Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ބްރޯ އާއި ޖެހި ރައީސް ނަޝީދު ބަލިވެއްޖެ!

ފައްޔާޒު އިސްމާއިލް. ފޮޓޯ:ވަން
މިދިޔަ ހަފްތާގައި ރާއްޖޭގެ ގިނަ މީހުންނަށް އެންމެ ސިހުން ލިބުނު އެއް ހަބަރަކަށްވީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަައްމަދު ނަޝީދު، ވެރިކަން ކުރާ އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅުނު ހަބަރެވެ.
ވެރިކަން ކުރާ ޕާޓީގެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަންގަވަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އުޅުއްވުމަކީ ކުޑަކަމެއް ނޫނެވެ. މީޑިއާތަކަށް ހަބަރު ތިލަވި އިރުވެސް 20 މެމްބަރުންގެ ސޮއި އެކަމަށް ތާއީދުކޮށް ލިބިފައިވާކަމަށް އެ މައްސަލައަށް ތާއީދުކޮށް ސޮއި ކުރެއްވި ބައެއް މެމްބަރުން ވިދާޅުވިއެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ބޭނުންފުޅުވާ ސީދާ ސަބަބު ރައީސް ނަޝީދު މީޑިއާތަކުގައި ވިދާޅުނުވި ނަމަވެސް އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕުތަކަށް އެމަނިކުފާނު ފޮނުވާފައި ހުރި މެސެޖުތަކުން ފައްޔާޒާއި މެދު ބޮޑު ހިތްހަމަ ނުޖެހުމެއް އޮތްކަން އެނގުނެވެ.
"ފަޔާވެސް މި ޕާޓީތެރޭގައި ބްރޯ ވެގެން އުޅެގެން ނުވާނެ. ނިޒާމުތެރޭގައި އުޅުއްވާ،" ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައިވެއެވެ."މި ފެންނަނީ ފަޔާ މީހުންނަށް ބޮޑުދައްކައި ނުފޫޒު ފޯރުވައި ކޮންޓްރެކްޓް ދީ ހުރިހާ ތަނަކަށް އައި ލަސްތަން. އެހެން މިކަމެއްނުވާނެ،" އިތުރަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ބްރޯ" އަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ނިސްބަތްކޮށް ކިޔަމުން އައި ނަމެކެވެ. އަދީބަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބާރުގަދަކަމަށް ބެލެވުނު ވަޒީރެެވެ. އޭރު އަދީބަކީ ރައްޔިތުންގެ މަޖިލިހާއި ކޯޓުތައް އަދި ފުލުހުންގެ އިދާރާއާއި މާލޭގެ ގްރޫޕްތައްވެސް ކޮންޓްރޯލްކުރެއްވި ބޭފުޅާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ރައީސް ނަޝީދު ފައްޔާޒަށް ނަސޭހަތްތެރިވީ އެގޮތަށް ނޫޅުއްވުމަށެވެ.
ފައްޔާޒަށް ބްރޯ ހެދިގެން ނޫޅުއްވުމަށާއި، ޕާޓީ ތެރޭ ވަކި ޕަވަރ ބޭސްއެއް ބިނާކޮށް ނެޓްވޯކު ނެހެދޭނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެެވެ. އަދި ފައްޔާޒާއި ދެކޮޅަށް ސޮއި ކުރި މެމްބަރުންނާއި ދިމާނުކުރުމަށާއި އެމަނިކުފާނުވެސް އެހުންނެވީ އެކަމާއި ނިކުންނަވައި ކަމަށް ވިދާޅުވިއެވެ. އެމޭރުމުން އެމަނިކުފާނު ވިދާޅުވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ފައްޔާޒުގެ ވޯޓާއި ގުޅިގެން ދެއްކި ވާހަކަތަކެއްގެ ރައްދުގައެވެ."އަޅުގަނޑުވެސް މިއީ ތިޔަހާ ކުޑަކުއްޖެއް ނޫން. ވަކި ޕަވާ ބޭސް އާއި ނެޓްވޯކް ނުހެދޭނެ. އެމްޑީޕީ އެއްކައިރި ނުކުރެވޭނެ. ފަޔާގެ އިތުބާރު ނެތް ކަމަށް 30 އެމްޕީއަކު ބުނީމާ ދެން ދިމާކުރަންވީ އެމްޕީންނަކާ ނޫން. އަޅުގަނޑުވެސް މި ނުކުތީ،" އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.އެހާ ތާއީދު ކުޑަވެދާނެ ކަމަށް ނަޝީދު ހީފުޅުނު ނުކުރައްވާ!
ތިމަންމަނިކުފާނުވެސް މިހުންނެވީ ނިކުންނަވާފައި ކަމަށް ރައީސް ނަޝީދު ވިދާޅުވެ އެމްޑީޕީ މެމްބަރުންގެ ސޮއި ހޯއްދަވަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެކަމުގައި ރައީސް ނަޝީދު ފާޅުކަންބޮޑު ގޮތެއްގައި ވީ ބައްޔެވެ. އެންމެ ފުރަތަމަ ސޮއި ކުރެއްވި 23 މެމްބަރުންގެ ތެރެއިންވެސް ބައެއް މެމްބަރުންގެ ސޮއި އަނބުރާ ގެންދެވިއެވެ. ރައީސް ނަޝީދު މަސައްކަތް ކުރެއްވީ 33 މެމްބަރުންގެ ސޮއި ހަމަކޮށް އެގޮތަށް ވޯޓު ދިނުމަށް ޕާޓީއިން 3 ލައިން ވިޕެއް ނެރުމަށެވެ. ނަމަވެސް އެ އަދަދަށް ސޮއި ހަމަ ކުރެވޭ ގޮތެއް ނުވިއެވެ.
"އަސްލު އޭގައި ހިތުން ރުހުމުން 10 މެމްބަރުންވެސް ސޮއި ނުކުރައްވާ. ރައީސް ނަޝީދު ކުރެއްވި ކަމަކީ މަޖިލީސް ސައި ކޮޓަރީގައި ބައެއް މެމްބަރުން ތިއްބަވަނިކޮށް ގޮސް މޭޒުމަތީ ގަނޑު ބާއްވާފަ އެންގެވީ ސޮއި ކުރަން. ރައީސަށް ކުރާ އިހުތިރާމެއްގެ ސަބަބުން ސޮއި ކުރީ. އެކަމަކު ތަޅުމާ ހަމައިން ސޮއި ކުރި މެމްބަރުންވެސް ވޯޓު ނުދޭނެ." ދިޔަރެސް އަށް މައުލޫމާތު ދެއްވި އެމްޑީޕީގެ މަޖިލީސް މެމްބަރަކު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އާންމު ގޮތެއްގައި ރައީސް ނަޝީދާއި އެއްކޮޅަށް ތިއްބަވާ މަދު މެމްބަރުން ފިޔަވާ ދެން އެ މައްސަލާގައި ސޮއި ކުރެއްވި ހުރިހާ މެމްބަރުންހެން ވަނީ އެކި އުޒުރުތައް ދައްކަވާ ސޮއި އަނބުރާ ގެންދަވާފައެވެ.ބްރޯ ފަރާތުން ފައިސާގެ ނުފޫޒާއި ބިރު!
ފައްޔާޒާއި ދެކޮޅަށް ސޮއި ކުރެއްވި މެމްބަރުންތައް ނަން އަނބުރާ ގެންދެވީ މަޖުބޫރު ވެގެންނާއި ފައިސާގެ ނުފޫޒުގައި ޖެހިގެން ކަމުގައި ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް "ދިޔަރެސް" އަށް މައުލޫމާތު ދީފައިވެއެވެ.
މިގޮތުން، ސޮއި ކުރެއްވި ބައެއް މެމްބަރުންނަށް، މެމްބަރުންގެ ދާއިރާތަކުގައި ހިނގަމުންދާ މަޝްރޫއުތައް ހިންގުމަށް އެ މެމްބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކާއި ހަވާލު ކުރުމަށް ފައްޔާޒު ވަނީ ޑީލް ހުށަހެޅުއްވި ކަމަށާއި، އަދި މީގެ އިތުރުން އަލަށް މަޖިލީހަށް ހޮވިވަޑައިގެންނެވި ބައެއް ޒުވާން މެމްބަރުންނަށް ސީދާ ނަގުދު ފައިސާ ދިންކަމުގެ މައުލޫމާތު ވެސް އެބޭފުޅާ ވަނީ "ދިޔަރެސް" އަށް ކަށަވަރުކޮށްދީފައެވެ.
ފައިސާއަށް ނުހެއްލުނު މެމްބަރުންނަށް ދިނީ އެކި އިންޒާރުތަކެވެ. މިގޮތުން މެމްބަރުން މެދުވެރިވެގެން ސިޔާސީ މަޤާމުތަކަށް ހޮވިފައި ތިބި މެމްބަރުންގެ އާއިލާ ފަރާތްތަކާއި ގާތް މީހުންގެ ވަޒީފާ ގެއްލުވާލާނެ ކަމުގެ ބިރާއި، މެމްބަރުންގެ ކުންފުނިތަކަށް ދީފައިވާ މަޝްރޫއުތައް ހުއްޓާލާނެ ކަމުގެ ބިރު ވަނީ ދައްކާފައެވެ. އޭގެ ސަބަބުން ފައްޔާޒާއި ދެކޮޅަށް ސޮއި ކުރެއްވި މެމްބަރުންތަކަށް ޖެހުނީ ނަން އަނބުރާ ގެންދާށެވެ.ރައީސް ޞާލިޙްވެސް ހިޔާރުކުރެއްވީ ފައްޔާޒް
މިނިސްޓަރު ފައްޔާޒަކީ މިސަރުކާރުގައި އެންމެ ގަދަޔަށް އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ ވަޒީރު ކަމަށާއި އަދި ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭފަދަ ކަމެއް މިހާތަނަށް ކޮށްފައިނުވާކަމަށް ބުނެ، ރައީސް ޞާލިޙްވަނީ ފާޅުގައި ފައްޔާޒުގެ ދިފާޢުގައި ނުކުންނަވާފައެވެ.
އެގޮތުން "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި"އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބަ އޮތް މިނިސްޓަރު ފަޔާއާ ދޭތެރޭގައި. ސަރުކާރުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވުމުގައި މިނިސްޓަރު ފަޔާ ހުންނެވީ. އަޅުގަނޑުމެން ވި ވައުދުތައް ފުއްދުމުގައި ވެސް ހުންނެވީ ވަރަށް ކުރީގައި. ޚާއްސަކޮށް ކޮވިޑާ ގުޅިގެން މި ދިމާވި ކަންކަން ހައްލު ކޮށްދެއްވުމުގައި ވަރަށް ބުރަކޮށް އުޅުއްވާ މިނިސްޓަރެއް އެއީ، އެހެންވީމާ ފަޔާ ދިފާއު ކުރަން އަޅުގަނޑު މަސައްކަތް ކުރާނަން" ރައީސް ވިދާޅުވިކަމަށް ރިޕޯޓް ކޮށްފައިވެއެވެ.
މިސަރުކާރުގައި އެންމެ ބާރުގަދަ އަދި ރައީސް ޞާލިޙްގެ ވެސް އެންމެ އަރިސް ވަޒީރަކީ ފައްޔާޒުކަމުގައި ގިނަ ބަޔަކު ބުނެއެވެ. އެގޮތުން ޤައުމީ ބޮޑެތި ނިންމެވުންތައް ނިންމެވުމުގައި އެހެން ހުރިހާ ބޭފުޅުންގެ ބަހަށްވުރެ ފައްޔާޒުގެ ލަފަޔާއި އިރުޝާދަށް ރައީސް ޞާލިޙް އިސްކަން ދެއްވާކަމަށް ބުނެއެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ތަކުގައި ރައީސް ޞާލިޙްގެ އަމިއްލަ ވިސްނުންފުޅާއި ދެކޮޅަށް ކެރިގެން ބަސްވިދާޅުވެ ރައީސްގެ ވިސްނުންފުޅު ބަދަލުކުރާ ބޭފުޅެއްގެ ގޮތުގައި ފައްޔާޒު ގިނަ މިނިސްޓަރުން ފާހަގަކުރެއެވެ.ނަޝީދުގެ ސިޔާސީ ހަޔާތުގައި ދިމާވި އެންމެ އުނދަގޫ ދަނޑިވަޅު
އެމްޑީޕީގެ 15 އަހަރުގެ ދިގު ތާރީހުގައިވެސް ރައީސް ނަޝީދަށް މިހާ އުނދަގޫ ދަނޑިވަޅަކާއި ކުރިމަތިނުވެއެވެ. ޕާޓީގައި މީގެ ކުރިން ތިއްބެވި ނުފޫޒު ގަދަ ބޭފުޅުންނާއި، ޕާޓީގެ ރައީސް ކަން ކުރެއްވި ބޭފުޅުންނާއި އަދި އެމަނިކުފާނަށް ޗެލެންޖަކަށް ވެދާނެހެން ހީފުޅުވި އެންމެން ވަނީ ޕާޓީން ދުރުކުރެވިފައެވެ. ނޫނީ ޕާޓީތެރޭގައި އެމީހުން ތިބެންވާ ހިސާބު ހަނދާން ކޮށްދީފައެވެ. ޑރ.މުނައްވަރާއި، ފައްޔާޒް އިސްމާޢީލްގެ ބޭބެ އިބްރާހީމް އިސްމާޢީލް (އިބްރާ) އަދި އަލްހާން ފަހުމީ ފަދަ ބޭފުޅުން ޕާޓީން އެއްކައިރިކޮށް އެބޭފުޅުން ފެޔަށްޖެހެން މަޖުބޫރު ކުރުވި ހާދިސާތައް މިކަމުގެ ހެއްކަކަށް ފުދެއެވެ. ޕާޓީގެ ޤައުމީ މަޖިލީހުގެ ކޮންޓްރޯލް ރައީސް ނަޝީދުގެ އަތްޕުޅުގައި އަބަދުވެސް އޮވެއެވެ. ޕާޓީގެ ނަމުންނާއި ބޭރުފުށުން ޑިމޮކްރެޓިކްކަން ދެއްކިއަސް އެމަޖިލީހަކީ މިހާތަނަށް ނަޝީދު ބޭނުންފުޅުވާ ގޮތަށް އަަމަލު ކުރާ ގޮނޑިކޮއްކޮ މަޖިލީހެކެވެ.
ނަމަވެސް މިއަދު ހާލަތު ވަރަށް ތަފާތުވެއްޖެއެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކޮންޓްރޯލްވެސް ރައީސް ނަޝީދަށް ވަނީ ގެއްލިފައެވެ. އެއަށްފަހު ޕާޓީގެ އެންމެ ބާރުގަދަ ގުނަވަން ކަމުގައިވާ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ކޮންޓްރޯލްވެސް ވަނީ ގެއްލިފައެވެ. މިއީ ރައީސް ނަޝީދު ދުވަހަކުވެސް ހިޔާލަށް ގެނެވިފައިނުވާ ހާލަތެކެވެ. އެއްވެސް މިންވަރަކަށް ހަޖަމުކުރެވޭނެ ސިޔާސީ ހަޤީޤަތެއް ނޫނެވެ. ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިޚާބަށް ރައީސް ސާލިޙް ދެވަނަ ދައުރަކަށް ކުރިމަތި ނުލައްވާނެކަން ސިޔާސީ ގިނަ މުފައްކިރުން ކަށަވަރުކޮށްދޭ އިރު، ބްރޯ ފައްޔާޒު މިވަގުތު ފެންނަނީ އެމްޑީޕީގެ ތެރޭގައި ހުރި ރައީސް ނަޝީދު އެންމެ ޖެހިލުންވާ ބޭފުޅާ ގޮތުގައެވެ. އަދި ފައްޔާޒު އެމްޑީޕީގެ ތެރެއިން އެއްކޮށް ޖަމާކުރަމުންދާ ސިޔާސީ ސަޕޯޓާއި، ނުފޫޒާއި، ބާރާއި، ތަނަވަސްކަމާއިއެކު މީގެ ތިން އަހަރު ފަހުން ރިޔާސީ ޓިކެޓަށް ފައިނަގައިފިނަމަ އެބޭފުޅާ ބަލިކުރުމަކީ މިއަދުގެ އަޖަލުގައި ފެންނަންހުރި ސިޔާސީ ހަޤީޤަތްތަކަށް ބަލައިއިރު ރައީސް ނަޝީދަށް ކުރެވޭނެކަމެއްގެ ގޮތުގައި ނުފެނެއެވެ.
މި ލިއުމާއި ގުޅޭ