ހިޔާ ފުލެޓުތަކުގެ އަގު: ރޮކެޓް ސައިންސެއް ނޫން!

ހުސެން ޒަހީން 17 ޖުލައި 2020 13:55
Flowers
ހިޔާ ފްލެޓުތައް. ފޮޓޯ: މޯލްޑިވްސް ޓައިމްސް

ހިޔާ ފުލެޓުތަކާއި ބެހޭގޮތުން އިއްޔެއަކީ އަނެއްކާވެސް ވަރަށް ގިނަ ވާހަކަތަކެއް ދެކެވުނު ދުވަހެކެވެ. އެހެންކަމުން ކިޔުންތެރީންނަށް ސާފުކޮށްދޭންޖެހޭ ބައެއްކަންކަން ތިލަކޮށް ދެވޭތޯ ބަލާނަމަވެ. މިހާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވާ ފަދައިން މިއީ ރޮކެޓް ސައެންސެއް ނޫނެވެ. އަގުތަކުގެ ތަފްސީލަށް ދިއުމުގެ ކުރީން ބައެއް މުހިންމު ނުކުތާތަކަށް އަލިއަޅުވާލާނަމެވެ.

ލައިބޯރ އަކީ ކޮބާ؟

ލައިބޯރއަކީ ލަންޑަން އިންޓަރބޭންކް އޮފަރޑް ރޭޓްސްއެވެ. މިއީ އިނގިރޭސިވިލާތުގެ ބޮޑެތި ބޭންކުތައް އެއް ބަޔަކު އަނެއް ބަޔަކަށް ކުރު މުއްދަތަކަށް ފައިސާ (ލޯނު) ދޫކުރުމުގައި ބޭނުންކުރާ އިންޓްރަސްޓް ރޭޓެވެ. ވަރަށް ގިނަ ލޯނުތައް ދޫކުރުމުގައި މި މިންގަނޑު ބޭނުންކުރެއެވެ. މީގެ އެންމެ ފާހަގަކޮށްލަންޖެހޭ ނުކުތާއަކީ މިއީ ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ ހާލަތަށް ބަލައި ބަދަލުވެދާނެ ރޭޓެއްކަމެވެ. މުޅި ދުނިޔޭގެ މާލީ ނިޒާމުގައި 350 ޓްރިލިއަން ޑޮލަރަށްވުރެ ގިނަ މުއާމަލާތްތަކުގައި ލައިބޯރ ބޭނުންކުރެވެއެވެ.

ހިޔާ ފުލެޓުތަކާއި ލައިބޯރ

ހިޔާ ފުލެޓުތަކުގެ ކޮންޓްރެކްގެ އަގަކީ 434 މިލިއަން ޑޮލަރެވެ. މިލޯނު ނަގާފައިވަނީ ލައިބޯރ + 3.3% އިންޓަރެސްޓުގައެވެ. އެހެންކަމުން، 62,000 ޑޮލަރު ނުވަތަ 956,040 ރުފިޔާގެ އަދަދު ލޯނު ކަލްކިއުލޭޓަރުގައި ޖަހައިގެން އަންނަ އަދަދުތައް ތިރީގައި ހިމަނާލަނީއެވެ.

20 އަހަރަށް ބަހާލާނަމަ:

ހިޔާ ފުލެޓެއްގެ އެންމެ ކުޑަ ކުލި: 3.3% އިންޓަރެސްޓުގައި: މަހަކު 5,446.90

ހިޔާ ފުލެޓެއްގެ ކުލި: 4% އިންޓަރެސްޓުގައި: މަހަކު 5,793.41

ހިޔާ ފުލެޓެއްގެ ކުލި: 5.3% އިންޓަރެސްޓުގައި: މަހަކު 6,468.95

ހިޔާ ފުލެޓެއްގެ ކުލި: 6% އިންޓަރެސްޓުގައި: މަހަކު 6,849.37

ހިޔާ ފުލެޓެއްގެ ކުލި: 13% އިންޓަރެސްޓުގައި: މަހަކު 11,200.73

15 އަހަރަށް ބަހާލާނަމަ:

ހިޔާ ފުލެޓެއްގެ އެންމެ ކުޑަ ކުލި: 3.3% އިންޓަރެސްޓުގައި: މަހަކު 6,741.05

ހިޔާ ފުލެޓެއްގެ ކުލި: 4% އިންޓަރެސްޓުގައި: މަހަކު 7,071.71

ހިޔާ ފުލެޓެއްގެ ކުލި: 5.3% އިންޓަރެސްޓުގައި: މަހަކު 7,710.15

ހިޔާ ފުލެޓެއްގެ ކުލި: 6% އިންޓަރެސްޓުގައި: މަހަކު 8,067.61

ހިޔާ ފުލެޓެއްގެ ކުލި: 13% އިންޓަރެސްޓުގައި: މަހަކު 12,096.22

ފާއިތުވި 10 އަހަރަށް ބެލި ނަމަވެސް ލައިބޯރ ރޭޓު އާންމުކޮށް ހުރީ 1% އަށްވުރެ ދަށްކޮށެވެ. އެމެރިކާގެ މާލީ އިދާރާތަކަށް ގެނެވުނު އިސްލާހުތަކެއްގެ ތެރޭގައި 2017 އަދި 2018 ވަނަ އަހަރު އެންމެ މައްޗަށް ލައިބޯރ އެރީވެސް 2% އަދަދަކަށެވެ. މިހަފުތާގައި ލައިބޯ ރޭޓު ހުރި މިންވަރުކަމަށް 0.48% އިގައެވެ. އަދި އެއް މަސްކުރިން ހުރީ 0.59% ގައެވެ. 

އެހެންކަމުން 20 އަހަރުގެ މުއްދަތަށް ބަލާނަމަ، ފުލެޓެއް 5,800 ރުފިޔާ އާއި 6,800 ރުފިޔާއާއި ދެމެދު ނުދެވޭންވީ އެއްވެސް ސަބަބެއް ނެތެވެ. އަދި 15 އަހަރަށް ބަލާނަމަ 7,000 ރުފިޔާ އާއި 8,000 ރުފިޔާގެ ދެމެދުގެ އަގަކަށް ނުދެވޭންވީ އެއްވެސް ސަބަބެއް ނެތެވެ. ސަރުކާރުން އެ އިތުރުކުރާ 5,200 ރުފިޔާ ނުވަތަ 3,000 ރުފިޔާއަކީ ކޮންމެ ފުލެޓަކުން ރައްޔިތުންގެ އަތުން ކޮންމެ މަހަކު އެޗްޑީސީއަށް ހޯދައިދެވޭ ފައިދާއެކެވެ.

ސަރުކާރުން ދައްކާ ހުއްޖަތަކީ ކޮބާ؟

މަތީގައި ފާހަގަކުރެވިފައިވަނީ ލޯނު ކަލްކިއުލޭޓަރުގައި ޖަހައިގެން މިހާރުގެ ހައުސިންގ މިނިސްޓަރު ވިދާޅުވާގޮތަށް ހެދިފައިވާ ހިސާބެކެވެ. ސަރުކާރުން އިތުރުކުރަން ދައްކާ ހުއްޖަތަކީ "ރިސްކު ފެކްޓަރ" އެއްގެ ވާހަކައެވެ. ރިސްކު ފެކްޓާރ އެއްކުރުމުން 11,000 ރުފިޔާއަށް އަރާ ވާހަކައެކެވެ. ރިސްކު ފެކްޓަރ މިއީ ކިހިނެއް ކޮންގޮތަކުން ގެނެވުނު އަދަދެއްކަމެއް ނޭނގެއެވެ. އެހެނަސް ހިސާބުތަކަށް ބަލާނަމަ މިއަދަދު 7% އަށްވުރެ ކުޑަނޫންކަމަށް ބެލެވެއެވެ. އެހެންކަމުން، ކިޔުންތެރީންނަށްޓަކައި 13% އިންޓަރެސްޓްގެ އަދަދުވެސް ހިމަނާލާފައިވާނެއެވެ.

އެޗްޑީސީއިން ބުނަނީ ކީކޭ؟

ހިޔާ ފުލެޓުތަކުގެ މައްސަލަ ބޮޑުވެ، 26 ޖޫން 2019 ގައި އެޗްޑީސީއިން ނޫސް ބަޔާނެއް ނެރެފައިވެއެވެ. އެޗްޑީސީގެ ބަޔާނުގައި އޮތްގޮތަށް ނަކަލުކޮށްލާނަމެވެ. "އެހެންކަމުން، ފިނިޝިންގ މަސައްކަތަށް ޚަރަދުވާ 42 މިލިއަން ޑޮލަރު ހިމަނައިގެން މި މަޝްރޫއުގެ އަގު ބޭންކުތަކަށް އިންޓްރެސްޓާއިއެކު ދައްކައިނިމޭއިރު 703 މިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ."

703 މިލިއަން ޑޮލަރު 6,720 ފުލެޓަށް ބަހާލުމުން: ފުލެޓަކަށް ޖެހޭއަގު: 1,613,133.93

20 އަހަރަށް ބަހާލުމުން: 6,721.39

15 އަހަރަށް ބަހާލުމުން: 8,961.86

ފިނިޝިންގ ނުހިމަނައި:

661 މިލިއަން ޑޮލަރު 6,720 ފުލެޓަށް ބަހާލުމުން: ފުލެޓަކަށް ޖެހޭއަގު: 1,516,768.93

20 އަހަރަށް ބަހާލުމުން: 6,319.83

15 އަހަރަށް ބަހާލުމުން: 8,426.44

މީގައި އެންމެ ޙައިރާންވާންޖެހޭ ކަމަކީ މިދެންނެވުނު ނޫސްބަޔާނުގައި "ވީމާ، މިމަޝްރޫއަށް ނަގާފައިވާ ލޯނުތައް ހަމައެކަނި ކުލީގެ ގޮތުގައި ލިބޭ ފައިސާއިން ރިކަވަރ ކުރާނަމަ، 20 އަހަރުގެ މައްޗަށް ބަހާލުމުން ފުލެޓަކަށް މަހަކު 11,000 ރުފިޔާ ޖެހޭނެކަމަށް އަންދާޒާކުރެވެއެވެ." މި ސައިންސް އައިގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. މަތީގައިއެހެރީ ކިޔުންތެރީން އަމިއްލައަށްވެސް ހެއްދެވޭނެ ހިސާބު އަދަދު ތަކެވެ.

ޑިސްކުރެޑިޓް ކުރެވޭތޯ ކުރެވޭތޯ ކުރެވޭ ބުރަ މަސައްކަތެއް

އަޅުގަނޑަށް ފެންނަ ފެނުމުން ހިޔާ ފުލެޓުތަކުގެ މައްސަލާގައި ސަރުކާރުން މަސައްކަތްކުރަނީ ކުރީ ސަރުކާރު ޑިސްކުރެޑިޓް ނުވަތަ ކުރީ ސަރުކާރުދެކެ މީހުން ނަފްރަތުކުރެވޭތޯ ކުރެވޭ މަސައްކަތްތަކެކެވެ. އެގޮތުން ނޫސްވެރިން ގެންގޮސް މިއީ ކޮތަރުކޮށްޓަށް ހެދޭތޯ މަސައްކަތްކޮށްފިއެވެ. ނުވިތާކަށް، 1 ކޮޓަރީގެ ފުލެޓުތަކަކީ ވުޖޫދުގައިވެސް ނެތް ތަންތަންކަމަށް ހެދިއެވެ. އެހެނެއްކަމަކު ހަމައެދުވަހު އެއީ ހުރި ތަންތަން ކަމުގައި ނޫސްތަކުގައި ރިޕޯޓުކުރިއެވެ. އެންމެ ފަހުން 2,500 ފުލެޓަކީވެސް ވުޖޫދުގައި ނެތްތަންތަންކަމަށް ހަދައިފިއެވެ. މިސަރުކާރުން ސައިނޯހައިޑްރޯއާއެކު ކުރެވުނު 1,700 ފުލެޓުގެ އެއްބަސްވުމަކީ ކިހިނެއްވީ އެއްޗެއްކަން ބަލާލުމުން 2,500 ފުލެޓަށް ވީގޮތް ވަރަށް ސާފުވާނެއެވެ.

މިސަރުކާރުން ރައްޔިތުން ކުރީ ސަރުކާރުދެކެ އިތުރަށް ނަފްރަތުކުރުވާން ބޭނުންވާނަމަ ކުރަންއޮތީ ވަރަށް ފަސޭހަކަމެކެވެ. އަގުހެޔޮ، ޖާގަ ތަނަވަސް ފުލެޓުތަކެއް އަވަހަށް އަޅައި ރައްޔިތުންނަށް ދިނުމެވެ. "ހައްގު މިންވަރު" ކިޔައިދުނުމުގެ އިތުރަށް "ހައްގު މިންވަރު" އަމަލުންވެސް ދައްކާލަންވީއެވެ. އޭރުން އިތުރު ކަމެއް ނުކޮށްވެސް މިސަރުކާރުގެ ތާއީދު އިތުރުވެ، އިދިކޮޅަށް އޮތް ކުޑަތާއީދެއްވެސް ނޯންނާނެއެވެ. ސުވާލަކީ އެކަން ކުރުމުގެ ހިތްވަރާއި ފަންވަރު ހުރިތޯ ކުރެވޭ ސުވާލެވެ. މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމުވޭނެއޭ އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު
ައަޒާ
ސާބަސް. އަނގަމަށްޗަށް ގޮވަަލާ...
އަހުމަދު
ރައީސްޔާމީން ގެނެސްދެއްވި ތަރައްގީ ލާދީނީ ވަގުންނައް ގެންނާކައްނޭގޭނެ
ޢަހުމަދު
ކޮބައި 2 ވަނަ ފޭސް ބިން ހިއްކުމުގެ ހަރަދު ؟ މަގު އަދި ލޭންޑް ސެކޭޕް ކުރުމުގެ ހަރަދު ؟
މުހައްމަދު
ލޭންޑް ކޯސްޓް ތެރޭގައި އެ ނުހިމެނޭތޯ. މީ ލޭންޑް ކޯސްޓްވެސް ހިމަނައިގެން އިނގޭތޯ. އަދި އެވެސް މިސަރުކާރުގެ ހިސާބުން.
އަބްދޫ
703 މިލިއަން އައީ ކޮންތާކުން ؟ވެދާނެ ފްލެޓް މަސައްކަތް ހުއްޓުވާފަ އޮތް ދުވަސްތަކަށް ބަދަލުދޭންޖެހުމުން 269 މިލިއންއިތުރުވި ކަމަށް އެހެން ނޫންނަމަ 434 މިލިއަނުން ކޮންކްރީޓްނިމި ފިނިސިން 45 މިލިއަނުން ނިމޭނެކަން ހަމަ ޔަގީން އެއީ 479 މިލިއަން ޑޮލަރު 224 މިލިއަންޑޮލަރަކީ ދަވްލަތުގެ އިހުމަލުން ރައްޔިތުންނަށް ލިބުނު ބުރައެއް ވީމާ ގާނޫނީ ގޮތުން އިހުމާލުވި މީހަކަށް ދައުވާކޮށް ފައިސާހޯދެންޖެހޭނެ. ރައްޔިތުން އެޒިންމާ އުފުލަކަށެއްނުޖެހޭނެ.