Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަރުމަވަންތަ ހޮސްޕިޓަލު

ދަރުމަވަންތަ ހޮސްޕިޓަލުގެ "އަސްލު" އަގު

ދަރުމަވަންތަ ހޮސްޕިޓަލް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫއުއަކީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތެވެ.
25 ބުރީގެ މި އިމާރާތަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ އުސް އިމާރާތެވެ. މައުލޫމާތު ލިބޭ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް އެޅުމަށް 143 މިލިއަން ޑޮލަރު ވަނީ ޚަރަދުކުރެވިފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތްސިންގަޕޫރްގެ ޝެންހުއާ ކޮންސްޓްރަކްޝަންއާއި ހަވާލު ކުރުމާއި އެކު އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ. އަދި އެ އަގަށް އޭގެ 2 އިމާރާތް އެޅޭނެކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރިއެވެ. އަދި އެ ހޮސްޕިޓަލާއި ގުޅުވައިގެން ދައްކާ ހުރިހާ ވާހަކައެއްގައި އެ ހޮސްޕިޓަލަކީ އޭގެ 2 ހޮސްޕިޓަލް އެޅޭނެހާ ލާރިން އެޅި ހޮސްޕިޓަލެއްކަމަށް އެ ފަރާތްްތަކުން ތުހުމަތުކުރެއެވެ. ހުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ތަފާތު އެތައް ފަހަރެއްގެ މަތިން މިމޭރުމުން ވާހަކަ ދައްކަވާފައި އެބަހުއްޓެވެ. ދާދި ފަހުން ބޭއްވި ނޫސް ކޮންފަރެންސެއްގައިވެސް އެ އިމާރާތުގެ އަސްލު އަގު ހޯއްދަވާނެ ކަމަށާއި އެ އިމާރާތް އެޅުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ކަމުން މި އިމާރާތުގެ "އަސްލު" އަގާއި މެދު ދިރާސާތަކެއްކޮށްލުން މުހިންމެވެ.

އިމާރާތެއްގެ އަގު ކަނޑަ އަޅަނީ ކިހިނެއް؟

ޕަބްލިކް ފާހާނާ ބަރިއެއް އެޅިއަސް، ނޫނީ 25 ބުރީގެ ޓަވަރެއް އެޅިއަސް ދެ މަސައްކަތުގެވެސް އަގު އާންމުކޮށް ކަނޑައަޅަނީ އެއްކަހަލަ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށެވެ. މިގޮތުން އަގު ކަނޑައެޅުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި، މަސައްކަތަށް ބޭނުން ކުރާ ސާމާނުގެ އަގު، މަސައްކަތަށް ހޭދަވާ ވަގުތު، މަސައްކަތުގެ ބުރަމިން، ބިނާ ކުރާ ތަނެއްގެ ބޮޑު މިން، އަދި ބިނާއެއް ރޭނުމުގައި ބޭނުން ކުރާ ސިމެންތި، ހިލަ، ހިލަވެލި އަދި މި ނޫންވެސް ތަކެތީގެ އަގެވެ. މިހުރިހާ ކަންކަމުގެ ތެރެއިންވެސް އާންމު ގޮތެއްގައި މަސައްކަތަށް ހޭދަވާ ވަގުތަކީ އަގު ކަނޑައެޅުމުގައި އެންމެ ބޮޑު ބުރަދަން އެކުލެވޭ ބައެވެ. މަސައްކަތުގެ އަވަސް އަދި ލަސް މިނަށް ބަލައި އަގަށް ބޮޑެތި ބަދަލުތައް އާދެއެވެ.

25 ބުރީގެ އިމާރާތެއް އަޅަން 143 މިލިއަން ޑޮލަރު ބޮޑުތަ؟

ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތުގެ އަގާއި ގުޅޭ ގޮތުން އާންމު ގޮތެއްގައި ވާހަކަ ދައްކަވަނީ ސިޔާސީ ބޭފުޅުންނެވެ. ރާއްޖޭގައި ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތައް ހުރި އިރު، އެއިން އެއްވެސް ކުންފުންޏަކުން، އެ އިމާރާތް އެއަށްވުރެ ހެޔޮ އަގެއްގައި އެޅިދާނެއެކޭ ބުނެފައި ނެތެވެ. ދެން މިސާލަކަށް 143 މިލިއަން ޑޮލަރު އެއީ ބޮޑު އަގެއް ކަމުގައި ވާނަމަ، އެ އަގު ބޮޑުވެދާނެ ސަބަބުތައް ބައިވަރެވެ. ފުރަތަމަ ޤަބޫލު ކުރަންޖެހޭ ހަޤީޤަތަކީ މި އުސްމިނުގެ އިމާރާތެއް ރާއްޖޭގެ ތާރީހުގައިވެސް އަޅާފައި ނެތްކަމެވެ. އަދި ރާއްޖޭގައި ބިނާ ކުރެވިފައި ހުރި މިފަދަ އިމާރާތްތަކާއި ބަލާއިރު މި އިމާރާތް އެޅުމުގެ ސްޕީޑު ނުހަނު އަވަސް ކަމެވެ. އެންމެ 3 އަހަރާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިމާރާތުގެ ހުރިހާ މަސައްކަތެއްހެން ވަނީ ނިމިފައެވެ.

އިމާރާތުގެ އުސްމިނަކުން އަގު ނުނިންމޭނެ

މި އިމާރާތުގެ އަގު ބޮޑުކަމަށް ބުނާ މީހުން އާންމުގޮތެއްގައި ކުރާކަމެއް އޮވެއެވެ. އެއީ ދުނިޔޭގެ އެކިއެކި އިމާރާތް ތަކުގެ އުސް މިނާއި އެ އިމާރާތްތަށް އަޅަން ހިނގި ހަރަދާއި ދަރުމަވަންތަ ހޮސްޕިޓަލުގެ އަގު އަޅާކިޔުމެވެ. މިގޮތުން މިހާރު އެންމެ ގަދަޔަށް އަޅާ ކިޔަނީ ދާދި ފަހުން ލަންކާގައި ހުޅުވި ލޮޓަސް ޓަވަރާއި ދަރުމަވަންތަ ހޮސްޕިޓަލެވެ. އެގޮތުން އެ ޓަވަރަށް 104.3 މިލިއަން ޑޮލަރު ހޭދަވި ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލަށް 143 މިލިއަން ޑޮލަރު ހޭދަވީ ކިހިނެއްހޭ އަހާ ސުވާލު އުފައްދައެވެ. އެ އުސޫލުން ބަލާއިރު 2011 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުން އައްޑޫގައި ބިނާކުރެއްވި ކޮންވެންޝަން ސެންޓަރަށް 200 މިލިއަން ރުފިޔާ ޚަރަދުވިއެވެ. އެއީ އެންމެ 2 ފަންގި ފިލާގެ އިމާރާތެކެވެ. އެ އިމާރާތްވެސް އެޅި ނިސްބަތުން ވަރަށް އަވަހަށެވެ. އިމާރާތުގެ އުސްމިނުން އަގު ކަނޑައަޅާނަމަ، ކޮންވެންޝަން ސެންޓަރުގެ އަގަކަށް 200 މިލިއަން ރުފިޔާ އަރައިގެންނުވާނެއެވެ. ސަބަބަކީ އެގޮތުން ބަލާނަމަ އެއީ ފަންގިފިލާއަކަށް 100 މިލިއަން ރުފިޔާއެވެ. އެހެން ކަމުން ދެ އިމާރާތެއް އަޅާ ކިޔާއިރު ފަންގިފިލާގެ އަދަދަށްބަލައިގެން އަގާއި ބެހޭގޮތުން ވާހަކަ ދެއްކުމަކީ މޮޔަކަމެކެވެ.

ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ނެތުމުން ލިބޭ ގެއްލުން އަގު ނުކުރެވޭނެ

25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް 143 މިލިއަން ޑޮލަރަށްވުރެ އަގުހެޔޮކޮށް އެޅިދާނެ ކަމާޢި މެދު ޝައްކެއްނެތެވެ. 10 އެއް ނޫނީ 15 އަހަރުން އެކަން ކުރަން އުޅުނުނަމަ އެ އިމާރާތުގެ އަގު 50% ކުޑަވާނެއެވެ. މިސާލަކަށް އައިޖީއެމްއެޗްގެ 11 ބުރީގެ އިމާރާތް ނިމުނީ 9 ވަރަކަށް އަހަރުންނެވެ. 2007 ވަނަ އަހަރު ރައީސް މައުމޫންގެ ދައުރުގައި އަޅަން ހަވާލުކުރި އިމާރާތް ނިންމާ ހުޅުވީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެ ލަސް މިނުގައި އެތަން އަޅާ ނިމުނު އިރު ރައްޔިތުން ތިބީ އެއަށްވުރެ ބޮޑު ހޮސްޕިޓަލަކަށް ބޭނުންޖެހިފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ސަބަބުން ރާއްޖެއިން މީގެ ކުރިން ލިބެން ނެތް އެތައް ފަރުވާއެއް ރާއްޖެއިން ލިބޭނެއެވެ. މީގެ ސަބަބުން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުވާނެއެވެ.އެމްއެމްއޭއިން ހެދި ދިރާސާއަކުން ދައްކާގޮތުން މިދިޔަ 4 އަހަރުވެސް އެންމެ ގިނައިން ރާއްޖެއިން ބޭރަށް މީހުން ދަތުރު ކުރީ ބޭސް ފަރުވާއަށެވެ. އަދި ކޮންމެ ދަތުރުކު އެވަރެޖްކޮށް 878 ޑޮލަރު މީހަކު ޙަރަދު ކުރާކަމަށްވެއެވެ. ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް 10 އަހަރު ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދާ މީހުންގެ އަދަދު ދާނީ ދަށްވަމުންނެވެ. މީގެ ސަބަބުން އިޤްތިސާދަށް އޭގެ ސީދާ އަސަރު ކުރާނެއެވެ. ރާއްޖެއިން ބޭރުވާ ފައިސާގެ އަދަދު މަދުވާނެއެެވެ. މި ހޮސްޕިޓަލް ނެތްނަމަ އޭގެ ސަބަބުން ލިބޭނެ އިޤްތިސާދީ އަދި އިޖުތިމާއީ ގެއްލުންތައް ފައިސާ އަކުން އަގު ނުކުރެވޭނެއެވެ.
އެހެން ކަމުން ބޮޑު އަގެއް ހޭދަކޮށްފައިވެސް މިފަދަ ހޮސްޕިޓަލެއް އެޅުމަކީ ކުރަންޖެހޭ ކަމެކެވެ. ރައްޔިތުންނަށް މުހިންމީ މި ހޮސްޕިޓަލުގެ "އަސްލު" އަގު ހޯދުމެއް ނޫނެެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމެވެ.
މި ލިއުމާއި ގުޅޭ