ބަލިމަޑުކަމެއްގެ ތެރޭގައި 34 މިލިއަން ރުފިޔާގެ ބޮޑު އޮޅުވާލުމެއް؟!

އަހްމަދު އަޒާން 15 ޖުލައި 2020 13:00
Flowers
ރައީސް ސޯލިހް އަދި ހެލްތު މިނިސްޓަރު އަމީން.

ކޮވިޑު-19 ޖެހޭ މީހުންގެ ތެރެއިން އެންމެ ނުރައްކާ ހާލަތަށް ދާ މީހުންނަށް ނޭވާ ލުމުގައި އެހީތެރިވުމަށް ބޭނުން ކުރާ މެޝިނަކީ ވެންޓިލޭޓަރެވެ. ރާއްޖޭގައި ބަލި ފެތުރެން ފެށިއިރު މުޅިޖުމްލަ ރާއްޖޭގައި ހުރީ ނިސްބަތުން މަދު އަދަދެއްގެ ވެންޓިލޭޓަރުތަކެކެވެ.

އެހެން ކަމުން ސަރުކާރުން ވެންޓިލޭޓަރުތައް ގެންނަން 3 ފަރާތަކާއި ހަވާލުކުރިއެވެ. އެއީ ނާޑު ކިޔާ ކުންފުންޏަކާއި، މެޑިޓެކް ކިޔާ ކުންފުންޏަކާއި އެކްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކުންފުންޏަކާއެވެ. މި ތިން ކުންފުނީގެ ތެރެއިން މެޑްޓެކް އަދި ނާޑަށް ފައިސާ ދޫކުރަން ހަމަޖައްސާފައިވަނީ ވެންޓިލޭޓަރު ރާއްޖެއަށް ގެނެސް ދިނުމުންނެވެ. ނަމަވެސް އެކްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއަށް ފައިސާ ދޫކޮށްފައިވަނީ އެޑްވާންސަށެވެ.

މިގޮތުން ޖުމްލަ 34,502,250 ރުފިޔާއަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 70 ވެންޓިލޭޓަރު ގެނައުމަށެވެ. އެ ކުންފުންޏާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 2 އޭޕްރިލްގައެވެ. އެއްބަސްވުމުގައި ވާގޮތުން ފައިސާ ލިބޭތާ 4 ހަފްތާ ތެރޭގައި ވެންޓިލޭޓަރު ފޯރުކޮށްދެވޭނެއެވެ. ނަމަވެސް އެކަން ބިނާވެގެންވަނީ ދަތުރުފަތުރުގެ މައްޗަށް ކަމަށް އެއްބަސްވުމުގައިވެއެވެ. 1 އޭޕްރިލްގައި އެ ކުންފުންޏަށް އަގުގެ 75 އިންސައްތަ ކަމަށްވާ 25,876,687.50 ރުފިޔާ ދެވުނެވެ. އަދި އޭގެ ފަހުން 27 އޭޕްރިލްގައި 5،175،337.50 ރުފިޔާ އެ ކުންފުންޏަށް ދީ މުޅި އެކު މަޝްރޫއުގެ 90 އިންސައްތަ ފައިސާ އެ ކުންފުންޏަށް ދެވުނެވެ. ނަމަވެސް މިހާތަނަށް އެ ކުންފުނިން ރާއްޖެއަށް ފޮނުވާފައިވަނީ އެންމެ 10 ވެންޓިލޭޓަރެވެ. އަދި އެ ވެންޓިލޭޓަރު ތަކަކީވެސް ހެލްތު މިނިސްޓްރީގެ މިންގަނޑުތަކަށް ނުފެތޭ ވެންޓިލޭޓަރުތަކެއްކަމަށް މައުލޫމާތު ލިބެއެވެ. ހެލްތު މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ހުރިހާ ވެންޓިލޭޓަރެއްވެސް ޖޫން މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ލިބޭނެއެވެ. ނަމަވެސް 10 ވެންޓިލޭޓަރުގެ އިތުރަށް އަދި އެއްވެސް ވެންޓިލޭޓަރެއް ލިބިފައިނުވެއެވެ.

މުޅި މިކަންތައް ހިނގާފައިވާ ގޮތަށް ބަލާއިރު ސުވާލު އުފެދޭ އެތައް ކަމެއް ވަނީ ފެންމަތިވެފައެވެ. އެންމެ ފުރަތަމަ މިކުންފުނީގެ ވާހަކަ ޢާންމުންނާ މީޑިޔާއާ ހިއްސާކުރެއްވީ އެންއީއޯސީގެ ތަރުޖަމާން މަބްރޫކު ޢަޒީޒެވެ. އެއިރު އޭނާ ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ މެދުވެރިވެގެން 10 ޕޯޓަބަލް ވެންޓިލޭޓަރާއި 65 އައިސީޔޫ ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް މިހާރު ބޭރު ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމުގައެވެ. އަދި އެކުންފުންޏަކީ ދުބާއީ ކުންފުންޏެއް ކަމުގައިވެސް މަބްރޫކު ވިދާޅުވިއެވެ. ހަމައެހެންމެ އެކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދީފައިވާ ކަމުގައިވެސް މަބްރޫކު ވިދާޅުވިއެވެ.

މިހެން ވިދާޅުވެފައިވަނިކޮށް އެކުންފުންޏާ ގުޅޭ ގޮތުން އެކި މަޞްދަރުތަކުން ތަފާތު ޝައްކު އުފެދެނެވި މަޢުލޫމާތުތައް ލިބެން ފެށުމުން "ދިޔަރެސް" ނޫހުން އެކުންފުންޏާ ސަރުކާރާމެދު މުޢާމަލާތް ހިންގި ގޮތާ ގުޅޭ ސުވާލެއް ނޫސްވެރިން ބައްދަލުވުމުގައި މަބްރޫކަށް ދެންނެވިއެވެ. ޖަވާބުގައި ވިދާޅުވީ މިކުންފުންޏާ ގުޅޭ މުޢާމަލާތުތައް ހިންގީ ޑަބްލިއުއެޗްއޯގެ މާލެ އޮފީހާއި ދުބާއީ އޮފީސް މެދުވެރިވެގެން ދެ އޮފީހުގެ މެދުގައި މުޢާމަލާތްކުރެވިގެން ކަމުގައެވެ.

އޭގެ އެއް ރޭ ފަހުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މާލެ އޮފީހާއި ޑުބާއީ އޮފީހުން ވަކި ކުންފުންޏެއް ރެކޮމެންޑުކުރީ ތޯ ނުވަތަ ކުންފުނިތަކެއްގެ ލިސްޓެއް ދިވެހި ސަރުކާރަށް ދިނީތޯ ސުވާލުކުރުމުން، މަބްރޫކު އެސުވާލަށް ސީދާ ޖަވާބެއް ނުދެއްވައެވެ. ވިދާޅުވީ އެ ތަފުޞީލު އޭނާ އަތްޕުޅުގައި ނެތް ކަމުގައެވެ. ނަމަވެސް އެކަން ހިނގައިދިޔަ ގޮތް ކަމަށް ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއާއި ދަންނަ އެހެން ބައެއް ޤައުމުތަކާވެސް އެވާހަކަ ދައްކައި މަޝްވަރާ ކުރައްވައިގެން ކަމަށެވެ. އަދި އެބޭފުޅުންނަށް އެނގިވަޑައިގަންނަވާ ބައެއްގެ ވާހަކަ ބުނުމުން ސަރުކާރުން އެބަޔަކު މެދުވެރިކޮށް އެތަކެތި ހޯދުމަށް މަސައްކަތްކުރަނީ ކަމުގައެވެ.

އޭގެ ފަހުން އަނެއްކާވެސް ނޫސްވެރިއަކު އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން މަބްރޫކް ވަނީ ވެންޓިލޭޓަރު ތަކާއި ގުޅޭ ގޮތުން ދެން ޖަވާބު ދެއްވާނީ ހެލްތު މިނިސްޓްރީން ކަމުގައި ވިދާޅުވެފައެވެ. ސބަބަކީ އެއީ ހެލްތު އިންފްރާސްޓްރަކްޗާ ތަރައްޤީ ކުރަން ގެނެވޭ ސާމާނު ކަމަށްވާތީ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކް އެހެން ވިދާޅުވިތާވެސް މިހާރު އެތައް ދުވަހެއް ވެފައިވާއިރު އެކަމާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލާއި ސުވާލު ކުރުމުން، ވިދާޅުވެފައިވަނީ އެކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވާނީ ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރަށް ކަމަށެވެ. ނަމަވެސް އެކަމުގެ މައުލޫމާތު ދެން ހާމަ ކުރައްވާނީ ހެލްތު މިނިސްޓްރީން ކަމަށް މަބްރޫކު ވިދާޅުވިކަމަށް ބުނުމުން، ހެލްތު މިނިސްޓްރީން ވަނީ އެކަމުގެ އަޕްޑޭޓެއް ފަހުން ދޭނެކަމަށް ބުނެފައެވެ. އަދި މި ލިޔުން ޝާއިއު ކުރުމާއި ހަމައަށް އެއްވެސް އަޕްޑޭޓެއް ދީފައިނުވެއެވެ.

މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވާއިރު 21 މޭއިގައި ނެރުނު ދިރާސީ ރިޕޯޓެއް ފިޔަވާ އެކަމާއި ގުޅޭ އިތުރު ވާހަކައެއް އޭސީސީއަކުންވެސް ނުދައްކައެވެ.

ކޮވިޑް-19 ބަލީގައި ބަލިބޮޑުވެ، ޞިއްޙީ ޚާއްޞަ ފަރުވާ ބޭނުންވާ މީހުންގެ ޢަދަދު އިތުރުވަމުންދާ ކަމުގައި ޞިއްޙީ މާހިރުން މިހާރު ފާހަގަކުރައްވައެވެ. އެހެންކަމުން ވެންޓިލޭޓަރަކީ ފަރުވާ ދިނުމުގައި މުހިއްމު އާލަތެކެވެ. ދައުލަތުގެ މާލިއްޔާއިން، ރައްޔިތުންގެ ފައިސާއިން، އަގު ދައްކައިގެން، 4 ހަފުތާ ތެރޭގައި ގެންނަން އުޅުން ވެންޓިލޭޓަރުތައް ނުލިބި ގިނަ މަސްތަކެއް ފާއިތުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ދަތުރުފަތުރުކުރުމަށް ހުރި ގިނަ ހުރަސްތަކެއް ނެތި ރާއްޖޭގެ ބޯޑަރުތައް ހުޅުވައިލެވޭ ހިސާބަށް ދިޔައިރުވެސް ވެންޓިލޭޓަރުތަކަށް ވީއެއް ނުވީއެއް އަދި އޮތީ ސާފުނުވެއެވެ. އަދި ގެނައި ވެންޓިލޭޓަރުތަަކަކީ ހެލްތު މިނިސްޓްރީގެ މިންގަނޑުތަކަށް ނުފެތޭ ވެންޓިލޭޓަރުތަކެއް ކަމުގައިވުމަކީވެސް ކުޑަ ކަންބޮޑުވުމެއް ނޫނެވެ. ރައްޔިތުންގެ ޞިއްޙީ ސަލާމަތާ ގުޅުންހުރި ކަމެއްގައި، ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއް ކުރުމަށްފަހު ނަތީޖާ ނުފެނި، ކަން ހިނގި ގޮތުގެ ޙަޤީޤަތް އޮޅުންބޮޅުން ތެރޭ ގެއްލިގެން ދިޔުމަކީ ވެގެންވާނެ ގޮތެއް ނޫނެވެ. 

ކިޔުންތެރިންގެ ހިޔާލު
މޫން 1972
މިސަރުކާރަކީ ވައްކަމާއި އޮޅުވާލުމާއި ހިޔާނާތުން ފުރިފައިވާ ބަޔަކުތިބި ސަރުކާރެއް. މިމީހުން އެންމެފިޔަވަޅެއްވެސް ކުރިޔަށް ނާޅާނެ ކަޓްނުލިބޭ ގޮތަށް. ރަށްޔިތުންގެ ފައިސާއިން ނާޗަރަންގީ ކުޅުންނޫން ކަމެއްމިބައި މީހުންނުކުރޭ!
ޚަބަރޭ
ބަލިމަޑުކަމުގެ ތެރޭގާ އެކަންޏެއް ނޫން، ތި ބަޔަކު ވެރިކަމާ ހަވާލުވީއްސުރެން ތި ބުނާ ވައްކަމެއް ކުރޭ، ގުއި ނުފެންނަ ކާޅަށް ގުއި ފެނުނީމާ ކިހާވަރަކަށް ކައިގަންނާނެ، މިހާރުވެސް ރާއްޖޭގަވެސް އެ ތިބެނީ ބޯޑަރ ތައް ބަންދު ކޮށްފާ އޮތީމާ، މީގެ ކުރީގާ އެއްތާ ދެފައިނުޖަހާ ރައީސް މީހާއިން ފެށިގެން ތިރިއަށް ބޭރު ގައުމު ތަކަށް ކިހާ ދަތުރެއް ކޮށް ކޮށް އެ ތިބީ.
ހަމީދު
ޑަބްލިއު އެޗްއޯ އަކީ ސަރުކާރުގެ އިދާރާ އެއްނޫނެވެ. އެމީހުންގެ ލަފާގެމަތިން މުޅިދުނިޔެ ކުރިޔަށްދާއިރު އެމީހުން ހޯދައިދޭން އުޅޭ އެއްޗެ ހޯދުމަށްޓަކައި ސަރުކާރުން ކޮށްފައިވާމަސައްކަތް ގޯހެއްނޫނެވެ. މީގައި ޒިންމާވާންޖެހޭނީ ޑަބްލިއު އެޗްއޯއެވެ. އަދި މީސަރުންކުރި ވަށްކަމެސިފަވާގޮތަ ރިޕޯޓްގައި ލިޔުނަސް މީ ޔާމީން ކޮށްފައިވާ ވައްކަން ފޮރުވަން އެހެން މީހުން ވަގުންނަށް ހަދަން ސިފަކުރުމެވެ. އެވާހަކަ ރިޕޯޓެއްގެ ގޮތުގައި ލިޔަން ދިޔަރެސް ނޫހަށް ނުކެރޭނެކަން ވެސްމީ އެންމެން ދަންނަ ހަގީގަތެކެވެ.
ގޮޅާ
ހަމީދު ދެރަވީތަ ހަމަ ބަނޑުއަޅާލީ މިސަރުކާރުގަ އޮތީ ހުސް ވައްކަން ޖެހުނު ގޮތަކައް ބަނޑުއަޅާލަނީ ހުސް ވަގުން.
ޑިމޮކްރަސީ
ޜައްޔިތުންގެ ފައިސާ އަތުޖެހުނުގޮތަކަށް ދަމާ ލޫޓްވަނީ
ރަސް
އެހެންވީމަ ދެން ތި މައްސަލަ ދިޔަރެސް އިން ތަޙްޤީޤް ކުރަންފެނޭ. އެއިރުން ތި ވީގޮތެއް ސާފުވާނެކަން ޔަޤީން
އިއްބެ
ޥަގުން އަށް ހާސް ދުވަސް ރައްޔިތުން އަށް އެއްދުވަސް ވަގުން ނޭ ! މިދުހުނިޔޭގައި ވެސް އަދި އަޛާބު ލިބޭނެ އަދި އޮތީ އާޚިރަތް އިނގޭ