އިޖުތިމާޢީ ގެދޮރުވެރިކަމާއި ވާޓިކަލް ހައުސިން އަދި ހިޔާ ފުލެޓުތައް

ޝިފްޒާން އަހްމަދު 26 ޖޫން 2020 12:06
Flowers
ހިޔާ މަޝްރޫޢުގެ ފުލެޓުތައް

ހިޔާ މަޝްރޫޢުގެ ދަށުން ރައީސް ޢަބްދުﷲ ޔާމީނު ސަރުކާރުގައި ބިނާކޮށްފައިވާ 7،000 ފުލެޓު ކުޑަވެގެން އެތަންތަނުގެ ޖާގަ ދަތިވެގެން އެތަންތަނުގެ އަގު ބޮޑުވެގެން މިސަރުކާރާއި މިސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ކުރަމުންދާ ޝަކުވާއާ ގުޅިގެން ދެތިން ސުވާލެއް އަޅުގަނޑު ހިތުގައި އުފެދުނެވެ. ދިވެހިންނަށް އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަފުހޫމު ވިސްނިފައިވަނީ ކިހާ މިންވަރަކަށް ކޮން ގޮތަކަށްތޯ އުފެދުނު ސުވާލެވެ. ޢާންމު ގެދޮރުވެރިކުރުމުގެ (ޕަބްލިކް ހައުސިން) ވިސްނުމާއި، މައްޗަށް އުފުލިފައިވާ ގެދޮރުގެ މަފުހޫމު (ވާޓިކަލް ހައުސިން) ފަދަ ވިސްނުންތައް ނޭނގި، ހިޔާ މަޝްރޫޢުގެ 7،000 ފުލެޓާމެދު ގޮތް ކިޔާން އުދަގޫވާނެއެވެ. އަދި އަމުދުން ދިވެހިރާއްޖޭގައި ގެދޮރުވެރިކުރުމުގެ ތާރީޚު އޮތް ގޮތް ނޭނގި އެކަމުގެ ވާހަކަ ދެއްކުން ދަތިވާނެއެވެ. 

ޢާންމު ގެދޮރުވެރިކުރުމާއި، އިޖުތިމާޢީ ބޯހިޔާވަހިކަން 

ޢާންމު ގެދޮރުވެރިކުރުމުގެ މާނައަކީ ސަރުކާރުން ޚަރަދުކޮށްގެން ބިނާކުރާ ގެދޮރު ގިނަކޮށް ރައްޔިތުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމެވެ. މީގެ މާނައަކީ އަމިއްލަ ތަނެއްގައި އަމިއްލަ މިލްކުވެރިކަން ހިނގާ ގެދޮރު ޢާންމުންނަށް ފޯރުކޮށްދިނުމެވެ. އިޖުތިމާޢީ ބޯހިޔާވަހިކަމަކީ މިދެންނެވި ގޮތަށް ގެދޮރުވެރިކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރެއިން އާމްދަނީ އެންމެ ކުޑަކޮށް ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ގެދޮރުވެރިކުރުމުގެ މަޝްރޫޢުތަކެވެ. މިފަދަ މަޝްރޫޢުތަކުގެ ބޭނުމަކީ، އާމްދަނީގެ ބޮޑު ބައެއް ކުއްޔަށް ހޭދަކުރަން މަޖުބޫރުވެފައިވާ ދިރިއުޅުމުގެ ޒަރޫރީ ގިނަ ކަންތަައްތަކަށް ހޭދަކުރާނެ ފައިސާ ނެތިފައިވާ ފަރާތްތަކަށް އަގުހެޔޮކޮށް ގެދޮރު ފޯރުކޮށްދިނުމެވެ. އަދި ގިނަ ޢަދަދެއްގެ ބަޔަކަށް ގެދޮރު އަވަސް ފުރުޞަތެއްގައި ފޯރުކޮށްދިނުމެވެ. 

ޢާންމު ގެދޮރުވެރިކަމުގެ އެންމެ ފުޅާ އަދި އެންމެ ބޮޑު މަޝްރޫޢެއް ހިންގާ އެއް ޤައުމަކީ ސިންގަޕޫރެވެ. ޖަޒީރާ ޤައުމެކެވެ. ބިމުގެ ދަތިކަމާއި ބައިބޯކަމަށް ބަލާއިރު ދިވެހިރާއްޖެއާ ދާދި އެއްގޮތް ސިފަތަކެއް ލިބިފައިވާ ޤައުމެކެވެ. ނަމަވެސް ޢާންމު ގެދޮރުވެރިކަމުގެ މަފުހޫމަކީ ސިންގަޕޯރަށް އައު މަފުހޫމެއް ނޫނެވެ. އަގުހެޔޮކޮށް ގެދޮރު އަޅައި ވީހާވެސް ގިނަ ބަޔަކަށް ގެދޮރުގެ މިލްކުވެރިކަން ހޯދައިދިނުމުގެ ގޮތުން 1964 ވަނަ އަހަރު ސިންގަޕޫރު ސަރުކާރުން ގެދޮރު މިލްކުކުރުމުގެ ޚާއްޞަ ސްކީމެއް ތަޢާރަފުކުރިއެވެ. މިކަމަށް ޚާއްޞަކޮށް ސިންގަޕޫރުގައި ވަކި އިދާރާއެއް އޮވެއެވެ. އެއީ ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑެވެ. ނުވަތަ އެޗްޑީބީއެވެ. 

ސިންގަޕޫރަކީ އެއްވެސް ގޮތަކުން، އެއްވެސް މާނައެއްގައި "ވެލްފެއާ" ދައުލަތެއް ނޫނެވެ. ހުރިހާ ޢާންމު ޚިދުމަތެއް ދައުލަތުގެ ޚަރަދުގައި ދޭ ދައުލަތެއް ނޫނެވެ. ނަމަވެސް ގެދޮރު ފޯރުކޮށްދިނުމުގައި ގެދޮރުގެ އަގުހެޔޮކުރުމުގައި ސިންގަޕޫރު ސަރުކާރުގެ ސަބްސިޑީ ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. އެގޮތުން ސިންގަޕޫރު ސަރުކާރުން ތަރައްޤީކުރާ ހައުސިން ޔުނިޓުތައް ސަރުކާރުން ވިއްކަމުން ގެންދަނީ ބާޒާރުގެ އަގަށްވުރެ ހެޔޮ އަގުގައެވެ. އެންމެ ފުރަތަމަ ފަހަރަށް އެޗްޑީބީއިން ބިނާކުރި އެޕާޓުމެންޓުތައް އަމާޒުކުރީ މަހެެއްގެ މައްޗަށް 800 ޑޮލަރުގެ އާމްދަނީއެއް ލިބޭ ފަރާތްތަކަށެވެ. އެއެޕާޓުމެންޓުތައް ބާޒާރަށް ނެރެ ވިއްކީ މަހެއްގެ މައްޗަށް އެތަންތަނަށް ދައްކަންޖެހޭ މިންވަރު ހަމަ އެބޮޑުމިނުގެ އެހެން އެޕާޓުމެންޓެއް ކުއްޔަށް ހިފުމުން މަހެއްގެ މައްޗަށް ދައްކަން ޖެހޭ މިންވަރަށްވުރެ ކުޑަވާ ގޮތަށެވެ. 

ސިންގަޕޫރު ސަރުކާރުން މިކަން ޙާޞިލުކުރާ ގޮތަކީ ސަރުކާރުގެ ފަރާތުން ކޮންމެވެސް މިންވަރެއްގެ ސަބްސިޑީއެއް މިފަދަ އެޕާޓުމެންޓުތަކުގެ އަގު ދެއްކުމަށް ލައިދެނީއެވެ. ޢާންމުކޮށް ތަން ކުއްޔަށް ދޭއިރު ތަން ބިނާކުރުމަށް ހޭދަކުރި ފައިސާ ލޯނަކުން ނެގިނަމަ ލޯނުގެ އިންޓަރެސްޓަކީ ސަރުކާރުން ދައްކާ އެއްޗެއް ކަމުގައި ސަރުކާރުން ހަމަޖައްސަނީއެވެ. ހަމައެހެންމެ ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ފަރާތްތަކަށް ޚާއްޞަ ލޯނާއި ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ދޭ އެހީތައްވެސް ސަރުކާރުން ތަޢާރަފުކުރިއެވެ. ބޭނުމަކީ ކުއްޔަށް އުޅުމުގެ ބަދަލުގައި ކުލި ދައްކައިގެން މިލްކުވެރިވާ އެޕާޓުމެންޓުގެ ވިސްނުން ޢާންމުކުރުމެވެ. 

އެންމެ ފުރަތަމަ ޢާންމު ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ސިންގަޕޫރުގައި ފެށިގެން ދިޔައީ ގެދޮރު ނެތުމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށެވެ. އެއަމާޒު ހާސިލުވުމާއެކު ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ އަމާޒު ބަދަލުވިއެވެ. އެހިސާބުން ފެންވަރަށް ސަމާލުކަން ދޭ މިންވަރު އިތުރުވިއެވެ. އަދި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ތަފާތު އައު ބާވަތްތައްވެސް ތަޢާރަފުކުރިއެވެ. އެގޮތުން 1990 ގެ ތެރޭގައި ދުވަސްވީ އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ސްޓޫޑިއޯ އެޕާޓުމެންޓުތަކެއް ތަޢާރަފުކުރިއެވެ. 

ސިންގަޕޫރު ސަރުކާރުން ޢާންމު ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން އަޅަނީ ހަމަ އެއް ފެންވަރުގެ ގެދޮރެއް ނޫނެވެ. ތަފާތު އެކި ފެންވަރުގެ ބޯހިޔާވެހިކަމުގެ މަޝްރޫޢުތައް ސަރުކާރުން ހިންގައެވެ. ކޮންމެ މަޝްރޫޢެއް އަމާޒުކުރަނީ އާމްދަނީގެ ގޮތުގައި ވަކި މިންވަރެއް ލިބޭ ފަރާތްތަކަށެވެ. މީގެ ތެރެއިން އެންމެ ކުޑަ އާމްދަނީއެއް ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ބިނާކުރި ފުލެޓުތަކާއި އެއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ބިނާކުރި ފުލެޓުތަކުގެ ބޮޑުމިނާއި އެތަންތަނުގެ ފެންވަރުގައިވެސް އެކި މިންވަރުގެ ތަފާތު ހުއްޓެވެ. އަގުގައިވެސް އެތަފާތު ހުރެއެވެ. މީގެ ތެރެއިން އެންމެ ކުޑަ އާމްދަނީއެއް ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން އަޅާ ގެދޮރަކީ "ސޯޝަލް ހައުސިން" ނުވަތަ އިޖުތިމާޢީ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން އަޅާ ގެދޮރެވެ. 

ވާޓިކަލް ހައުސިން 

ވާޓިކަލް ހައުސިން ނުވަތަ އުސް އިމާރާތްތަކުގައި ގެދޮރުވެރިކުރުމުގެ މަފުހޫމަކީ އާބަނައިޒޭޝަން ނުވަތަ ތަމައްދުނާއި ގުޅިގެން އުފަންވި ގެދޮރުވެރިކަމުގެ މަފުހޫމެކެވެ. މިމަފުހޫމުގެ މާނައިގެ މައްޗަށް ކުރުކޮށް ޚުލާޞާކޮށް ބަލައިލާނަމެވެ. ވާޓިކަލް ހައުސިންއަކީ ބިމުގެ ދަތިކަމާއި ކުޑަކަން ކުރިމަތިވެފައިވާ ތަންތަނުގައި ގިނަ ބަޔަކަށް ގެދޮރު ފޯރުކޮށްދިނުމަށް އުސް ޓަވަރުތަކުގައި އެޕާޓުމެންޓު ބިނާކުރުމުގެ މަފުހޫމެވެ. މިއީ ދުނިޔޭގެ ގިނަ ސިޓީތަކެއްގައި މިހާރު ތަންފީޒުކޮށް ޢަމަލީ ގޮތުން ހިންގަމުންދާ މަފުހޫމެކެވެ. 

ސިންގަޕޫރުގައި އެންމެ ފުރަތަމަ ވާޓިކަލް ހައުސިން ތަޢާރަފުވީ 1971 ވަނަ އަހަރުގައެވެ. ލީކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީން ޝާއިޢުކޮށްފައިވާ ކަރުދާހެއްގައި ބުނެފައިވަނީ 1970ގެ ތެރޭގައި ވާޓިކަލް ހައުސިން ނުވަތަ އުސް ޢިމާރާތްތަކުގައި ގިނަ ބަޔަކު ގެދޮރުވެރިކުރުމުގެ މަސައްކަތް ފެށުމާއެކު، އެފަދަ ގެދޮރުވެރިކަމަށް ދިރިއުޅުން ފެއްތުމުގައި، ފުރަތަމަ ކޮޅު ދަތިތަކެއް އެޤައުމުގެ ރައްޔިތުންނަށް ކުރިމަތިވި ކަމުގައެވެ. ނަމަވެސް ފަހުން އެކަންކަން ހައްލުވެ އެއީ ސިންގަޕޫރު މީހުންނަށް ހަމަ އާންމު ކަމަކަށް އެކަން ވެގެން ދިޔަ ކަމުގައިވެސް މިކަރުދާހުގައި ބުނެފައިވެއެވެ. 2001 ވަނަ އަހަރު ސިންގަޕޫރު ސަރުކާރުން ހެދި ދިރާސާއަކުން އެއިރު ބިނާކުރަމުންދިޔަ އުސްމިނުގެ ޓަވަރުތައް ބިނާކޮށްގެން ގެދޮރު ބޭނުންވެފައިވާ އާބާދީއަށް ގެދޮރު ފޯރުކޮށްނުދެވޭނެކަމުގައި ފެނުނެވެ. އެހެންވެ އެޗްޑީބީގެ ފަރާތުން ދެން ފެށި މަޝްރޫޢަކީ 50 ފަންގިފިލާގެ ޓަވަރެއްގެ މަސައްކަތެވެ. އެޓަވަރުގައި 2،000 ހައުސިން ޔުނިޓު ހުރެއެވެ. މިއީ ސިންގަޕޫރުގައި ބިނާކުރި މިބާވަތުގެ ފުރަތަމަ ޢިމާރާތެވެެ. ގިނަ ދުވަސްތަކެއްވަންދެން މައްޗަށް އުސް ޢިމާރާތްތަކުގައި ދިރިއުޅުމުގެ ތަޖުރިބާ ލިބިފައިވީނަމަވެސް 50 ފަންގިފިލާގެ އިމާރާތުގައި ދިރިއުޅުންވީ ސިންގަޕޫރު މީހުންނަށްވެސް އައު ތަޖުރިބާއަކަށެވެ. ސިންގަޕޫރުގެ ހުރިހާ ރައްޔިތުން އެއްފަހަރާ އެކަމަކަށް މަރުހަބާ ކީ ކަމަކަށްވެސް އެކަމެއް ނުވިއެވެ. ސިންގަޕޫރުގެ ގެދޮރުވެރިކުރުމުގެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ ގެދޮރުވެރިކުރުމުގެ މަޝްރޫޢަށްވުރެ ޒަމާންވީ ގިނަ ދުވަސްވީ މަޝްރޫޢެއް ކަމުން އެމަޝްރޫޢަށް އެކި ޒަމާނުގައި އެޒަމާނާއި ޙާލަތުގެ ޒަރޫރަތު ނިޔާކުރާ ބަދަލުތައް އައިސްފައިވެއެވެ. 

ވާޓިކަލް ހައުސިންއާއެކު އިތުރަށް ތަޢާރަފުވި ކަމަކީ "ވާޓިކަލް ސޯޝަލް މޮބިލިޓީ"އެވެ. އިޖުތިމާޢީ ހަރުގަނޑުގައި ކުރިއަށް ދިއުމުގެ ފުރުޞަތެވެ. އެތައް ހާސް މީހުންނަށް އެއް ފަހަރާ ލިބޭ އަގުހެޔޮ ގެދޮރުވެރިކަމާއެކު، ފައިސާ ސަލާމަތްކޮށް، އާމްދަނީން ސަލާމަތްކުރެވޭ ފައިސާ އެހެން ކަންކަމަށް ވުނަކުރުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ. އެކަމުގެ ސަބަބުން ކުރިން އިޖުތިމާޢީ ހަރުގަނޑުގެ އެންމެ ދަށުގައި ތާށިވެފައިވާ އެތައް ޢާއިލާއަކަށް އެއަށްވުރެ ރަނގަޅު ޙާލަތަށް ދިއުމުގެ ފުރުޞަތު ލިބެއެވެ. ސަލާމަތްކުރެވޭ ފައިސާ ދަރިންނަށް ތަޢުލީމު ދިނުމާއި އަމިއްލަ މަސައްކަތް ފުޅާކުރުމާއި އިތުރު ހުނަރުތައް ހޯދުމަށް ވުނަކުރެވެއެވެ. އެކަމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުކުރެވެއެވެ. 

އުސް އިމާރާތްތަކުގައި ގެދޮރުވެރިކުރުމުގެ ވިސްނުން އެއްކިބާކޮށް 6 ފަންގިފިލާގެ 10 އިމާރާތް އަޅައިގެން 600 ހައުސިން ޔުނިޓު ބާޒާރަށް ސަރުކާރުން ނެރެގެން ބޯހިޔާވެހިކަން ހިންގަން ވިސްނައިފިނަމަ، ތޮއްޖެހި ކާރޫބާރޫ ބޮޑުވެ ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ޝަހަރުތަކުގައި ބޯހިޔާވެހިކަން އޮންނާނީ ގިނަ ބަޔަކަށް ފޯރުކޮށްނުދެވިފައެވެ. އަދި ބާޒާރުގައި ބޯހިޔާވެހިކަން ބޭނުންވާ މިންވަރާ ގާތަށްވެސް ގެދޮރު އޮންނާނީ ބާޒާރަށް ނުނެރެވިފައެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަކި މިންވަރަކަށް ހިންގޭ އިރު ބިން އޮންނާނީ ހުސްވެފައެވެ. 

ދިވެހިރާއްޖޭގައި އަލަށް ވާޓިކަލް ހައުސިންގެ މަޝްރޫޢެއް ފެއްޓެވީ ރައީސް ޢަބްދުﷲ ޔާމީނެވެ. އެއީ މިހާރު އެމަޝްރޫޢަކާމެދު ޚިޔާލު ތަފާތުވެގެން މިއުޅޭ 7،000 ހައުސިން ޔުނިޓެވެ. 25 ބުރީގެ ޢިމާރާތްތަކެއްގައި ބަޔަކަށް ގެދޮރު ހަމަޖެހިގެން ދިއުން މިއީ ދިވެހިންނަށް އައު ކަމެކެވެ. ނަމަވެސް މިއީ ސިންގަޕޫރު، މެލޭޝިޔާ، ޑުބާއީ އަދި މިނޫންވެސް ބޮޑެތި ޝަހަރުތައް ހުރި ޤައުމުތަކުގައި އެތައް ދަހައަކަށް ތަޖުރިބާކޮށްފައިވާ ކަމެކެވެ.

މާލޭގެ ގެދޮރުގެ ޙާލަތު

މާލޭގެ ގެދޮރުގެ ޙާލަތާ ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ހައުސިން އެސެސްމެންޓު ރިޕޯޓެއް 2008 ވަނަ އަހަރުގައި ތައްޔާރުކޮށްފައިވެއެވެ. މިސާވޭގައި ފާހަގަކުރި ގޮތުގައި މާލޭގައި މީހުން ދިރިއުޅެމުންދަނީ ވަރަށް ތާށި "ސްލަމް" ނުވަތަ ޖިފުޓި ޒާތުގެ ތަންތަނުގައެވެ. ރަނގަޅު ވެންޓިލޭޝަނެއް ނުހުރެއެވެ. އެތަންތަނުގައި ދިރިއުޅެނީ ގިނަ ފަހަރަށް ދެ ޢާއިލާއެއް އެކީގައެވެ. 2014 ވަނަ އަހަރުގެ ބޯހިމެނުމުގައި ފާހަގަކޮށްފައިވާ ގޮތުގައި މާލޭގެ 11.4 އިންސައްތަ ގޭބީސީއަކީ 10 މެންބަރުން ނުވަތަ އެއަށްވުރެ ގިނަ މީހުން ހިއްސާވާ ގޭބީސީތަކެވެ. އެއީ އެއް ގޭބީސީގައި އެއް ޢާއިލާއަށްވުރެ ގިނަ ޢާއިލާ ދިރިއުޅޭތީ މެދުވެރިވާ ގޮތެކެވެ. 

2008 ވަނަ އަހަރުގެ ސާވޭގައިވެސް ފާހަގަކުރި ފަދައިން މިފަދައިން އެއް ޢާއިލާއަށްވުރެ ގިނަ ޢާއިލާ އެއް ގެއެއްގައި ދިރިއުޅެން ޖެހިފައިވަނީ ގެދޮރުގެ އަގު ބޮޑުވީމައެވެ. ކުލި ބޮޑުކަމުންނެވެ. މިވަގުތަކީ ދަތިކަމުގެ ސަބަބުން ގިނަ ބައެއް ކުއްޔަށް ދިރިއުޅެމުންދިޔަ ތަންތަން ދޫކޮށް އަނބުރައި ވަޒަނަށް ހިޖުރަކުރާ ވަގުތެކެވެ. ނަމަވެސް އޮންލައިން މަންސަތަކުގައި ކުއްޔަށް ދޫކުރަން ޖަހާފައިވާ ގެދޮރުގެ އަގުތައް ބައްލަވާށެވެ. 400 އަކްފޫޓުގެ ބޮޑު މިން ހުންނަ އެޕާޓުމެންޓު ކުއްޔަށް ދޫކުރަނީ 18،000 ރުފިޔާއަށެވެ. ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ޢާންމު މުވައްޒަފެއްގެ މުސާރައަކީ 5،000 ރުފިޔާއާއި 8،000 ރުފިޔާއާ ދެމެދުގެ މިންވަރެކެވެ. އެހެންވީމާ ކުލި ދެއްކެނީ ދެ މީހަކު އެއްވެގެންނެވެ. ގިނަ ފަހަރަށް ދިރިއުޅުމުގެ އިތުރު ޚަރަދުތައް ހަމަޖައްސައިލެވެނީ ދެޢާއިލާއެއް އެކުވެގެންނެވެ. 

މިދެންނެވި ޙަޤީޤަތް މިހެން އޮތް އިރު މިހާތަނަށް އެކި ސަރުކާރުތަކުން މާލެ ސަރަހައްދުގައި ބިނާކުރެވިފައިވަނީ ކިތައް ފުލެޓު ހެއްޔެވެ؟ މާލެއާއި ވިލިމާލޭގައި ބިނާކުރި ފުލެޓުތަކުގެ އަދަދާއި ތަފުސީލު މިވަގުތު ލިބެން ނެތެވެ. ނަމަވެސް ހުޅުމާލޭގައި ބިނާކޮށްފައިވާ ފުލެޓުތަކުގެ ބައެއް ތަފުސީލު ލިބެން ހުރުމުން އެޢަދަދުތައް ދަންނަަވައިލާނަމެވެ. މިދަންނަވައިލަނީ ސަރުކާރުން ހުޅުމާލޭގައި ބިނާކުރި ފުލެޓުތަކުގެ ޢަދަދެވެ. 

ރައީސް މައުމޫނުގެ ވެރިކަމުގައި އެކްޒިމް ބެންކުގެ އެހީގައި 950 ފުލެޓު ބިނާކުރެއްވިއެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި އިތުރު 1،000 ފުލެޓު ބިނާކުރެއްވިއެވެ. ޖުމްލަ 1،900 ހައުސިން ޔުނިޓެވެ. މާލޭގައި ގެދޮރުވެރިކަން ބޭނުންވެފައިވާ މީހުންގެ އާބާދީ ކަމަށް ތަފާސް ހިސާބުތަކުން އަންދާޒާކުރާ މިންވަރަކީ 20،000 ޢާއިލާއެވެ. މިއީ ކުރިން ދެންނެވިހެން ތޮއްޖެހިގެން ޢާއިލާތަކާއެކު ހިއްސާވެގެން ދިރިއުޅެމުންދާ ފަރާތްތަކެވެ. ކުލި ދެއްކުމަށް ފަހު އަތުގައި އެއްވެސް މިންވަރެއް ނެތް ފަރާތްތަކެވެ. 2008 ވަނަ އަހަރުން ފެށިގެން ގޮސް 2013 ވަނަ އަހަރާ ހަމައަށް ސަރުކާރުން ހުޅުމާލޭގައި ބާޒާރަށް ނެރުނު ފުލެޓުގެ ޢަދަދަކީ އެންމެ 1000 އެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ހުޅުމާލޭ ފުރަތަމަ ފޭސްގައި 7،00 ފުލެޓު މަސައްކަތް 2017 ވަނަ އަހަރު ނިންމަވައި އެތަންތަން ހައްގުވެރިންނަށް ދެއްވިއެވެ. ހުޅުމާލެ ފޭސް 1 ގައި އިތުރަށް ފުލެޓު ބިނާކުރުމަށް ބޭނުންވާ ޖާގަ ނެތުމާއެކު، ދެވަން ފިޔަވެއްސެއް ހިއްކެވީއެވެ. ހުޅުމާލެ 2 ވަނަ ފިޔަވަހީގައި 245 ހެކްޓަރުގެ ބިން ހިއްކަވައި އެތަނުގައި ގެދޮރުވެރިކަމުގެ މަޝްރޫޢުގެ އައު ފިޔަވަހި ފެއްޓެވިއެވެ. މިހާރު އެތަންތަނުގައި މީހުން ދިރިއުޅޭތާ 4 ވަރަކަަށް އަހަރުވީއެވެ. 2018 ވަނަ އަހަރު ރައީސް ޔާމީން ވެރިކަން ނިމުނުއިރު ހިޔާ މަޝްރޫޢުގެ 7،000 ފުލެޓުގެ ސްޓްރަކްޗާ މަސައްކަތް ހުރީ ގާތްގަނޑަކަށް ނިމިފައެވެ. އެއީ 16 ޓަވަރެވެ. މިތަންތަނަކީ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން 10،000 ރުފިޔާގެ ޖުމްލަ އާމްދަނީ ނުލިބޭ ގޭބީސީތަކަށް ޚާއްޞަކޮށް ބިނާކުރައްވާން ފެއްޓެވި ތަންތަނެވެ. ސީމެކް ކުންފުންޏާ ހަވާލުކޮށްގެން މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް ޚާއްޞަކޮށް 1350 ހައުސިން ޔުނިޓު ބިނާކުރުމުގެ މަސައްކަތް އެއިރުވަނީ ފަށާފައެވެ. އެތަންތަނުގެ ބިންގާ ހުރީ އެޅިފައެވެ. އެއީ 12 ޓަވަރެވެ. މިއީ ޖުމްލަ އާމްދަނީގެ ގޮތުގައި 15،000 ރުފިޔާއާއި 25،000 ރުފިޔާގެ އާމްދަނީއެއް ލިބޭ ޢާއިލާތަކަށް އަމާޒުކޮށް ހިންގި މަޝްރޫޢެކެވެ. ސަރުކާރު ކުންފުނިތަކުން އިތުރު 10 ޓަވަރުގެ މަސައްކަތް ފޭސް 2 ގައި ފަށާފައިވެއެވެ. 2018 ވަނަ އަހަރު ނިމުނުއިރު ސަރުކާރު ކުންފުނިތަކުން ބިނާކުރާ 10 ޓަވަރުގެ ތެރެއިން ވަރަށް ގިނަ ޓަވަރުގެ ބިންގާގެ މަސައްކަތްވަނީ ފެށިފައެވެ. އެއީ އިތުރު 1،200 ފުލެޓެވެ. ޖުމްލަ ރައީސް ޔާމީންގެ ފުރަތަމަ ފަސް އަހަރު ބިނާކުރައްވަން ފައްޓަވާފައިވަނީ 10،250 ފުލެޓުގެ މަސައްކަތެވެ. 

މިދެންނެވުނު ފުލެޓުތަކަކީ ގެދޮރުވެރިކަމުގެ މައްސަލައަށް އެއިރުގެ ސަރުކާރުން ހުށަހެޅި "ޓޯޓަލް ސޮލޫޝަން" ނުވަތަ ފުރިހަމަ ޙައްލުގެ ފުރަތަމަ މަރުހަލާއެވެ. ވިލިމާލޭގެ ދެވަނަ ފިޔަވަހީގައި މާލެ ވިލިމާލެ، ގުޅީފަޅު ތިލަފުށި ބުރިޖަކުން ގުޅުވައިލުމާއެކު، ތިލަފުށި ހިއްކާ އެތަނުގައި 40 ޓަވަރުގެ އުސް ޢިމާރާތްތައް ބިނާކޮށް މާލޭގައި ބޯހިޔާވެހިކަން ބޭނުންވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ދޭނެއެވެ. އަދި އޭގެ އިތުރަށް 1،000 އަކަފޫޓުގެ ގޯތިވެސް ދޫކުރަން ފަށާނެއެވެ. އެއީ ރޭވި އެކަމަށް ބޭނުންވާ ކުރެހުންތަކާއި ވިސްނުންތައް ކަރުދާހަށް ދެލިކުރެވިފައިވާ ކަންކަމެވެ. 

މާލޭގެ ގެދޮރުގެ ޙާލަތަށް ވަރަށް ބޮޑު ބަދަލެއް މިތަންތަން ނިމި އެތަންތަން ޙައްޤުވާ ފަރާތްތަކަށް ދެވެން ފެށުމުން އަންނާނެއެވެ. ތެދެކެވެ. އުސް ޓަވަރުތަކުގައި ދިރިއުޅުމަކީ ދިވެހިންނަށް އައު ކަމަކެވެ. ނަމަވެސް ފަސް އަހަރުން 1،000 ފުލެޓު އަޅައިގެން ގެދޮރަށް ބޭނުންޖެހިފައިވާ އެތައް ހާސް ބަޔަކު ގެދޮރުން މަހުރޫމުކުރުވައިގެން އެތައް ދަހައަކަށް ތިބުމަކީ ޒިންމާދާރު ސަރުކާރަކުން ކުރާނެ ކަމެއް ހެއްޔެވެ؟ ރައްޔިތުންނަށް ހައްގުވަނީ ހިޔާ މަޝްރޫޢުގެ 575 އަކަފޫޓުގެ ފުލެޓު ނޫން ކަމުގައި ބުނާ މީހުން، 400 އަކަފޫޓުގައި ކުއްޔަށް މަހަކު 16،000، 18،000 ރުފިޔާ ދީގެން، ދިރިއުޅޭ 2 ޢާއިލާގެ ތަޖުރިބާ ދުވަހަކުވެސް ކައިރިން ދެކެފީމު ހެއްޔެވެ؟ ނުވަތަ އެހިތްދަތިކަމާއި އިންސާނީ ކަރާމަތުން މަހުރޫމުވެފައިވުން ތަޖުރިބާ ކުރީމު ހެއްޔެވެ؟  އެޢާއިލާތަކަށް އޮތް ހައްލަކީ އިޖުތިމާޢީ ބޯހިޔާވަހިކަމެވެ. އެއީ ވާޓިކަލް ހައުސިންގެ މަފުހޫމާ އެއްގޮތަށް އަގުހެޔޮކޮށް، ވީހާވެސް ގިނަ ބަޔަކަށް އަވަހަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމެވެ. އެނޫން ގޮތަކަށް އެޢާއިލާތަކަށް އިޖުތިމާޢީ ހަރުގަނޑުން މައްޗަށް އެރޭނެ ގޮތެއް ނޯންނާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ބިލާލް
ވަރަށް ފުރިހަމަ. ރައްޔިތުންނަށް އޮތީ މިނިވަންކަމާއެކު މި ޙަޤީޤަތްތަކަށް ވިސްނުން. އެހެން ނޫން ނަމަ އަބަދުވެސް ގަނަތެޅެން ޖެހޭނީ މަކަރުވެރި ސިޔާސީންގެ އެދުންތަކުގެ އަަލިފާނުގައި. ޝުކުރިއްޔާ ދިޔަރެސް. ޝުކުރިއްޔާ ޝިފްޒާން.
އިބްރާހިމް
ރަނގަޅު ލިޔުމެއް. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން، ސަރުކާރުގެ ކުންފުނިތަކުން އަޅަމުންދާ ފްލެޓްތަކާއި ބެހޭ މައުލޫމާތުވެސް ގެނެސްދިނުން އެދެން