ތުރުކީން ބަޣާވާތެއް ނާކާމިޔާބުކޮށް، ހިތްވަރާއި ޤައުމީ ލޯބީގެ ނަމޫނާ ދެއްކި ރެއެއްގެ ހަނދާން

ޝިފްޒާން އަހްމަދު 15 ޖުލައި 2020 18:11
Flowers
ބަޣާވާތުގެ ހަނދާން އައުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެރެޔަކީ، ބަޣާވާތުގެ ބައިވެރިން ތުރުކީގެ މުހިއްމު މުއައްސަސާތަކުގެ ތެރެއަށްވަދެ އެތަންތަނުގައި ވަކިހިއްޕާލާފައި ތިބި ތިބުމުގެ މޭވާ ޙާޞިލުކުރަން ނިންމި ރެއެވެ. ތުރުކީގެ ޢަސްކަރިއްޔާގެ ޖަމާޢަތެއް ނުކުމެ ސަރުކާރާއި، ޢަސްކަރިއްޔާއި މީޑިޔާގެ މުހިއްމު މުއައްސަސާތަކުގެ މައްޗަށް ވެރިވެގަތުމަށް ނިންމި ރެއެވެ. ސަރުކާރުގެ ވެރިންނާއި ޢަސްކަރިއްޔާގެ އިސް އޮފިސަރުން ރަހީނުކޮށް ސަރުކާރު އިންޤިލާބުކޮށްލުމަށް ރޭވި ރެއެވެ. 

ނަމަވެސް މިމީހުންގެ ރޭވުންތަކަށް ވަރަށް ހަލުއިކޮށް، ބޮޑެތި ހުރަސްތަކެއް ކުރިމަތިވާން ފެށިއެވެ. އެގޮތުން ތުރުކީގެ ޢަސްކަރިއްޔާގެ މަތީ ފެންވަރުގެ އޮފިސަރުންނާއި ގިނަ ޔުނިޓުތަކެއް ތުރުކީ ދައުލަތަށާއި ސަރުކާރަށް ވަފާތެރިކަންމަތީ ދެމިތިބުމުގެ ސަބަބުން، ބަޣާވާތް ހަގީގަތަކަށް ހެދުން ދަތިވިއެވެ. އަދި ތުރުކީގެ ފުލުހުންނާއި ޢާންމުން ނުކުމެ، މިބަޣާވަތާމެދު ނުރުހޭކަން ހާމަކޮށް، ބަޣާވާތް ހުއްޓުވަން މަސައްކަތް ފެށުމުން ބާޣީންނަށް ޖެހުނީ ނާކާމިޔާބާ ކުރިމަތިލާށެވެ. އެހިސާބުން ހަތަރު އުދަރެއް ފެނުޖެހުނީއެވެ. 

ތުރުކީގެ ޖާސޫސީ އިދާރާތަކުގެ އިސްވެރިންނަށް މިފަދަ ބަޣާވާތެއް ހިންގަން ރާވާފައިވާ ކަމުގެ ބައެއް ލިސާންތައް ފެނުމާއެކު، ކުރިއާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިއެވެ. އަސްކަރީ ވައިގެ އުޅަނދުތައް އުދުއްސުން މަނާކުރުމާއި، ބަރު ހަތިޔާރު އެޅި އެއްގަމު އުޅަނދު ނެރުން މަނާކުރުން ފަދަ ފިޔަވަޅުތައް ކުރިޔާލާ އެޅީ މިބަޣާވާތުގެ ވަބާއިން ޤައުމު މިންޖުކުރުމަށެވެ. 

އެމީހުންގެ ރޭވުންތައް ފަޅާއަރައިފިކަން އެނގުމާއެކު، ރޭވުންތައް ތަންފީޒުކުރުން އަވަސްކުރުމަށް ބާޣީން ނިންމިއެވެ. މަޖުބޫރުވެެގެންނެވެ. އެމީހުންގެ ހަރަކާތްތައް ފެށުމަށް އެންމެ ފުރަތަމަ ރާވާފައިވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހު ފަތިހު 3 ޖަހާއިރުއެވެ. ނަމަވެސް 15 ވަނަ ދުވަހުގެ އިރާކޮޅު 8.30 އަށް އެމީހުން ވަގުތު އަވަސްކުރިއެވެ.

ނަމަވެސް ވަގުތު ބަދަލުކުރުމުން މިމީހުންގެ ހަރަކާތް ހިންގާން ޖެހުނީ ތުރުކީގެ ގިނަ ޢާންމުން ހޭލާ ތިބި ވަގުތެއްގައެވެ. އަދި ސަރުކާރަށާއި ދައުލަތަށް ވަފާތެރި އަސްކަރިއްޔާގެ ޔުނިޓުތައްވެސް ހޭލާ އުޅުނު، ހަރަކާތްތެރިވެވޭ ގޮތަށް ތިބި ވަގުތެއްގައެވެ. 

އެރޭ މެންދަންވިތާ ކުޑަ ހިނދުކޮޅެއް ފަހުން ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ފޭސްޓައިމްގެ ޒަރީޔާއިން ރައްޔިތުންނާ މުޚާޠަބުކުރެއްވިއެވެ. އެއާއެކު އިސްތަންބޫލުގެ މިސްކިތްތަކުން ޚާއްޞަ ބަންގިއެއްގެ އަޑު ގުގުމައިލިއެވެ. އެތައް މިލިއަން އާދައިގެ ތުރުކީ ރައްޔިތުން ފުރާނަ އަތްމައްޗަށް ލައިގެން އަތުޖެހުނު ކޮންމެ ހަތިޔާރަކާއެކު، އަސްކަރީ ހަތިޔާރާއެކު ތިބި ބާޣީންނާ ކުރިމަތިލުމަށް މަގުތަކަށް ނުކުތެވެ. 

ބަޣާވާތްކުރި މީހުންގެ ކިބައިން ޢާންމުންނަށް އެއްވެސް މިންވަރެއްގެ އިހުސާންތެރިކަމެއް، އޯގާތެރިކަމެއް،  ރިއާޔަތްތެރިކަމެއް ނުފެނުނެވެ. މެޝިން ބަޑިއާއި މަތިންދާބޯޓު ބޭނުންކޮށްގެން މުޒާހަރާވެރިންނާއި އާންމުންނަށް އެވެރިން ހަމަލާދިނީ ކޮންމެހެންވެސް ސަރުކާރު އިންޤިލާބުކޮށްލަން ބޭނުންވެފައިވާ މިންވަރުގެ ބޮޑު ކަމުންނެވެ. އެހުރިހާ ކަމަކާއެކުވެސް ތުރުކީ ރައްޔިތުން އެރޭ ދެއްކީ ސާބިތުކަމާއި ހިތްވަރުގެ ނަމޫނާއެކެވެ. 


ޓޭންކުތައް ތުރުކީ ރައްޔިތުންގެ ގައިމަތިން ދުއްވިއިރުވެސް ޓޭންކުތައް ކުރިމަތީ ސާބިތުކަމާއެކު ތިބި މަންޒަރު ފެންނަ ވީޑިޔޯތައް މީސްމީޑިޔާގައި ފަތުއަޑުކިޔާފައި ފެތުރިގެންދިޔައީ ހިކި ފަނުގައި ރޯކުރުމުން ހުޅުގަނޑު ފެތުރޭ ހެނެވެ. މުޅި ދުނިޔެ އާޝޯޚުކޮށް އަންތަރީސްކުރަމުންނެވެ. 

މީސްމީޑިޔާގައި ފެތުރެމުން ދިޔަ މަންޒަރުތަކުން އެދުވަހު ބަޣާވާތްކުރި މީހުންގެ އަނިޔާވެރިކަންވެސް ފެނުނެވެ. އެގޮތުން މިހާރު ޖުލައި 15 ޝަހީދުންގެ ބުރިޖުގެ ނަންދީފައިވާ އިސްތަންބޫލުގެ ބޮސްފޯރަސް ބުރިޖުގައި އެތައް ބަޔަކު މަރުވެފައިވާ މަންޒަރު މީސްމީޑިޔާގައި ފެތުރުނެވެ. 

ބަޣާވާތް ރޭވި މީހުން ނާކާމިޔާބުވުމުގެ މައިގަނޑު ސަބަބަކަށްވީ ބަޣާވަތާ ދެކޮޅަށް މިމިންވަރަށް ޢާންމުން ނުކުމެ، މިހާ ސާބިތުކަމާއެކު ބަޣާވާތާ ދެކޮޅު ހަދާނެ ކަމުގައި އަންދާޒާކުރެވިފައި ނެތުމެވެ. 

ރައީސް އުރުދުޣާން އަވަހާރަކޮށްލުމަށް ޚާއްޞަ ޔުނިޓެއް ހެލިކަޕްޓަރުގައި އެމަނިކުފާނު އެވަގުތު ޗުއްޓީ ހޭދަކުރައްވަން ހުންނެވި މަރްމާރިސް ސަރަހައްދަށް ދިޔައެވެ. މާތްﷲގެ ހެޔިޮ ރަހުމަތްފުޅުން، މިޔުނިޓަށް އެސަރަހައްދަށް އާދެވުނީ އެތަނުން އެމަނިކުފާނު ނުކުމެވަޑައިގެންނެވިތާ މަދު މިނުޓުކޮޅެއް ފަހުންނެވެ. އެމަނިކުފާނުގެ ސަލާމަތް ޔަޤީންވުމާއެކު، އެމަނިކުފާނަށް ތާއީދުކުރައްވާ ސިޔާސީ ލީޑަރުންނާއި ތުރުކީގެ ޢާންމު ރައްޔިތުންނާއި ސަލާމަތީ ބާރުތައް އެމަނިކުފާނުގެ ފަހަތްޕުޅުގައި ރުކުރުވައިލެއްވީ ހަލުއި ދުވެލީގައެވެ. 

ރޭ ދިގުދެމިގެން ދިޔަ މިންވަރަކުން، ބަޣާވާތް ނާކާމިޔާބުވެއްޖެ ކަން ސާފުވިއެވެ. މަގުތަކަށް ޢާންމުން ނުކުންނަ މިންވަރު ދިޔައީ އިތުރުވަމުންނެވެ. ތުރުކީ ސަރުކާރަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ. ފުލުހުންނާއި މިލިޓަރީން ބާޣީންނާ ކުރިމަތިލައި ވަގުތުކޮޅެއްގެ ތެރޭގައި ބާޣީން ބަލިކޮށް ހަންމަތަކޮށް، މުޅި ރޭވުން ނާކާމިޔާބުކުރިއެވެ. 

މިބަޣާވާތުގެ ފަހަތުގައި ހުންނެވީ އެމެރިކާގައި ދިރިއުޅުއްވާ ފަތުޙުﷲ ގޫލެންއެވެ. އޭނާގެ މައްޗަށް ޝަރީޢަތް ހިންގުމަށް ތުރުކީއަށް ގެންނަން އެޤައުމުން އެދިފައިވީ ނަމަވެސް އެމެރިކާއިން އަދި އެކަން ކޮށްފައިނުވެއެވެ. އެމެރިކާގެ ޕެންސިލްވޭނިއާގައި އޭނާ ދިރިއުޅޭ ރޭންޗުން އޭނާގެ ވާގިވެރިންނާއި ތަބާވާ މީހުންނަށް މިހާރުވެސް އަމުރުކޮށް އިރުޝާދުދެމުންދާ ކަމަށް ތުރުކީން ބުނެއެވެ. ބަޣާވަތާއި އޭނާއާ އޮތް ގުޅުން ތުރުކީން ބުނެފައިވާ ގޮތުން މިހާރުވަނީ އެމެރިކާއަށް ރަނގަޅަށް ސާބިތުކޮށްދީފައެވެ. 

ބަޣާވާތް ނާކާމިޔާބުވުމަށްފަހު ފާއިތުވެގެން ދިޔަ އަހަރުތަކުގައި އިތުރު ބައެއް ޙަޤީޤަތްތައްވެސް ތިލަވެފައިވެއެވެ. އެގޮތުން މިބަޣާވަތަށް ހޭދަކުރުމުގައި އެކުވެރި ޢަރަބި އިމާރާތުގެ ދައުރުގެ ބޮޑުކަން ވަރަށް ބޮޑަށް ފާޅުވެ ސާފުވެފައިވެއެވެ. މިޞްރުގައި ޑރ.މުރުސީގެ ވެރިކަން އިންޤިލާބުކުރުމާއި އެއިންޤިލާބަށްފަހު އަނިޔާވެރި ވެރިކަމެއް މިޞްރުގައި އުފެއްދުމުގައިވެސް އިމާރާތުގެ ދައުރު ވަރަށް ބޮޑެވެ. 

ނާކާމިޔާބުވި ބަޣާވާތުގެ ހަނދާންތައް އައުކުރުމަށް ބޭއްވި އިހުތިފާލުގައި ރައީސް އުރުދުޣާން ވިދާޅުވެފައިވަނީ ތުރުކީއަށް ނުރައްކާކުރާ އެންމެން ޖަވާބުދާރީނުކުރެވެނީސް އޭނާގެ ޤައުމު ނުނިދާނެ ކަމަށެވެ. އަދި މިބަޣާވާތް ރޭވުމުގައި ބައިވެރިވި އެންމެ ޢަދުލުގެ ކުރިމައްޗަށް ނުގެނެވެނީސް އެމީހުންގެ ފަހަތުން ދިއުމެއް ތުރުކީން ހުއްޓައިނުލާނެ ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ. އަދި 251 ތުރުކީ ރައްޔިތުން ޝަހީދުކޮށްލި މިނުރުނބަވެރި ގުރޫޕު މުޅި ދުނިޔޭގެ ލޯތަކަށް ފެންނާނެހެން ތުރުކީ ރައްޔިތުންނާ ގުޅިގެން ކަޝްފުކުރައްވައި ހާމަކުރައްވާނެ ކަމުގައި އުރުދުޣާން ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު
Ibrahim Muththailb
މިޤަވްމު ސަލާމަތްކޮށް އިންޑިޔާގެ އަޅުވެތިކަމުން މިންޖުކުރުމަށް ސަރުކާރު ބަދަލުކުރަން އެބަޖެހޭ. މިހާރު މިފެންނަ މަންޒަރުތަކުން އެކަން މިދަނީ ހާމަވަމުން. ޔާﷲ އަޅަމެންގެ މލޮބުވެތި ވަތަން ސަލާމަތް ކަންމަތީ ލައްވާފައިވަނީ އިބް ﷲ އެވެ. މިޤަވްމު އިންޑިޔާގެ އަޅުވެތިކަމަށް ދޫކުރާނަމަ އިބަ ﷲ ގެ ރަހުމަތުން މިހާރު ވެރިކަމުގައި ތިބި ފަރާތްތަކަށް މުސީބާތްތައް އިތުރުކުރައްވާދޭވެ. އަދި ވެރިކަން ފިރުކައި ގަންނަވާ އަޅަމެންނަށް އޯގާތެރި އިސްލާމްދީނަށް ލޯބިކުރާ ޤަވްމު ދެކެ ލޯބިވާ މީހަކު އަޅަމެންގެ ވެރިއަކަށް މިންވަރު ކުރައްވާދޭވެ