Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންސާނިއްޔަތާއި ހިލާފު ކުށްތައް

ގައިދީއެއްގެ ގަލަމުން ގުއަންޓަނާމޯބޭ: 14 އަހަރުގެ ވޭންދެނެވި ތަޖުރިބާ

ގުއަންޓަނާމޯ ބޭގައި ގައިދީންތަކެއް
ގުއަންޓަނާމޯ ބޭ ޖަލަކީ އިންސާނީ ކަރާމަތާއި އިންސާނީ ހައްގުތަކުން އެތައް ސަތޭކަ ބައެއް މަހުރޫމުކޮށް މުޅި ދުނިޔެއާ އެކަހެރިކޮށް އެކި ބާވަތުގެ އަޒާބު ދީ އަނިޔާކުރަން ބަންދުކޮށްގެން ގެންގުޅެފައިވާ އެމެރިކާއިން ކިއުބާގައި ހެދި މަޝްހޫރު ޖަލެކެެވެ. ފާއިޒް އަލްކަންދަރީއަކީ މިޖަލުގައި 14 އަހަރުގެ ދިގު ތާރީޚެއް ހޭދަކުރި މީހެކެވެ. ޖަލުން މިނިވަންވިތާ އެތައް އަހަރެއް ފަހުން ފާއިޒު މިވަނީ އޭނާގެ ހަޔާތުގެ ވާހަކަ ލިޔެ ޝާއިޢުކޮށްފައެވެ. އޭނާގެ ފޮތުގެ ނަމަކީ "ބޮޑު މުޞީބަތާއި އަލުން އުފަންވުން" މިއެވެ.
މިފޮތަކީ 512 ޞަފުޙާގެ ފޮތެކެވެ. ފޮތުގައި އަލްކަންދަރީގެ ކުޑައިރުން ފެށިގެން ގޮސް، ޢިރާޤުން ކުވައިތު ހިފުމާއި، އެދުވަސްވަރު ފެނުނު ބައެއް ކަންކަމުގެ ހަނދާންތައްވެސް ލިޔެފައިވެއެވެ. އެގޮތުން ޢިރާޤު ސިފައިންއޭނާގެ ގާތްތިމާގެ ބައެއް މީހުން ބަންދުކޮށް ހަޔަރުކުރުމެވެ. އޭނާގެ އަވައްޓެރިއެއް އޭނާ ދިރިއުޅުނު ޢާއިލީ ގެކައިރީގައި މަރާލި މަންޒަރެވެ. އަދި ކުވައިތުގެ ރައްޔިތުންނަށް އަނިޔާކުރުމުގައި އިސްކޮށް އުޅުނު ޢިރާޤު ސިފައިންގެ އޮފިސަރެއް ކުވައިތުގެ މުޤާވަމާ ނުވަތަ "ރެޒިސްޓެންސް"ގެ އަތުގައި ޖެހި އެމީހުން އޭނާ މަރައިލި ގޮތެވެ.

އެއަށްފަހު އޭނާގެ ތަޢުލީމީ ޙަޔާތުގެ ބައެއް ތަފުސީލުތައްވެސް އަލްކަންދަރީ އޭނާގެ ފޮތުގައި ލިޔެފައިވެއެވެ. އެގޮތުން ފެކަލްޓީ އޮފް އިންޖިނިއަރިންގައި ކިޔެވުމަށް އަލްއިމާމް މުޙައްމަދު ބިން ސުޢޫދު ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއަށް ބަދަލުވުމަށްފަހު ސަޢޫދީގެ މަޝްހޫރު ޢިލްމުވެރިޔާ އިބްނު އަލްޢުޘައިމީން އަރިހުން ޢިލްމު އުނގެނެން އުޅުނު ދުވަސްވަރުގެ ބައެއް ވާހަކަ ލިޔެފައިވެއެވެ.

މިސްކިތެއް ބިނާކުރުން

ލިޔުންތެރިޔާ ބުނި ގޮތުގައި އޭނާގެ ޒުވާން ދުވަސްވަރު ހޭދަވީ އެހެންވެސް ޒުވާނުންނެކޭ އެއްގޮތަށެވެ. ނަމަވެސް 2001 ވަނަ އަހަރު ޢާއިލާއިން މިސްކިތެއް ބިނާކުރަން ނިންމުމާއެކު އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނެވެ. އެއިރު ކެންސަރު ބައްޔަށް ފަރުވާކުރަމުން އައި މަންމަގެ ނަމުގައި މިސްކިތެއް ބިނާކުރަން ޢާއިލާއިން ނިންމައި ޢަމަލީ ގޮތުން އެމަސައްކަތް ހަވާލުކުރީ އޭނާއާއެވެ.
ޢުމުރުން 27 އަހަރުގެ ފާއިޒު 2001 ވަނަ އަހަރުގެ މެދުތެރޭގައި 20،000 އެމެރިކާ ޑޮލަރާއެކު އަފްޣާނިސްތާނަށް ދިޔައީ މިސްކިތެއް ބިނާކުރާށެވެ. ކާބުލަށް ގޮސް އެތަނުގައި އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާޢަތެއް ކުރެން މިސްކިތެއް އަޅަން އެންމެ ރަނގަޅު ސަރަހައްދަކާމެދު ސުވާލުކުރުމުން، އެޖަމާޢަތުން އޭނާއަށް އިރުޝާދު ދިނީ ކާބުލާ މާދުރު ނޫން ހިސާބެއްގައި އޮންނަ އަވަށެއްގައި މިސްކިތް ބިނާކުރުމަށެވެ. ކާރު ދަތުރުކޮށްފައި އެއް ގަޑިއިރުން ދެވޭހާ ދުރުގައި އޮތް އެއަވަށަށް އޭނާ ދިޔައީ މިސްކިތް ބިނާކުރުމުގެ މަސައްކަތް ކުރާށެވެ. މަސައްކަތް ކުރިއަށް ގެންދާ ގޮތް ބަލަން އޭނާ އެއަވަށުގައި ހުއްޓައި، އެމެރިކާއަށް 2001 ވަނަ އަހަރު ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ދިން ހަމަލާއާއެކު އެމެރިކާގެ ލަޝްކަރުތައް އަފްޣާނިސްތާނަށް ވެރިވެގަތެވެ.
އެމެރިކާގެ އަސްކަރީ ވައިގެ އުޅަނދުތަކުން ދެމުންދިޔަ ހަމަލާތަކުން ސަލާމަތްވުމަށް އެއަވަށުގެ ގިނަ ބަޔަކު އިޚުތިޔާރުކުރީ ތޯރާބޯރާ ފަރުބަދަކަށް ހިޖުރަކުރާށެވެ. އެމީހުންނާއެކު އޭނާވެސް ފަރުބަދައިގެ ހޮހޮޅައަކަށް ދިރިއުޅުން ބަދަލުކުރިއެވެ. ލިޔުންތެރިޔާ ބުނި ގޮތުގައި އޭނާގެ މިދަތުރަކީ ދޮޅު މަސްދުވަހުން ނިންމައިލުމަށް ރޭވި ދަތުރެކެވެ. ނަމަވެސް އޭނާގެ ދަތުރު 14 އަހަރަށް ދިގުވެގެންގޮސް ދަތުރުގައި ގާތްގަނޑަކަށް 5044 ދުވަސް ހޭދަވިއެވެ. ދަތުރުގެ ބޮޑުބައެއް އޭނާ ހޭދަކުރީ ޢަސްކަރީ ޖަލެއްގައެވެ.

އަފްޢާނިސްތާނުގައި އެމެރިކާ ސިފައިން އޭނާ ހައްޔަރުކޮށް އެޤައުމުގެ އެތައް ޖަލެއްގައި ގަނަތެޅުވުމަށްފަހު މަޝްހޫރު ގުއަންޓަނާމޯބޭއަށް އޭނާ ބަދަލުކުރީ 2002 ވަނަ އަހަރުގެ މޭ މަހުގައެވެ. އޭގެ ކުރިން ޖަލާލު އާބާދުގެ ޖަލެއްގައި އަދި އެމެރިކާގެ ސީއައިއޭއިން ހިންގި ޖަލެއްގައިވެސް އޭނާ ބަހައްޓާފައި ހުއްޓެވެ.

ފޮތުގެ ވާހަކަ

މިފޮތުގައި ލިޔުންތެރިޔާ ބުނި ގޮތުގައި ގުއަންޓަނާމޯބޭ ޖަލު ހުންނަނީ 7 ބައަކަށް ބަހައިފައެވެ. އެއިން ކޮންމެ ކޭމްޕެއް ނުވަތަ ބައެއްގެ ޙާލަތު އަނެއް ބަޔާ ތަފާތެވެ. އެގޮތުން 1 ވަނަ ކޭމްޕުން ފެށިގެން 3 ވަނަ ކޭމްޕާ ހަމައަށް ހުރި ކޭމްޕުތަކަކީ ވަކިވަކިން މީހުން ބައިތިއްބާ ގޮޅިތަކެއްގެ މައްޗަށް އެކުލެވޭ ތަންތަނެވެ. މިއިން ކޮންމެ ގޮޅިއެއްގައި ބާއްވަނީ އެންމެ ގައިދީއެކެވެ. އެއިން ކޮންމެ ގޮޅިއެއްގައިވެސް އަނެއް ގޮޅީގެ އެތެރެ ފެންނަ ހެން ކުޑަދޮރެއް ހުރެއެވެ. ހަތަރުވަނަ ކޭމްޕަކީ ޙާލަތު އެންމެ ރަނގަޅު އެއް ކޭމްޕެވެ. އެތަނުގައި ގައިދީން ތިބެނީ އެކީގައެވެ. މިތަން ބިނާކުރީ 2003 ވަނަ އަހަރުއެވެ. މިތަނުގެ ބޭނުމަކީ ބައެއް ގައިދީން ހައްލައިލާ އެމީހުންގެ އެހީތެރިކަން ހޯދުމެވެ.
އެގޮތުން ބައެއް ފަހަރު އެހެން ކޭމްޕުތަކުން ގައިދީން މިކޭމްޕަށް ގެންދެވެއެވެ. އަދި އެތަނުގައި ހުންނަ އެމެރިކާގެ ސިއްރު އެޖެންޓެއް އެފަދަ ގައިދީންނާ ގުޅި އެމީހުން ކިބައިން މައުލޫމާތު ހޯދުމަށް މަސައްކަތްކުރެއެވެ. އެކަންކުރާ އެޖެންޓުން ތިބެނީ އެތެރެއިން އަޑު ރިކޯޑުކުރެވޭ ބާވަތުގެ މައިކު ހަރުކޮށްގެން ކަމުގައިވެސް ލިޔުންތެރިޔާ ބުނެފައިވެއެވެ.
ފަސްވަނަ ކޭމްޕު ބިނާކުރެވުނީ 2004 ވަނަ އަހަރުއެވެ. މިއީ އެންމެ ގިނައިން ގައިދީންނަށް އަނިޔާކުރާ އެއް ތަނެވެ. މިތަނުގެ ޙާލަތު ސިފަކުރަމުން ލިޔުންތެރިޔާ ބުނެފައިވަނީ މިތަނަކީ ދަތި އުދަގޫ ތަނެއް ކަމަށެވެ. 6 ވަނަ ކޭމްޕު 2012 ވަނަ އަހަރު އެންމެން އެކީގައި ތިބި ތަނަކަށް ބަދަލުކުރިއެވެ. ނަމަވެސް ދޮޅު އަހަރު ފަހުން އެތަނަކީ ގައިދީން ވަކިން ބައިތިއްބާ އެމީހުންނަށް އެކި ބާވަތުގެ އަނިޔާކުރާ ތަނަކަށް ހެދިއެވެ. އެގޮތުން އެތަނުގައި ގައިދީންގެ މޫނު ފޮތިން ނިވާކޮށް ފެނުގެ ތެރެއަށް ލައިގެން އަދަބު ދޭން ފެށިއެވެ. މިއީ މިޒަމާނުގައި ކިޔާ "ވޯޓާ ބޯޑިން"އެވެ.

7 ވަނަ ކޭމްޕަކީ މުޅިން އެހެން ކޭމޕުތަކާ ވަކިން ހުންނަ ކޭމްޕެކެވެ. މިތަނުގައި ތިބެނީ ސެޕްޓެންބަރު 11ގެ ހާދިސާގައި ތުހުމަތުވާ މީހުންނެވެ. އެގޮތުން ޚާލިދު ޝައިޚު މުޙައްމަދާއި އެނޫންވެސް ބައެއް މީހުން މިތަނުގައި ތިބެއެވެ. މިއިން އެއްވެސް މީހަކަށް އެހެން މީހަކާ އެއްވެސް ގޮތަކުން އެއްވެސް ބާވަތެއްގެ މުވާސަލާތެއް ހިންގުން އޮންނަނީ މަނާކޮށްފައެވެ.

ތަފާތު ނަޒަރަކުން

ފޮތުގެ ލިޔުންތެރިޔާ ބުނެފައިވަނީ އޭނާ މިފޮތް ލިޔުމުގައި އިންސާފުވެރިކަން އިސްކުރުމަށް މަސައްކަތްކުރި ކަމުގައެވެ. އެގޮތުން ޖަލުން ބައްދަލުވި ގައިދީންނާއި ޖަލު ބަލަހައްޓަން ތިބި މީހުންގެ ތެރެއިންވެސް ތަފާތު ބާވަތުގެ މީހުން އެބައެއްގެ ޙަޤީޤަތް ރަނގަޅަށް ސާފުވާނެ ގޮތަށް ބަޔާންކުރުމަށް އޭނާ އިސްކަން ދިން ކަމުގައި ބުނެފައިވެއެވެ. ބައެއް މީހުން ރުޅިއަޔަސް އިންޞާފުގެ މަގުން އިދިކީލަނުވެ، ވީހާވެސް ބޮޑަށް ތިލަފަތް ހަމަކޮށް އެންމެންގެ ވާހަކަ ބަޔާންކުރެވޭތޯ މަސައްކަތްކޮށްފައިވާނެ ކަމުގައި އޭނާ ބުންޏެވެ.
އެގޮތުން އޭނާ ފާހަގަކުރި ގޮތުގައި ޖަލުގައި ތިބި ބައެއް ގައިދީން ގެންގުޅުނު ވިސްނުންތަކާއި ފިކުރުތަކުގެ ސަބަބުން އިސްލާމްދީނަށް ހުތުރު ނަން ލިބުނެވެ. ހަމައެހެންމެ ޖަލު ބަލަހައްޓަން ތިބި ބައެއް މީހުންގެ ކިބައިން އޯގާތެރިކަމާއި ކުލުނުވެރިކަން ފެނުނުކަންވެސް އޭނާ ފާހަގަކުރިއެވެ.
ޖަލުގެ ގައިދީންގެ ގޮތުގައި ތިބީ ތަފާތު ފަސްމަންޒަރުތަކަށް (ބެކް ގުރައުންޑު) ނިސްބަތްވާ މީހުންނެވެ. އެއް ބަޔަކީ އަލްޤާޢިދާއާއި ޠާލިބާނަށް ނިސްބަތްވާ މީހުންނެވެ. އަނެއްބައި މީހުންނަކީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަފްޣާނިސްތާނަށް ދިޔަ މީހުންނެވެ. އަދި ގައިދީންގެ މެދުގައި ފިކުރީ ގޮތުންވެސް ބޮޑެތި ތަފާތުތައް ހުއްޓެވެ. އެކަން ލިޔުންތެރިޔާއަށް އެނގުނީ އޭނާއާ ގައިދީންނާމެދު ދެކެވުނު ވާހަކަތަކުންނެވެ.
އަދި ގައިދީންނާއި ޖަލު ބަލަހައްޓަން ތިބި ސިފައިންގެ މެދުގައި ހިނގައިދިޔަ ހިވާރު (ޑައެލޮގު)ތަކުގެ ތެރެއިން ވަރަށް ގިނަ ސިފައިން އިސްލާމްދީން ޤަބޫލުކުރި ވާހަކަ އޭނާ ކިޔައިދީފައިވެއެވެ. އެގޮތުން ބައެއް ސިފައިން އެމީހުންގެ އިސް އޮފިސަރުންނަށް ނުފެންނަ ގޮތަށް ގައިދީންނަށް ސެލިއުޓުކުރާ ކަމަށާއި އެކަމުގެ ސަބަބުން ސިފައިންގެ "ސިކުނޑި ދޮތުމަށް" ޚާއްޞަ ކޯސްތަކެއް ޖަލުގައި ތަޢާރަފުކުރި ކަމަށް އޭނާ ލިޔެފައިވެއެވެ.
އެގޮތުން ބައެއް ސިފައިން ޝަހާދަތް ކިޔައި އިސްލާމްވިއިރު އަނެއްބައި ސިފައިން ގައިދީންނަށް ބޮޑެތި އަނިޔާތައް ދީ ހުތުރުހާ ބަސްތަކުން ގައިދީންނާ މުޚާޠަބުކޮށް، ކީރިތި ޤުރާނަށް އިހާނެތިކޮށް ހިތާފައިވާކަން އޭނާ ފާހަގަކުރިއެވެ. އަދި ބައެއް ގައިދީން އެންމެ ބޮޑެތި ޖިސްމާނީ އަނިޔާ ތަހައްމަލުކުރިއިރު އަނެއްބައި ގައިދީން އިސްލާމްދީން ދޫކޮށް އެމެރިކާގެ ޖާސޫސުންނަށް ބަދަލުވިތަން ފެނިފައިވާ ކަމުގައިވެސް އޭނާ ލިޔުނެވެ. އަދި އޮރެންޖު ހެދުމުގައި ގުއަންޓަނާމޯ ބޭގައި ހުރި ކޮންމެ ގައިދީއަކީ ނިރުނބަވެރިއެއް ކަމުގައި އެމެރިކާ މީޑިޔާއިން ވިސްނައިދިނުމުން، އޭގެ ކުރިން ގައިދީންގެ ހައްޤުގައި ވަކާލާތުކުރި ބައެއް މީހުން އެކަން ދޫކޮށްލި ތަން ފެނުނު ކަމުގައި އޭނާ ލިޔުނެވެ.

ހައްޔަރުގެ މުއްދަތު ފެށުނު ދުވަހުން ފެށިގެން ގޮސް 2011 ވަނަ އަހަރުގެ ނިޔަލަށް އެއްވެސް މިންވަރަކަށް ޓީވީއެއް އަދި ރޭޑިޔޯއެއް ބޭނުންކުރުން ގައިދީންނަށް މަނާކޮށް، ދުނިޔެއާ ގައިދީން އެކީ ވަކިކޮށްފައި އެކަހެރިކަންމަތީ ބޭތިއްބި ކަމުގައި އޭނާ ބުންޏެވެ. ނަމަވެސް 2011 ވަނަ އަހަރުން ފެށިގެން ކޮންމެވެސް މިންވަރަކަށް ބައެއް ޓީވީ ޗެނަލުތައް ބެލުމުގެ ހުއްދަ ދިން ކަމުގައި އޭނާ ބުންޏެވެ.

ދުނިޔެއަށް އައި ބަދަލުތަކާއި ގައިދީން

ޓީވީ ބޭނުންކުރުމުގެ ހުއްދަ ލިބި ގައިދީންނާއި ދުނިޔެ ގުޅައިލެވުނުތާ މާގިނަ އަހަރުތަކެއް ނުވަނީސް އައިއެސް ނުވަތަ ދާޢިޝް ވުޖޫދުވިކަން ގައިދީންނަށް އެނގުނު ކަމުގައި އޭނާ ބުންޏެވެ. ޖަލުގައި ތިބި ގައިދީންގެ ތެރެއިން 90% މީހުން ދާއިޝާ ދެކޮޅުކަން އޭނާ ފާހަގަކުރިއެވެ. އެއިރު ގައިދީންގެ ގޮތުގައި ތިބީ ގާތްގަނޑަކަށް 300 މީހުންނެވެ. އެމީހުން ދާޢިޝަށް ތާއީދުނުކުރި ނަމަވެސް އިސްލާމީ ބިންތަކުން އެމެރިކާނުން ބޭރުކުރަންޖެހޭ ކަމުގައި އެމީހުންކުރެ ގިނަ މީހުން ޤަބޫލުކުރިއެވެ.
އަލްކަންދަރީ ބުނެފައިވާ ގޮތުގައި އޭނާއާ ތަހުގީގުގައި ކުރިމަތިކުރާ ކޮންމެ ސުވާލަކަށް އޭނާ ދެމުންދިޔަ ޖަވާބަކީ އެމެރިކާނުން އޭނާއާ މެދު އެންމެ ބޮޑަށް ހިތްހަމަނުޖެހި އޭނާގެ ބަންދު ދެމިގެން ދިއުމަށް މެދުވެރިވި ސަބަބު ކަމަށް އޭނާ ލިޔެފައިވެއެވެ. އެގޮތުން އަފްޣާނިސްތާނަށް އޭނާ ދިޔަ ސަބަބާމެދު ސުވާލުކުރާ ކޮންމެ ފަހަރެއްގައި އޭނާ އެމެރިކާނުންނަށް ކުރިމަތިކުރަނީ ސުވާލެކެވެ. "ކަލޭމެން އަފްޣާނިސްތާނަށް އައީ ކީއްކުރަން ހެއްޔެވެ؟" މިސުވާލެވެ. އަދި އޭނާ އެބިމަށް ދިޔައީ އިންސާނީ އެހީއާއިގެން ކަމަށާއި އެމެރިކާނުން އެބިމަށް އައީ އިސްތިއުމާރުކުރުމަށް ކަމުގައިވެސް ބުނާ ކަމުގައި އޭނާ ލިޔެފައިވެއެވެ.
ލިޔުންތެރިޔާ ފޮތް ލިޔުމަށް ޖަލުގައި ހިނގާފައިވާ ހާދިސާތައް ލިޔެ ރައްކާކުރީ އޭނާގެ ވަކީލަށް ފޮނުވި ސިޓީތަކުގައެވެ. ވަކީލަށް ސިޓީ ފޮނުވުމުގެ ހުއްދަ ލިބުނީ 2005 ވަނަ އަހަރުއެވެ. އެހުއްދަ ލިބުމަށްފަހު ވަކީލަށް ފޮނުވާ ކޮންމެ ސިޓީއެއްގައިވެސް ޖަލުގައި ހިނގައިދާ ކަންކަމުގެ ވީހާވެސް ގިނަ ތަފުސީލުތަކެއް ލިޔުމަށް އިސްކަން ދިން ކަމުގައި އޭނާ ބުނެފައިވެއެވެ. ޢާއިލާއަށް ސިޓީ ލިޔުމުގެ ހުއްދަ އޮތް ނަމަވެސް ޢާއިލާއަށް ފޮނުވާ ސިޓީތައް ޢާއިލާއާ ހަމައަށް ނުދާ ކަން އޭނާއަށް ވަރަށް ކުރިން އެނގުނު ކަމުގައި އަލްކަންދަރީ ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ