އިންޑިޔާ ހެލިކޮޕްޓަރާއި ސިފައިންގެ ތާރީޚު: އޮޅުވައިލަން އުޅޭ ޙަޤީޤަތް

ޝިފްޒާން އަހްމަދު 12 ސެޕްޓެމްބަރު 2020 10:22
Flowers

އިންޑިޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި ކަމަށް ބުނާ ދެ ހެލިކޮޕްޓަރާއި، އެ ހެލިކޮޕްޓަރާ ހަވާލުވެ، ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ ވާހަކައަކީ މި ދުވަސްވަރު ތަންކޮޅެއް ހަރުއަޑުން ދެކެވޭ ވާހަކައެވެ. ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮަވައިލާ ޢާންމުން މީސްމީޑިޔާގައި އަޑު އުފުލަން ފަށައިފިއެވެ. ދެން ފެނުނީ މި ހެލިކޮޕްޓަރުތަކާއި ސިފައިންނާ ގުޅޭ ތާރީޚު އޮޅުވައިލުމަށް ބަޔަކު ވަރަށް ބުރަކޮށް މަސައްކަތްކުރާ ތަނެވެ. މީސްމީޑިޔާގައެވެ. ޢާންމު މީޑިޔާ މަންސަތަކުގައެވެ. ލިބޭ ކޮންމެ ފުރުޞަތެއްގައި ފަހިވާ ކޮންމެ ދަނޑިވަޅެއްގައެވެ. 

ރައްޔިތުން މަޖިލިހުގެ އެމްޑީޕީއަށް ނިސްބަތްވާ  ބައެއް މެންބަރުންވަނީ މި ހެލިކޮޕްޓަރު ރާއްޖެ ގެންނެވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ކަމުގައި ދެއްކެވުމަށް މަސައްކަތްކުރައްވާފައެވެ. އެގޮތުން ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރައްޔިތުން މަޖިލިހުގެ މީދޫ ދާއިރާ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި އިންޑިޔާއިން މި ހެލިކޮޕްޓަރުތައް ގެންނަވައި އިންޑިޔާ ސިފައިން ރާއްޖޭގައި ބޭތިއްބެވި ބޭފުޅަކީ ރައީސް ޔާމީނެވެ. މިވާހަކަފުޅުތަކުގެ ޙަޤީޤަތް ދިވެހި ކޮންމެ ރައްޔިތަކަށް އެނގުން މުހިއްމެވެ. 

ފުރަތަމަ ހެލިކޮޕްޓަރު ގެނައުން 

އިންޑިޔާއިން ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ހެލިކޮޕްޓަރެއް "ހަދިޔާކުރީ" 2010 ވަނަ އަހަރުއެވެ. އެއިރު ރައީސުލްޖުމްހޫރިއްޔާއަކީ މިހާރުގެ ރައްޔިތުން މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. ފުރަތަމަ ހަދިޔާކުރި ހެލިކޮޕްޓަރު ރާއްޖެ ގެނައީ 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. އެ ދުވަހު މީޑިޔާތަކަށް މައުލޫމާތުދެއްވަމުން ޤައުމީ ދިފާޢީ ބާރުގެ ލެފްޓިނެންޓު ޢަބްދުﷲ ޢަލީ ވިދާޅުވެފައިވަނީ ދިވެހި ޕައިލަޓެއް ތަމްރީނުކުރެވެންދެން އެ ހެލިކޮޕްޓަރު ދުއްވާނީ އިންޑިިޔާ ސިފައިން ކަމަށެވެ. އަދި ދިވެހި ޕައިލަޓެއް ތަމްރީނުވުމާއެކު، ހެލިކޮޕްޓަރު ދުއްވުމާ ދިވެހި ސިފައިންގެ ބޭކަލުން ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެއިރު ސިފައިންގެ ތެރޭގައި ތިބި ޕައިލެޓުންނާއި އިތުރު ބައެއް ސިފައިންވެސް މި ހެލިކޮޕްޓަރު ދުއްވުމަށް ތަމްރީނުކުރުމުގެ މަސައްކަތް އިންޑިޔާގެ ޢަސްކަރިއްޔާއާ ގުޅިގެން ކުރިއަށް ގެންދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

އެ ތާރީޚުން ބަލާއިރު މިއަހަރަށް ފުރަތަމަ ހެލިކޮޕްޓަރު ރާއްޖެ ގެނައި ތާރީޚުން ފެށިގެން 10 އަހަރަށްވުރެ ގިނަ ދުވަސްވީއެވެ. އަދިވެސް ދިވެހި ސިފައިންގެ މީހަކަށް މި ހެލިކޮޕްޓަރު ދުއްވުމުގެ ހުނަރާއި ޤާބިލުކަން ނުލިބެއެވެ. 2010 ވަނަ އަހަރު ސިފައިންގެ ތެރޭގައި ޕައިލެޓުން ތިއްބެވިއެވެ. އެއިން ބައެއް ބޭފުޅުން ސިފައިންގެ ވަޒީފާ ދޫކުރައްވައި، އެހެން މުއައްސަސާތަކަށް ވަޑައިގަތީ އޭގެ އެތައް އަހަރެއް ފަހުންނެވެ. އެއިން ބޭފުޅަކު "ދިޔަރެސް"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ 2015 ވަނަ އަހަރުގައި އޭނާ ސިފައިންގެ ވަޒީފާއިން ދުރަށް ވަޑައިގަތުމާ ހަމައަށް އެއްވެސް ގޮތަަކަށް ހެލިކޮޕްޓަރު ދުއްވުމުގެ ތަމްރީނެއް ދީފައިނުވާ ކަމުގައެވެ. 

ދެވަނަ ހެލިކޮޕްޓަރު "ހަދިޔާކުރުން" 

ދެވަނަ ހެލިކޮޕްޓަރު އިންޑިޔާއިން ރާއްޖެއަށް ހަދިޔާކުރީ ރައީސް ޔާމީނުގެ ވެރިކަމުގެ ވަރަށް ކުރީ ކޮޅުގައެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 2013 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު ދެވަނަ ހެލިކޮޕްޓަރު ރަމްޒީކޮށް ރާއްޖެއަށް ހަދިޔާކުރިއެވެ. ރަމްޒީ ގޮތެއްގައި ހެލިކޮޕްޓަރު ހަދިޔާކުރީ އިންޑިޔާގެ ކޮޗިންގައި ހުންނަ އެ ޤައުމުގެ ކަނޑުގެ ސިފައިންގެ ދެކުނުގެ ބޭސްގައި އޮތް ރަސްމިޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރަމްޒީކޮށް ހެލިކޮޕްޓަރާ ހަވާލުވެވަޑައިގަތީ އެއިރުގެ ޑިފެންސް މިނިސްޓަރު ރިޓަޔަޑް ކާނަލް މުޙައްމަދު ނާޒިމެވެ. 

ދެވަނަ ހެލިކޮޕްޓަރު ރަމްޒީކޮށް އެދުވަހު ހަވާލުކުރި ނަމަވެސް ނޫސްތަކަށް ކުރީ ސަރުކާރުން ދީފައިވާ މައުލޫމާތަށް ބަލާއިރުވެސް، އިންޑިޔާއިން ރާއްޖެއާއެކު އެއްބަސްވެފައިވަނީ ދެ ހެލިކޮޕްޓަރެއް ދިނުމަށެވެ. މި އެއްބަސްވުމެއް އެކުލަވައިލީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. 

ދެވަނަ ހެލިކޮޕްޓަރު ގެނައުން

ރައީސް ޔާމީނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މަހެއް ނުވަނީ އިންޑިޔާއިން ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރު ގެނައުން 2015 ވަނަ އަހަރާ ހަމައަށް ލަސްވިއެވެ. އެ ހެލިކޮޕްޓަރު ގެނައުން ލަސްވި ސަބަބެއް ކަމުގައި އިންޑިޔާގެ ހައިކޮމިޝަނުން އެއިރު ބުނެފައިވަނީ ހެލިކޮޕްޓަރު ބާއްވާނެ ހޭންގަރެއް ހަމަނުޖެހުން ކަމުގައެވެ. ނަމަވެސް އެއިރުގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު މީޑިޔާތަކުގައި ފަހުން ހާމަކުރެއްވި ގޮތުގައި ދެވަނަ ހެލިކޮޕްޓަރު ގެނައުން ލަސްވީ ހަމައެކަނި ހޭންގަރެއްގެ މައްސަލައިގައެއް ނޫނެވެ. އެ ހެލިކޮޕްޓަރާ ގުޅޭ އެއްބަސްވުމުގައި ހުރި ޝަރުޠުތަކާ ގުޅޭ ބައެއް ކަންކަމުގައި ދެ ސަރުކާރުގެ މެދުގައި ކުރިއަށް ދިޔަ މަޝްވަރާތައް ދިގުލައިގެން ދިޔައީއެވެ. 

އެއިރުވެސް ބައެއް މީޑިޔާތަކުން ރިޕޯޓުކުރި ގޮތުގައި "ދެ ވަނަ ހެލިކޮޕްޓަރު ރާއްޖެ ނުގެނަސް ލަސްވަނީ އިންޑިއާގެ އިތުރު އަސްކަރީ ޓީމެއް އެއާ އެކު ރާއްޖޭގައި ތިބުމަށް އިންޑިއާ އިން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވާތީ ކަމަށާއި އެމްއެންޑީއެފްގެ އޮފިސަރުން ތަމްރީންކުރަން އިންޑިއާ އިން ދެކޮޅު ހަދާތީއެވެ." އިންޑިޔާ ސިފައިން އެއްބަސްވުމުގައި ބުނެފައިވާ ގޮތަށް ދިވެހި ސިފައިން ތަމްރީނުނުކޮށް ރާއްޖޭގައި ތިބުމަކީ އެއިރުގެ ސަރުކާރުން މަރުހަބާކީ ކަމެއް ކަމުގައި މަޖިލިސް މެންބަރުންނާއި، އެމްޑީޕީ އެކްޓިވިސްޓުންނާއި ވަޒީރުން ދައްކަވާ ވާހަކައަކީ އެއިރު މީޑިޔާތަކަށް ތިލަވި ޙަޤީޤަތްތަކާ ޚިލާފު ވާހަކައެކެވެ. 

އެންމެ ފަހުން އިންޑިޔާއިން ހަދިޔާކުރި ކަމުގައި ބުނާ ދެވަނަ ހެލިކޮޕްޓަރު ގެނައީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. ދެވަނައަށް ގެނައި ހެލިކޮޕްޓަރަކީ ކުރިން ގެނައި ހެލިކޮޕްޓަރަށްވުރެ ވަރުގަދަ ހެލިކޮޕްޓަރެއް ކަމުގައި އެ ދުވަހު އެއިރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ. އެ ދުވަހު އެތަނުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފުވަނީ އިންޑީޔާ، ޗައިނާ އަދި ޕާކިސްތާނުން މަތިންދާބޯޓުތަކެއް ހޯއްދަވައި ދިވެހި ސިފައިންގެ ވައިގެ ވިންގެއް ޤާއިމުކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. ހަމައެކަނި އިންޑިޔާއިން މަތިންދާބޯޓު ހޯދުމުގެ ވިސްނުމުގެ ބަދަލުގައި ކުރީ ސަރުކާރުން ގެންގުޅުނީ 3 ޤައުމަކުން މަތިންދާ ބޯޓު ހޯދުމުގެ ވިސްނުމެވެ. 

ހެލިކޮޕްޓަރު ފޮނުވައިލުމަށް އެއިރުގެ ސަރުކާރުން ވިސްނުން

އިންޑިޔާއިން ރާއްޖެއަށް ދިން ހެލިކޮޕްޓަރުތައް އަނބުރައި އިންޑިޔާއަށް ފޮނުވުމުގެ ވިސްނުން އެއިރުގެ ސަރުކާރުން ގެންގުޅޭކަން މީޑިޔާތަކަށް އެންމެ ފުރަތަމަ ތިލަވީ 2016 ވަނަ އަހަރުއެވެ. އިންޑިޔާއިން ދިވެހިރާއްޖެއަށް ފުރަތަމަ ދިން ހެލިކޮޕްޓަރާއެކު ރާއްޖޭގައި ތިބި ސިފައިން ތިބުމަށް ހުއްދަ ދިނުމަށް ރާއްޖެއާއި އިންޑިޔާގެ މެދުގައި ކޮންމެ ދެ އަހަރަކުން އައުކުރަމުން ދިޔަ އެއްބަސްވުން އައު ކުރުމަށް އެއިރުގެ ސަރުކާރުން ދެކޮޅު ހެދީއެވެ. ތަކުރާރުކޮށް އިންޑިޔާއިން އެދުމުންވެސް އެކަމާ ދެކޮޅު ހެދީއެވެ. އެހިސާބުން އެ ސަރުކާރާއި އިންޑިޔާގެ ގުޅުންވެސް ގޯސްވާން ފެށިއެވެ. 

އެއިރު އޮތީ އިންޑިޔާއިން ޑޯނިއާއެއް ގެނައުމާ ގުޅޭ ގޮތުން އެއްބަސްވެފައެވެ. ފަހުން އެއިރުގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވި ގޮތުގައި، އެއިރު ސަރުކާރުން އެދެމުންދިޔައީ ހެލިކޮޕްޓަރު ގެންގޮސް ޑޯނިއާ ފުލައިޓު ދިނުމަށެވެ. އެއީ ޑޯނިއާ ފުލައިޓު ދުއްވަން ދަސްކޮށްދިނުމުގައި ނަމުގައި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެން ޖާގައެއް ނޯންނާނީ ދިވެހިންނަށް ދުއްވަން އެނގޭ އެއްޗެއް ހޯދުމުން ކަމުގައިވާތީ ކަމަށެވެ. ނަމަވެސް އެގޮތަށް އިންޑިޔާއިން ހަމަ ހިލާ އެއްބަސްނުވި ކަމުގައިވެސް ޢުމަރު ވިދާޅުވިއެވެ. އެއިރު އޮތީ ޕާކިސްތާނުން ޢަސްކަރީ ބޭނުންތަކަށް، އެ ޤައުމުން އުފައްދާ ސުޕަރ މުޝާ މަރުކާގެ ދެ މަތިންދާ ބޯޓެއް ހޯދުމަށް އެއްބަސްވެވިފައެވެ. މި ސަރުކާރުން އެ އެއްބަސްވުމަށް އަމަލުނުކުރަން ނިންމިއެވެ. 

އެއިރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ނޫސްތަކަށް މައުލޫމާތުދެއްވަމުން އެއިރު ވިދާޅުވެފައިވަނީ ޑޯނިއާ ގެންނަނީ އެ މަތިންދާބޯޓު ދުއްވުމަށް ދިވެހިން ތަމްރީނުކޮށް ތައްޔާރުކުރުމަށް ފަހުގައި ކަމަށެވެ. 

ހެލިކޮޕްޓަރުތައް ގެންދަން އެދުން 

އެންމެ ފަހުން ދިވެހި ސަރުކާރުން ހެލިކޮޕްޓަރުތައް އިންޑިޔާއަށް ގެންދިއުމަށާއި، އެ ހެލިކޮޕްޓަރުތަކާއެކު ދިވެހިރާއްޖޭގައި ތިބި ސިފައިންވެސް އަނބުރައި ޤައުމަށް ގެންދިއުމަށް އިންޑިޔާ ކިބައިން އެދުނީއެވެ. އެކަންކަން މީޑިޔާތަކަށް ތިލަވިއިރު، ހެލިކޮޕްޓަރު ފޮނުވައިލަން ރައީސް ޔާމީނުގެ ސަރުކާރުން ބޭނުންވީ ހެލިކޮޕްޓަރު އުދުއްސުމާއި ކަންކަން ދިވެހި ސިފައިންނާ ނުބައްސައި ދިވެހި ސިފައިންގެ ބައިވެރިވުމެއް ނެތި ހިންގާތީއެވެ. 

އެއިރުގެ ސަރުކާރުގެ އިސް އޮފިޝަލަކު "މިހާރު" ނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ "ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ހެލިކޮޕްޓަރު ފޮނުވާލަން ޖެހެނީ ގިނަ ކަންބޮޑުވުންތަކެއް ހުރުމާ އެކު ހައްލު ހޯދައިދޭން އިންޑިއާ އަށް ދިން ފުރުސަތުގައި އެކަމަށް ހައްލުތައް ނުހޯދުމުން ކަމަށެވެ. ފުރަތަމަ ކަމަކަށް އައްޑޫގައި، އިންޑިއާ ސިފައިން އެކަނި އޮޕަރޭޝަންތައް ހިންގުމަކީ ދިވެހި ސަރުކާރުގެ ކަންބޮޑުވުން އޮތް މައްސަލައެއް" ކަމުގައެވެ. މިވާހަކަތައް ނޫސްތަކަށް ތިލަވީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އެއިރު އައްޑު އަތޮޅު ގަމުގައި އޮތް ހެލިކޮޕްޓަރު ގެންދަން ދިވެހި ސަރުކާރުން އެންމެ ފުރަތަމަ އެދުނުތާވެސް 2 އަހަރު ވަނީއެވެ. 

ހެލިކޮޕްޓަރު ގެންދަން އެދުމާއެކު، ދެތިން ކަމެއް ކުރުމުން ހެލިކޮޕްޓަރު ބޭއްވުމަށް އެއްބަސްވާނެ ކަމުގައި ދިވެހި ސަރުކާރުން އެއިރު އިންޑިޔާއަށް ހުށަހެޅިއެވެ. އެއްކަމަކަށް ހެލިކޮޕްޓަރު ބޭނުންކޮށްގެން ހިންގާ އޮޕަރޭޝަންތަކުގައި ދިވެހި ސިފައިން ބައިވެރިކުރުމެވެ. ދެވަނަ ކަމަކަށް ސިފައިންގެ ޚާއްޞަ އެއާޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ރޭވިފައިވާ ކައްދުއަށް މި ހެލިކޮޕްޓަރު ގެނައުމެވެ. މިއިން އެއްވެސް ކަމަކަށް އިންޑިޔާއިން އެއްބަސްނުވިއެވެ.

ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ދާދި ފަހުން ދިވެހި ޗެނަލްގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވި ގޮތަށް ހެލިކޮޕްޓަރުތައް ގެންދިއުމަށްފަހު ޑޮނިއާ ފުލައިޓެއް ދިނުމަށް އިންޑިޔާ ސަރުކާރުން އެއްބަސްވިކަންވެސް 2018 ވަނަ އަހަރު މީޑިޔާތަކަށް ތިލަވިއެވެ. އެގޮތުން އިންޑިޔާއާއި ރާއްޖޭގެ މެދުގައި އެއިރު އެއްބަސްވެވިފައި އޮތީ ހެލިކޮޕްޓަރު ގެންގޮސްފައި މަތިންދާ ބޯޓެއް ދިނުމަށް ކަމުގައި ދިވެހި ސަރުކާރުގެ އޮފިޝަލެއް "މިހާރު ނޫހަށް  މައުލޫމާތު ދެއްވާފައިވެއެވެ. 

2018 ވަނަ އަހަރުގެ ޖޫން މަސްތެރޭގައި ދެވަނަ ހެލިކޮޕްޓަރުގެ އެއްބަސްވުން ހަމަވިއެވެ. އިންޑިޔާއިން އެ އެއްބަސްވުން އައުކުރުމަށް ލެޓާ އޮފް އެކްސްޗޭންޖްސް ފޮނުވިއެވެ. ފުރަތަމަ ހެލިކޮޕްޓަރު ފޮނުވައިލުމަށް އެދުނު ގޮތަށް މިފަހަރު ސަރުކާރުން އެދުނީ ދެވަނަ ހެލިކޮޕްޓަރުވެސް ގެންދާށެވެ. އަދި ހެލިކޮޕްޓަރުތަކުގެ ބަދަލުގައި އަސްކަރީ މަތިންދާ ބޯޓު ދިނުމަށެވެ. އަދި ސަރުކާރުން އެއިރު ބުނި ގޮތުގައި މި މަތިންދާ ބޯޓު ދުއްވާނެ ދިވެހި ޕައިލެޓަކު އެއިރު ހުރީ ހަމަޖެހިފައެވެ. އަދި އެ ބަލަހައްޓާނެ ދިވެހި އިންޖިނިއަރުންނާއި މެކޭނިކުންވެސް ތައްޔާރަށް ތިބި ކަމުގައި ސަރުކާރުގެ އޮފިޝަލުން ވިދާޅުވިއެވެ. އެހެންކަމުން އެ ބޭފުޅުންގެ ވާހަކަފުޅުތަކުން ދޭހަވަނީ ދިވެހި ސަރުކާރުން އެއިރު ބޭނުންވީ އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވައިލުން ކަމެވެ.

ސިފައިންގެ ވިސާ އައުނުކުރުން 

އިންޑިޔާއިން ދީފައިވާ ދެ ހެލިކޮޕްޓަރު 2018 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އަނބުރައި ގެންދިއުމަށް ދިވެހި ސަރުކާރުން އިންޑިޔާއަށް އެންގިއެވެ. އެ ޚަބަރު ނޫސްތަކުގައި ޖެހީ ޖޫން 12 ވަނަ ދުވަހުއެވެ. ސަބަބެއް ކަމުގައި ޚަބަރުތަކުގައި ބުނެފައިވަނީ އިންޑިޔާ ހެލިކޮޕްޓަރުތަކާ ހަވާލުވެގެން ގިނަ ޢަދަދެއްގެ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭތީ އެކަމާމެދު ދިވެހި ސަރުކާރުން  ކަންބޮޑުވާތީއެވެ. 

ޖޫން މަސްތެރޭގައި މި ދެއުޅަނދު އަނބުރައި އިންޑިޔާއަށް ގެންދަން ދިވެހި ސަރުކާރުން އެންގިނަމަވެސް އިންޑިޔާއިން އެކަން ނުކުރިއެވެ. އަދި ސިފައިންނާއި ހެލިކޮޕްޓަރުތައް ރާއްޖޭގައި ބެހެއްޓީއެވެ. ރިޔާސީ އިންތިޚާބުން ރައީސް ޔާމީނަށް ނާކާމިޔާބުވެވަޑައިގަތުމާ ހަމައަށް އެކަން އޮތީ އެހެންނެވެ. 

އިންޑިޔާއިން ހެލިކޮޕްޓަރުތަކާއި އެތަކެއްޗާ ހަވާލުވެ ތިބި އިންޑިޔާ ސިފައިން އަނބުރާ ނުގެންދިއުމުން ދިވެހި ސަރުކާރުން ނިންމީ އިންޑިޔާ ސިފައިންގެ ވިސާ އައުނުކުރުމަށެވެ. އިންޑިޔާގެ ނޫސްތަކުގައި އެކަމާ ގުޅިގެން ރައީސް ޔާމީނުގެ ވެރިކަން ބަދަލުކުރުމާއި އެމަނިކުފާނުގެ ގޯސްކަމާއި ނުބައިކަން ފާހަގަކޮށް އާޓިކަލްތައް ލިޔެފައި އެބަހުއްޓެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިޔާ ސިފައިންނަށް ވިސާ އާކޮށްނުދިނުމަށާއި، ހެލިކޮޕްޓަރާ ގުޅިގެން ވެވިފައި އޮތް އެއްބަސްވުން އާނުކުރުމަށް ނިންމެވުމާ ގުޅިގެން އެއިރުގެ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަޙްމަދު ނިހާ ޙަސަން މަނިކު އިންޑިޔާއަށް ވަޑައިގަތުމުން އޭނާއަށް އެ ޤައުމުން ވިސާނުދީ އަނބުރައި ރާއްޖެ ފޮނުވައިލިއެވެ. އެކަމުގެ ބަދަލުގައި އިންޑިޔާ އެއްވެސް މަސައްކަތްތެރިއަކަށް ވިސާ ނުދިނުމަށް ދިވެހި ސަރުކާރުން ނިންމިއެވެ. އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވައިނުލެވިގެން މިހާ ވަރަށް އެއިރުގެ ސަރުކާރުން ފިޔަވަޅުތައް އެޅިއެވެ. 

ވެރިކަން ބަދަލުވުމާއި ސިޔާސަތު ބަދަލުވުން 

ކުރީ ސަރުކާރުން ފާހަގަކުރި ހުރިހާ ކަންބޮޑުވުންތަކެއް އެއްފަރާތްކުރުމަށްފަހު ހެލިކޮޕްޓަރާއި ސިފައިންވެސް ރާއްޖޭގައި ބޭތިއްބުމަށް މި ސަރުކާރުން ނިންމީއެވެ. އޭގެ އިތުރަށް އިންޑިޔާގެ ޢަސްކަރީ މަތިންދާބޯޓެއް އިތުރު ސިފައިންނާއެކު ގެނެސް ހދ.ހަނިމާދޫގައި ބާއްވަން ނިންމީއެވެ. އަދި އޭގެ އިތުރަށް ދިވެހިރާއްޖޭގެ އެކި ސަރަހައްދުގައި އިންޑިޔާގެ ޢަސްކަރީ ރާޑަރުތައް ބަހައްޓަން ނިންމީއެވެ. އަދި ދިވެހި ކަނޑުތަކުގެ ފުންމިނާއި އެ ކަނޑުތަކުގައި ހުރި ވަސީލަތްތަކާއި، އެ ވަސީލަތްތައް ހުރި މިންވަރު ދެނެގަންނަ، ހައިޑްރޮގުރަފީ ސާވޭ ހެދުންވެސް އިންޑިޔާ ސިފައިންނާ މަތިކުރީއެވެ.

ކިޔުންތެރިންގެ ހިޔާލު
ދުމައިން
އަދި އިންޑިއާއިންވަނީ އިބޫ ސޯލިހްގެ ވެރިކަން ފެށުމާއެކު ރަމްޒީ ކުޑަ ކުޑަ ޓްރޮފީއެއް ކޯސްޓްގާޑަށް ދީފައެވެ. އިންޓަސެޕްޓާ ލޯންޗެކެވެ.. ނަމެއްކިޔާ، އެނަން ތާނަ އަކުރުން އެލޯންޗުގައި ފަވާލާފަެިވެއެވެ.. އޮތީ ކީކޭކަމަށް ތޯއެވެ. "ކާމިޔާބު" އެވެ. މިބުނީ ކީކޭތޯއެވެ. މިދިނީ ކޮން މެސެޖެެއްތޯއެވެ. ގައުމަކަށް އިހުތިރާމެއްނެތި ގަނާ ކުރުމާ ހަނގާ ކުރުމުގެ ލާމަސީލެއް ނޫންތޯއެވެ. މިއީ އެ ބިޔަ ބޮޑު ބާރުގެ ފެންވަރެވެ..
ނަދީމް
ޝިފްޒާން އަށް ތަހުނިޔާ ދަންނަވަން. ވަރަށް ފުރިހަމަ ދިރާސީ މަސައްކަތްޕުޅެއް