ޕީޖީ ޝަމީމުގެ މައްސަލަ: ބާ ކައުންސިލުގެ ފުރަތަމަ އިމްތިޙާނު

ޝިފްޒާން އަހްމަދު 23 ޖުލައި 2020 11:38
Flowers
ބާ ކައުންސިލްގެ ބައެއް މެމްބަރުން

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ބާ ކައުންސިލަކީ ޢުމުރުން ހަގު ޅަފަތުގައި އޮތް ޤާނޫނީ މުއައްސަސާއެކެވެ. އެމުއައްސަސާއަކީ ދިވެހިރާއްޖޭގެ މުޅި ޤާނޫނީ ނިޒާމުގެ ހައިބަތާއި ޝަރަފު ނެގެހެއްޓުމާއި، ޤާނޫނީ ފަންނާމެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް އެކަށައެޅިފައިވާ މުއައްސަސާއެކެެވެ. އެމުއައްސަސާގެ ޅަފަތުގައި އެމުއައްސަސާ އަށް ހުށަހެޅުނީ ބޮޑު މައްސަލައެކެވެ. ދިވެހި ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާ އުފުއްލެވުމުގެ ދުސްތޫރީ ޒިންމާއާ ހަވާލުވެވަޑައިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޙުސައިން ޝަމީމާމެދު އުފުލިފައިވާ ބޮޑެތި ތުހުމަތުތަކެކެވެ. ދައުލަތުގެ ދެ ވަކީލުންގެ ތެރެއިން ޖިނާއީ ޢަދުލުގެ ނިޒާމުގެ އެއް ތަނބުގެ ގޮތުގައި ހުންނެވި ވަކީލާމެދު އުފުލިފައިވާ ތުހުމަތުތަކެކެވެ. މިމައްސަލަވާނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މުސްތަޤުބަލު ބައްޓަންކުރާނެ މުހިއްމު މައްސަލައަކަށެވެ. 

ބާ ކައުންސިލުގެ ޒިންމާ

ޤާނޫނީ ފަންނުގެ 5 ވަނަ މާއްދާގައި ބާ ކައުންސިލުގެ މަޤުޞަދު ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެމާއްދާގެ (ހ)ގައި ބުނެފައިވަނީ ބާ ކައުންސިލުގެ މަޤުޞަދުތަކުގެ ތެރޭގައި "ދިވެހިރާއްޖޭގައި މަސައްކަތްކުރާ ވަކީލުގެން ޙައްޤުތަކާއި އިމްތިޔާޒުތައް ހިމާޔަތްކުރުމާއި، ޤާނޫނީ ވަކީލުކަން ހުއްދަ ދީ، ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް، ފިޔަވަޅު އަޅައި ބެލެހެއްޓުމާއި، ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ އުޞޫލުތައް ކަނޑައެޅުމާއި، ޤާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންސާފުވެރިކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުން" ހިމެނޭ ކަމުގައެވެ. އަދި މިމާއްދާގެ (ނ)ގެ ދަށުން ވަކީލުންގެ ސުލޫކީ މިންގަނޑުތައް އެކަށެއެޅުމާއި އެމިންގަނޑުތައް ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީވެސް އެކައުންސިލުގެ މަޤުޞަދެއް ކަމުގައި ބުނެފައިވެއެވެ. 

މިހާރު ބާ ކައުންސިލަށް ހުށަހެޅިފައިވާ ޙުސައިން ޝަމީމުގެ މައްސަލައަކީ ކުރިން މިދެންނެވި މަޤުޞަދާ ސީދާ ގޮތުން ގުޅުންހުރި މައްސަލަތަކެކެވެ. ޙުސައިން ޝަމީމުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ވަކީލުންގެ ސުލޫކީ މިންގަނޑު ކަމަށް މިޤާނޫނުން އެނގޭ މިންގަނޑުތަކާ ގުޅުންހުރި މައްސަލަތަކެކެވެ. ޕީޖީގެ މަޤާމުގެ ސަބަބުން މިމައްސަލަތަކުގެ ޚުޠޫރަތްތެރިކަން އިތުރުވެއެވެ. ސަބަބަކީ ޕީޖީއަކީ އާދައިގެ ވަކީލެއް ކަމުގައި ނުވާތީއެވެ. 

ޤާނޫނު އަސާސީގެ 220 ވަނަ މާއްދާގައި ސާފުކޮށް ބުނެފައިވަނީ ވަކި އަތަކަށް ނުޖެހޭ ޕްރޮސެކިއުޓާ ޖެނެރަލެއް ދިވެހިރާއްޖޭގައި ހުންނަންވާނެ ކަމުގައެވެ. މިހާރު ބާ ކައުންސިލަށް ހުށަހެޅިފައިވާ ތުހުމަތުތައް ސާބިތުވެއްޖެނަމަ، ޙުސައިން ޝަމީމަށް ވަކި އަތަކަށް ބުރަވެވަޑައިނުގެން ޕީޖީގެ ޒިންމާ އަދާކުރެއްވޭނެ ކަމުގައި ބެލުމުގެ ފުރުޞަތު އެކީ ބަންދުވާނެއެވެ. އަދި ޕީޖީ އަމިއްލަފުޅަށް މިހާތަނަށް އެތުހުމަތުތަކާ ގުޅިގެން ދައްކަވާފައިވާ ވާހަކަފުޅަށް ބަލާއިރުވެސް އޭނާއަށް ރައްޔިތުންގެ ގިނަ ބައެއްގެ އިތުބާރު ގެއްލިފައިވުމަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް އިތުބާރު އިއާދަކުރުމަށް ރިއާޔަތްކުރާންޖެހޭ ކަމެކެވެ. 

ވަކީލަކު ކޮށްގެން ނުވާނެ ބައެއް ކަންކަން 

ޤާނޫނީ ފަންނުގެ ޤާނޫނުގައި ވަކީލުން ކޮށްގެންނުވާނެ ވަރަށް ގިނަ ކަންކަން ސާފު ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެޤާނޫނުގެ 39 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ އެއް މުވައްކިލެއްގެ މަސްލަހަތާ އަނެއް މުވައްކިލުގެ މަސްލަހަތު ފުށުއަރާނެ ފަދަ ކަމެއް ވަކީލަކު ކޮށްގެން ނުވާނެ ކަމުގައެވެ. ޙުސައިން ޝަމީމުގެ މުވައްކިލަކީ މިވަގުތު ދިވެހި ދައުލަތެވެ. ދިވެހި ރައްޔިތުންނެވެ. އޭނާ ތަމްސީލުކުރައްވަނީ ޖަމާޢީ މަޞްލަޙަތެވެ. އަޅުގަނޑާއި މިލިޔުން ވިދާޅުވާ ހުރިހާ ބޭފުޅުންގެ މަޞްލަޙަތެވެ. މިމައްސަލަ ބާ ކައުންސިލަށް ހުށަހެޅި، ހުށަހެޅުނު މައްސަލައިގެ ތަފުސީލުތައް ފެންމަތިވެ، މީޑިޔާގެ ސުރުޚީތަކަށް އެރުމާ ހަމައަށް މުޙައްމަދު ޙުސައިން (އޮއިއްޓެ)ގެ ވަކީލެއްގެ ގޮތުގައި ހުސައިން ޝަމީމު އުޅުއްވިކަން އަޅުގަނޑުމެންނަށް އޮތީ ވަންހަނާވެފައެވެ. މައްސަލައިގެ ޚުޠޫރަތްތެރިކަމާއި މައްސަލައަކީ ދިވެހިންގެ އާންމު މަސްލަހަތާ ގުޅުފައިވާ، ދައުލަތުގެ ފައިސާއާ ގުޅިފައިވާ މައްސަލައެއް ކަމުގައިވާއިރު، މިފަދަ ކަމެއް ވަންހަނާ ކުރެއްވުމަކީ އެއީ ދައުލަތުގެ މަސްލަހަތާއި ޝަމީމުގެ ކުރީގެ މުވައްކިލު އޮއިއްޓެގެ މަސްލަހަތާ ފުށުއަރާ ކަމެއް ކަމުގައިނުވާނެ ހެއްޔެވެ؟ 

ކުރިން ދެންނެވި މާއްދާގެ (ބ)ގައި ބުނެފައިވަނީ "ޢާންމު މުޖުތަމަޢުގެ މެދުގައި ޤާނޫނީ ވަކީލުންނާއި، ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިދާނެ ފަދަ އެއްވެސް ކަމެއް" ކޮށްގެން ނުވާނެ ކަމުގައެވެ. ދައުލަތުގެ ވަކީލެއްގެ މަޤަމަށް ވަޑައިގަތުމުގެ ކުރިން، ދައުލަތުން ދައުވާކުރަންޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލައިގެ ޚަޞްމުންގެ ތެރެއިން 2 މީހެއްގެ ވަކީލެއްގެ ގޮތުގައި އުޅުއްވައިމެ، އެކަން ވަންހަނާކުރެއްވުމަކީ އެއީ ޢާންމު މުޖުތަމަޢުގެ މެދުގައި ޤާނޫނީ ވަކީލުންނަށް އޮންނަ އިތުބާރު ގެއްލޭނެ ކަމަކަށްނުވާނެ ހެއްޔެވެ؟ އަދި އަމުދުން ޖިނާއީ ޢަދުލުގެ ނިޒާމާމެދު ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލޭ ކަމަކަށްނުވާނެ ހެއްޔެވެ؟ 

މިޤާނޫނުގެ 41 ވަނަ މާއްދާގައި ބުނެފައިވަނީ "ޤާނޫނީ ވަކީލެއްގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދިދާނެ ފަދަ އެއްވެސް ކަމެއް އެވަކީލަކު ކޮށްގެން ނުވާނެ" ކަމުގައެވެ. މިމާއްދާއަށް ވިސްނާއިރު، ދައުލަތުގެ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރެއްވުމުގެ ކުރިން ދައުލަތުން މިހާރު ތަހުގީގުކޮށް ދައުވާކުރުމުގެ މަސައްކަތްކުރާ އެންމެ ބޮޑު، އަދި ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތަކާ ގުޅިފައިވާ މައްސަލާގައި ތުހުމަތުވާ ފަރާތެއްގެ ވަކީލެއްގެ ގޮތުގައި އުޅުއްވައި، އެކަން ޢާންމުކޮށް ހާމަނުކުރައްވައި ހުންނެވުމާއި، އެމައުލޫމާތު މީޑިޔާއަށް އިސްވެ ދެންނެވި މައްސަލަ ބާ ކައުންސިލަށް ހުށަހެޅުމާ ހަމައަށް ވަންހަނާކުރެއްވުމަކީ ޙުސައިން ޝަމީމުގެ ނަޒާހާތްތެރިކަމާމެދު ސުވާލުއުފައްދާ ކަމެއް ނޫންތޯއެވެ؟ މިއީ ހައްތާވެސް މިމައްސަލައާ ގުޅިފައިވާ ސުވާލުތަކެވެ. 

ވަކީލުންނަށް އެމައްސަލަތަކަކާ ހަވާލުނުވެވޭނެ މައްސަލަތައްވެސް ޤާނޫނީ ފަންނުގެ ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެޤާނޫނުގެ 42 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ "މިނިވަންކަމާއެކު މަސައްކަތްކުރުމަށް ހުރަސް އެޅިދާނެ ކަމަށް ފެންނަ މަސައްކަތްތަކާ ހަވާލުވެގެން ނުވާނެ ކަމުގައެވެ. (ށ)ގައި ބުނެފައިވަނީ އެމަސައްކަތެއްގައި ނުވަތަ އެމައްސަލައެއްގައި ހިމެނޭ އަނެއް ފަރާތަކީ ޙަވާލުކުރެވިފައިވާ މައްސަލައާ ގުޅިގެން ކުރިން ޤާނޫނީ ލަފާދީފައިވާ ފަރާތަކަށްވާނަމަ، އެމައްސަލާގައި ވަކާލާތުކޮށް މަސައްކަތްކޮށްގެން ނުވާނެ ކަމުގައެވެ.

އިސްވެ ދެންނެވުނު 2 ނުކުތާތަކުގެ އަލީގައި ދައްކަންޖެހޭ މުހިއްމު ވާހަަކަތަކެއް އެބަހުއްޓެވެ. އެމްއެމްޕީއާރުސީ މައްސަލައަކީ ބޮޑު ވިއުގައެއް ހިމެނިގެން ހިނގައިދިޔަ މައްސަލައެކެވެ. މިދެންނެވުނު ވިއުގައިގައި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ އިރުޝާދުގެ ދަށުން، ޖަރީމާ ހިންގި ކަމަށް ތުހުމަތު ކުރެވެނީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތާއި، އަދީބުގެ ގާތް ބައެއް އެކުވެރިންނެވެ. މިދެންނެވި މީހުން ތެރެއިން މުޙައްމަދު ޙުސައިން (އޮއިއްޓެ)އަކީ ވަރަށް މުހިއްމު އެއް ފަރާތެވެ. 

މިދެންނެވި ހަމަތަކުގެ މަތިން ވިސްނާއިރު، މުޅި އެމްއެމްޕީއާރުސީ ކޭހަކީ ޝަމީމު އެކޭހަކާ ދުރުގައި ހުންނަވަންޖެހޭ ކޭހެކެވެ. ތުހުމަތުވާ ޖަރީމާގެ މުގުލުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބޮޑު ދެ ބޭފުޅެއްގެ ވަކީލެއްގެ ގޮތުގައި ޝަމީމު އުޅުއްވުމަކީ މިމައްސަލަ ނަޒާހާތްތެރިކަމާއެކު، މިނިވަންކަމާއެކު މަސައްކަތްކުރުމަށް ހުރަސް އެޅިދާނެ ސަބަބެއް ކަމުގައި ހަމަބުއްދިން ވިސްނައިލުމުން ޤަބޫލުނުކުރާންވީ ސަބަބެއް އެބަ އޮތްހެއްޔެވެ؟ 

ބާ ކައުންސިލަށް އިމްތިޙާނެއް

މިމައްސަލާގައި ޝަމީމާމެދު ބޮޑެތި ތުހުމަތުތަކެއް ކުރެވެއެވެ. އެގޮތުން އެއް ތުހުމަތަކީ ޒިޔަތުގެ ވަކީލެއްގެ ގޮތުގައި ޕީޖީކަމާ ހަވާލުވެވަޑައިގަތުމާ ހަމަައަށް މަސައްކަތްކުރެއްވި ކަމުގެ ތުހުމަތެވެ. ދެވަނަ ތުހުމަތަކީ އޮއިއްޓެގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ އިނގިރޭސިވިލާތަަށް ވަޑައިގެން އެސްއޯއެފުގެ ޚަރަދުގައި އެކޮޅުގައި ހުންނެވި ކަމުގެ ތުހުމަތެވެ. އަދި އުޖޫރައިގެ ގޮތުގައި 20،000 ޕައުންޑު ލިބިވަޑައިގަތްކަމުގެ ތުހުމަތެވެ. މިތުހުމަތުތަކަށް ޝަމީމު އިންކާރުކުރައްވާފައިވެއެވެ. 

ޒިޔަތުގެ ވަކީލެއްގެ ގޮތުގައި 2019 ވަނަ އަހަރުގެ މޭ މަހުން ފެށިގެން މަޤާމާ ހަވާލުވެވަޑައިގަތުމާ ހަަމައަށް ޝަމީމު އުޅުއްވި ކަމުގެ ހެކީގެ ގޮތުގައި، ޒިޔަތުއާ ތަހުގީގުގައި ސުވާލުކުރުމަށްފަހު ފުލުހުން ދިން ޤާނޫނީ އިންޒާރުތަކުގައި ވަކީލުގެ ހައިސިއްޔަތުން ޝަމީމު ސޮއިކުރެއްވި ކަމުގައާއި، އެލިޔުން ފެންނަން ހުންނާނެ ކަމުގައި މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވެއެވެ. އަދި ޒިޔަތުގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއިރު އެމައްސަލާގައި ވަކީލެއްގެ ހައިސިއްޔަތުން ސޮއިކުރެއްވީ ޝަމީމު ކަމުގައިވެސް އެސިޓީގައި ބުނެފައިވެއެވެ. 

ބާ ކައުންސިލަށް މިމައްސަލަ ބޮޑު އިމްތިހާނަކަށްވާ ވަަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. އެއިން އެއް ސަބަބަކީ ޙުސައިން ޝަމީމަކީ ސިޔާސީ ގޮތުން ބުރަދަންހުރި ފަރާތަކަށްވުމެވެ. ޕީޖީގެ މަޤާމަށް ވަޑައިގަތުމުގެ ކުރިން ދިވެހިރާއްޖޭގެ ސިޔާސީ ގިނަ ލީޑަރުންތަކެއްގެ ވަކީލެއްގެ ގޮތުގައި އޭނާވަނީ މަސައްކަތްކުރައްވާފައެވެ. އަދި އެމްޑީޕީގެ އެކްޓިވެސްޓެއްގެ ގޮތުގައި އިނގިރޭސިވިލާތުގައި އެޕާޓީން ހިންގި ހަރަކާތްތަކުގައިވެސް ހުސައިން ޝަމީމް ބައިވެރިވެވަޑައިގެންފައިވެއެވެ. އެހެންކަމުން ސިޔާސީ ގޮތުން ޝަމީމަކީ ނުފޫޒުގަދަ ބޭފުޅެކެވެ. މިވަގުތު އޭނާއަކީ ދައުލަތުގެ ޕީޖީއެވެ. މައްސަލަތަކާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމުން މީޑިޔާތައް އެއްކުރައްވައި މައްސަލަ ބެއްލެވި ޤާޟީއަށް ފާޑުވިދާޅުވުމުގެ ސަގާފަތެއް ޝަމީމު މިހާރުވަނީ އުފައްދަވާފައެވެ. ޝަމީމަކީ އޭނާ ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކޮންމެ ބޭފުޅަކީ ފޮތް ނުކިޔާ ތަންދޮރު ނުދަންނަ މީހެއް ކަމުގައި ވިދާޅުވާ ބޭފުޅެކެވެ. މިފަދަ ބާރުގަދަ، "ސިޔާސް" ލާނެތް ބޭފުޅެއްގެ މައްސަލަ ބެލުންވާނީ އުދަގޫ ކަމަކަށެވެ.

މިމައްސަލަ ގުޅި ލާމެހިފައިވަނީ ވަރަށް ބޮޑު މައްސަލައަކާއެވެ. ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައާއެވެ. އެހެންކަމުން ދައުލަތުގެ ޖިނާއީ ވަކީލަށް ކުރެވޭ ތުހުމަތުތައް އަދުލުވެރިކަމާއެކު، ދެފުށް ފެންނަ ގޮތަކަށް ތަހުގީގުކުރުމަކީ ވަކީލުންނާމެދު އިތުބާރު ޤާއިމުކުރުމުގެ އިތުރަށް، ޖިނާއީ ޢަދުލުގެ މުޅި ނިޒާމަށް އިތުބާރު އިއާދަކުރުމަށާއި، ރައްޔިތުންގެ އިހުތިރާމު މިނިޒާމަށް ލިއްބައިދިނުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ބާ ކައުންސިލާ ކުރިމަތިވެފައިވަނީ ބޮޑު އިމްތިޙާނެކެވެ. އެއިމްތިޙާނުގެ ނަތީޖާއަށް ބިނާވެފައިވަނީ ދިވެހި ދައުލަތުގެ އަދުލު އިންސާފުގެ ނިޒާމެވެ. އުންމީދަކީ މިހަގު، ޅަފަތުގައި އޮތް އައު މުއައްސަސާއިން ދިވެހި ދައުލަތަށް ނަޒާހަތްތެރިކަމުގެ މިސާލެއް ދައްކުވައިދިނުމެވެ. 

ކިޔުންތެރިންގެ ހިޔާލު