Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ގަދަބާރުން ރާއްޖެއަށް އަރަން 2018 ވަނަ އަހަރު އިންޑިއާގައި މަޝްވަރާ ކުރެވުނު!

އިންޑިއާގެ ހަރުކަށި ހިންދޫ ފިކުރުގެ ބޮޑުވަޒީރު މޯދީ
2018 ވަނަ އަހަރު ދިވެހިރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވަން އިންޑިއާގައި މަޝްވަރާ ކުރެވުނުކަމަށް އެމެރިކާ އިން ބުނެފިއެވެ.
މިގޮތުން އެމެރިކާގެ ދައުލަތުގެ އިދާރާއެއް ކަމަށްވާ "ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސް" އިން ތައްޔާރުކޮށްފައިވާ "ޗައިނާސް އެންގޭޖްމެންޓް ވިތް ސްމޯލާރ ސައުތް އޭޝިއަން ކަންޓްރީސް" ރިޕޯޓުގައި ބުނެފައިވާގޮތުން 2018 ވަނަ އަހަރުގެ ކުރީގެ ކޮޅު ދިވެހިރާއްޖެއަށް އިންޑިއާ ސިފައިން އެރުމާއި މެދު އެ ޤައުމުގެ ސްޓްރެޓިޖިސްޓުން ގެ މެދުގައި ސީރިއަސް މަޝްވަރާތަކެއް ކުރެވުނެވެ. އެކަމާއި ބެހޭ އިތުރު ތަފްސީލެއް އެ ރިޕޯޓުގައި ހާމަކޮށްފައި ނުވެއެވެ.
ނަމަވެސް، އެ ރިޕޯޓުގައި ވަނީ އިންޑިއާ ސިފައިންނާއި ސަރުކާރުން މީގެ ކުރިން ދެކުނު އޭޝިއާގެ ޤައުމުތަކުގައި ހިންގި އޮޕަރޭޝަންތަކަށް އަލި އަޅުވާލާފައެވެ. މިގޮތުން ނޭޕާލާއި ބޫޓާނާއި ދެކޮޅަށް ހިންގި ބްލޮކޭޑާއި ޕާކިސްތާނާއި ކުރިމަތިލުންތައް ހިމެނެއެވެ. އެ ރިޕޯޓު ބުނާގޮތުން، އިންޑިއާ އަކީ އަދިވެސް މި ސަރަހައްދުގެ ގަދަ ބާރު ކަން މި ސަރަހައްދުގެ ހުރިހާ ޤައުމަކުންވެސް އެއްބަސްވެއެވެ. އަދި ރާއްޖޭގެ ސިފައިންގެ ފަރާތުން އެ ރިޕޯޓަށް މައުލޫމާތު ދިން ފަރާތަކުން ވަނީ އިންޑިއާ އަށް ރާއްޖޭގައި ހިންގާކަންކަން ވަރަށް ރަނގަޅަށް އެނގޭކަން ކަމަށާއި، އިންޑިއާ އިން ބޭނުންވެއްޖެނަމަ ހަލުވިކަމާއި އެކު ރާއްޖެއަށް ސިފައިން ފޮނުވޭނެކަން ޤަބޫލުކުރާކަމަށް ބުނެފައެވެ.
އިންޑިއާ ސިފައިން ދިވެހިރާއްޖެއަށް 2018 ވަނަ އަހަރު ކުރީކޮޅު އެރުމަށް މަޝްވަރާ ކުރެވުނުކަމަށް މި ރިޕޯޓުގައި ބުނެފައިވާއިރު 2018 ވަނަ އަހަރު ދިވެހިރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވުމަށް ކުރީގެ ރައީސް، އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވަނީ ގޮވާލައްވާފައެވެ.މިގޮތުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ގިނަ އަދަދެއްގެ ކުށްވެރިން މިނިވަން ކުރުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ރައީސް ޔާމީންގެ ސަރުކާރުން ތަންފީޒު ނުކޮށްގެން ރައީސް ނަޝީދު ވަނީ އިންޑިއާގެ މުޝީރަކާއި އެކު އިންޑިއާ ސިފައިން ރާއްޖެއަށް ފޮނުވުމަށް ގޮވާލައްވާފައެވެ.


އަދި އިންޑިއާގެ ބައެއް ފަރާތްތަކުންވެސް ވަނީ އެވަރުގެ ރަނގަޅު ފުރުސަތެއް ނުލިބޭނެ ކަމަށާއި އަވަހަށް ރާއްޖެއަށް އަރަންވީކަމަށް ބުނެ ޓުވީޓުކޮށްފައެވެ."ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސް" ގެ ރިޕޯޓަށް ބަލާއިރު 2018 ވަނަ އަހަރު، އިންޑިއާ އިން ރާއްޖެ އެރުމަށް މަޝްވަރާ ކޮށްފައިވަނީ ރައީސް ނަޝީދު މިގޮތަށް ގޮވާލުމުން ކަމަށް ބެލެވެއެވެ.


މީގެ އިތުރުން، އޭރު އިންޑިއާގެ ވަރަށް ގިނަ މީޑިއާތަކުންވެސް ދިވެހިރާއްޖެއަށް އަރަންޖެހޭކަމަށް ބުނެ ރިޕޯޓުތައް އޭރު ފޮނުވިއެވެ. އަދި މިހާރު ދިވެހިރާއްޖޭގެ ޚާރިޖީވަޒީރު ކަމުގައިވާ އަބްދުﷲ ޝާހިދުވެސް އިންޑިއާގެ ޓީވީ ޗެނަލްއެއްގައި ވާހަކަ ދައްކަވަމުން، އިންޑިއާ ސިފައިން ރާއްޖެއަށް ނާރައިގެން އެކަމާ ކަންބޮޑުވެގެން ވާހަކަ ދެއްކެވިއެވެ.
އިންޑިއާ އިން ރާއްޖެއަށް ސިފައިން ފޮނުވަފާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް އޭރު ޗައިނާ އިން ވަނީ، ދިވެހިރާއްޖޭގެ ދާހިލީ ކަންކަމާއި އިންޑިއާ ނުބެހުމަށް ގޮވާލާފައެވެ. އަދި ފެބްރުއަރީ މަސްތެރޭ ޗައިނާ އިން 11 ހަނގުރާމަ މަތީ މަނަވަރު އިރުމަތީ އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ފޮނުވިއެވެ.
އިންޑިއާ އިން ސިފައިން ފޮނުވުމުގެ އިތުރަށް، އދ. ގެ ސަލާމަތީ މަޖިލިހަށްވެސް ރާއްޖެއާއި ދެކޮޅު މައްސަލައެއް ހުށަހަޅަން އޭރު އިންޑިއާ އިން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވިއެވެ. ރައީސް ޔާމީން އޭރު ވިދާޅުވި ގޮތުގައި އެކަން ކާމިޔާބު ނުކުރެވުނީ ޗައިނާ، ރަޝިޔާ އަދި ސައުދީ އަރަބިއްޔާގެ ސަބަބުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި އޮތް ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސް ވެފައެވެ. އަދި ވެރިކަމުގެ ފަހު އަހަރު، ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި އޮޕަރޭޓު ކުރާ ދެ ހެލިކޮޕްޓަރުވެސް ގެންދަން އަންގާފައެވެ. ނަމަވެސް ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެ އެންމެ ފުރަތަމަ ކުރެއްވި ކަމަކީ އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި އޮަޕަރޭޓުކުރުމަށް ވެވުނު އެއްބަސްވުން އާކުރުމެވެ. އަދި އެއާއި އެކު ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ.
މި ލިއުމާއި ގުޅޭ