އިންޑިއާ! އިންޑިއާ! މިއީ އިއްތިފާގެއް ނޫން!

ޖާއިޝް ތައުފީޤް 2 އޮކްޓޯބަރު 2020 13:24
Flowers
އިންޑިއާގެ ބޮޑުވަޒީރު މޯދީ، ރައީސް ސޯލިހް އަދި ނައިބު ރައީސް ފައިސަލް

"ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ވާނީ އުތުރުގެ ޓޫރިޒަމްގެ އިންޖީނަށް" މި އިބާރާތް އަޑުއިވުމާ އެކު ކޮންމެ މީހަކުވެސް ފުރަތަމަ ހިތަށް އަރާނީ މިއީ ކެމްޕޭނަކާ ދިމާކޮށް ދިވެހި ސަރުކާރުން ބުނި ބުނުމެއް ކަމަށެވެ. ސްޓްރެޓެޖިކް ގޮތުން މުހިއްމު އެ ސަރަހައްދާ ބެހޭ ގޮތުން މިވާހަކަ ބުނީ އެކަމަކު ދިވެހި ސަރުކާރަކުން ނޫނެވެ. އެވާހަކަ ދެއްކީ އަވަށްޓެރި އިންޑިއާއިންނެވެ. މިއީ އެކަމަކު ހަމަ ގަބޫލުކުރާ ކޮންމެ މީހަކަށްމެ ބޮލަށް އުނދަގޫ ވާހަކައަކަށް ވާނެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ބޮޑުކުރަން އުޅެނީ އިންޑިއާގެ ހިލޭ އެހީގައެއް ނޫނެވެ. އެކަމަކު އެއީ އިންޓަރެސްޓާއި އެކު ނަގާފައިވާ ލޯނަކުން ކުރަން އުޅޭ މަސައްކަތެކެވެ. އެ މަޝްރޫއަކީ އިންޑިއާއާ އެކު ރާއްޖޭން ސޮއިކޮށްފައިވާ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހިންގަން ރާވާފައިވާ އެތައް މަޝްރޫއުތަކެއްގެ ތެރެއިން އެންމެ މަޝްރޫއެކެވެ. އެކަމަކު 800 މިލިޔަން ޑޮލަރުގެ އެ އެއް ބަސްވުމުގެ ދަށުން ހިންގާ އެހެން މަޝްރޫއުތަކާ މާ ތަފާތު ގޮތަކަށް އިންޑިއާ ސަރުކާރުން ހަނިމާދޫގެ ކަންތަކުގައި މިއުޅޭ އުޅުމާއި މެދު ސުވާލު އުފެދެއެވެ. ވަކި ފަރާތަކަށް ނުޖެހި ވިސްނާ ކޮންމެ މީހަކަށް ވެސް އެ ސުވާލު އުފެދޭ ވަރަށް އެގައުމުން ހަނިމާދޫގެ ކަންތަކުގައި އެބަ އުޅެ އެވެ.

ހުރިހާ ކަމެއް ވެސް އިއުލާނުކުރަނީ އިންޑިއާއިން

ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ނިންމާފައިވާކަން ދިވެހި ސަރުކާރަށް ވުރެ ކުރިން މީޑިއާތަކަށް ދޫކޮށްލީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުންނެވެ. އެ މަޝްރޫއުއާ ބެހޭ ގިނަ ތަފްސީލުތަކެއް ފުރަތަމަ މަރުހަލާގައި ވެސް ހައިކޮމިޝަނުން ބައެއް މީޑިއާތަކާ ހިއްސާކުރި އެވެ. މަސައްކަތުގެ ޓަައިމްލައިނުން ފެށިގެން ރަންވޭގެ ދިގުމިނަށް ދަންދެން ހާމަކުރީ ހައިކޮމިޝަނުންނެވެ. ރާއްްޖޭގެ މަޝްރޫއަކާ ބެހޭ ގޮތުން އިންޑިއާއިން އެވަރަށް މައުލޫމާތު ދެމުން އައި އިރުވެސް ރާއްޖޭގެ ކަމާ ބެހޭ އެއްވެސް މިނިސްޓްރީއަކުން އެކަމުގައި އެއްޗެއް ނުބުނެއެވެ. އިންޑިއާއިން ހާމަކޮށްފައިވާ ތަރުތީބުން ހަނިމާދޫގެ ސާވޭ ކުރުމުން ވެސް ދިވެހި ސަރުކާރުން އެކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނެއެވެ.

އިންޑިއާއަށް މި ސަރަހައްދުގެ މުހިއްމުކަން

އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖުން "ޑިއަގޯގާސިއާ އެންޑް ދި ޔުނައިޓެޑް ސްޓޭޓްސް އެމާޖިން އިންޑިއަން އޯޝަން ސްޓްރެޓެޖީ"ގެ ނަމުގައި އާއްމުކޮށްފައިވާ ކަރުދާހަކަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފްސްގެ ކުރީގެ ޗެއާމަން އެޑްމިރަލް މައިކަލް މުލެން ވިދާޅުވެފައި ވަނީ "އިންޑިއާ ކަނޑުގެ އައްސޭރިތައް ހިމެނޭ ސަރަހައްދުތަކުގައި އެމެރިކާގެ [ބައިވެރިވުން] ދެމެހެއްޓުން ބިނާވެފައި ވަނީ އެތަންތަނުގައިވާ އެމެރިކާގެ މަސްލަހަތުތައް ދެނެގަނެ، ހިފަހައްޓައި ހާސިލު ކުރުމުގެ މައްޗަށް،" ކަމަށެވެ.

މުލެން އަކީ 2007 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމައަށް އެމެެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން އެވެ. އޭގެ ކުރިން 2005 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމައަށް އޭނާ ހުންނެވީ އެމެރިކާގެ ޗީފް އޮފް ނޭވަލް އޮޕަރޭޝަންސްގެ މަގާމުގަ އެވެ.

މުލެން ވިދާޅުވާ ގޮތުގައި މެދުއިރުމައްޗާއި ދެކުނު އިރުމަތީ އޭޝިއާ އާއި އޭޝިއާ ޕެސިފިކްގައި ވެސް އެމެރިކާ އިން ރިވެތި ގޮތުގައި ބައިވެރިވެ އޮތުމަކީ އެމެރިކާއަށް ސްޓްރެޓެޖިކް ގޮތުން ވަރަށް މުހިއްމު ކަމެކެވެ. އަދި އެކަން އެހެން އޮތް އިރު އިންޑިއާ ކަނޑު ވެފައި ވަނީ މުލެން ފާހަގަކުރައްވާފައިވާ ސަރަހައްދުތަކަށް، އަދި އެސަރަަަހައްދުތަކުން އެމެރިކާ އަށް ހަކަތައިގެ ވަސީލަތްތަކާއި އެނޫން ވެސް ސްޓްރެޓެޖިކް ގޮތުން މުހިއްމު، މުދަލުގެ ބާވަތްތައް އުފުލާ މަގުގެ މެދަށް،" ކަން އޭނާ ފާހަގަ ކުރައްވަ އެވެ.

އޭގެ އިތުރުން އެމެރިކާގެ ސަލާމަތީ ޕްލޭން "ކްއަޑްރެނިއަލް ޑިފެންސް ރިވިއު 2010" ގައިވާ ގޮތުން އެމެރިކާ ސްޓްރެޓެޖިކް ރޭވުންތަކުގެ އެންމެ ބޮޑު އިސްކަމެއްދޭ ސަރަހައްދަކަށް މިހާރު ވެފައި ވަނީ އިންޑިއާ ކަނޑެވެ. ސަލާމަތީ ގޮތުން ބަލާ އިރު އެމެރިކާ އަށް ނުރައްކަލަކަށް ވެދާ ފަދަ ބައެއްގެ ބާރާއި ނުފޫޒު، އިންޑިއާ ކަނޑާ ގުޅިފައިވާ މުހިއްމު ދެ ކަނޑު އޮޅި ކަމަށްވާ ހޮރުމުޒް ކަނޑު އޮޅިއާއި މަލަކާ ސްޓްރެއިޓް ގައި ގަދަވިޔަ ނުދިނުމުގެ ގޮތުން އިންޑިއާ ކަނޑުގައި އެމެރިކާ އިން ވަރުގަދައަށް ސާބިތުވެ އޮންނަން ޖެހެއެވެ.

އިގުތިސާދީ ގޮތުން ބަލާ އިރު ދުނިޔޭގައި ވިޔަފާރި ކުރެވޭ ތެލުގެ ތިންބައި ކުޅަ ދެބައި އުފުލެނީ އިންޑިއާ ކަނޑުގެ ތެރެއިންނެވެ. އަދި ކޮންޓޭނާގައި އުފުލާ މުދަލުގެ ދެބައިކުޅަ އެއްބައި ވެސް އުފުލެނީ އިންޑިއާ ކަނޑުގައި ރާއްޖެ މި އޮތް ސަރަހައްދު ހުރަސްކޮށެވެ. އަދި އެމެރިކާގެ ވިޔަފާރީގެ ބައިވެރިން ޗައިނާއާ ދެކުނުކޮރެއާ އާއި ޖަޕާނު ފަދަ ގައުމުތަކާ އެމެރިކާއާ ދެމެދު އުފުލާ މުދަލަކީ ވެސް މިސަރަހައްދު ހުރަސްކޮށް އުފުލާ މުދަލެވެ. އެ ގައުމުތަކާ އެމެރިކާއާ ދެމެދު ކުރާ ވިޔަފާރި އަކީ އަގުގެ ގޮތުން ބަލާއިރު އެމެރިކާގެ ބައިނަލްއަގުވާމީ ވިޔަފާރީގެ 20 ޕަސެންޓެވެ.

އިންޑިއާ އަކީ އެމެރިކާގެ ޕްރޮކްސީއެއް

މިސަރަހައްދުގެ ޖިއޯ ޕޮލިޓިކްސް އެނަލައިޒްކޮށްލާއިރު އިންޑިއާއިން މިހާރު އަމަލުކުރަމުން އަންނަނީ އެމެރިކާގެ ޕްރޮކްސީއެއްގެ ގޮތުގައެވެ. އެއީ ވިޔަފާރިއާއ އިގުތިސާދީ ގޮތުން ބަލާއިރު ދުނިޔޭގެ ގަދަ ދެ ބާރަކީ މިހާރު އެމެރިކާއާއި ޗައިނާ ކަމަށް ވެފައި ޗައިނާއާ އިންޑިއާ އޮންނަ ވާދަވެރިކަމުގެ ސަބަބުންނެވެ. ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ މިލްކުވެރިކަމަށް ޗައިނާއިން ކުރާ ދައުވާއަށް ގޮން ޖަހަން އެމެރިކާއިން ދާދި ފަހުން އުފައްދާފައިވާ އިންޑޯ ޕެސިފިކް އެލަޔަންސްގެ ސަރަހައްދީ ލީޑަރަކީ އިންޑިއާ އެވެ. އެ އެލަޔަންސްގެ ބޭނުމަކީ ކަނޑުދަތުރުފަތުރުކުރުމުގެ މިނިވަންކަމުގެ ނަމުގައި ޗައިނާއަށް ގޮންޖެހުމާއި އިންޑިއާ ކަނޑުގެ ވިޔަފާރި މަގުތަކުގައި ނުފޫޒު ގަދަކުރަން ޗައިނާއިން ހިންގަމުން އަންނަ ބެލްޓް އެންޑް ރޯޑް މަޝްރޫއުއަށް ވެސް ހުރަސް އެޅުމެވެ. އިންޑިއާ އިން ކުޅޭ ރޯލަކީ އެމެރިކާގެ ޕްރޮކްސީއެއްގެ ގޮތުގައި އޮވެ މި ސަރަހައްދުގައި ޗައިނާއަށް ހުރަސްއެޅުމެވެ. 

އިގުތިސާދީ ގޮތުން ވެސް އިންޑިއާއަށް ރާއްޖެ މުހިއްމު

އެމެރިކާ އަށް ވުރެ ކައިރީގައިވާ ގައުމެއްގެ ހައިސިއްޔަތުންނާއި ވިޔަފާރިއާއި އިގުތިސާދީ ގޮތުން އަދި ބައިނަލްއަގުވާމީ ސިޔާސީ ގޮތުން ކުރިއަރަމުން އަންނަ މިންވަރަށް ބަލާއިރު ރާއްޖެ ހިމެނޭ ސަރަހައްދަކީ އިންޑިއާގެ މަސްލަހަތު އެމެރިކާއަށް ވުރެ ވެސް މާ ބޮޑަށް އޮތް ސަރަހައްދެކެެވެ. އިގުތިސާދީ ގޮތުން ބަލާ ނަމަ، އިންޑިއާގައި ބޭނުންކުރާ ތެލުގެ ބޮޑު ބަޔަކީ ރާއްޖެ ހިމެނޭ ސަރަހައްދު ހުރަސްކޮށް އުފުލަން ޖެހޭ ތެލެވެ. ކިންގްސް ކޮލެޖުގެ ދިރާސާ ބުނާ ގޮތުން އެމެރިކާގެ ގަލްފު އޮއިލް ކުންފުނީގެ ސާފުކުރި ތެޔޮ ދާދި އަވަހަށް ވެގެންދާނީ އިންޑިއާގައި ބޭނުންކުރާ ތެލުގެ 90 ޕަސެންޓަށެވެ. އަދި އިންޑިއާ އަކީވެސް ކުރިއަރަމުން އަންނަ އިޤްތިސާދަކަށް ވެފައި އިންޑިއާއިން އުފައްދާ ތަކެތީ ޔޫރަޕާއި އެމެރިކާގެ ބާޒާރުތަކަށް ފޯރަން އޮތީވެސް މި ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ ކަނޑުބޯޓުތަކުންނެވެ. 

އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ދައުރުކުރާ މުދަލުގެ 75 ޕަސެންޓަކީ މިސަރަހައްދު ހުރަސްކޮށް އުފުލޭ މުދާ ކަމަށް ވާއިރު އޭޝިއާގައި އިގުތިސާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ، އަދި އެންމެ ގިނަ މުދާ ދައުރު ކުރާ އެއް ގައުމަކީ އިންޑިއާ އެވެ. ސަލާމަތީ ގޮތުން ބަލާ އިރު ސަލާމަތީ އަދި ދިފާއީ ގޮތުން އިންޑިއާއާ އެންމެ ބޮޑަށް ވާދަކުރަމުން އަންނަ ޗައިނާއިން ދަނީ މިސަރަހައްދު ކޮންޓްރޯލް ކުރުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އެފްރިކާގެ އައްސޭރިފަށުގެ ގައުމުތަކުން ފެށިގެން ސްރީލަންކާއާ ހަމައަށް ޗައިނާ އިން ވަނީ ވިސްނުންތެރި ކަމާ އެކު ނުފޫޒު ފޯރުވާފަ އެވެ. ޗައިނާ ކުރިއަރައި، އިންޑިއާ އަށް ހުރަސް އެޅުމުގެ ކުރިން އެކަން ހުއްޓުވުމަށް މިވަގުތަށް އިންޑިއާއަށް އެންމެ މުހިއްމު ގައުމަކީ ރާއްޖެ އެވެ.

ސަރުކާރުން މަސައްކަތްކުރަނީ އިންޑިއާގެ ނުފޫޒު ގަދަކުރަން

އެމްޑީޕީގެ ސަރުކާރުން ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި އިންޑިއާގެ ނުފޫޒު ގަދަކުރުމަށެވެ. ހަނިމާދޫ އެއާޕޯޓް ފަދަ ސްޓްރެޓެޖިކް ގޮތުން މުހިއްމު އެއާޕޯޓެއް އިންޑިއާއާ ހަވާލުކުރީ އެހެންވެއެވެ. ފަހަކަށް އައިސް ސަރުކާރުން ވަރަށް އަވަސް އަވަހަށް ނިންމުން އެދާ ނިންމުންތަކުގެ ޓައިމް ލައިނަށް ބަލައިލާ އިރު މަންޒަރު ފެންނަން އޮތީ މިހެންނެވެ.

- އިންޑިއާއަށް ކޮންޓްރޯލް އޮންނަ ރާޑާ ސިސްޓަމެއް ރާއްޖޭގައި ގާއިމްކުރުން.

- ހަނިމާދޫ އެއާޕޯޓް އިންޑިއާއާ ހަވާލުކުރުން.

- ޑޯނިއާ މަތިންދާބޯޓް ގެނެސް ގުޅިފައިވާ އޮޕަރޭޝަންތަކެއްގެ ނަމުގައި ދިވެހި ސިފައިންނާ އެކު އިންޑިއާ ސިފައިން މަސައްކަތް ކުރަން ފުރުސަތު ދިނުން. އެގޮތުން އިންޑިއާ ސިފައިންގެ އަދަދު ރާއްޖޭގައި އިތުރުކުރުން

- އިހަވަންދިއްޕޮޅު ތަރައްގީކުރަން އިންވެސްޓަރަކު ހޯދުމުގެ ނަމުގައި އިންޑިއާއަށް އެ ސަރަހައްދު ވެސް ދިނުން.

- މުޅި ރާއްޖޭގެ ކަނޑުގެ ސަރަހައްދު މެޕްކުރަން އިންޑިއާ ސިފައިންނަށް ހުއްދަ ދިނުން

މިހުރިހާ ފިޔަވަޅުތަކަކާ އެކު ސަރުކާރުުން ވަނީ ދެން އަންނަ ސަރުކާރަކަށް ވެސް އިންޑިއާއާ ދެކޮޅު ނުހެދޭ ވަަރަށް ރާއްޖެ އެގައުމަށް ދަރުވައިލަމުންނެވެ. 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެކެވެ. އޭގެ ފަހުން ބަޖެޓް ސަޕޯޓަށް 250 މިލިޔަން ޑޮލަރުގެ ބޮންޑް ވިއްކުމެވެ. މިހެން ގޮސް އިންޑިއާއަށް ރާއްޖޭން ދަރާފައިވާ ދަރަނީގެ މިންވަރު އެތައް ބިލިޔަން ރުފިޔާއަކަށް އަރައިފި އެވެ.

މިހެން މިކަން އޮއްވާ ދެން އަންނަ ސަރުކާރަކުން އިންޑިއާއަށް ބޯނުލަނބަން ނިންމާ ހިސާބުން ޖެހޭނީ ބޮޑެތި އަދަދުތަކުން އެގައުމަށް ފައިސާ ދައްކާށެވެ. ކުރު ގޮތަކަށް ބުނާ ނަމަ ގައުމުގެ ޚާރިޖީ މިނިވަންކަން ދެން ޖެހޭނީ އިންޑިއާގެ އަތުން އަގުދީފައި ގަންނާށެވެ. އެވަރުގެ ގަޓު ހުރި ސަރުކާރެއް އުފެދޭނެ ކަމަށް އުއްމީދުކުރުން ނޫން ގޮތެއް ދިވެހިންނަކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު
ދޭންވީއޭ
ސަރުކާރުން ބައްލަވަންވީ ހަމަ އެކަނި ޓޫރިޒަމް ކުރިއަރުވަން ނޫނޭ ހައްދަވަން ޖެހޭނެ ގޮތަކީ ރާއްޖެތެރޭގެ ރަށްރަށުގެ ފަޅު ފުންކުރުމާއި ބަނދަރުހެދުން ފަދަ ކެޕިޓަލް އިންވެސްޓްމެންޓް ކުރިއަށް އޮތް 5 އަހަރަށް މެދު ކަނޑާލާ އެބަޖެޓުން އެމްޓީސީސީ މެދުވެރިކޮށް މާލެ ސަރަހައްދު ފަޅު ތައް ހިއްކާ ބިންތައް ކުއްޔަށް ދޭންވީއޭ ލައިނެއް ދަމާލަންވީއޭ ހުޅުމާލޭގެ ދެކުނުން ހުޅަނގަށް ގޮސް ނަކައްޗާއި ހަމައަށް ދެން އެ ލައިނުން ދެކުނުގައި ވާ ހުރިހާ ފަޅު ތަކެއް ހިއްކާލާ ބިންތައް 100 އަހަރަށް ކުއްޔަށް ދޭންވީއޭ...
ކަނބުލޮ
ދިވެހި ސަރުކާރު ފެއިލްވެ އިންޑިއާ ސަރުކާރުން ގައުމު ހިންގާތަން މިފެންނަނީ. ދެރަވަރު މީ.... އިސްތިއުފާ ދެއްވާ އިބޫ