Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ހުޅުމާލެ ޕްރީސްކޫލު ހަތަރުވަނަ ފަހަރަށް ބިޑު ކެންސަލުކުރުމާ ދިމާލަށް؟!

އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
• މި ބިޑު އެވޯޑު ނުކުރެވި 21 މަސް ދުވަސް، މި ސަރުކާރަށް ވީ ދުވަހެއް ވެއްޖެ.
• ފިނޭންސް މިނިސްޓްރީގެ ބިޑު ރިވިއު ކޮމިޓީއަށް ފޮނުވަން އެޓާނީ ޖެނެރަލްވަނީ ލަފާދެއްވާފައި.
• މިނިސްޓްރީން ދޭން ބޭނުންވާ ފަރާތުގެ ބިޑުގައި ބޮޑެތި މައްސަލަތަކެއް، މިފަހަރުވެސް ކެންސަލްކުރާނީތަ؟
ހުޅުމާލޭގައި ޕްރީ ސުކޫލެއް ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްދިނީ އަމިއްލަ ފަރާތަކުންނެވެ. އެތަން ބިނާކޮށް އެޗްޑީސީއާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. 2019 ވަނަ އަހަރުގެ ޖެނުއަރީގައި އެޗްޑީސީން އެ އިމާރާތް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފިއެވެ. އެ ވުޒާރާގެ ބެލުމުގެ ދަށަށް މި އިމާރާތް ބަދަލުވި ފަހުން ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެގެންދަނީއެވެ. އަދިވެސް އެ ސުކޫލު ހުޅުވޭނެ ދުވަހެއް ނޭނގެއެވެ. ހުޅުމާލޭގެ ޕްރީސްކޫލުތައް ތޮއްޖެހި، ޖާގަ ދަތިވެ، އައު ސުކޫލަކަށް ބޭނުންޖެހިފައިވަނީ ވަރަށް ބޮޑަށެވެ. ނަމަވެސް މިހާތަނަށް މި ސުކޫލު ބަޔަކާ ހަވާލުކުރެވޭ ގޮތެއް ނުވެއެވެ. އެހެންކަމުން މިއީ ހުޅުމާލޭގެ ގިނަ ރަށްވެހިންގެ ބޮޑު ކަންބޮޑުވުމަކަށްވެއްޖެއެވެ. މިމައްސަލައާ ގުޅިގެން ދިޔަރެސްއަށް ލިބިފައިވާ ލިޔެކިޔުންތަކާއި، ހޯދިފައިވާ އެކި މައުލޫމާތާއި، މިހާތަނަށް އެއްކުރެވިފައިވާ އެކި ހެކިތަކަށް ބަލާއިރު، ސުވާލު އުފެދޭ ކަންތައްތަކެއް، އަދި ޝައްކުގެ ނަޒަރަކުން ބަލަން މަޖުބޫރުވަނިވި ބައެއް ކަންކަން ތިލަވިއެވެ. ހަތަރު ފަހަރު ބީލަން ހުޅުވައިލި: ދޭނެ ފަރާތެއް ނުނިންމޭ؟
އެޑިއުކޭޝަން މިނިސްޓްރީން މި ޕްރީސްކޫލު ހިންގައިދޭނެ ފަރާތެއް ހޯދުމަށް މިހާތަނަށް 4 ފަހަރެއްގެ މަތިން އިޢުލާނުކޮށްފައިވެއެވެ. އެންމެ ފުރަތަމަ އިޢުލާނުކުރީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެފަހަރު ބީލަމަށް ހުޅުވައިލީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ސުކޫލު ކުއްޔަށް ދިނުމަށެވެ. އެ މުއްދަތަކީ ދިގު މުއްދަތެއް ކަމުގައި މިނިސްޓްރީއަށް ޤަބޫލުކުރެވިގެން އެ އިޢުލާނު ބާޠިލުކޮށް، މުއްދަތު ބަދަލުކޮށްފައި އަލުން ބީލަމަށް ހުޅުވައިލީއެވެ. މިފަހަރު ބީލަމަށް ހުޅުވައިލީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހުއެވެ. މި ބީލިމަށް ކުރިމަތިލީ އެންމެ ފަރާތަކުންނެވެ. އެހެންކަމުން މި ބީލަންވެސް ބާޠިލުކުރީއެވެ. އަނެއްކާވެސް އަލުން ބީލަމަށް ހުޅުވާލައިފިއެވެ. މިފަހަރު ކުރިމަތިލީ 3 ފަރާތަކުންނެވެ.
ބީލަންތައް ހުޅުވީ 2019 ވަނަ އަހަރުގެ މޭ މަހުގެ 16 ވަނަ ދުވަހުއެވެ. ކުރިމަތިލި ތިން ފަރާތުގެ ބީލަންތައް ވަޒަންކުރުމުގެ މަސައްކަތްކޮށް ޓެކްނިކަލް އިވެލުއޭޝަން ނުވަތަ ފަންނީ ޤާބިލުކަން ވަޒަންކުރުމުގެ ހުރިހާ މަސައްކަތެއް ނިންމިއެވެ. އެ މަސައްކަތް ނިންމުމަށްފަހު، ކުއްލިއަކަށް މިނިސްޓްރީން އެ ބީލަން ކެންސަލްކުރަން ނިންމިއެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ "ރިކުއެސްޓު ފޯ ޕްރޮޕޯޒަލް" ނުވަތަ އާރްއެފްޕީއަށް ބަދަލު ގެނައުމެވެ. އެހިސާބުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެއްދިއެވެ. ތުހުމަތަކީ ބީލަން ހުޅުވައި ދިރާސާކުރުމުން ވަކި ބަޔަކަށް ބީލަން ކާމިޔާބުނުވާކަން އެނގުމާއެކު ބީލަން ބާޠިލުކުރަން އުޅުމެވެ. ވަކި ބަޔަކާ މި ސުކޫލު ހަވާލުކުރުމަށް މަސައްކަތްކުރުމެވެ.އޭސީސީގެ ނިންމުން ބަދަލުކުރުން
ކުރިން މިދެންނެވި މައްސަލަ އޭސީސީއަށް ހުށަހެޅުމާއެކު އޭސީސީން މިމައްސަލަ ދިރާސާކޮށް ގޮތެއް ނިންމައި، އެ ނިންމުން އެޑިއުކޭޝަން މިނިސްޓްރީއަށް އެންގިއެވެ. މިއެންގުން އޭސީސީން އެންގީ 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 29 ވަނަ ދުވަހުއެވެ. އެ ކޮމިޝަނުން އަންގާފައިވަނީ ފައިނޭންޝަލް އިވެލުއޭޝަން ނިންމައި، މި ސުކޫލު ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއާތު ފުރިހަމަކުރުމަށެވެ. ނަމަވެސް މި އެންގުމަށް އެޑިއުކޭޝަން މިނިސްޓްރީން އަމަލުކޮށްފައިނުވެއެވެ. އެގޮތުން އޭސީސީއަށް އައު މެންބަރުން ޢައްޔަންކުރެވި އެ މެންބަރުންގެ އަތްމައްޗަށް ބާރުތައް ދަންދެން މިނިސްޓްރީން މި ނިންމުމަށް އަމަލުނުކުރެއެވެ. ފައިނޭންޝަލް ބިޑަކީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މާކުސް ދެވޭނެ އެއްޗަކަށްވީނަމަވެސް، އެކަން ނުކޮށް މިނިސްޓްރީން މަޑުކޮށްލީއެވެ.
އޭސީސީއަށް އައު މެންބަރުން ޢައްޔަންކުރެއްވީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު 9 ވަނަ ދުވަހުއެވެ. ސެޕްޓެންބަރު 11 ވަނަ ދުވަހު އޭސީސީން އެޑިއުކޭޝަން މިނިސްޓްރީއަށް އެންގީ އޯގަސްޓު 29 ވަނަ ދުވަހު އެ ކޮމިޝަނުން އަންގާފައިވާ އެންގުމަށް އަމަލުކުރުން މަޑުޖައްސައިލުމަށެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ މި މައްސަލާގައި އެ ކޮމިޝަނުން އިތުރަށް ބަލައި ދިރާސާކުރަންޖެހޭ ކަމެއް އޮތުމެވެ. ކޮންމެއަކަސް ބީލަމާ ގުޅޭ ލިޔުން ނުވަތަ ރިކުއެސްޓް ފޯ ޕްރޮޕޯޒަލްގައި ޕްރީ ސުކޫލާ ނުގުޅޭ ކަންތައްތަކެއް ހިމެނިފައިވާތީ އެ ލިޔުމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމުގައާއި ބިޑު ބާޠިލުކޮށް އަލުން އިއުލާނުކުރުމުގެ ހުއްދައަށް އެޑިއުކޭޝަން މިނިސްޓްރީން އެދުނެވެ. ކޮމިޝަނަށް އެ ލިޔުމުގައި ބަދަލު ގެންނަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ޤަބޫލުކުރެވޭތީ، އެ ބީލަން ބާޠިލުކުރަން ހުއްދަ ދިނެވެ. އަދި އަލުން އެ ލިޔުން ތައްޔާރުކޮށް، ބީލަމަށް ހުޅުވައިލުމަށް ހުއްދަ ދިނެވެ. މި ހުއްދަ ދިނީ ސެޕްޓެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މިހާ ބޮޑު ބަދަލެއް އޭސީސީގެ ވިސްނުމަށް އައީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ފާހަގަކޮށްލެވޭ ގޮތުގައި މިނިސްޓްރީއިން އިޢުލާންކުރި 3 ވަރަ ރިކުއެސްޓް ފޯ ޕްރޮޕޯޒަލްއާއި 4 ވަނަ ރިކުއެސްޓް ފޯ ޕްރޮޕޯޒަލްގައި ހުރީ ވަރަށް ކުދިކުދި ތަފާތުތަކެވެ. ހަތަރުވަނަ ބީލަން
އޭސީސީގެ ލަފާ ބަދަލުވެ، ބީލަން ބާޠިލުކޮށް އަލުން ބީލަމަށް ހުޅުވައިލަން ލަފާ ދިނުމާއެކު، 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އަލުން ބީލަމަށް ހުޅުވައިލިއެވެ. މިފަހަރު 4 ފަރާތަކުން ޕްރޮޕޯޒަލް ހުށަހެޅިއެވެ. މި ޕްރޮޕޯޒަލްތައް އިވެލުއޭޓުކޮށް އަގުކުރުމުގައި މިނިސްޓްރީން ދެ ބާވަތެއްގެ އިވެލުއޭޝަނެއް ހަދައެވެ. ފުރަތަމަ ބާވަތަކީ ޓެކްނިކަލް އިވެލުއޭޝަނެވެ. މި މަރުހަލާއިން މަދުވެގެން 60 އިންސައްތަ ނުލިބޭ އެއްވެސް ފަރާތެއްގެ ބީލަން އިވެލުއޭޝަނުގެ ދެވަނަ މަރުހަލާއަށް ނުދެއެވެ. ޕްރޮޕޯޒަލް ހުށަހެޅި ހަތަރު ފަރާތުގެ ހުށަހެޅުންވެސް ޓެކްނިކަލް އިވެލުއޭޝަނުން ފާސްވިއެވެ. އަދި ދެވަނަ މަރުހަލާ ކަމުގައިވާ ފައިނޭންޝަލް އިވެލުއޭޝަނަށް ވާޞިލުވިއެވެ.
ކޮންމެއަކަސް މިހުރިހާ މަރުހަލާތައް ނިންމައި، މި ސުކޫލު ވަކި ފަރާތަކާ ހަވާލުކުރަން އެޑިއުކޭޝަން މިނިސްޓްރީގެ ބިޑު ކޮމިޓީއަށް ހުށަހެޅީ މި އަހަރުގެ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެ ކޮމިޓީގައި މި ސުކޫލު ހަވާލުކުރަން ނިންމާފައިވާ ފަރާތުން މިހާރު ހިންގަމުންދާ ސުކޫލެއްގެ އެއްބަސްވުމާ ޚިލާފަށް ޢިމާރާތެއް ކުރަމުންދާ މައްސަލަ ފެންމަތިވިއެވެ. އެއާއެކު ރިކުއެސްޓް ފޯ ޕްރޮޕޯޒަލާއި، މި ބީލަން ކާމިޔާބު ކުރި ކުންފުނިން ހުށަހަޅާފައިވާ ޕްރޮޕޯޒަލުގެ ތަފާތުތަކެއް ހުރިކަން ފެންމަތިވިއެވެ. އެއާއެކު ބިޑު ކޮމިޓީން ނިންމީ އަލުން އިވެލުއޭޝަން ހެދުމަށެވެ. އަދި އެއަށްފަހު ބިޑު ކޮމިޓީއަށް ހުށަހެޅުމަށެވެ.
ދެވަނަ ފަހަރަށް ޕްރޮޕޯޒަލްތައް ބެލުމުން އިވެލުއޭޝަން ކޮމިޓީއަށް މުހިއްމު ނުކުތާއެއް ފާހަގަވިއެވެ. އެއީ ރިކުއެސްޓް ފޯ ޕްރޮޕޯޒަލާ ޚިލާފު ކަންތައްތަކެއް، މި ސުކޫލު ހަވާލުކުރުމަށް އިވެލުއޭޝަން ކޮމިޓީން ފުރަތަމަ ނިންމި ކުންފުނީގެ ޕްރޮޕޯޒަލްގައި ހުރި ކަމެވެ. އެގޮތުން އެފަރާތުން ހުށަހެޅި ޕްރޮޕޯޒަލްގައި މި ސުކޫލުގައި ހިންގާނީ 13 ކްލާސްރޫމު ކަމުގައި ބުނެފައިވެއެވެ. ނަމަވެސް ރިކުއެސްޓް ފޯ ޕްރޮޕޯޒަލްގައި ބުނެފައިވަނީ އެ ސުކޫލުގައި ހިންގާނީ 10 ކިލާސްރޫމު ކަމަށެވެ. އާރްއެފްޕީގައި ވަރަށް ސާފުކޮށް ބުނެފައިވަނީ ޑްރާފްޓް ކޮންސެޝަން އެގްރީމަންޓާ ޚިލާފުވާ ގޮތަށް ޕްރޮޕޯޒަލް ހުށަނޭޅޭނެ ކަމަށެވެ. އެ އެއްބަސްވުމުގައި ވަރަށް ސާފުކޮށް އިމާރާތަށް އިތުރު އިންފްރަސްޓްރަކްޗާއެއް އިތުރުނުކުރެވޭނެ ކަމުގައާއި، އަދި އެތަނުގެ ސްޓްރަކްޗާއަށް އެއްވެސް ބަދަލެއްވެސް ނުގެނެވޭނެ ކަމުގައި ބުނެފައިވެއެވެ. 10 ކިލާސް ހުރި ތަނެއްގައި އިތުރު 3 ކިލާސް އެޅުމަކީ މި މާއްދާތަކާ ޚިލާފުކަމެކެވެ.
އޭގެ އިތުރަށް ރިކުއެސްޓް ފޯ ޕްރޮޕޯޒަލުގައި ބަޔާންކޮށްފައިވާ ސޭންޑް ޕިޓުގެ ވާހަކައެއްވެސް މި ސުކޫލު ހަވާލުކުރުމަށް އިވެލުއޭޝަން ކޮމިޓީން ނިންމި ކުންފުނީގެ ޕްރޮޕޯޒަލުގައި ނެތެވެ. މިހުރިހާ ކަމެއް ދެވަނަ ފަހަރަށް އިވެލުއޭޓުކުރުމުން އެނގުނެވެ. އެކަންކަން ތިލަވުމާއެކު ދެވަނަ ޓެކްނިކަލް އިވެލުއޭޝަން ބޭއްވުމަށްފަހު ފަހުން ހެދި ފައިނޭންޝަލް އިވެލުއޭޝަނާއެކު ބަލައިގެން ހަމަ ކުރިންވެސް މި ސުކޫލު ހަވާލުކުރަން އިވެލުއޭޝަން ކޮމިޓީން ނިންމި ކުންފުންޏާ ހަވާލުކުރަން ނިންމިއެވެ.
ދެވަނަ ޓެކްނިކަލް އިވެލުއޭޝަނަށް ރިއާޔަތްނުކުރަން ނިންމާފައިވަނީ ކުރިން ބުނެވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް ޓެކްނިކަލް އިވެލުއޭޝަނަށް ދީފައިވާ މާކްސް އިސްލާހުކުރުމުން އިވެލުއޭޝަން ކޮމިޓީން މި ސުކޫލު ހަވާލުކުރަން ބޭނުންވާ ފަރާތަށް ޕޮއިންޓު މަދުވާތީ ކަމަށް މިބީލަމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "ދިޔަރެސް"އަށް މައުލޫމާތުދެއްވަމުން ވިދާޅުވިއެވެ. މީގެ އިތުރުން، 13 ކުލާސްރޫމްގެ ސަބަބުން ފައިނޭންޝަލް ބިޑުން އިތުރަށް އެކުންފުންޏަށް ލިބިފައިވާ މާކުސްވެސް އިސްލާހުކޮށްފައިނުވެއެވެ.އަނެއްކާވެސް ލަފައަށް އެދުން
އެޑިއުކޭޝަން މިނިސްޓްރީއަށް މިކަމުގައި ބައެއް ކަންކަން ފާހަގަކުރެވޭތީ އަނެއްކާވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ލަފައަކަށް އެދުނެވެ. އެ ކޮމިޝަނުން ލަފާދީފައިވަނީ ބީލަން އިވެލުއޭޓުކުރުމުގައި މައްސަލައެއް އުޅޭނަމަ އެ މައްސަލައެއް ފިނޭންސް މިނިސްޓްރީއާ ހިއްސާކުރުމަށެވެ. އަދި އެ މިނިސްޓްރީގެ ލަފައާ އެއްގޮތަށް ކުރިއަށް ގެންދިއުމަށެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެޑިއުކޭޝަނުން މިކަމުގައި ފިނޭންސް މިނިސްޓްރީގެ ލަފައަކަށް އެދުނެވެ. ލަފައަށް އެދުނުއިރު މި މައްސަލައާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތަކެއް ފޮނުވާފައިނުވެއެވެ. އެކަން "ދިޔަރެސް"އަށް އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުވެފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އެވަގުތު ލަފާއެރުވީ އެޑިއުކޭޝަން މިނިސްޓްރީގެ ބީލަން ކޮމިޓީއަށް މައްސަލަ ހުށަހަޅައިގެން އެ ކޮމިޓީން މި ބީލަމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. އެހެންނަމަވެސް ބިޑު ކޮމިޓީން ނިންމި ގޮތަށް ޕްރޮޕޯޒަލާއި ރިކުއެސްޓް އޮފް ޕްރޮޕޯޒަލުގައި ތަފާތު އުޅޭ ފަރާތަކަށް މި ސުކޫލު ހަވާލުކުރުމުގެ ކުރިން އިތުރު ލަފާ ހޯދުމަށް އެޑިއުކޭޝަނުން ނިންމިއެވެ.
މިފަހަރު ލަފައަކަށް އެދިވަޑައިގަތީ އެޓާނީ ޖެނެރަލް އޮފީހުންނެވެ. އެ އޮފީހުން މި މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީއަށް ލަފާއެއް ދެއްވާފައިވާކަން ކަށަވަރުވެފައިވެއެވެ. އިތުބާރު ކުރެވޭ މަޞްދަރަކުން "ދިޔަރެސް"އަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި އޭޖީން ލަފާދީފައިވަނީ މި އިވެލުއޭޝަންގެ މައްސަލަ ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށެވެ. އަދި އެ މިނިސްޓްރީގެ ބިޑުތަކާ ބެހޭ ކޮމިޓީން މިމައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމުން އެގޮތަކަށް އެޑިއުކޭޝަން މިނިސްޓްރީން އަމަލުކުރުމަށެވެ.ވަކި ބަޔަކާ ހަވާލުކުރުމަށް މިނިސްޓަރުގެ އަމާޒު؟
ހުށަހެޅި ޕްރޮޕޯޒަލުގައި ރިކުއެސްޓް ފޯ ޕްރޮޕޯޒަލާ ޚިލާފު ކަންތައްތަކެއް ހިމަނައި، އެ އާރްއެފްޕީގައި ޕްރޮޕޯޒަލުގައި ހިމަނަންޖެހޭ ކަމަށް ބުނެފައިވާ ކަމެއް ނުހިމަނާ ކުންފުންޏަކާ ސުކޫލު ހަވާލުކުރުމަށް މަސައްކަތްކުރައްވަނީ ސީދާ އެޑިއުކޭޝަން މިނިސްޓަރު ކަމަށް މި މަސައްކަތާ ގުޅޭ މައުލޫމާތު ލިބިފައިވާ ފަރާތްތަކުން ތުހުމަތުކުރެއެވެ.
"ދިޔަރެސް"އަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، މި ސުކޫލު ހަވާލުކުރުމަށް އިވެލުއޭޝަން ކޮމިޓީން ނިންމި ފަރާތަކީ މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން މާލީ ވަޒަންކުރުމުގައި އެންމެ ރަނގަޅު އަދި އެންމެ ޤާބިލު ކަމުގައި ބެލި ދެ ފަރާތުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ފަރާތެވެ. އެގޮތުން އެ ފަރާތުން ހުށަހަޅާފައިވާ ފީއަކީ 2،835 ރުފިޔާއެވެ. ދެވަނަ ފަރާތުން ހުށަހަޅާފައިވަނީ 2،295 ރުފިޔާއެވެ. އެހެންކަމުން ބޮޑޫ ފީއެއް ނަގަން ހުށަހެޅި ފަރާތަށް ސުކޫލު ދިނުމަށް ވިސްނާ ސަބަބަކީވެސް އެކަމުގައި ސުވާލު އުފެދޭ ކަމެކެވެ.
މި ކަންކަމާ ގުޅިގެން "ދިޔަރެސް"ގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު މުޖާހިދު އަރިހުގައި ބައެއް ކަންކަމާ ގުޅޭ ސުވާލުތައް ދަންނަވާފައިވާނެއެވެ. އަދި މިހާތަނަށް އެ ސުވާލުތަކަށް އެފަރާތުން ޖަވާބެއް ދެއްވާފައިނުވެއެވެ.
މިސަރުކާރަކީ ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ސަރުކާރެއްކަމަށް ދައުވާކުރިނަމަވެސް، ޕްރީސްކޫލްގެ މިބިޑާއި އަދި ކޮވިޑު ޚަރަދުތައްފަދަ ކަންތައްތަކުން ފެންނަނީ އެހެން މަންޒަރެކެވެ. މީގެ އިތުރުން، މިއީ އާދަޔާ ޚިލާފަށް ބަރުހެލި ސަރުކާރެއްކަން ފާހަގަކުރެވެއެވެ. އެހެނީ، ޕްރީ ސްކޫލެއް ހަވާލުކުރެވޭނެ ފަރާތަށް ކަނޑަނޭޅި، 21 މަސްދުވަސް ފާއިތުވެ، މިސަރުކާރަށް ގާތްގަނޑަކަށްވީ ދުވަހެއް މިކަމުގައި ފާއިތުވެފައިވާތީއެވެ.
މި ލިއުމާއި ގުޅޭ