށުގައި އަޒަރުބައިޖާނާއި އަރްމޭނިއާ އޮތް އިރުވެސް ކަރަބަކް އަކީ އަޒަރުބައިޖާނުގެ ބައެެކެވެ. އެހެން ނަމަވެސް އެ ސަރަހައްދުގެ އާބާދީގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުންނަކީ އަރްމޭނިއާ ނަސްލުގެ މީހުންނެވެ. ސޯވިއެޓު ޔުނިއަންގެ ފަހުގެ އަހަރުތަކުގައި ކަރަބަކް އިން އަރްމޭނިއާ އާއި ގުޅުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެކަން ވަނީ ކާމިޔާބު ނުވެފައެވެ. 

1991 ވަނަ އަހަރު ސޯވިއެޓު ޔުނިއަން އިން މިނިވަންކަން ލިބުމުން ކަރަބަކް އިން އަޒަރުބައިޖާނާއި ވަކިވެގަތުމަށް ކުރަމުންދިޔަ މަސައްކަތް އިތުރު ކުރިއެވެ. މިގޮތުން އެ އަހަރު އަޒަރުބައިޖާނާއި ކަރަބަކްގައި ތިބި އަރްމޭނިއާ މީހުންނާއި ހަނގުރާމައެއް ފެށުނެވެ. ކަރަބަކް އަށް އެހީތެރިވަމުން ދިޔައީ އަރްމޭނިއާ އާއި ރަޝިޔާއިންނެވެ. އެ ހަނގުރާމާއިގައި އެތައް ބަޔަކު ދެ ފަރާތުންވެސް މަރުވިއެވެ.

1994 ވަނަ އަހަރު ފެށުނު އިރު، އެ ސަރަހައްދުގައި ދިރިއުޅުނު އަޒަރްބައިޖާނާއި، ކުރުދީ ނަސްލުގެ އެންމެން ވަނީ އެ ސަރަހައްދުން ބޭރުކޮށްލާފައެވެ. އަދި މުޅި ސަރަހައްދުގެ ކޮންޓްރޯލް އަރްމޭނިއާ ނަސްލުގެ މީހުން ނެގިއެވެ. އެއީ ގާތްގަނޑަކަށް މުޅި އަޒަރްބައިޖާނުގެ ބިމުގެ ސަރަހައްދުގެ 20 އިންސައްތައެވެ. ރަޝިޔާ މެދުވެރިވެގެން ހަމަލާ ބަދަލުކުރުން 1994 ގައި ހުއްޓާލިނަމަވެސް އަރްމޭނިއާ އާއި އަޒަރްބައިޖާނާއި ދެމެދު ސުލްހައިގެ އެއްބަސްވުމެއް ސޮއިކޮށްފައިނުވެއެވެ.

ކަރަބަކް އަކީ ވަކި ދައުލަތެއްގެ ގޮތުގައ އދ. އިން ބަލައިގަނެފައިނުވެއެވެ. އަދި ހުދު އަރްމޭނިއާ އިންވެސް އެއީ ވަކި ދައުލަތެއް ކަމުގައި ނުބަލައެވެ. އެ ސަރަހައްދުގައި ވެރިކަން ކުރަނީ އަރްމޭނިއާގެ ސިޔާސީ ފަރާތްތަކެވެ. ރަސްމީކޮށް އެއީ އަރްމޭނިއާގެ ސަރަހައްދެއް ކަމަށް އަރްމޭނިއާ އިން ދައުވާ ނުކުރި ނަމަވެސް އެ ސަރަހައްދުގައި އަސްލު ހިނގަނީ އަރްމޭނިއާގެ ވެރިކަމެވެ. 

އދ. ގެ 4 ރިޒޮލިއުޝަނަކުން އެ ސަރަހައްދަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބަލާނަމަ އަޒަރުބައިޖާނުގެ ސަރަހައްދެއް ކަމަށް ކަނޑައަޅާފައި ވީނަމަވެސް އެ ސަރަހައްދުން އަރްމޭނިއާ ސިފައިން ފައިބާފައެއް ނުވެއެވެ. އަރްމޭނިއާއަށް އެތަނުގައި ތިބެވޭ އެންމެ ބޮޑު އެއް ސަބަބަކީ ރަޝިޔާގެ މަދަދުވެރިކަމެވެ. އެގޮތުން ރަޝިޔާއިން އަރްމޭނިއާއަށް ގިނަ އަދަދަކަށް ހަތިޔާރު ފޯރުކޮށްދެއެވެ.

1994 ވަނަ އަހަރުގެ ފަހުންވެސް ދޭތެރެއަކުން ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލު ކުރިނަމަވެސް އެހާ ބޮޑަކަށް ދެ ޤައުމު ކުރިމަތިލާފައި ނުވެއެވެ. 27 ސެޕްޓެމްބަރުގައި ދެ ފަރާތުން ހަމަލާ ބަދަލު ކުރަން ފެށިފަހުން އަޒަރުބައިޖާނުން ވަނީ ނަގޯނޯ ކަރަބަކްގެ ބައެއް ސަރަހައްދުތައް 26 އަހަރަށްފަހު އަލުން ހިފާފައެވެ. 

ދުނިޔޭގެ ބޮޑެތި ބާރުތަކުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުން ދިޔަނަމަވެސް ދެ ފަރާތުންވެސް ހަނގުރާމަކުރުން ހުއްޓާލުމުގެ ވިސްނުމެއް އަދި ނެތެވެ. ދެ ޤައުމުގައިވެސް ރައްޔިތުން ތައްޔާރީ ހާލަތަކަށް ގެނެސްފައިވާއިރު މި ހަނގުރާމަ ސަރަހައްދީ ބޮޑު ހަނގުރާމައަކަށް ވެދާނެ ކަމުގެ ބިރުވަނީ ހީޥެފައެވެ. 

ކިޔުންތެރިންގެ ހިޔާލު