ޤަޠަރުގެ މިނިވަންކަމަށް 49 އަހަރު: އިނގިރޭސިން ކިބައިން ސަލާމަތްވުމަށް 55 އަހަރުގެ މަސައްކަތް!

ޝިފްޒާން އަހްމަދު 3 ސެޕްޓެމްބަރު 2020 14:09
Flowers
މި ޒަމާނުގެ ޤަޠަރު

ސެޕްޓެންބަރު މަހުން 3 ވަނަ ދުވަހަކީ ޤަޠަރަށް އާދައިގެ ދުވަހެއް ނޫނެވެ. 1971 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހަކީ ޤަޠަރަށް އެ ޤައުމުގެ މިނިވަންކަން އިނގިރޭސީންގެ އަތްދަށުން ލިބުނު ތާރީޚީ ދުވަހެވެ. އެދުވަކީ އެ ޤައުމުގެ ސަރުކާރަށް ޤަޠަރުގެ ކަންކަން ހިންގުމުގެ ފުރިހަމަ މިނިވަންކަން ލިބުނު ދުވަހެވެ. އެ ދުވަހަށް ފަހު ޤަޠަރަކީ މިނިވަން މުސްތަޤިއްލު ދައުލަތެއް ކަމުގައި ވިއެވެ. 

ޤަޠަރުގެ މައްޗަށް އިނގިރޭސި ރާޖާގެ ބާރު ހިނގަން ފެށީ 1868 ވަނަ އަހަރުގައި އައްޝައިޚު މުޙައްމަދު ޘާނީ އިނގިރޭސި ވެރިކަމާއެކު ހެދި އެއްބަސްވުމާއެކުއެވެ. އެ އެއްބަސްވުމުގެ ދަށުން ޤަޠަރަކީ ވަކި ސިޔާސީ ޝަޚުޞެއްގެ ގޮތުގައި އިނގިރޭސި ދައުލަތުން ބަލައިގަނެފިއެވެ. މި މުޢާހަދާގެ ދަށުން ޤަޠަރުން ބޭރުން އަންނަ ނުފޫޒުތަކުން އެޤައުމު ހިމާޔަތްކުރުމަށް އިނގިރޭސިން އެއްބަސްވިއެވެ.

މުޅި ދުނިޔެއަށައި މެދުއިރުމައްޗަށް 1916 ވަނަ އަހަރު ބޮޑެތި ބަދަލު އައެވެ. އެގޮތުން ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، ޢުސްމާނީ ޚިލާފަތް އެހަނގުރާމައިން ބަލިވެ، މެދުއިރުމަތީގައި އިނގިރޭސި ނުފޫޒު އިހުނަށްވުރެ ވަރުގަދަވިއެވެ. އެއާއެކު އެއިރު ޤަޠަރުގެ ވެރިއަކަށް ހުންނެވި އައްޝައިޚު ޢަބްދުﷲ ބިން ޖާސިމް އާލް ޘާނީ  އިނގިރޭސިންނާއެކު ހިމާޔަތުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ. އެ އެއްބަސްވުމަކީ 11 ނުކުތާއެއްގެ މައްޗަށް އެކުލެވޭ އެއްބަސްވުމެކެވެ. 

ވަޠަނުގެ ސިޔާދަތަށް އަރައިގަތުމަށް ނޫނެކޭ! 

މި އެއްބަސްވުމުގައި ހިމެނޭ 11 ނުކުތާގެ ތެރެއިން ތިން ނުކުތާއަކާމެދު ޖާސިމް ހިތްޕުޅުހަމަޖެހިވަޑައިނުގެން އެ މާއްދާތައް އުނިކުރުމަށް އެދިވަޑައިގަތެވެ. އެތިން މާއްދާއަކީ އިތާމުތުގެ ވިޔަފާރީގައި އިނގިރޭސިންނަށް ޤަޠަރު ރައްޔިތުންނާ ވާދަކުރުން ހުއްދަކުރާ މާއްދާއަކާއި، އިނގިރޭސި ރެޒިޑެންސީއެއް ޤާއިމުކުރުމަށް އޮތް މާއްދާއަކާއި، އިނގިރޭސި ޕޯސްޓު ޚިދުމަތެއް ޤަޠަރުގައި ޤާއިމުކުރުމަށް އޮތް މާއްދާއެކެވެ. 

އިނގިރޭސިވިލާތާއި ޤަޠަރުގެ މެދުގައި އެކުލަވައިލެވުނު އެއްބަސްވުމުގައި ޤަޠަރަށް ފައިދާހުރި ބައެއް މާއްދާތައްވެސް ހިމެނެއެވެ. އެގޮތުން ކަނޑުގެ ފަޅިން ޤަޠަރަށް ހިމާޔަތްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވިއެވެ. ހަމައެހެންމެ އެއްވެސް ބާރަކުން ޤަޠަރުގެ ދާޚިލީ ކަންކަމަށް ވަނުމަށް ހުރަސްއެޅުމަށްވެސް އެ އެއްބަސްވުމުގައި އިނގިރޭސިން ޢަހުދުކަށަވަރު ހިފިއެވެ. 

ގާތްގަނޑަކަށް 20 އަހަރު ދުވަހަށް މި އެއްބަސްވުން ސާބިތުކަމާއެކު ދެމިގެން ދިޔައެވެ. ނަމަވެސް 1935 ވަނަ އަހަރުގައި މުޅިން އައު އެއްބަސްވުމެއް އެކުލަވައިލެވި ކުރިން ހެދި އެއްބަސްވުމަށް އިތުރު ނުކުތާތަކެއް އިތުރުކުރިއެވެ. އެގޮތުން އިނގިރޭސި ޕެޓްރޯލު ކުންފުންޏަށް ޤަޠަރުގެ ތެޔޮ ނަގައި ބޭނުންކުރުމުގެ ހުއްދަ ދިނެވެ. އަދި ޤަޠަރުގައި އިނގިރޭސި ރެޒިޑެންސީއެއް ޤާއިމުކުރުމަށް އެއްބަސްވިއެވެ. އެ ރެޒިޑެންސީ ޤާއިމުކުރެވުނީ 1949 ވަނަ އަހަރެވެ. 

ޤަޠަރާއި އިނގިރޭސި ސަރުކާރުގެ މެދުގައި އޮތް ގުޅުން  1968 އާ ހަމައަށް 1935 ވަނަ އަހަރުގެ އެއްބަސްވުމާ އެއްގޮތަށް ދެމިގެން ދިޔައެވެ. 1968 ވަނަ އަހަރު އިނގިރޭސިން ސުވެސްގެ އިރުމަތީގައި ހުރި ހުރިހާ ސަރަހައްދުތަކުން ފައިބަން ނިންމިކަން އިއުލާނުކުރިއެވެ. މިހިސާބުން އިނގިރޭސިން އެ ބިންތަކުން ފޭބުމުން އުފެދޭ ސިޔާސީ ހުސްކަން ފުރުމަށް ޤަޠަރުގެ އިމާރާތުތައް އެކުވެ، އިއްތިހާދެއް އުފެއްދިއެވެ. 

އެންމެ ފުރަތަމަ ޤާނޫނު އަސާސީއައި އިސްތިޤުލާލު

ހަތް އިމާރާތެއް އެކުވެގެން އުފެއްދި އިއްތިޙާދު ކާމިޔާބުކުރުމަށް ޤަޠަރުން ވަރަށް ބޮޑަށް މަސައްކަތްކުރި ނަމަވެސް އެއިއްތިޙާދަކީ ކާމިޔާބު އިއްތިޙާދެއް ކަމުގައި ނުވިއެވެ. މި ސަބަބަށްޓަކައި އަމިއްލައަށް އަމިއްލަ ކަންކަން ހިންގުމަށް ބޭނުންވާ ބައެއް ޤާނޫނުތައް ޤަޠަރުން އުފެއްދިއެވެ. އެގޮތުން 1969 ވަނަ އަހަރު ޚާރިޖީ ގުޅުންތަކާ ބެހޭ ޤާނޫނެއް އުފެއްދިއެވެ. އެ ޤާނޫނަކީ މިހާރުގެ ޚާރިޖީ ވުޒާރާގެ އަސާސެވެ. ދައުލަތުގެ އަސާސީ ނިޒާމުގެ ނަމުގައި ޤަޠަރުގެ ފުރަތަމަ ޤާނޫނު އަސާސީ ވުޖޫދުވީ 1970 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އެ ދުސްތޫރުގެ ދަށުން ޤަޠަރުގެ ފުރަތަމަ ވަޒީރުންގެ މަޖިލިހާއި ދައުލަތުގެ އިތުރު އިދާރާތަކުގެ އިޚުތިޞާޞުތަކާއި ތަރުތީބުތައް އެކަށައެޅިގެން ދިޔައެވެ. 

އިޢުލާން 

ހުރިހާ ތަރުތީބުތައް ފުރިހަމަކުރުމަށްފަހު ޤަޠަރާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން ނިންމައިލީ 1971 ވަނަ އަހަރުގެ 3 ސެޕްޓެންބަރު މަހުގައި ނިންމާފައެވެ. އެއާއެކު ޢަބްދުﷲ ބިން ޖާސިމް 1916 ވަނަ އަހަރު ހެދި އެއްބަސްވުން ނިމުމަކަށް އައިކަން އިއުލާނުކުރިއެވެ. އެއާއެކު ފުރިހަމަ ސިޔާދީ ބާރު ލިބިފައިވާ ދައުލަތެއް ކަމުގައި ޤަޠާރު ވިއެވެ. އަދި ހަމަ އެ މަހުގައި ޤަޠަރުވަނީ ޢަރަބި ދައިލަތްތަކުގެ އިއްތިހާދާއި އދއާ ގުޅުނެވެ. 

ޤަޠަރުގެ މިނިވަންކަން އިޢުލާނުކުރެއްވި ޤަޠަރުގެ 6 ވަނަ ޙާކިމް ކަމުގައި އަމީރު އައްޝައިޚް ޚަލީފާ ބިން ޙަމަދު އާލް ޘާނީއެވެ. އެއާއެކު ޤަޠަރަކީ ޢަރަބި ދައުލަތެއް ގޮތުގައި ބިނާކުރުމާއި ވެރިކަމުގެ ނިޒާމުތައް ބައްޓަން ކުރުމަށް ބޭނުންވާ ވުޒާރާތަކާއި އިދާރީ އިންތިޒާމުތައް ތަރުތީބުކުރިއެވެ. މިއަދު ޤަޠަރަކީ ދުނިޔޭގެ އެންމެ މުއްސަނދި އަދި ތަނަވަސް ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމެވެ. 

ކިޔުންތެރިންގެ ހިޔާލު