ހައިކޯޓުގެ ހުކުމާއެކު ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފުގެ އުންމީދު!

އައިޝަތު ހަނާ 1 އޮކްޓޯބަރު 2020 19:08
Flowers
ފޮޓޯ:އަވަސް

މީގެ 7 އަހަރު ކުރިން ގދ.ތިނަދޫ، ތޭންކް ޒިޔާދާ ނަޢީމަށް އޭނާގެ ފިރިމީހާ ކުރި އަނިޔާތަކުގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރި ހާދިސާއަކީ މުޅި ޤައުމަށް ސިހުންގެނުވި ހާދިސާއެކެވެ. ގެވެށި އަނިޔާގެ މައްސަލަތަކާމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުވެ، އަނިޔާވެރިކަމުން އަންހެނުން ސަލާާމަތްކޮށް ދަފަރާކުރުމަށް ޤާނޫނީ ނިޒާމުތަކާއި، ޝަރީޢަތްކުރުމުގެ މިންގަނޑުތަކާއި، އިޖުތިމާޢީ މުޅި ނިޒާމު އެކީ ހަރުދަނާކުރަން ޖެހިފައިވާކަމުގެ ޙަޤީޤަތް ދިވެހިންގެ ލޯތަކަށް ދައްކުވައިދިން ހިތާމަވެރި ޙާދިސާއެކެވެ. 

މިއަދު ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލާގައި ޒިޔާދާގެ ކުރީގެ ފިރިމީހާގެ މައްޗަށް ކުރި ޙުކުމަކީ ޙަޤީޤީ މާނާގައިވެސް އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި ކުރިއަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. އެ ހުކުމުގައި ކަނޑައެޅިގެން ދިޔަ ވަރަށް ގިނަ މަބްދައުތައް (ޕްރިންސިޕަލްސް)ވާނީ ކުރިއަށް އޮތް ތަނުގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނަށް އިންސާފު ލިބުން ކަށަވަރުކޮށްދެނެވި އަސާސްތަކަކަށެވެ.

ޤާނޫނު އިސްލާމީ ޝަރީޢަތާ ޚިލާފެއް ނޫން 

ޤާނޫނަށް ބަދަލު ގެނެސް އަނބިމީހާއާމެދު ގަދަކަމުން ޖިންސީ ގުޅުން ހިންގުމަކީ ރޭޕުކުރުން ކަމުގައި ކަނޑައަޅަން ނިންމުމުން ބައެއް ފަރާތްތަކުން އެއީ އިސްލާމީ ޝަރީޢަތާ ޚިލާފު ނިންމުމެއް ކަމުގައާއި، ކާވެނީގެ ތެރޭގައި ރޭޕު ނޯންނާނެ ކަމުގައި ބުންޏެވެ. މި ބުނުމަށް ހައިކޯޓުގެ ޙުކުމުގައި، ހުކުމް ލިޔުއްވި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރުވަނީ ވަރަށް ތަފުސީލުކޮށް ރައްދުދެއްވާފައެވެ. 

އެގޮތުން ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ ރޭޕަކީ ޢާންމު ގޮތެއްގައި ކާވެނީގެ ބޭރުން ގަދަކަމުން ޖިންސީ ގުޅުން ހިންގުމަށް ކިޔާ ނަމެއް ކަމުގައެވެ. އަދި ޤާނޫނުގައި އަނބިމީހާ ރޭޕުކުރުން މާނަކޮށްފައިވަނީ ޢާންމުކޮށް ރޭޕުގެ މާނާގައި ބޭނުންކުރާ ކުށާ ތަފާތު އެހެން ކުށެއްގެ ގޮތުގައިކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އެއާއެކު، މިތަނުގައި ބަލަންވީ ކުށުގެ ނަމަށް ނޫން ކަމަށާއި، ޢަމަލަށް ކަމުގައިވެސް ފާހަގަކުރައްވައި، އަނބިމީހާ ނަމަވެސް އެއްވެސް މީހަކާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގުމަކީ އެ އަމަލު ރައްދުވާ ފަރާތަށް ދޭ އަނިޔާއެއް ކަމުގައި އެ ހުކުމުގައި ބުނެފައިވެއެވެ. 

އަދި ކާވެނީގެ ތެރޭގައި ޖިންސީ ގުޅުން ހިންގުމުގެ ހައްގު އިސްލާމީ ޝަރީޢަތުގައި ލިބިފައިވަނީ ދެމަފިރިންނަށް ހަމަހަމަ ގޮތެއްގައި ކަމަށްވެސް ފަނޑިޔާރު ސަމީރު ފާހަގަކުރެއްވިއެވެ. އެއީ ފިރިމީހާއަށްވެސް އަދި އަނބިމީހާއަށްވެސް އޮންނަ ޙައްޤެއްކަން ކީރިތި ޤުރުއާނާއި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ މަތިވެރި ސުންނަތުން އެނގޭ ކަމުގައިވެސް އެ ހުކުމުގައި ފާހަގަކުރެއްވިއެވެ. 

ހަމައެހެންމެ އިސްލާމީ ޝަރީޢަތުގައި ބައެއް ޙާލަތްތަކުގައި ފިރިމީހާއާއެކު ޖިންސީ ގުޅުން ހިންގުމަށް އިންކާރުކުރުމުގެ ޙައްޤު އަނބިމީހާއަށް ލިބިފައިވާ ކަމާއި، އެއިން ބައެއް ޙާލަތްތަކުގައި ޖިންސީ ގުޅުން ހިންގުމަށް އަނބިމީހާ އިންކާރުނުކުރުމަކީ އޭނާ ފާފަވެރިވެދާނެ ކަމެއް ކަމުގައި ބުނެވޭކަމުގައި ފަނޑިޔާރުން ފާހަގަކުރެއްވިއެވެ. އެގޮތުން ޙައިޟާއި ނިފާސްގެ ދުވަސްވަރުގެ އިތުރަށް ރަމަޟާން މަހު ރޯދައަށް ހުންނަ ވަގުތާއި، ޡިހާރުކުރުމަށްފަހު ކައްފާރާ އަދާނުކޮށް ހުންނަ ވަގުތަކީ އެ ވަގުތުތަކުގައި ޖިމާޢުވުމަށް އިންކާރުކުރުމުގެ ޙައްޤު އޮންނަ، އަދި އެއިން ވަގުތެއްގައި އެކަމަށް އިންކާރުނުކޮށްފިނަމަ، އަނބިމީހާ ފާފަވެރިވުން އެކަށީގެންވާ ޙާލަތްތަކުގެ ތެރެއިން ބައެއް ޙާލަތް ކަމުގައި ފާހަގަކުރައްވާފައިވެއެވެ. 

މި ހުކުމުގައި އިތުރަށް ފާހަގަކޮށްފައިވަނީ އަނބިމީހާގެ ނުރުހުމުގައި އޭނާއާ ޖިމާޢުވުމަކީ އޭނާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި، އިސްލާމީ ޝަރީޢަތުގައި އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއްކުރުން ޢާންމު ޤަވާޢިދެއްގެ ގޮތުންވަނީ ނަހީކުރައްވާފައި ކަމަށެވެ. އަދި މިޤަވާޢިދު އަނބިންނަށް އިތުރަށް ޚާއްޞަވާކަން އަނބިންނާމެދު ހެޔޮކޮށް ހިތުމަށް ކީރިތި ޤުރުއާނުގައި ހުރި ދަލީލުތަކުންނާއި، ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ އެކަމުގެ މައްޗަށް ބާރުއަޅުއްވާފައިވާ މިންވަރުން އެނގިގެންދާ ކަމުގައިވެސް ޙުކުމުގައި ފާހަގަކޮށް، އެކަމަށް ބާރުދޭ ދަލީލުތައް ހިމަނުއްވާފައިވެއެވެ. ހަމައެހެންމެ މާތް ނަބިއްޔާގެ ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި އަންހެނުންނާމެދު އޯގާތެރިވުމަށް އަންގަވައި އަމުރުކުރެއްވިކަންވެސް ފާހަގަކުރައްވާފައިވެއެވެ. 

އަދި އަނބިންނާމެދު އޯގާތެރިވުމަށާއި، ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުމުގެ އަސާސަކީ ލޯތްބާއި އިހުތިރާމު ކަމުގައި ކީރިތި ޤުރުއާނާއި ސުންނަތުން އަންގަވާފައިވަނިކޮށް، އެމަގުން ބޭރުވާ ފަރާތްތަކަށް އަދަބު ދިނުމަށް ތައުޒީރީ އަދަބު ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއްކަން އެނގޭ ކަމުގައިވެސް ޙުކުމުގައި ފަނޑިޔާރުން ފާހަގަކުރެއްވިއެވެ. 

ހެކި ބަސް ބަލާ މިންގަނޑު 

ދެވަނައަށް މިއަދުގެ ހުކުމުގައި އެންމެ މުހިއްމު ނުކުތާއެއްގެ ގޮތުގައި ބަހުސްކުރައްވާފައިވަނީ ކުށް ސާބިތުކުރުމުގައި ހެކި މިންކުރާ މިންގަނޑާ ގުޅޭ ގޮތުންނެވެ. އެގޮތުން މި ކުށަކީ އިސްލާމީ ޝަރީޢަތުގައި ކުށް ސާބިތުކުރުމަށް ހެކީގައި ވަކި ނިސާބެއް ނުވަތަ މިންވަރެއް ހަމަވާންޖެހޭ ބާވަތުގެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ނޫންކަން ފަނޑިޔާރުން ފާހަގަކުރެއްވިއެވެ. ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި ޖިންސީ ކުށްތަަކަކީ ޢާންމު ގޮތެއްގައި މީހުންނަށް ފެންނަ ތަންތަނުގައި ހިނގާ ކުށްތަކެއް ނޫނެވެ. އަދި ޚާއްޞަކޮށް ދެމަފިރިންގެ މެދުގައި ހިނގާ މިބާވަތުގެ ކުށްތަކަކީ ބަޔަކަށް ފެންނަ ތަނުގައި ހިނގާ ކުށްތަކެއް ނޫން ކަމަށާއި، އެހެންކަމުން މިބާވަތުގެ ކުށެއް ހިނގަނިކޮށް ލޮލަށް ފެނުނު ހެކިން ގިނަ ފަހަރަށް ނުތިބޭނެ ކަމުގައި ފަނޑިޔާރުން ވިދާޅުވިއެވެ. 

ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި މިފަދަ ކުށްތަކަކީ ޢާންމު ގޮތެއްގައި އިތުރު ބަޔަކަށް ފެންނަ ގޮތަށް ހިންގާ ކުށްތަކަށްނުވާތީ މިބާވަތުގެ ކުށް ސާބިތުކުރުމުގައި ހެކި ވަޒަންކުރުމުގެ މިންގަނޑުތަކަށް ޤާނޫނުން ލުއިދީފައިވެއެވެ. އެގޮތުން ޖިންސީ ކުށުގެ ޤާނޫނާއި ކުޑަކުދިންނާމެދު ޖިންސީ އަމަލުކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް އަމަލުކުރުމުގެ ޤާނޫނުގައިވެސް ކުށް ސާބިތުކުރުމުގެ މިންގަނޑަށް ލުއި ދީފައިވާކަން ފާހަގަކުރެއްވިއެވެ. 

އެގޮތުން ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީޢަތަށް ޖިންސީ ކުށުގެ ޤާނޫނުގައި ބަޔާންކުރާ ކުށްތައް ސާބިތުކުރުމުގައި ބޭނުންކުރެވޭނެ ހެކި އެ ޤާނޫނުގައި ބަޔާންކޮށްފައިވާކަމާއި، އޭގެ ތެރޭގައި ފޮރެންސިކް ނިޝާންތަކާއި ތަހުލީލުތަކުން ލިބޭ ހެއްކާއި، ސައިންޓިފިކް ތަހުލީލުތަކުން ލިބޭ ނަތީޖާއާއި، މީހަކާމެދު ހަގީގަތެއް ނެތް ވާހަކައެއް ހަދައިގެން ކިޔައިދިނުން ކަމުގައި ބެލެވޭނެ ސަބަބެއް ނެތް ހާލަތެއްގައި، ޤާނޫނުގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ކުށުގެ ޝިކާރައަކަށްވީ ފަރާތުން ކިޔައިދޭ އެއްޗެއްގެ މައްޗަށް ބިނާކޮށް އެއިން ފަރާތަކުން ދޭ ހެކިބަހާއި، އޭނާއަށް ކަންދިމާވި ގޮތް ކިޔައިދީ ކުށުގެ ޝިކާރައަކަށްވީ ފަރާތުން ދޭ ބަޔާން ހިމެނޭ ކަން ފަނޑިޔާރުން ފާހަގަކުރެއްވިއެވެ. 

އަދި ޖިންސީ ކުށުގެ ޤާނޫނުގައި ހެއްކާ ގުޅޭ ގޮތުން ދީފައިވާ ލުއިތަކަކީ، ކުޑަކުދިންނާމެދު ޖިންސީ އަމަލުކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް އަމަލުކުރުމުގެ ޤާނޫނުގައި ހެއްކާ ގުޅިގެން ދީފައިވާ ލުއިތަކާ ދާދި އެއްގޮތް ލުއިތަކެއްކަމުން، އެ ލުއިތަކާ ގުޅިގެން ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް، ޖިންސީ ކުށުގެ ޤާނޫނުގައި ހެއްކާ ގުޅިގެން ދީފައިވާ ލުއިތަކާމެދު ގޮތެއް ނިންމުގައި ރިޢާޔަތްކުރެވިދާނެ ކަމަށް ހައިކޯޓުން ނިންމާފައިވެއެވެ. އެގޮތުން ސުޕްރީމް ކޯޓުން 2019 ވަނަ އަހަރު ނިންމި ނިންމުމެއްގައި އެފަދަ މައްސަލައެއްގައި ހެކިވެރިޔާއަކީ ކަން ހިނގައިދިޔަ ގޮތް ލޮލަށް ފެނިފައިވާ މީހަކަށް ނުވި ނަމަވެސް، ކުށުގެ ޝިކާރައަށްވީ ފަރާތުން ކިޔައިދޭ ވާހަކަތަކަކީ އާދަޔާ ޚިލާފު ޙަޤީޤަތެއް ކަމުގައި ޤަބޫލުކުރެވޭނެ ފަދަ އިތުރު ހެއްކާއި، އެ ހެއްކަށް ބުރަދަންދޭނެ އިތުރު ޤަރީނާ ހުރިނަމަ މިފަދަ މައްސަލަ ސާބިތުކުރެވޭނެ ކަމުގައި ކަނޑައަޅާފައިވާ ކަމުގައި ހައިކޯޓުން ފާހަގަކުރިއެވެ. 

ޝާހުގެ މައްޗަށް ކުށް ސާބިތުވާ ކަމުގައި ހައިކޯޓުން ކަނޑައަޅާފައިވަނީ ޒިޔާދާ އޭނާގެ އެކުވެރިއަކަށް ޙާދިސާ ހިނގި ދުވަހު ކިޔާދީފައިވާ ވާހަކަތަކާއި، ޙާދިސާ ހިނގިތާ މާގިނަ ދުވަސްތަކެއް ފާއިތުނުވަނީސް، ޑޮކްޓަރުންނާއި، ނަރުހުންނަށްވެސް ޝާހު އޭނާއާއެކު ގަދަކަމުން ގުޅުންހިންގި ކަމަށާއި، ޒިޔާދާ ބަލިވީ އެކަމުގެ ސަބަބުން ކަމުގައި ބުނެފައިވާ ކަމުގައި ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ޒިޔާދާގެ މިވާހަކަތަކަށް ޝާހުގެ ފޯނު އެނަލައިސިސްއިން ލިބިފައިވާ ޤަރީނާތަކުން ބާރު ލިބޭ ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ. މިހުރިހާ ކަމެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުން މިއަދު މިވަނީ އަލަށް އަނބިމީހާ ރޭޕުކުރުމުގެ ކުށް ސާބިތުވެއްޖެކަން ކަނޑައަޅުއްވައި މީހެއްގެ މައްޗަށް އެ ކުށުގައި ހުކުމް އިއްވަވާފައެވެ.

ހައިކޯޓުގެ ފަނޑިޔާރުން އަލްއުސްތާޛު ޢަލީ ސަމީރާއި، ފަނޑިޔާރު ޢަލީ ނިޔާޒު އަދި ފަނޑިޔާރު ޙުސައިން ޝަހީދު ބައްލަވައި ނިންމެވި ނިންމެވުމަކީ ތާރީޚީ ނިންމުމެކެވެ. އަންހެނުންނަށް ލިބެމުންދާ އަނިޔާއަށް އިންސާފު ހޯދުމުގެ މަގުގައި އެޅުނު ހަރުދަނާ ރަނގަޅު ފިޔަވަޅެކެވެ. އިސްލާމީ ޝަރީޢަތުގައި ދެމަފިރިކަމުގެ ގުޅުމުގެ އަސާސް ކަމުގައިވާ އުލްފަތާއި ރަޙުމަތް ކަނޑައި، އެ އިމުން ބޭރުވެ، އަނިޔާވެރިވާ މީހުންނަށް އެކަމުގެ ސަބަބުން ދުނިޔެ މަތީގައި ކޮންމެވެސް އަދަބެއް ލިބޭނެ ކަމުގެ ޔަޤީންކަން ކަށަވަރުކޮށްދިން ނިންމުމެކެވެ. ފަރުދާގެ ފުރަގަހުގައި، ގެދޮރުގެ ހަތަރު ފާރުގެ ނިވަލުގައި އަންހެނުންނަށް ކުރަމުން އަންނަ އަނިޔާއަށް ޝަރުޢީ ކޯޓުތަކުގެ ނިޒާމުގެ ތެރެއިން ޢަދަލުވެރި އިންސާފެއް ލިބުމުގެ އުންމީދު މިއަދު ހުޅުދާންވެއްޖެއެވެ. 

ކިޔުންތެރިންގެ ހިޔާލު