ހިޔާ ފުލެޓުތައް: އެކޮޅުންވެސް މަރު، މިކޮޅުންވެސް މަރު

ޖާއިޝް ތައުފީޤް 25 ޖޫން 2020 09:38
Flowers
ހިޔާ ފެލްޓުތައް

މިސަރުކާރު ވެރިކަމަށް އައި ފަހުން ސަރުކާރަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކަށްވެފައިވަނީ ހިޔާ ފުލެޓުތަކުގެ މައްސަލައެވެ. ސަރުކާރުން ހާމަކުރަމުންދާ މައުލޫމާތުތަކާއި ކަންތައްތައްކުރަމުންދާ ގޮތުންނާއި ޚުދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ވާހަކަފުޅުތަކުން މިސަރުކާރު ވުޖޫދުވީ ފަހުން ސަރުކާރަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މިއީކަމުގައި ފާހަގަކުރެވެއެވެ. އެކަން އެމަނިކުފާނު އެންމެ ބަހުން ބޭއްވި ޕްރެސް ކޮންފަރެސްގައި އެސުވާލު އަމާޒުވުމުން އެމަނިކުފާނުގެ މޫނުފުޅުމަތީގެ ކުލަވަރާއި އަޑުފުޅަށް އައި ބަދަލު ވަރަށްގިނަ ބެލުންތެރީންނަށްވެސް ފާހަގަކުރެވުނެވެ. އެހެންކަމުން، އަޅުގަނޑުގެ މިރިޕޯޓުގައި ހިޔާ ފުލެޓުތަކާއި ގުޅިގެން މުހިންމު ކަންތައްތަކެއް ފާހަގަކޮށްލާނަމެވެ.

11,000 ރުފިޔާގެ އަގަކީ ބޮޑު އޮޅުވާލުމެއް

މިސަރުކާރުގެ ވެރިންނާއި ކޯޑިނޭޓަރުން އެންމެ ބޮޑަށް ފާހަގަކުރާ އެއް މައްސަލައަކީ ފުލެޓުތަކުގެ އަގު ބޮޑުވުމުގެ މައްސަލައެވެ. އެގޮތުން ވަކި ފުލެޓަކަށް ޖެހުނު އަގަށް ދޭ ނަމަވެސް ފުލެޓުތަކުގެ އަގު އެގާރަ ހާސް ރުފިޔާއަށްވުރެ ކުޑަ ނުވާނެކަމަށް ތަކުރާރުކޮށް ބުނެއެވެ. އެހެންކަމުން، މިކަމުގައި މިހާތަނަށް ހާމަވެފައިހުރި މައުލޫމާތުތަކަށް ބަލައި ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. ފާހަގަކޮށްލަންޖެހޭ އެންމެ ބޮޑު ނުކުތާއަކީ 434 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވަނީ ލައިބޯރ + 3.3 އިންޓަރެސްޓުގައި ކަމެވެ. ލައިބޯރ ރޭޓަކީ 0.3 ކަމަށް ބެލި ނަމަވެސް ޖުމްލަ އިންޓަރެސްޓަކަށްވާނީ 3.6 އިންސައްތައެވެ. އޭރުން ފުލެޓަކަށް މަހަކު ދައްކަންޖެހެނީ 5,593 ރުފިޔާއެވެ. ރައީސް ޔާމީންގެ ސަރުކާރުން އިއުލާންކޮށްފައިވާ 5,600 އާއި ދާދި ކައިރިކުރާ އަދަދެކެވެ. މިސަރުކާރުން މިބުނާ 11,000 ރުފިޔާއަށް ފުލެޓުގެ އަގު އަރާނީ އެންމެ މަދު ވެގެން 12 އިންސައްތަ އިންޓަރެސްޓު ދައްކާނަމައެވެ. އެހެންކަމުން، ފުލެޓުގެ އަގު ކަމަށް ސަރުކާރުން މި އިއުލާންކުރާ އަގަކީ ބޮޑު އޮޅުވާލުމެވެ. މިހާތަނަށް އެޗްޑީސީންވެސް ބުނަމުން އަންނަނީ އިންޓަރެސްޓު އަރާނެތީ އަގު ބޮޑުވާ ވާހަކައެވެ. ތަފުސީލު ހިސާބެއް އާންމެއްނުކުރެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ކުރިން ދެވޭކަށް ނެތް، ނުދީވާކަށްވެސް ނެތް

ހިޔާ ފުލެޓުތަކުގައި ސަރުކާރަށް ސިޔާސީ ގޮތުން އެންމެ ބޮޑު މައްސަލައެއް ދިމާވާ އެއްކަމަކީ މިފުލެޓުތައް ދީފި ނަމަ އިދިކޮޅަށް ނުވަތަ ރައީސް ޔާމީނަށް އޮތް ތާއީދު ބޮޑުވުމެވެ. އެހެނީ، މިހާތަނަށް ބޮޑު ކުލި ދައްކައިގެން އުޅުނު 30,000 މީހުންނަށް އަގުހަޔޮ ފުލެޓު ދީފިނަމަ، އެއީ ރައީސް ޔާމީން ކޮށްދެއްވި ޚިދުމަތެއް ކަމުގައި ބަލައި އެމަނިކުފާނުގެ މަގުބޫލުކަން ބޮޑުވުމުގެ ފުރުސަތު އިންތިހާއަށް އޮތުމެވެ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ފުލެޓުތައް ނުދީ ވޭތޯ ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެކަމަށް ބެލެވެއެވެ.

މަތީގައި ދެންނެވުނު ނުކުތާއަށް ބާރުލިބިދޭ އަނެއްކަމަކީ މާލޭގައި އެމްޑީޕީއަށް އޮތް ތާއީދެވެ. އިންތިޚާބުތަކުގެ ނަތީޖާއިން ފެންނަ ފަދައިން މާލޭގައި އެމްޑީޕީއަށް ބޮޑު ތާއީދެއް އޮވެއެވެ. ހިޔާ ފުލެޓުތައްދީ މާލޭގެ ބިމުން ކުލި ލިބޭ ފަރާތްތަކުގެ އާމްދަނީއަށް އަސަރުތަކެއްކޮށް އެކަމުގެ ނޭދެވޭ ނަތީޖާ އައުމަކީ ވަރަށް ކައިރީގައި އޮތް ކަމެކެވެ.

މީގެ އަނެއް ފަރާތަކީ ކުއްޔަށް ދިރިއުޅޭ ރާއްޖެތެރެއަށް ނިސްބަތްވާ ބޮޑު އާބާދީއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ފުލެޓުތައް ނުދީފިނަމަ، ރާއްޖެތެރޭ ގިނަ އަދަދެއްގެ ވޯޓު ސަރުކާރަށް ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އިނގިރޭސިބަހުން ބުނާނަމަ ސަރުކާރުއޮތީ ވަރަށް ބޮޑު "ޑައިލެމާއެއްގަ"އެވެ. ފުލެޓުތައް ދެވޭކަށްވެސް ނެތެވެ. ނުދީވާކަށްވެސް ނެތެވެ.

ނޫސްވެރިން ގެންދިޔުންވެސް އަތަށް ގޮވުން

ހިޔާ ފުލެޓުތައް ކަމުނުދާކަން ސާބިތުކުރުމަށްޓަކައި އެންމެ ފަހުން އިއްޔެ ނޫސްވެރިންތައް ގެންގޮސް ފުލެޓުތައް ދައްކާލިއެވެ. ގިނަ ނޫސްވެރިން ފާހަގަކުރީ މިހާރު މާލޭގައި ކުއްޔަށް އުޅޭ ތަންތަނުގެ ކުޑަކަމާއި އަގުބޮޑުކަމެވެ. އެކަން އެނޫސްވެރިންގެ ޓްވިޓަރއިން ފެންނާން އެހެރީއެވެ. ޕީއެސްއެމާއި ރާއްޖެޓީވީ އިން ރިޕޯޓެއް ނުގެނެސްދޭ ވާހަކައެއް ނޫނެވެ. އެހެންކަމުން ސަރުކާރުގެ މިސްޓަންޓްވެސް ފޭލިވީއެވެ. މީގެ އިތުރުން ފާހަގަކޮށްލަންޖެހެނީ ރާއްޖޭގެ ވަރަށް ގިނަ މީޑިއާތަކަކީ ސްޕޮންސަރޝިޕާއި ކަންތައްތަކުގެ ސަބަބުން ސަރުކާރުގެ ނުފޫޒުގައި ތާށިވެފައިތިބި ފަރާތްތަކެއްކަމެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައިވެސް ފުލެޓުތައް ކަމުނުދާކަމުގެ އިތުރު އާޓިކަލްތަކެއް އައުމަކީ ގާތުގައިވާކަމެކެވެ.

ފިނިޝިންގ ނުނިންމާ ދޭން އުޅެނީ ލިބުނު ފަރާތްތަކަށް ޖެއްސުމަށް

ހިޔާ ފުލެޓުތަކުގެ ފިނިޝިން ނިންމުމަށްޓަކައި ރައީސް ޔާމީންގެ ސަރުކާރުން އޮތީ ކްރެޑިޓް ސުއިސްގެ ލޯނު ގާތްގަނޑަކަށް ހަމަޖައްސާފައެވެ. އެހެންނަމަވެސް، މި މަޝްވަރާކުރެވުނީ 2018 ގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް ކަމުން، ކްރެޑިޓް ސުއިސްގެ ނިންމުމަކަށްވީ ލޯނު ހަމަޖެއްސޭނީ އިންތިޚާބު ނިމުމުންކަމުގައެވެ. މިސަރުކާރަށް ފިނިޝިން ލޯނު ހަމަނުޖެއްސުނީ މިދުއަމް ބުނާހެން "ރޭގަނޑު އެކްޓިވިސްޓުން ހިތްހަމަޖައްސަން މިޕްރޮޖެކްޓާއި ދެކޮޅަށް ޓްވިޓާގައި ވާހަކަ ދައްކާފައި ހެނދުނު ބޭންކަށް ލޯނު ހޯދަން" ދިޔުމުންނެވެ. އެހެންކަމުން މިސަރުކާރަށް އެލޯނު ހަމަނުޖެހުނީއެވެ. އަޅުގަނޑު ގަބޫލުކުރާގޮތުން ފިނިޝިންގ ނުނިންމާ ދޭން އުޅޭ މައިގަނޑު ސަބަބކީ ކޮރޯނާގެ މިހާލަތުގައި އެތައް ބަޔައްގެ އަތްމަތި ދަތިވެފައިވާތީ އެޚަރަދު ކުރަން ޖެހުމުން ރައްޔިތުންގެ ނުރުހުން ކުރީ ސަރުކާރާއި ރައީސް ޔާމީނަށް އަމާޒުވާނެކަމުގެ އުއްމީދުގައެވެ. އަދި ބަދަލުހިފުމެއްގެ ގޮތުގައެވެ.

މިސަރުކާރު ވުޖޫދުވި ފަހުން ހިޔާ ޕްރޮޖެކްޓަށް ބަދަލުތަކެއް ގެނައުން

މިސަރުކާރު ވުޖޫދުވުމަށްފަހު 2019 ޖެނުއަރީގައި ހިޔާ މަޝްރޫއަށް ބަދަލުތަކެއް ގެންނަކަމަށް އިއުލާންކުރިއެވެ. 2 ކޮޓަރީގެ ބަދަލުގައި 3 ކޮޓަރިއަށް ބަދަލުކުރާވާހަކައެވެ. އަދި ހަވާލުކުރާނީ ފިނިޝިންގ ނިންމުމަށްފަހު ކަމަށެވެ. އޭގެ 8 މަސްދުވަސް ފަހުން ނޮވެމްބަރު 2019 ގައި ފުލެޓުތަކުގެ ޑިޒައިނަށް ބަދަލުނުގެންނަން ނިންމިއެވެ. އަދި 18 މަސްދުވަސްފަހުން އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވީ ފިނިޝިންގވެސް ނުނިންމާ ހަވާލުކުރާވާހަކައެވެ. ކުރުގޮތަކަށް ބުނާނަމަ، މިސަރުކާރު ހަވާލުވީއިރުވެސް ފުލެޓްތައް އޮތް ހާލަތުގައި ހަވާލުކުރާ ވާހަކައެވެ. އެހެންނަމަވެސް އެއް ބަދަލަކަށްފަހުއެވެ. ހުރިހާ ފުލެޓުތަކެއްގެ ގްރައުންޑު ފްލޯ ވިޔަފާރި ބޭނުމަށް ޚާއްސަކުރުމަށްފަހުއެވެ. 280 ފުލެޓު މަދުވީއެވެ.

ޖުމްލަކޮށް ބުނާނަމަ ހިޔާ ފުލެޓުތަކުގެ މައްސަލާގައި މިސަރުކާރުދަނީ ތެޅިފޮޅެމުންނެވެ. ފުލެޓުތައް ދެވޭކަށްވެސް ނެތެވެ. ނުދީވާކަށްވެސް ނެތެވެ. އެކޮޅުންވެސް މަރެވެ. މިކޮޅުންވެސް މަރެވެ. އަޅުގަނޑުގެ އެދުމަކީ މިސަރުކާރުން ހިޔާ ފުލެޓުތަކަށްވުރެ ޖާގަ ތަނަވަސް އަގުހެޔޮ ފުލެޓުތަކެއް އަޅައި ރައްޔިތުންނަށް ދައްކައިދިނުމެވެ. 

ކިޔުންތެރިންގެ ހިޔާލު
ސުނިލް
އެ ނުކިޔަވާބެ ކައިރުއަށް މި ޓވަރު ތަކުގެ ވާހަކަ ދައްކަން ޖެހުނީމަ އެއޮއް އަންނަ ރުޅިއެއްދޯ.ޖެއްސުމަށް ފިނިޝިން ނުނިންމާ ދިނަސް މަރުވާނީ. ހަދާފަ ދިނަސް މަރުވާނީ ހަމަ. ދެންދެން މި މަޑުކުރަނީ . ދޭ އިރަށް ދެއްކި ހުރިހާ ދޮގެއް ހިމެނޭ ރިޕޯޓެއް ނެރެވޭނެ
ޡަމީ
ކިހާ ދެރަ ކަމެެއްތަ ؟ އަހަރެން މިއުޅެނީ 516 އަކަ ފޫޓް ތަންކޮޅެއްގަ ދެމަފިރިންނާ 3 ކުދިން 15000/- ރުފިޔާ މަހަކު ކުއްޔަށް ދީގެން، އާދޭސް ކޮށްފަ މިބުނީ ތިއަލިފާންފޮށި ދީބަލަ މިތަނަށްވުރެ ރަނގަޅު ވާނެ އިންޝާ الله
އަބްދޫ
ފްލެޓް ތަކުގެ މަސައްކަތް ހުއްޓުވާފަ ބޭއްވުމުން ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރި މީހުންށް ބަދަލަށް ދިންފައިސާ ގެ އަދަދު ހިމެނިގެން ނޫންބާ 11000 ރުފަިޔާ އެ އަރަނީ
ޙަސަރު
މިކަލޭއަށް ބުނަން އެފުލެޓްތައް ރައްޔިތުންނަށް ކަލޭއަވަހަދޫކުރާށޭ ކަލެއަށްވީއެއްކަމެއްވެސް ނެތޭ ދެއަހަރު މިނިމުނީ ވީއެއްކަމެއްވެސް ނެތޭ ކުރެވުނީ ހައްތާވެސްވައްކަމޭ
ޙަސަރު
މިކަލޭއަށް ބުނަން އެފުލެޓްތައް ރައްޔިތުންނަށް ކަލޭއަވަހަދޫކުރާށޭ ކަލެއަށްވީއެއްކަމެއްވެސް ނެތޭ ދެއަހަރު މިނިމުނީ ވީއެއްކަމެއްވެސް ނެތޭ ކުރެވުނީ ހައްތާވެސްވައްކަމޭ
ޙަސަރު
މިކަލޭއަށް ބުނަން އެފުލެޓްތައް ރައްޔިތުންނަށް ކަލޭއަވަހަދޫކުރާށޭ ކަލެއަށްވީއެއްކަމެއްވެސް ނެތޭ ދެއަހަރު މިނިމުނީ ވީއެއްކަމެއްވެސް ނެތޭ ކުރެވުނީ ހައްތާވެސްވައްކަމޭ
ނުރަބޯ
ވަރަށް ތަފްޞީލު ބަޔާނެއް.
ދާލު
މީ ހަމަ ޔާމިން ދިން އަނިޔާވެރިކަމެއް.. މިކަމަކާހެދި ޔާމިންދެކެ ފޫހިވާން ފަށައިފި.. 😒