Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ރައީސް ވިދާޅުވި "އެކޮނޮމިކް ބޫމް" އަންނާނީ ކޮންއިރަކު؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. ފޮޓޯ:ރައީސް އޮފީސް.
މާޗު 25 ވީ ބުދަ ދުވަހު ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގިނަ ދުވަސްތަކަކަށްފަހު ދިވެހިރާއްޖޭގެ ނޫސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި އެމަނިކުފާނު ވަރަށް އުންމީދީ ވާހަކަތަކެއް ދެއްކެވިއެވެ.
މިގޮތުން ކޮވިޑު-19 ގެ ސަބަބުން މިހާރު އިޤްތިސާދީގޮތުން ދަތިކަމެއްގެ ތެރޭގައި ދިވެހިރާއްޖެ އޮތް ނަމަވެސް މިއަހަރުގެ ފަހު ތިން މަހުގައި އަދި ދެން އަންނަ އަހަރުގެ ފުރަތަމަ ތިންމަސް ތެރޭގައި "އިކޮނޮމިކް ބޫމް" އެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިޤްތިސާދީ ތަޖުރިބާކާރުން މިގޮތަށް އަންދާޒާ ކުރައްވާކަމަށާއި މިދަނޑިވަޅުގައި ކެތްކޮށްލައިގެން ތިބެންވީކަމަށް ރައީސް ވިދަޅުވިއެވެ. އަދި އެމަނިކުފާނަށް ފެންނަނީ މިއަހަރު ދިވެހިރާއްޖޭގެ ރިސޯޓުތައް ފުރިގެންދާތަން ކަމުގައި ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިޤްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމަށް ކަމުން، ރައީސް އެ ވިދާޅުވި އިޤްތިސާދީ ބޫމް ދިވެހިރާއްޖެއަށް އަންނާނީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައިގެންނެވެ. ކޮވިޑު-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް މިހާރު ވަނީ އެއްކޮށް ހުއްޓިފައެވެ. ރައީސް އެވިދާޅުވިފަދަ ބޫމްއެއް އަންނާނެތޯ ނުވަތަ ނޫންތޯ ނިންމޭނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށް ލަފާކުރާގޮތުގެ ދިރާސާއަކަށްފަހުގައެވެ.
ފަތުރުވެރިކަމާއި ބެހޭ ދިރާސާތައް ކުރާ ފަރާތްތަކުން ދެކޭގޮތުގައި ގިނަ ޤައުމުތަކުގައި ދަތުރުކުރަން ފަށާނީ، ވައިރަސްގެ ބިރު އެއްކޮށް ފިލާ، އާންމު ހާލަތަށް ރުޖޫއަވާތާ 3 މަސް ފަހުންނެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޗައިނާގައި ޑްރެގަން ޓްރައިލް އިން ހަދާފައިވާ ދިރާސައަކުން ދައްކާގޮތުން ޗައިނާ ފަތުރުވެރިން ދަތުރުކުރަން އެންމެ އަވަހަށްވެސް ފަށާނީ އޯގަސްޓު އަދި ސެޕްޓެމްބަރު ހިސާބުގައެވެ. ޗައިނާގައި އާންމު ހާލަތަށް ދެވޭނެ ކަމަށް ލަފާ ކުރެވެނީ މޭއި ނޫނީ ޖޫންހިސާބުގައެވެ. އަދި އެ ދިރާސާއިން ދައްކާގޮތުން ގިނަ މީހުން ދަތުރުކުރަން ފަށާނީ އަންނަ އަހަރުގައެވެ. މި ދިރާސާއަށް ބަލާއިރު މިއަހަރު ފަތުރުވެރިން ދަތުރުކުރާނީ ނިސްބަތުން މަދުންނެވެ. ޔޫރަޕަށް ބަލާއިރުވެސް ދަތުރުވެރިން އަމަލު ކުރާނީ މިފަދައިން ކަމަށް ލަފާކުރެވެއެވެ.ކުރު މުއްދަތަށް ކުރެވޭ ލަފާ
ޗައިނާ ފިޔަަވައި ރާއްޖެއަށް އެންމެ ގިނަ މީހުން ދަތުރު ކުރާ ޔޫރަޕުގެ ޤައުމުތަކުގައި ވައިރަސް ފެތުރެން ފެށީ ޗައިނާއަށްވުރެ ފަހުންނެވެ. އެހެން ކަމުން އެ ޤައުމުތައް ވައިރަސް އިން ސަލާމަތްވެ އާންމު ހާލަތަށް ރުޖޫއަވާނެ ކަމަށް ބެލެވޭ އެންމެ އަވަސް މުއްދަތަކީ ޖުލައި މަސް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.އަދި ދަތުރުކުރަން މީހުން ފަށާނީ އެ ހާލަތަށް ރުޖޫއަވާތާ 3 މަސް ފަހުންނެވެ. އެގޮތަށް ބަލާނަމަ ދަތުރު ކުރަން ފަށާނީ އޮކްޓޯބަރު ހިސާބުގައެވެ. މިގޮތަށް ލަފާކޮށްފައި ވަނީ މީގެ ކުރިން ފެތުރިފައިހުރި މިފަދަ ވައިރަސްތަކާއި އެވައިރަސްތަކަށް ފަހު މީހުން ދަތުުރުކުރި ގޮތާއި، އާންމުކޮށް މީހުން ދަތުރުކޮށް އުޅޭގޮތަށް ބަލައިގެން ހަދާފައިވާ ދިރާސާއެއްގައެވެ. އަދި އޮކްޓޯބަރު މަހު ދަތުރުކުރާނެ ކަމަށް ބެލެވެނީ ޖުލައި މަހުގެ ނިޔަލަށް ވައިރަސްގެ ބިރުވެރިކަން އެއްކޮށް ފިލައިގެން ގޮސްފައިވާނަމައެވެ. އޭގެ މާނަ އަކީ ވައިރަސް ފެތުރުނަ ނުދިނުމަށް މިހާރު އަޅާފައި ވާ ފުރަބަންދުވުމާއި ގޭގައި ބަންދުވެގެން ތިބުން ފަދަ އެންމެހާ ފިޔަވަޅުތައް އެޅުން ހުއްޓާލިނަމަވެސް ވައިރަސް ނުފެތުރޭނެކަމުގެ ޔަގީންކަން ލިބުނީމައެވެ.
އޮކްޓޯބަރު މަހު ދަތުރުކުރަން ފަށާނެކަމަށް ބައެއް ދިރާސާތަކުން ދައްކަނީ އެއީ އެންމެ ރަނގަޅު ހާލަތުގައި ކަންވާނެގޮތް ކަމަށް ބަލައިގެންނެވެ. ނަމަވެސް މިކަމުގައި ވިސްނާލަން ޖެހޭ އިތުރުކަން ކަން އެބަހުއްޓެވެ. މިގޮތުން، ކޮވިޑު-19 ވައިރަސް އާއި ގުޅޭގޮތުން އަދިވެސް ހޯދިފައިނުވާ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. ވައިރަސްގެ އަލާމާތް ހަށިގަނޑުން ނުފެނި 14 ދުވަސް ހުންނައިރު މިހާރު ބައެއް ދިރާސާތަކުން ދައްކާގޮތުން އެއަށްވުރެ ގިނަ ދުވަހުވެސް އެ ވައިރަސް ހަށިގަނޑުގައި އަލާމާތެއް ނުފެނި އެބަހުރެއެވެ. އަދި ހަމައެހެންމެ އެއްފަހަރު ޖެހިފައި ތިބި މީހުންނަށްވެސް އަލުން ބައެއް ފަހަރު އެބަޖެހެއެވެ. އަދި ޔޫރަޕުގެ ޤައުމުތަކުން މިކަމާއި ގުޅިގެން އަޅާ ފިޔަވަޅުތައް ވެސް ބަދަލުވެދާނެއެވެ. ޔޫރަޕުގެ އިއްތިހާދު އުފެދުނުފަހުންވެސް އަދި މިހާތަނަށް އެއްވެސް ކަމަކާއި ގުޅިގެން މިހާ ހަރުކަށި ފިޔަވަޅުތައް ޔޫރަޕުން އަޅާފައިނުވެއެވެ. ދަތުރު ކުރުން މަނާކުރުން ފަދަ ކަންކަން، ދިގުލައިގެން ގޮސްފިނަމަ ޔޫރަޕުގެ ޤައުމުތައް އާންމު ހާލަތަށް ރުޖޫއަވާން އަދި ވަރަށް ދުވަސް ނަގާނެއެވެ. އަދި ވައިރަސް ޖުލައި މަހާއި ހަމައަށް ނުހުއްޓުމަކީ ވެސް އެކަށީގެންވާކަމެކެވެ. އެހެން ކަމުން ކަނޑައެޅިގެން އޮކްޓޯބަރު މަހު ފަތުރުވެރިން ދަތުރުކުރަން ފަށާނެއޭ ބުނެވޭކަށް ނެތެވެ. ސަބަބަކީ ފަހުގެ ތާރީހެއްގައި މިބާރުމިނުގައި ވައިރަސް އެއް ފެތުރިފައި ނުވާއިރު އެކަމާއި ގުޅިގެން އަޅާނެ ފިޔަވަޅުތައްވެސް އަންދާޒާ ނުކުރެވޭތީޢެވެ.އެންމެ ގޯސް ހާލަތުގައި ވާނީ ކިހިނެެއް؟
އެންމެ ރަނގަޅު ހާލަތުގައި އޮކްޓޯބަރު މަހު ފަތުރުވެރިކަން ފެށޭނެކަމަށް ލަފާކުރެވޭއިރު އެންމެ ގޯސް ހާލަތުގައި ލަފާކުރެވެނީ ވައިރަސްގެ ބިރު ފިލައި މީހުން ދަތުރުކުރަން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް މާކެޓު ކަމުގައިވާ އިނގިރޭސި ވިލާތުގެ ސަރުކާރުންވެސް ވަނީ ވައިރަސްގެ ކަންކަން އަދި 6 މަހަށް ދިގުލައިގެން ގޮސްދާނެ ކަމުގެ އިންޒާރު ދީފައެވެ.
އެންމެ ގޯސް ހާލަތުގައި ކަންކަން ވެދާނެ ގޮތް އަންދާޒާކޮށްފައިވަނީ ކޮވިޑު-19 އަކީ އަދި މިއިންޒަމާނަކުވެސް ނުފެންނަހާ ނުރައްކާތެރި ވައިރަސް އަކަށް ވެފައި އެ ވައިރަސް ފެތުރެނީ ވަރަށް ބާރު މިނުގައި ކަމަށްވާތީއެވެ. އެންމެ ރަނގަޅު ހާލަތުގައި ލަފާކޮށްފައިވަނީ ޖުލައިގެ ނިޔަލަށް ވައިރަސް ކޮންޓްރޯލް ކުރެވި އާންމު ހާލަތަށް ރުޖޫއަވާން ފަށާނެ ކަމަށެވެ. އަދި އޭގެ 3 މަސް ދުވަސް ފަހުން މީހުން ދަތުރުކުރަން ފަށާނެކަމަށެވެ. ނަމަވެސް ޖުލައި މަހުގެ ނިޔަލަށްވެސް ވައިރަސް ފެތުރުން ކޮންޓްރޯލް ނުކުރެވިދާނެކަމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި ވައިރަސް ކޮންޓްރޯލް ކުރެވުނަސް ކޮންޓްރޯލް ކުރަން އަޅާފައިވާ ފުރަބަންދުވުން (ލޮކްޑައުން) ފަދަ ފިޔަވަޅުތައް އެޅުން ހުއްޓާލާ ހިސާބުން ވައިރަސް އަލުން ނުފެތުރޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް އަދިނެތެވެ. އެހެން ކަމުން މިހާރު އަޅާފައިވާ ފިޔަވަޅުތައް މި އަހަރުގެ ނިޔަލަށް އޮތުމަކީވެސް އެކަށީގެންވާކަމެކެވެ.
ލަންޑަނުގެ އިމްޕީރިއަލް ކޮލެޖުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އެއްވެސް ފިޔަވަޅެއް ނާޅާނަމަ އިނގިރޭސިވިލާތުގައި ވައިރަސް ފެތުރޭ މިންވަރު އެންމެ ބޮޑަށް އިތުރުވާނީ ޖޫންގައެވެ. ނަމަވެސް އެ ހާލަތުގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ ހޮސްޕިޓަލްތައް ފުނިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އެކަމަކު ސަލާމަތީ ގޮތުން ފިޔަވަޅު އަޅާ، އިޖުތިމާއީ ދުރުހެލުން މަޖުބޫރުކޮށް، އަދި ފުރަބަންދުކޮށްފިނަމަ ވައިރަސް އެންމެ ގަދަޔަށް ފެތުރޭނީ ނޮވެމްބަރު މަސް ހިސާބުގައެވެ. ނަމަވެސް އެ ހާލަތުގައި އެ ޤައުމުގެ އިދާރާތަކަށް ބަލި ޖެހޭ މީހުންނާއި މެދު އަމަލު ކުރަން ފަސޭހަވާނެކަމަށްވެއެވެ. އަދި ހޮސްޕިޓަލްތައްވެސް ހުންނާނީ ތައްޔާރަށް ކަމަށް އިމްޕީރިއަލް ކޮލެޖުގެ ދިރާސާއިން ބުނެފައިވެއެވެ.
އެ ދިރާސާގައި އިތުރަށް އަންދާޒާކޮށްފައިވާގޮތުގައި ވައިރަސްއާއި ދެކޮޅަށް އަޅާފިޔަވަޅުތައް ވަރުގަދަ ވެއްޖެނަމަ ވައިރަސް އެންމެ ގަދަޔަށް ފެތުރޭ ތާރީހު އެއަށްވުރެ ވެސް ފަސްވާނެއެވެ. މިގޮތުން އަންނަ އަހަރުގެ ޖެނުއަރީ އަދި އޭޕްރިލް އަށްވެސް ލަސްވެދާނެއެވެ. އިނގިރޭސި ވިލާތުގެ ޗީފެ މެޑިކަލް އޮފިސަރުވެސް ވަނީ އިނގިރޭސި ވިލާތް އާންމު ހާލަތަކަށް ދާން 6 މަސްވެސް ނަގާފާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން މިކަން ކަމަށް ބަލާއިރު ފަތުރުވެރިކަން އަލުން ފެށިގެން ހިނގައި ގަންނަން ވަރަށް ދުވަސް ނަގާފާނެއެވެ. އެންމެ ގޯސްކޮށް ކަންތައްތައް ވެދާނެ ކަމަށް އަންދާޒާ ކުރާނަމަ އަންނަ އަހަރުގެ ތިންވަނަ ކުއާޓާ ޖެހެންދެންވެސް މަޑުކުރަން ޖެހިދާނެއެވެ."ބޫމް" އަންނާނީ ކޮންއިރަކު؟
އެންމެ ރަނގަޅަށް ކަންތައްތައް ދިޔަ ކަމުގައިވިޔަސް، ފަތުރުވެރިން އަންނަން ފަށާނީ އޮކްޓޯބަރު މަހުގައެވެ. އަދި އެންމެ ގޯސްކޮށް ވިސްނާނަމަ އަންނަ އަހަރުގެ މެދާހަމައަށްވެސް މިހާލަތު ދެމިގެން ގޮސްދާނެއެވެ. އެންމެ ރަނގަޅު ހާލަތު ދިމާވެ އޮކްޓޯބަރު މަހުގައި ފަތުރުވެރިން އަންނަން ފަށައިފިނަމަ އަންނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަސް ނޫނީ އަހަރުގެ މެދުތެރެއަށް އިޤްތިސާދަށް ހިންދެމިލެވިދާނެއެވެ. ފަންނީ ބަހުރުވައިން ބުނާނަމަ "އެކޮނޮމިކް ބޫމް" އަކީ އިޤްތިސާދު ކުރިއަރާ މިންވަރު ވަރަށް ބޮޑަށް އިތުރުވުމެވެ. މިއަހަރު ރާއްޖޭގެ އިޤްތިސާދު ކުރިއަރާ މިންވަރު ހުންނާނެކަމަށް ލަފާވަނީ -5.5 އިންސައްތައިގައި ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން މި ދެންނެވި ގޮތަށް އޮކްޓޯބަރު މަހުގައި ފަތުރުވެރިން އަންނަފަށައިފިނަމަ އަންނަ އަހަރު އިޤްތިސާދު ކުރިއަރަން ފަށާނެއެވެ.ނަމަވެސް އެންމެ ގޯސްކޮށް ކަންކަން ވާނެކަމަށް ލަފާކުރާނަމަ، މިއަނަން އަހަރު ފަހުކޮޅުވެސް އިޤްތިސާދު އޮންނާނީ މަޑުޖެހިފައެވެ. ސަބަބަކީ އެންމެ ގޯސް ހާލަތުގައި ޔޫރަޕުގެ މާކެޓުތަކުން ފަތުރުވެރިން އަންނަން ފަށާނީ އަހަރުގެ މެދުތެރޭގައެވެ. އަދި ކުރިން އައި މިންވަރާ ގާތް މިންވަރަކަށް ފަތުރުވެރިން އަންނަން ދުވަސްތަކެއް ނަގާނެއެވެ. އެހެން ކަމުން އެހާލަތުގައި އަންނަ އަހަރުވެސް ރައީސް އެވިދާޅުވި "ބޫމް" އެއް ނާންނާނެއެވެ.ރާއްޖެއިން ތައްޔާރުވާންވީ ކިހިނެއް؟
ސަރުކާރުގެ ވާހަކަތަކަށް ބަލާއިރު ސަރުކާރުގެ އަންދާޒާ އަކީ އޮކްޓޯބަރު މަސް ތެރޭގައި ފަތުރުވެރިން އަންނަން ފަށާ އަންނަ އަހަރުފެށޭއިރު ފަތުރުވެރިކަން ކުރިން ހުރި މިންވަރަށް ގެންދިޔުމެވެ. މިގޮތަށް އުންމީދު ކުރުމަކީ ގޯހެއް ނޫނެވެ. ނަމަވެސް ތައްޔާރުވާންވީ އެންމެ ގޯސް އަންދާޒާއެއްގައި ކަންކަން ދިމާވެދާނެ ގޮތަކާއި މެދު ވިސްނައިގެންނެވެ. އޭގެ މާނައަކި މުޅި މި އަހަރުވެސް ފަތުރުވެރިކަން އެއްކޮށް މަޑުޖެހިފައި އޮވެދާނެކަމަށް ވިސްނައިގެންނެވެ. ރާއްޖެއަކީ އާމްދަނީ ލިބޭނެ އިތުރު މާބޮޑު ވަސީލަތެއް ނެތް ޤައުމަކަށް ވާއިރު މިދަނޑިވަޅުގައި ކުރެވޭނެ މާގިނަ ކަންކަމެއް އަސްލު ނޯންނާނެއެވެ. "ދިޔަރެސް" އާއި ވާހަކަ ދެއްކެވި އިޤްތިސާދީ މާހިރަކު ވިދާޅުވިގޮތުގައި މިހާރު ސަރުކާރުން ކުރަންޖެހޭ ކަމަކީ ދަށް އިންޓަރެސްޓު ރޭޓެއްގައި ބޭރު ޤައުމަކުން ނުވަތަ މާލީ މުއައްސަސާއަކުން ލޯނު ނަގައި، އެ ފައިސާ ވިޔަފާރި ތަކަށާއި އާންމުނަނަށް ދޫކުރުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ މިމޭރުމުން ވާހަކައްދައްކަވާފައެވެ. މިގޮތުން ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ލޯނު ނަގައިގެން ހަރަދުކުރުމެވެ. މިހެން ރައީސް ވިދާޅުވި ނަމަވެސް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ލޯނެއް ނުލިބޭކަން ފާހަގަކޮށްލެވެއެވެ.
މިފަދަ ދަނޑިވަޅުގައި ސަރުކާރައި ރައްޔިތުންވެސް ވިސްނަންވާނީ ކަން ހިނގާނީ އެންމެ ބޭނުންނުވާ ގޮތަށް ކަމުގައެވެ. ދުނިޔޭގެ އިޤުތިޞާދު ދެވަނަ ބޮޑު ހަނގުރާމައިގައި އެދިޔަ ދަތި ހާލަތަށްވުރެ ދަތި ހާލަތަކަށް ހިނގައިދާނެ ކަމުގައި ބައެއް މާހިރުން ވިދާޅުވާ ވިދާޅުވުމަކީ ހަމައެކަނި ބިރުދައްކަން ދައްކަވާ ވާހަކަފުޅެއް ނޫނެވެ. އެއީ ފެންނަ މަންޒަރާއި ކަންވަމުންދާ ގޮތަށް ބަލާއިރު ވުން ގާތް ކަމެކެވެ. އެހެންވެއްޖެނަމަ، އެޙާލަތަށްވެސް ރާއްޖެ އޮންނަންވާނީ ތައްޔާރަށެވެ. މިއީ އެކަމަށް ތައްޔާރުވާން ފަށަންވީ ވަގުތެވެ. މީހުންނަށް ކައިގެން ބޮއެގެން އުޅެވޭނެ ގޮތް ހެދުމަށް ބޭނުންވާ އެހީތެރިކަން ކަށަވަރުކުރަންވީ ވަގުތެވެ. ގޯސް އެންމެ ގޯހަށްވުމުން ކަންކުރަން ބަލާއިރު ކަންކުރަން ހުންނަ ދޮރުތައް ބަންދުވެދާނެއެވެ.
މި ލިއުމާއި ގުޅޭ