ޢާޒިމްގެ އެމްޓީސީސީ: ރަނގަޅު ނަފާއެއް ލިބޭ، ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދޭ ކުންފުންޏެއް

ނާހިލް އަހްމަދު 8 އޮކްޓޯބަރު 2020 12:37
Flowers
އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް/ ފޮޓޯ: ދިޔަރެސް

މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް ޢާޒިމަކީ ކުންފުނިތައް ހިންގެވުމުގައި ތަޖުރިބާކާރު ގިނަ މަސައްކަތްތަކެއްކުރައްވާފައިވާ ކާމިޔާބު ހިންގުންތެރިއެކެވެ. "ދިޔަރެސް" ނޫހަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޢާޒިމްވަނީ އެމްޓީސީސީއާމެދު އޭނާ ގެންގުޅުއްވާ ތަޞައްވުރާއި، އެ ކުންފުންޏަށް ގެންނަވަމުންދާ ބަދަލުތަކާއި ކުންފުނީގެ އެސެޓުތަކާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ހިއްސާކުރައްވާފައެވެ.

ކުންފުނީގެ ނިޒާމުތައް ހަރުދަނާކުރުން

ކުންފުންޏާމެދު ޢާޒިމްގެ މައިގަނޑު ތަޞައްވުރަކީ އެމްޓީސީސީއަކީ ކުންފުނީގެ ހިއްސާދާރުންނަށް ކޮންމެ އަހަރަކުމެ، ރަނގަޅު ނަފާއެއް ހޯދާދޭ ކުންފުންޏަކަށް ހެއްދެވުމެވެ. "މިހާރުވާ ގޮތަކީ ކޮންމެ އަހަރަކު ވަކި ގޮތެއް. އެއް އަހަރު ހިއްސާދާރުންނަށް ބަހާ ފައިދާ އިތުރުވެފައި އަނެއް އަހަރު މަދުވަނީ، ބޭނުންވަނީ ކޮންމެ އަހަރަކުވެސް ހިއްސާދާރުންނަށް ރަނގަޅު ނަފާއެއް ހޯދާދޭ ކުންފުންޏަކަށް ބަދަލުކުރަން" ޢާޒިމް އަރިހުގައި ކުންފުނީގެ މުސްތަޤުބަލާމެދު ގެންގުޅުއްވަނީ ކޮން ތަޞައްވުރެއްތޯ ސުވާލުކުރެއްވުމުން ވިދާޅުވިއެވެ.

ޢާޒިމް ފާހަގަކުރެއްވި ގޮތުގައި އެމްޓީސީސީއާ އޭނާ ހަވާލުވެވަޑައިގެންނެވި އިރުގައި އެ ކުންފުންޏަކީ ވަރަށް ބޮޑަށް ވީރާނާވެފައިވާ ކުންފުންޏެކެވެ. ކުންފުނީގެ ނިޒާމު އޮތީ ބޮއްސުންލައިފައެވެ. ޢާޒިމް ވިދާޅުވި ގޮތުގައި އޭނާގެ މަސައްކަތް ފައްޓަވާފައިވަނީ ނިޒާމު ހަރުދަނާކުރުމާ ހަމައިންނެވެ. ކުންފުނީގެ ހިއްސާދާރުންނަށް އެކަށީގެންވާ ނަފާއެއް ނެރެދެވޭނީ ކުންފުނީގެ ނިޒާމު ހަރުދަނާކޮށްގެން ކަމުގައި ޢާޒިމް ދެކެވަޑައިގަންނަވައެވެ. "ކުންފުނީގެ ސިސްޓަމް އޮތީ ފުދޭވަރަކަށް ބްރޭކްވެފައި. ފުރަތަމަ ކުރަންޖެހެނީ ފަންޑެމަންޓަލް މަސައްކަތްތައް. އަޅުގަނޑުގެ ކޯޕަރޭޓް އެކްސްޕީރިއެންސްގައި އެންމެ ރަނގަޅު ނިޒާމަކީ ބައެއް ކަންކަން ސެންޓްރަލައިޒްކޮށްގެން ކުރުން" ޢާޒިމް ވިދާޅުވިއެވެ. ކުންފުނީގެ ބައެއް ކަންކަން ސެންޓްރަލައިޒްކުރަންޖެހޭ ސަބަބު ވިދާޅުވެދެއްވަމުން ޢާޒިމް ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް އެމްޓީސީސީގެ ޕްރޮކިއުމެންޓު އޮތީ ޑީސެންޓްރަލައިޒްކޮށްފައެވެ. ކުންފުނީގެ 14 އެގްޒެކެޓިވުން ތިބޭއިރު އެއިން ކޮންމެ ބޭފުޅަކަށްވެސް ޕީއޯގައި ސޮއިކުރެއްވުމަށްފަހު ބައެއް ޚިދުމަތްތައް ހޯއްދެވޭނެ ކަމުގައި ޢާޒިމް ފާހަގަކުރެއްވިއެވެ.

މިހުރިހާ މައްސަލަތަކެއް ފާހަގަކުރައްވައި ޢާޒިމް ވިދާޅުވީ އޭނާ އެމްޓީސީސީއާ ހަވާލުވެވަޑައިގެން ފެއްޓެވި މަސައްކަތަކީ އެ ކުންފުންޏަށް މުއައްސަސާއެއްގެ އަސާސީ އޮނިގަނޑުގެ ސިފަ ގެންނެވުމުގެ މަސައްކަތް ކަމުގައެވެ. އަދި ކޮވިޑްގެ ޙާލަތާއި ގުޅިގެން އެ މަސައްކަތްކުރައްވަން ފުރިހަމައަށް ލިބިވަޑައިގެންނެވީ ދެ މަސް ކަމުގައިވެސް ޢާޒިމް ފާހަގަކުރެއްވިއެވެ. " އަޅުގަނޑުގެ އަމާޒަކީ ރަނގަޅު ފައުންޑޭޝަނެއް އެޅުން. ތަސައްވުރަކީ މިއަށްވުރެ ރަނގަޅު ކުންފުންޏެއް ދެން އަންނަ ބަޔަކަށް ދިނުން. އެމީހުންނަށް ހިންގަން ފަސޭހަވާނެ ތަނަކަށް ހެދުން. އިންސްޓިޓޫޝަނަލް މެމޮރީސް ރަނގަޅަށް ޓްރާންފާވާ ތަނަކަށް ހަދައި އިންސްޓިޓޫޝަންގެ ސިފަ ކުންފުންޏަށް ގެނައުން" ޢާޒިމް ވިދާޅުވިއެވެ.

ޢާޒިމް ފާހަގަކުރެއްވި ގޮތުގައި އެ ކުންފުނީގެ ސަގާފަތް ބަދަލުކޮށް، މުވައްޒަފުން ވިސްނާ،ފިކުރުކުރާ ގޮތް ބަދަލުކުރުމަށް މަސައްކަތްކުރުމަކީ ވަރަށް ގޮންޖެހުން ބޮޑު ކަމެކެވެ. ނަމަވެސް އެއީ ދޫކޮށްލައްވާ ވަރަށްވުރެ މުހިއްމު މަސައްކަތެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތްކުރައްވާތީ ކެރެކްޓާ ޑެމޭޖުކުރުމުގެ މަސައްކަތް ބައެއް ފަރާތްތަކުން ކުރި ނަމަވެސް އެ މަސައްކަތް ހުއްޓަވައިނުލައްވާނެ ކަމުގައި ޢާޒިމް ވިދާޅުވިއެވެ. " ކެރެކްޓާ ޑެމޭޖުކޮށްފާނެތީ ކުރަންޖެހޭ ރަނގަޅު އެއްވެސް ކަމެއް ނުކޮށް ދޫކޮށްނުލާނަން." ޢާޒިމް ވިދާޅުވިއެވެ.

މައުލޫމާތު ހާމަކުރުން

ޢާޒިމް ވިދާޅުވި ގޮތުގައި އެމްޓީސީސީން ކުންފުނީގެ ވިޔަފާރިއަށް ބުރޫނާރާނެ ކޮންމެ މައުލޫމާތެއްވެސް ހާމަކުރާނެއެވެ. އަދި އެފަދައިން މައުލޫމާތު ހާމަކުރުމަކީ ކުންފުނިތަކުގެ ވެރިންނާއި ކުންފުނީގެ މުވައްޒަފުންނާމެދު ރައްޔިތުން ދެކޭ ގޮތް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަމެއް ކަމުގައިވެސް ޢާޒިމް ފާހަގަކުރެއްވިއެވެ. "އަޅުގަނޑަކަށް ނުފެނޭ މައުލޫމާތު ހާމަނުކުރަނީސް ކުންފުނިތަކުގެ ވެރިންނާއި ކުންފުނީގެ މުވައްޒަފުންނަކީ އަޚުލާޤު ރަނގަޅު ބައެއް ކަމުގައި ރައްޔިތުން ދެކޭނެ ދުވަހެއް" ޢާޒިމް ވިދާޅުވިއެވެ.

ޢާޒިމް މިފަދައިން ވިދާޅުވި ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ބުނެފައިވާ ދައުލަތުގެ އިދާރާތަކުގެ ތެރެއިން އިސްތިސްނާވުމަށް ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. އެކަމާ ގުޅިގެން "ދިޔަރެސް"އިން ސުވާލު ދެންނެވުމުން ޢާޒިމް ވިދާޅުވީ ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމުގައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤާވާއިދުގައި ސަރުކާރުން މިކުންފުނީގެ ހިއްސާއެއް ގަތުމުގެ ސަބަބުން މި ކުންފުނި ދައުލަތުގެ އިދާރާއެއް ކަމުގައި ސިފަ ކުރެވިފައިވާ ކަމަށާއި ނަމަވެސް މިކުންފުނިން ދެކެނީ އެމްޓީސީސީއަކީ ކުންފުނިތަކުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ ވަކި ޝަޚުޞެއްކަމުގައިކަން ޢާޒިމް ފާހަގަކުރެއްވިއެވެ.

"އެއްގޮތަކަށްވެސް އެއްވެސް މައުލޫމާތެއް ނުދޭކަށްނޫން. ބައެއް ގްރޭ އޭރިއާ ހުރީމައި ސާފުކޮށްލުމަކީ މުހިއްމު ކަމެއް" ޢާޒިމް ވިދާޅުވިއެވެ. ޢާޒިމް ޔަޤީންކަން ދެއްވި ގޮތުގައި ޢާޒިމްވާނީ މީޑިޔާއާވެސް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅަކަށެވެ. އަދި ކުންފުނީގެ ހުރިހާ މުވައްޒަފުންނަށްވެސް އޭނާ އަންގަވާފައިވާނީ ކުންފުނީގެ ވިޔަފާރި މަސްލަހަތުތަކަށް ގެއްލުންނުވާނެ ގޮތުގެ މަތިން މައުލޫމާތު ހާމަކުރުމަށެވެ. މައުލޫމާތު ހިފަހެއްޓެވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމުގައި ތަކުރާރުކޮށް ވިދާޅުވަމުން ޢާޒިމް ވިދާޅުވީ " އެއްވެސް މައުލޫމާތެއް ނުހިފަހައްޓާނަން. ގޯސްކޮށް ކަމެއް ނުކުރަންޏާ މައުލޫމާތެއް ހިފަހައްޓާކަށް ނުޖެހޭނެ." ކަމަށެވެ.

މަހަޖައްރާފް: ރަނގަޅު އެސެޓެއް

ކުރީ ސަރުކާރުން އެމްޓީސީސީއަށް ގެނެފައިވާ މަހާޖައްރާފާ ގުޅޭ ގޮތުން ސުވާލުކުރުމުން ޢާޒިމް ވިދާޅުވީ އެ އެސެޓަކީ އޭގެ ޒާތުގައި ރަނގަޅު އެސެޓެއް ކަމުގައެވެ. އަދި އެ އެސެޓު ކަނޑުވާން ނުވަތަ ފައްތާލާން ދޫނުކުރައްވާނެ ކަމަށާއި، މަސައްކަތްކުރައްވަނީ އެ އެސެޓުން އެންމެ ރަނގަޅު ފައިދާއެއް ނެރެވޭނެ ގޮތެއް ހޯއްދެވުމަށް ކަމުގައިވެސް ފާހަގަކުރެއްވިއެވެ. ނަމަވެސް މަހަޖައްރާފުގެ އަގާމެދު ޢާޒިމް ސުވާލު އުފެއްދެވިއެވެ.

"މިހާތަނަށް 1 ޕަސެންޓު ރިޓާންވެސް ނުލިބޭ މާނައަކީ އޭތި ގަނެފައި އޮތީ ވަރަށް ބޮޑު އަގެއްގައޭ. ކުންފުންޏެއްވީމާ ރިޓާން ލިބެންޖެހޭ." ޢާޒިމް ވިދާޅުވިއެވެ. އެގޮތުން މަހާޖައްރާފާ ގުޅޭ ގޮތުން ކުރިން ޖަހާފައިވާ ބައެއް ހިސާބުތަކަކީ މާބޮޑުކޮށްގެން ޖަހާފައިވާ ހިސާބުތަކެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ޢާޒިމް ވިދާޅުވިއެވެ. އިތުރަށް ފާހަގަކުރެއްވީ ހިނގަމުންދާ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މަހަޖައްރާފުގައި މަސައްކަތްކުރާނީ މުޅިން ދިވެހިން ކަމުގައެވެ. އަދި އެ ބަދަލާއެކު 6 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އެބަ މަސައްކަތްކުރަން މަހާ ޖައްރާފުގެ ބޭނުން މެކްސިމައިޒްކުރެވޭނެ ގޮތެއް ހޯދަން. ޖޫން ޖުލައިއާ ހަމައަށް އޭތި ފުލްކޮށް އޮންނާނެ ވަރަށް މަސައްކަތް އެމްޓީސީސީއަށް ދޭނެ ކަމުގެ އިޝާރާތް ސަރުކާރުން ވަނީ ދީފައި. އެއްޗަކީ ރަނގަޅު އެއްޗެއް. ސުވާލަކީ އަގު ރަނގަޅުތޯ." މިފަދައިން ވިދާޅުވުމާއެކު ޢާޒިމް ފާހަގަކުރެއްވީ އޭނާގެ ވިސްނުންފުޅުގައި ފަހަތަށް ބައްލަވައިގެން ހިންގެވުމުގެ ފިކުރެއް ނެތް ކަމުގައެވެ. ބޭނުންވަނީ ކުރިއަށް ފިޔަވަޅުއެޅުއްވުން ކަމަށާއި، މަހާ ޖައްރާފު އެންމެ ރަނގަޅަށް ބޭނުންކުރެވޭނެ ގޮތެއް ހޯދައިގެން އެއިން ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯއްދަވަން މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އެގޮތުން ޖޫން، ޖުލައިއާ ހަމައަށް ފުރިހަމައަށް އެ އުޅަނދު ބޭނުންކުރެވޭނެ ވަރަށް މަސައްކަތް ހަވާލުކުރާނެ ކަމުގެ ނިޝާނެއް ސަރުކާރުން ލިބިވަޑައިގެންފައިވާ ކަމުގައި ޢާޒިމް ފާހަގަކުރެއްވިއެވެ.

ޑޮކްޔާޑު ޒަމާނީކުރުން

އެމްޓީސީސީއަށް ދާއިމީ ގޮތެއްގައި ރަނގަޅު މިންވަރުގެ އާމްދަނީއެއް ލިބޭނީ، ދާއިމީ ގޮތެއްގައި އާމްދަނީ ލިބޭ ދާއިރާތައް އިތުރަށް ހަރުދަނާކޮށްގެން ކަމުގައި ފާހަގަކުރައްވައި، އެ ކުންފުނީގެ ވިޔަފާރީގެ ދާއިރާގެ ތެރެއިން ޑޮކްޔާޑު އިތުރަށް ފުޅާކުރެއްވުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމުގައި ޢާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޑޮކްޔާޑަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ޑޮކްޔާޑަކަށް ހެދުމުގެ މަސައްކަތްވަނީ ފަށާފައެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން އެ މަސައްކަތްކުރުމަށް ރާއްޖެއިން ބޭރުން އަންނަ ފަންނީ ބައެއް ފަރާތްތަކަށް ދަތުރުނުކުރެވި މަސައްކަތް މަޑުޖެހިފައިވެއެވެ. މިހާރު އެ ދާއިރާގެ ދިވެހި މާހިރުންގެ އެހީތެރިކަމާއެކު މަސައްކަތް ފަށާފައިވާ ކަމުގައިވެސް ޢާޒިމް ވިދާޅުވިއެވެ.

ޑޮކްޔާޑުގެ މަސައްކަތް ކުރިއަށްދާ ކ.ތިލަފުށު ސައިޓުގެ 4 ބައިކުޅަ އެއް ބައި މިހާތަނަށް އޮތީ ޖަންކްޔާޑެއްގެ ގޮތުގައި ކަމަށާއި އެތަންވެސް އެއްކޮށް ހުސްކޮށް ބިމުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމުގެ މުހިއްމުކަން ޢާޒިމް ފާހަގަކުރެއްވިއެވެ. އަދި 2021 ވަނަ އަހަރުގައި ޑޮކްޔާޑުން ލިބޭ އާމްދަނީ މިހާރަށްވުރެ އިތުރުކުރެވޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ފެރީ ނިޒާމް

ކުރިއަށް އޮތްތަނުގައި އެމްޓީސީސީން ހިންގާނެ އެންމެ ފުޅާ އަދި އެންމެ ގިނަ ބަޔަކަށް ހެޔޮ އަސަރުކުރުވާނެ މަޝްރޫޢަކީ ކޮބައިތޯ ސުވާލުކުރުމުން ޢާޒިމް ތަޢާރަފުކޮށްދެއްވީ މުޅިން އައު ފެރީ ނިޒާމެއްގެ ވިސްނުމެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު އެ ނިޒާމާ ގުޅޭ ދިރާސާތައްވެސްވަނީ ނިމިފައެވެ. އެގޮތުން ގިނަ ޚިދުމަތްތައް ހޯދުމަށް ރައްޔިޔުން ދަތުރުކުރާ ރަށްތަކަށް ދަތުރުކުރާ ސްޕީޑު ފެރީގެ ނިޒާމެއް ތަޢާރަފުކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމުގައި ޢާޒިމް ވިދާޅުވިއެވެ.

ޢާޒިމް ފާހަގަކުރެއްވި ގޮތުގައި މި ފެރީގެ ނިޒާމާ ގުޅޭ ހުރިހާ ދިރާސާތަކެއް މިހާރުވަނީ ނިންމާފައެވެ. އަދި އެ ނިޒާމު ކުރިއަށް ގެންދިއުމުން، ސަރުކާރުން މިހާރު ދެމުންދާ ސަބްސިޑީއަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ ކަމުގައިވެސް ޢާޒިމް ވިދާޅުވިއެވެ. އަކަންކުރައްވާނެ ގޮތެއް ކަމުގައި ވިދާޅުވީ ކްރޮސް ސަބްސިޑައިޒްކުރުން ނުވަތަ ފެރީ ނިޒާމުން ފައިދާވާ ސަރަހައްދުތަކުން ލިބޭ އާމްދަނީ ބޭނުންކޮށްގެން އެހެން ސަރަހައްދުތަކުން ލިބޭ ގެއްލުން ފޫބައްދައިގެން ކަމުގައިވެސް ޢާޒިމް ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު
މީހަކު
ވަރަށް ގޯސްކޮށް ތިތަނުގެ ބައެއް ކަންކަން ދަނީ. އެކަމަކު އާޒިމް އަށް އެގޮތަށް އެކަންކަން އެ ކުރެވެނީ އެކަންކަން އެގޮތަށް ކުރަން ސަރުކާރު ހިންގާ ޕާޓީން މަދަދު ލިބޭތީ. އެހެން ނޫންނަމަ ނާޒިމްގެ ކޮށްކޮ އާޒިމް އަށް މިސަރުކާރުގައި ލިބޭނީ ކޮން ބާރެއް
ޙާމް
ކަލޭ ކުރި ކަމަކުންތޯ ރަގަނޅު ނަފާ ލިބެނީ މިއޮތް ހުރިހާދުހު ގެއްލުން ވަމުން އައި ކުންފުނިވެސް ނަގާ ކޮޅަށް ޖެހީ ނިމިދިޔަ ސަރުކާރު ހިންގަން ހުރި ކުޅަދާނަ މޭސްތިރިއެއްގެ ވިސްނުންތޫނު ކަމާއިއެކު ކުރިމަސައްކަތުން
ޖޫލޭ
ނަފާވަނީ ބޮޑު ހިލަ ގެނައުމުގެ މަސައްކަތް އާޒިމު ހިންގަމުން ދާތީ
ބުވަޡަފު
އާދަމް ޢާޒިމް އަކީ ވަރަށް ހީވާގި ހިންގުންތެރި ވެރިއެއް އަބަދުވެ ސް ކުންފުންޏަށް ފައިދާވާގޮތަށް ވި ސްނަވާ ވެރިއެއް. ޢެމްޓީ ސީސސސ ސީގެ ހަޔާތުގައި އެންމެ ހީވާގި އެމްޑީ ތެރޭ ހިމެނޭ. މިކޮވިޑް ބަލިމަޑުކަމުގަވެ ސް ކުންފުނި ހިންގުމުގައި ދެއްކެވި ހީވާގިކަމަށް އަޅުގަޑު އެމްޑީ އަށް އަރުވާނީ އޭ⛧. ދެން އެމްޓީ ސީ ސީ ގައި ގިނަދުވަހު މަ ސައްކަތް ކުރި މީހުނަށް ރަގަޅު ގޮތެއް ހައްދަވައި ދެއްވައިފިނަމަ އެއީ ހަމަ 1 ވަނަ
މައިތިރި
އާޒިމް އަކީ ހިންގުންތެރިއެއް ނޫން... މީވަރަށް ވާހަކަ
ާއިމާ
ގަނެލީ
ާއަހާ
ތިތަނުގައިވެސް އޮތީ ހުސް ކޮރަޕްޝަން. ހަމަކާލަނީ. ބަލަނީ އަބަދުވެސް އެއްޗެއްކާލެވޭތޯ