Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުން: ހިތްދަތި ޙާލަތެއް، އެހީތެރިކަން ބޭނުން

ފޮޓޯ: ދަ ޕްރެސް
ރާއްޖެއިން ބޭރުގައި ކިޔަވަން އެންމެ ގިނައިން ދިވެހިން ތިބޭ އެއް ޤައުމަކީ މެލޭޝިޔާއެވެ. ސަރުކާރުން ދޫކުރާ ލޯނުތައް ނަގައިގެން، އަދި އަމިއްލަ ޚަރަދުގައިވެސް ގިނަ ޢަދަދެއްގެ ދިވެހި ދަރިވަރުން މެލޭޝިޔާގައި މަތީ ތަޢުލީމު ޙާޞިލުކުރަމުން ދެއެވެ. އޭގެ ތެރެއިން ބައެއް ކުދިންނަށް ވަރަށް ހިތްދަތި ދެރަ ގޮތެއް މެދުވެރިވެ، އެހީތެރިކަން ބޭނުންވާ ޙާލަތެއް ކުރިމަތިވެއްޖެއެވެ.މެލޭޝިޔާއިން އެސްއޯޕީ ބަދަލުކުރުން
މެލޭޝިޔާގައި ތިބޭ ބޭރު ޤައުމުތަކުގެ ދަރިވަރުން އެ ޤައުމަށް އެތެރެވުމުގައި ކަންކުރަންޖެހޭ ގޮތް ބަޔާންކުރާ އެސްއޯޕީއަށް މެލޭޝިޔާ ސަރުކާރުންވަނީ ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. ކުރިން މެލޭޝިޔާއަށް އެތެރެވާ ދަރިވަރުންގެ އަތުން ކަރަންޓީނަށް ޚާއްޞަ ފީއެއް މެލޭ ސަރުކާރުން ނުނަގައެވެ. ނަމަވެސް މިހިނގާ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު އެސްއޯޕީއަށް ގެނެވުނު ބަދަލާއެކު، މިހާރު އެ ޤައުމަށް އެތެރެވާ ބިދޭސީ ދަރިވަރުން އަތުން ބޮޑު ފީއެއް ނަގާނެއެވެ.
އެސްއޯޕީއަށް މެލޭ ސަރުކާރުން ގެނައި ބަދަލާއެކު ކަރަންޓީނު މަރުކަޒުތަކަށް އެ ސަރުކާރުން ދެމުންދިޔަ ސްބްސިޑީ ކަނޑައިލައެވެ. އެއާއެކު އެ ޤައުމަށް އެތެރެވޭ ކޮންމެ ކުއްޖަކުވެސް މަރުކަޒުތައް ހިންގުމަށް ބޭނުންވާ ފީގެ ގޮތުގައި 4،700 ރިންގެޓު ނުވަތަ 1،300 ޑޮލަރު ދައްކަން ޖެހޭނެއެވެ. އެއީ ގާތްގަނޑަކަށް 20،000 ރުފިޔާއެވެ. މިއީ އެ ޤައުމަށް އައުމާއެކު ހަދަންޖެހޭ ޓެސްޓުގެ އަގާއި، ކަރަންޓީނު ނިންމުމަށްފަހު ވީއްލުމުގެ ކުރިން ހަދަންޖެހޭ ޓެސްޓުގެ އަގު ނުހިމަނައި ހަމައެކަނި ކަރަންޓީނު މަރުކަޒަށް ދައްކަންޖެހޭ ފީއެވެ.ފުރަން ތައްޔާރުވެފައި
މިގޮތަށް މެލޭޝިޔާ ސަރުކާރުން އެސްއޯޕީ ބަދަލުކުރިއިރު ވަރަށް ގިނަ ދަރިވަރުން ތިބީ މެލޭޝިޔާއަށް އަނބުރާ ފުރަން ތައްޔާރުވެފައެވެ. ޔުނިވަރސިޓީތައް ހުޅުވި އަލުން ކިޔެވުން ފެށުމާއެކު ގިނަ ޢަދަދެއްގެ ދަރިވަރުންވަނީ އަނބުރާ މެލޭއަށް ދިއުމަށް ބޭނުންވެފައެވެ. ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހާއި، އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު، މެލޭޝިޔާއަށް ދެ ފުލައިޓެއް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު ގިނަ ދަރިވަރުންތަކެއްވަނީ މިފުލައިޓުން ޖާގަ ކަށަވަރުކޮށް ޓިކެޓު ގަނެފައެވެ.
މި ފުލައިޓުތަކުގެ ޓިކެޓުގެ އަގަށް ބަލާއިރު އަގު އުޅެނީ 380 ޑޮލަރުން ފެށިގެން 550 ޑޮލަރާ ދެމެދުގައެވެ. މި ފުލައިޓުތަކުގައި މެލޭޝިޔާއަށް ދިއުމަށް ޓިކެޓު ނަގާފައިވާ 107 ދަރިވަރުން އެބަތިއްބެވެ. އެހާ އަގު ބޮޑުކޮށް އެ ދަރިވަރުން ޓިކެޓު ގަނެފައިވާއިރު، އެ ކުދިންގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކުދިން، ބޮޑު ހޭދައެއް ކޮށްގެން އަތޮޅު ތެރެއިން މާލެ އައިސް މެލޭއަށް ދިއުމުގެ އުންމީދުގައި ތިބި ކުދިން ހިމެނެއެވެ.ފުރޭނެ ގޮތެއް ނެތި ބޮޑެތި ގެއްލުން
މެލޭޝިޔާ ސަރުކާރުން އެސްއޯޕީއަށް ގެނައި ބަދަލާއެކު އެޤައުމުގައި ކަރަންޓީނުގައި ތިބުމަށް ދައްކަންޖެހޭ ފީގެ ބޮޑުކަމުން ސެޕްޓެންބަރު 30 ވަނަ ދުވަހާއި އޮކްޓޯބަރު 1 ވަނަ ދުވަހުގައި މެލޭޝިޔާއަށް ފުރުމުގެ އުންމީދުގައި ތިބި ގިނަ ކުދިންނަށް އެ ޤައުމަށް ނުދެވޭނެއެވެ. މިހާރު ދައްކަންޖެހޭ ޢަދަދަށް އެއްފަހަރާ ފައިސާ ދެއްކޭނީ ވަރަށް މަދު ކުއްޖަކަށެވެ. އަދި މިބަދަލު ގެނެސްފައިވަނީ ކުއްލި ގޮތަކަށް ކަމުން،މި ބަދަލު ގެނައިކަން އެ ދަރިވަރުންނަށް އެނގުނުއިރު ފުރަތަމަ ފުލައިޓު ދަތުރުކުރާ ދުވަހާ ދެމެދުގައި އޮތީ ރަސްމީ 4 ދުވަހެވެ. އެހެންކަމުން އެ ފައިސާ ހޯދުމަށް އެކަށީގެންވާ ފުރުޞަތެއް އަދި ވަގުތެއްވެސް އެ ދަރިވަރުންނަށް ނުލިބެއެވެ.
އެހެންކަމުން މިކުދިންކުރެ ގިނަ ދަރިވަރުންނަށް މި ޙާލަތުގައި މެލޭޝިޔާއަށް ނުދެވޭނެއެވެ. އަދި އެކުދިން ފުރަން ނެގި ޓިކެޓުތަކުގެ އަގުވެސް އަނބުރާ ނުލިބޭނެއެވެ. އެހެންކަމުން ގިނަ ޢަދަދެއްގެ ފައިސާ މިފަދަ ދަތި ދަނޑިވަޅެއްގައި އަތުން ހޭދަކޮށް، އެ ފައިސާ ހޭދަކުރި މަޤުޞަދު ޙާޞިލުނުވުމަކީ އެ ކުދިންނަށް ވަރަށް ހިތްދަތިކަން ކުރިމަތިވާނެ ކަމެކެވެ.
އޭގެ ތެރެއިން ވަރަށް ގިނަ ކުދިންނަކީ ސީދާ ޔުނިވަރސިޓީއަށް ޙާޒިރުވެ، ކިލާސްތަކުގައި އަމަލީ ގޮތުން ބައިވެރިވާންޖެހިފައިތިބި ކުދިންނެވެ. ކޯހުގެ ބޮޑު ބައެއް ފުރިހަމަކޮށްފައިވާ ކުދިން ގިނައެވެ. މިފަދަ ދަނޑިވަޅެއްގައި ކޯސް މެދުކަނޑައިލަންޖެހުމަކީ މި ކުދިންނަށް ލިބޭނެ ވަރަށް ބޮޑު ނިކަމެތިކަމެކެވެ. އަދި އެކުންދިންނަށް ބަރުދާސްތުކުރަންޖެހޭނެ ބޮޑު ހިތްދަތިކަމެކެވެ.ދަރިވަރުންގެ އެދުން
ދަރިވަރުން އެދެމުންދަނީ އެ ދަރިވަރުންނަށް ކުރިމަތިވެފައިވާ މިޙާލަތަށް ރިޢާޔަތްކުރައްވައި ސަރުކާރުން ކޮންމެވެސް ގޮތްތަކެއް ހަމަޖައްސައިދިނުމެވެ. ކިޔެވުން ހުއްޓާލައި، އެތައް އަހަރެއްގެ އުންމީދާއި ބުރަ މަސައްކަތް ބޭކާރުވެގެން ނުދާނެ ގޮތެއް ސަރުކާރުން އިންތިޒާމުކުރުމެވެ. 1،300 ޑޮލަރު ނުދެއްކިގެން ކިޔެވުން މެދުކަނޑައިލަން މަޖުބޫރުވާނެ ޙާލަތެއް އެ ކުދިންނަށް މެދުވެރިނުވާނެ ގޮތެއް ސަރުކާރުން ހޯދައިދިނުމެވެ. ފާއިތުވި ދުވަސްތަކުގައިވެސް މިފަދަ ދަތި ޙާލަތު ކުރިމަތިވި ދިވެހިންނަށް ސަރުކާރުންވަނީ ގޮތްތަކެއް ފަހިކޮށްދީފައެވެ. އެހެންކަމުން މި ދަރިވަރުންނަށްވެސް ކޮންމެވެސް ގޮތެއް ފަހިވުމަށް އެ ކުދިން އެދެއެވެ.
މި ލިއުމާއި ގުޅޭ