Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

އުތުރުގެ ރަށެއްގައި އިންޑިއާ މީހުން އާބާދު ކުރަނީ؟!

އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ލަޤަބު އަރުވަނީ
ހއ. ދައްޕަރުގައި އިންޑިއާ މީހުން އާބާދު ކުރުމަށް އިންޑިއާ ސަރުކާރުން ދިވެހިރާއްޖޭގެ ސަރުކާރަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު "ދިިޔަރެސް" އަށް ލިބިއްޖެއެވެ.
ދައްޕަރަކީ ހއ.ފިއްލަދޫގެ އުތުރުން އެ ރަށާއި ގުޅިފައި އޮންނަ ބޮޑު ފަޅުރަށެކެވެ. "ދިޔަރެސް" އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އިންޑިއާ އިން ދިވެހިރާއްޖެއަށް ހުށަހަޅާފައިވަނީ ދައްޕަރުގައި ވިލާތަކެއް އެޅުމަށްފަހު އެތަންތަން މިލްކުކުރެވޭ ގޮތަށް ނޫނީ ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދިނުމަށެވެ. އަދި އެގޮތަށް ދޫކުރާ ފަރާތްތަކަށް ރާއްޖެއިން ރެޒިޑެންސް ވިސާ ދިނުމަށް ހުށަހަޅާފައިވެއެވެ. އެތަންތަނުގެ މިލްކުވެރިންނަށް، އެމީހުންގެ އާއިލާ އަދި ރަށްޓެހިންވެސް އެތަންތަނަށް ގެނެވޭނެފަދަ ގޮތަކަށް ޤާނޫނުތަކަށް ބަދަލު ގެނައުމަށްވެސް އިންޑިއާ ސަރުކާރުން ވަނީ ހުށަހަޅާފައެވެ.އިޤްތިސާދީ މަޝްރޫއެއްގެ ނިވަލުގައި!
ދިވެހި ސަރުކާރުން އަދި ރަސްމީކޮށް މިކަމަށް އެއްބަސްވެފައި ނުވިނަމަވެސް، ސަރުކާރުގެ ބައެއް އިސްވެރިން މިހާތަނަށް ދައްކަވާފައި ހުރިވާހަކަ ތަކުން، ސަރުކާރުން މިކަން ކުރިޔަށް ގެންދަން ބޭނުންވާކަން ހާމަވެއެވެ. މިގޮތުން، ދާދިފަހުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ރާއްޖެއަށް އިންވެސްޓުކުރާ ބިދޭސީންނަށް "ސެކަންޑް ހޯމް" ޕްރޮގްރާމެއް ހިންގުމުގެ ވިސްނުން އެބަހުރި ކަމަށާއި، އެ ޕްރޮގްރާމް ހިންގުމަށްޓަކަައި ރެޒިޑެންސީ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި މިނިސްޓަރު ވަނީ ހއ.ދައްޕަރުގައި އެފަދަ ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާކަމަށްވެސް ވިދާޅުވެފައެވެ.
ބިދޭސީ އިންވެސްޓަރުންނަށް ހާއްސަ ޕްރޮގްރާމެކޭ ސަރުކާރުން ބުނި ނަމަވެސް، މި މަޝްރޫއުއަށް ހަރަދުކުރަން ނިންމާފައިވަނީ އިންޑިއާގެ ކުންފުންޏަކުންނެވެ. އަދި އެ މަޝްރޫއު ހިންގަން އިންޑިއާ އިން ދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ.
"ދިޔަރެސް" އާއި ވާހަކަ ދެއްކެވި ޚާރޖީ ދާއިރާގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި، އިންޑިއާގެ ސަރުކާރުން ސީދާ އެ މަޝްރޫއު ހިންގަން އެހާބޮޑަށް ބާރު އެޅުމުގައި ފޮރުވިފައިވާ ސިއްރުތަކެއް ހުންނާނެއެވެ.ހ.ހަނިމާދޫގައި މިހާރު އިންޑިއާގެ މަތިންދާބޯޓެއް ބޭއްވުމުގެ އެއްބަސްވުމެއްގައި އެ އޮތީ ސޮއިކުރެވިފަ. ހަނިމާދޫ އާއި އެހާ ކައިރި ރަށެއްގައި ދިގު މުއްދަތަށް ބޭރު މީހުންނަށް ތިބެވޭނެ ފަދަ ގެދޮރު ބިނާ ކުރުވަން އިންޑިއާ އިން މަސައްކަތް ކުރުމަކީ ހަގީގަތުގައިވެސް ދިވެހިން ފުންކޮށް ވިސްނަން ޖެހޭކަމެއް
ދައްޕަރާއި ހަނިމާދޫ އާއި ދެމެދު ހުންނަނީ ގާތްގަނޑަކަށް 20 ކިލޯމީޓަރެވެ. މި މަޝްރޫއުގެ ކަންކަން އެނގޭ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "ދިޔަރެސް" އަށް މައުލޫމާތު ދެއްވިގޮތުގައި، އިންޑިއާގެ ހަގީގީ އަމާޒަކީ، ދައްޕަރުގައި ބިނާކުރާ ގެތަކުގައި އިންޑިއާ އަސްކަރީ މީހުންނާއި، ޖާސޫސުން ރޮޓޭޓިން ބޭސިސްއެއްގައި ބޭތިއްބުމެވެ.
"މިކަން ކާމިޔާބުވެއްޖެނަމަ، މިކަމުން ސަލާމަތްވާން ވަރަށް އުނދަގޫވާނެ. ޖީއެމްއާރު އެއްބަސްވުން އުވާލުމުންވެސް އެތައް މިލިއަން ޑޮލަރު ދައްކަން ޖެހުނު ނޫންތޯ؟ މިއީ އެއަށްވުރެ މާ ވަރުގަދަ އެއްބަސްވުމަކަށް ވާނެ. ރާއްޖެ އެމީހުންގެ މަޅީގައި ރަނގަޅަށް ޖެހޭނެ" އެ ބޭފުޅާ ވިދާޅުވިއެވެ.ކުރިންވެސް އެމްޑީޕީ ސަރުކާރުން ކުރަން އުޅުނު ކަމެއް!
ދައްޕަރުގައި ބޭރު މީހުންނަށް މިލްކު ކުރެވޭގޮތަށް ވިލާތަކެއް އަޅަން ކުރިންވެސް އެމްޑީޕީ ސަރުކާރުން އުޅުނެވެ."ދިޔަރެސް" އަށް ލިބިފައިވާ ބައެއް ލިޔެކިޔުންތަކުން މި މަޝްރޫއުއާއި ގުޅޭ ބައެއް މައުލޫމާތު އެނގުނެވެ. މިގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ދައްޕަރުގައި 200 ވިލާ އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސް އާއި ހަވާލުކުރެވުނެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ކޮޓަރިއާއި، 2 ކޮޓަރި އަދި އެއް ކޮޓަރީގެ ލަގްޒަރީ ވިލާތެކެވެ.އަދި އޭރު ހެދި އެއްބަސްވުމުގެ ދަށުން ނޫމަޑިން އެތަން މެނޭޖު ކުރިނަމަވެސް، އެ ވިލާތަށް ގަންނަ ފަރާތްތަކަށް އެތަނުގައި ދާއިމަށް އުޅެވޭނެއެވެ. އަދި އެމީހުންގެ އާއިލާ އާއި ރަހުމަތްތެރިންނަށްވެސް އެތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
މިލިޔެކިޔުންތަކުން އެނގޭ ގޮތުގައި މިރަށް ފަރުމާކުރުމަށް އެއިރު ނިންމާފައިވަނީ އެރަށުގައި ޚާއްޞަ ސެކިއުރިޓީ ޕޯސްޓުތަކެއް ހުންނަ ގޮތަށެވެ. ރަށުގައި އެރަށަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމައަށް ހިމަނައިގެންނެވެ. ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތްވެސް މިރަށުގައި ފުރިހަމައަށް ޤާއިމުކޮށް މަޝްރޫޢު ނިމޭއިރު، އެރަށުގައި ދިރިއުޅޭ ބަޔަކަށް "ސެލްފް ރިޒިލިއެންޓް" ނުވަތަ އަމިއްލަ ނަފުސަށް ބަރޯސާވާ ދިރިއުޅުމެއް އެރަށުގައި އުޅެވޭނެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާ ގޮތަށެވެ. މިއެއްބަސްވުމުގައި ނޫމަޑިއާއެކު ސޮއިކޮށްފައިވަނީ 2011 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.
ނޫމަޑިއަށް ކޮންޓްރެކްޓު ހަވާލުކުރެވުނު ނަމަވެސް މުޅި މި މަޝްރޫއަށް ފަންޑުކުރަން އޭރު ހަމަޖެއްސީ އޭޔޫއާރް ހޯލްޑިން ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެއީ ބްރިޓިޝް ވާޖިން އައިލޭންޑްސް ގައި ރެޖިސްޓަރކޮށްފައިވާ ކުންފުންޏެކެވެ. އިންޓެނެޓުން ކުޑަކޮށް ދިރާސާކޮށްލުމުން އެނގުނު ގޮތުގައި އެ ކުންފުންނީގެ މައި ހިއްސާދާރަކީ ރާޖޭޝް ލައިފް ސްޕޭސެސް ނަމަކަށް ކިޔާ އިންޑިއާގެ ރިއަލް އެސްޓޭޓް ކުންފުންޏެކެވެ. އެ ކުންފުންޏަކީ އިންޑިއާގެ މުމްބާއީގައި ފުޅާދާއިރާއެއްގައި އިމާރާތްކުރުމުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. އެ މަޝްރޫއު އޭރު ހިންގަން ހަވާލު ކުރެވުނު ނަމަވެސް އެމްޑީޕީގެ ވެރިކަން ބަދަލުވެ އެ މަޝްރޫއު ކުރިއަކަށް ނުދެއެވެ. އަދި ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ނޫމަޑިއާއި އެކު ވެވެފައިވާ އެއްބަސްވުންވެސް ވަނީ ބާތިލު ކުރެވިފައެވެ.އާބާދުކުރުމާއި އިސްތިއުމާރު
ފަހުގެ ތާރީޚުގައި ފެންނަން އޮތް ހަގީގަތަކީ ޤައުމުތައް ހަތިޔާރުން އިސްތިއުމާރުކުރުން ނިމުމަކަށް އައިސްފައިވާ ކަމެވެ. ޤައުމުތައް އިސްތިއުމާރުކުރުމަށް ބޭނުންކުރާ އިސްތިރާޖީ ރޭވުންތަކުގެ ތެރެއިން އެންމެ ފަސޭހައިން ޤައުމެއް އިސްތިއުމާރުކުރެވޭ ގޮތަކީ އެޤައުމެއްގައި "ކޮލޯނިއަލް ސެޓުލްމެންޓުތައް" ޤާއިމުކުރުމެވެ. މިސާލަކަށް ފަލަސްޠީނު ބިމަށް ބައްލަވާށެވެ. ފަލަސްޠީނުގެ ބިން ކުޑަވަމުން އިސްރާއީލުގެ އަތް ދަށަށް ނަގަމުން ގެންދިޔައީ ހަތިޔާރުގެ ބާރުގައި އެކަންޏެއްނޫނެވެ. ބައިނަލްއަޤުވާމީ ޤާނޫނީ ހުރިހާ އުސޫލުތަކާ ޚިލާފަށް ފަލަސްޠީނު ބިމުގައި ޔަހޫދީން ޤާއިމުކުރާ އާބާދުވުންތައް "ސެޓުލްމެންޓުތައް" އިސްރާއީލުގެ ބައިތަކެއް ކަމުގައި ހަމަޖައްސައިގެންނެވެ.
އިހަށްދުވަހު ބައިނަލްއަޤުވާމީ މީޑިޔާގެ ފަލަ ސުރުޚީތަކަށް އެރީވެސް މިބާވަތުގެ ކަމެކެވެ. އުރުދުން ވާދީއާއި، ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި، ޤާނޫނާ ޚިލާފަށް ޔަހޫދީން އާބާދުވެފައިވާ ސަރަހައްދުތައް އިސްރާއީލަށް ނެގުމުގެ ވާހަކައެވެ. އެއިރުން މިހާރަށްވުރެވެސް ބޮޑަށް ފަލަސްޠީނުގެ ބިން މަދުވާނެއެވެ.
އިސްރާއީލުގެ ވާހަކަ އެއްފަރާތުގައި ބާއްވާފައި މިހާރު ކަޝްމީރުގައި ހިނގާ ކަންކަމަށް ބައްލަވާށެވެ. ކަޝްމީރުގެ އާބާދީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، މުސްލިމުންގެ އަޣުލަބިއްޔަތު ކަޝްމީރުން ފުހެލުމަށް ކަޝްމީރުގައި ހިންދޫންނަށް ރެސިޑެންސީ ދޫކޮށް އެތަނުގައި އާބާދުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. ކަޝްމީރަށް އިންޑިޔާގެ ޤާނޫނު އަސާސީގައި ލިބިފައިވާ ޚާއްޞަ އިމްތިޔާޒުތައް އުވައިލުމަށްފަހު، އިންޑިޔާއިން މިމަޝްރޫޢު ފަށާފައިވަނީ އިސްރާއީލުން ފަލަސްޠީނުގައި އާބާދުވުންތައް ޤާއިމުކޮށް އިސްތިއުމާރުކުރާ އުޞޫލުން ކަމަށް ކަޝްމީރުގެ ކަންކަން ދިރާސާކުރާ ބޭފުޅުން ވިދާޅުވެއެވެ.މިނިވަންކަން ބީވެގެން ހިނގައިދާނެ!
2018 ވަނަ އަހަރުގެ 1 ފެބްރުއަރީގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ތަންފީޒު ނުކޮށްގެން އިންޑިއާއިން ވަރަށް ގަދައަށް އުޅުނެވެ. އޭރު އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އިންޑިއާގެ ކުރީގެ ޑިޕްލޮމެޓަކު ބުނެފައިވަނީ، ޖީއެމްއާރުންް އެއާޕޯޓު ހިންގިއިރު އެތަނަށް ސެކިއުރިޓީންގެ ގޮތުގައި އިންޑިއާގެ އަސްކަރިއްޔާ މީހުން، ޖީއެމްއާރު މުވައްޒަފުންގެ ހެދުން އަޅާފައި ބޭތިއްބުމަށް އޭނާ ލަފާދީފައިވާނެ ކަމަށެވެ. އަދި އެގޮތަށް ތިބިނަމަ، އެއާޕޯޓު އަތުލަންވެސް ފަސޭހަ ނުވާނެކަމަށް އޭނާ ބުންޏެވެ.


އިންޑިއާގެ ޑިޕްލޮމެޓެއްގެ ބަސްމަގު މިގޮތަށް ހުރުމުން، އެމީހުންގެ ދިވެހިރާއްޖެއާއި މެދު ދެކޭގޮތް ވަރަށް ސާފެވެ. އިންޑިއާ އިން ދެކެނީ މިއީ އެމީހުންގެ "ބެކްޔާޑް" ކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބުމަކީ އިންޑިއާ އަށް ލިބިފައިވާ ހައްޤެއް ކަމަށްވެސް ދެކެއެވެ. އެހެން ކަމުން، އިންޑިއާ އިން ހަރަދު ކުރާގޮތަށް، ދައްޕަރުގައި "ސެކަންޑް ހޯމްސް" ތަކެއް ބިނާ ކުރުމަކީ، އިންޑިއާގެ އަސްކަރިއްޔާ އަދި ޖާސޫސުން ރާއްޖޭގައި ދާއިމަށް ދެމިތިބެވޭނެ ގޮތަށް މަގުފަހި ކުރުމަށް ހުޅުވާލެވޭ ދޮރަކަށް ނޫނީ ނުވާނެއެވެ. އެ ފުރުސަތު ދީފިނަމަ. ދެން ލިބޭނީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެކެވެ.
މި ލިއުމާއި ގުޅޭ