Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

މިދަނޑިވަޅުގައި ކުދި ވިޔަފާރިތަކަށް ސަރުކާރުން އެހީވާންޖެހޭ

ކޮވިޑް-19 ދިވެހިރާއްޖެއިން ފެނުމާ ގުޅިގެން ދިވެހިިރާއްޖޭގެ އިޤުތިޞާދު މިދަނީ ވަރަށް ބޮޑު ހީނަރުކަމެއްގެ ތެރެއަށެވެ. މި ހީނަރުކަމަކީ ހަމައެކަނި ދިވެހިރާއްޖެއިން ތަޙައްމަލުކުރަންޖެހޭ ކަމެއް ނޫނެވެ. ދުނިޔޭގެ ގިނަ ޤައުމުތަކަކަށް މެދުވެރިވެފައިވަނީ މިޙާލަތެވެ. މިސަބަބަށްޓަކައި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދޭނެ މަގުތައް ފަހިކޮށްދީ، ވިޔަފާރިތަކާއި، ވަޒީފާއާއި އާމްދަނީ ކަށަވަރުކޮށްދިނުމަށްޓަކައި ހުުރިހާ ޤައުމެއްގައިވެސް އެކި މިންވަރުގެ ފިޔަވަޅުތައް އަޅަމުން އެބަދެއެވެ.
ދިވެހިރާއްޖޭގެ ވަސީލަތްތަކުގެ މަދުތަކަމާއި، ބޭރު ފައިސާއަށް ބަރޯސާވާންޖެހޭ ޖެހުމުގެ ބޮޑުކަމުގެ ސަބަބުން ދިވެހި ސަރުކާރަށް މިފަދަ ދަނޑިވަޅުތަކުގައި ކުރެވޭނެ ކަންކަން ހުންނަނީ ހިފަހެއްޓިފައެވެ. ނަމަވެސް ކުރެވޭނެ އަދި ކޮށްދެވޭނެ ބައެއް ކަންކަން އެބަހުއްޓެވެ. އެކަންކަން ކުރުމަކީ މިކާރިސާއިން ރާއްޖެ އަރައިގަތުމަށް ދާއިރު، ދިވެހި އިޤުތިޞާދުގައި ދިރުމެއް ހުރުމަށް ލާޒިމު ކަންކަމެވެ.އެންމެ ބޮޑު ބުރައެއް އުފުލާނީ ކުދި ވިޔަފާރިތައް
މިހާތަނަށް އަޑު އިވެމުންދަނީ ބޭންކުތަކުން ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަ ލޯނުތަކެއް ތަޢާރަފުކުރި ވާހަކައެވެ. އަދި އެފަރާތްތަކުގެ ކަންބޮޑުވުންތައް ހިމަނައިގެން ސްޓިމިއުލަސް ޕެކޭޖެއް ސަރުކާރުން ތައްޔާރުކުރާ ވާހަކައެވެ. ނަމަވެސް މިފަދަ ދަނޑިވަޅެއްގައި ސަލާމަތްކުރުން އެންމެ މުހިއްމީ ކޮން ކަހަލަ ވިޔަފާރިތަކެއް ހެއްޔެވެ؟ މިފަދަ ކާރިސާއެއްގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ތަޙައްމަލުކުރަން ޖެހޭނީ ކޮން ބާވަތެއްގެ ވިޔަފާރިތަކަކަށް ހެއްޔެވެ؟
އެސުވާލުގެ ޖަވާބު ވަރަށް ސާފެވެ. އެތައް މިލިއަން ޑޮލަރެއްގެ ފައިދާ އަހަރެއްގެ މައްޗަށް ލިބޭ ރިސޯޓުތައް ހިންގާ ކުންފުނިތަކާއި މަހެއްގެ މައްޗަށް 15،000 (ފަނަރަ ހާސް) ރުފިޔާގެ ފައިދާ ލިބޭ ފިހާރައިގެ ތަފާތު ވަރަށް ބޮޑުވާނެއެވެ. މިފަދަ އިޤުތިޞާދީ ކާރިސާއެއްގެ ތެރެއިން އަރައިގަތުމަށް ބޭނުންވާ މާލީ ވިލުންތެރިކަން ކުދި ވިޔަފާރިތަކަށް ލިބިފައިވާ މިންވަރާއި ބޮޑެތި ވިޔަފާރިތަކުގެ އެޤާބިލުކަން ހުންނަ މިންވަރުގެ ފަރަޤު އެނގޭނި އެކަން ބަލައި ހޯދުމުންނެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ މަންޠިޤީ ޙަޤީޤަތަކީ މިފަދަ މާލީ އަދި އިޤުތިޞާދީ ދަތިކަމެއްގެ އެންމެ ބޮޑު ބުރައެއް އުފުލަން ޖެހޭނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމެވެ.
އޭޝިޔަން ޑިވެލޮޕްމަންޓު ބޭންކުން ދިވެހިރާއްޖޭގެ އިޤުތިޞާދީ ޙާލަތާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ބޮޑު ނޫން ނަމަވެސް ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅުމުގެ އާމްދަނީ ހޯދުމުގައި ބަރޯސާވަނީ އެވިޔަފާރިތަކަށް ކަމުގައެވެ. އަދި ފަތުރުވެރިކަމުގެ ޞިނާޢަތުގައި ކުދި ވިޔަފާރިތަކުގެ ދައުރު ބޮޑުވުމާއެކު އެވިޔަފާރިތަކުން ޤައުމީ އުފެއްދުންތެރިކަަމަށް ކުރާ ހިއްސާވެސް މިހާރުވަނީ އިތުރުވެފައެވެ. ނަމަވެސް އެންމެ މުހިއްމު ކަމަކީ ކުދި ގިނަ ވިޔަފާރިތަކަކީ ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ޢާންމުންނަށް ފޯރުކޮށްދިނުމާއި، ވަޒީފާގެ ފުރުޞަތުތައް އުފެއްދުމުގައި ބޮޑު ދައުރެއް އަދާކުރާ ވިޔަފާރިތަކަށްވުމެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މިހާރުވެސް ދިވެހިރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެއީ ރެގިއުލަޓަރީ އިދާރާތަކުންނާއި ލޯނު ހޯދުމުގައާއި އެނޫންވެސް އެކި ގޮތްގޮތުން ހުރި ގޮންޖެހުންތަކެވެ. ހުރިހާ ސަރުކާރަކުންވެސް އެގޮންޖެހުންތައް ކުޑަކުރުމަށް މިހާތަނަށް މަސައްކަތްތަކެއް ކޮށްފައިވާކަންވެސް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް އަދިވެސް ކުދި ވިޔަފާރިތަކަކީ ގޮންޖެހުންތަކެއް ތަހައްމަލުކުރަމުންދާ ވިޔަފާރިތަކެކެވެ.
ގޮންޖެހުންތައް ތަޙައްމަލުކުރުމާއެކުވެސް ރާއްޖޭގެ އިޤުތިޞާދުގައި މުހިއްމު ދައުރެއް އަދާކުރާ ކުދި ވިޔަފާރިތައް ސަލާމަތްކުރުމަކީ މިފަދަ ދަނޑިވަޅެއްގައި ސަރުކާރުން އިސްކަން ދޭންޖެހޭ ކަމެކެވެ. ސަރުކާރުން އިޢުލާނުކުރާ މާލީ އެހީތެރިކަމުގެ ޕެކޭޖުގައި އެފަދަ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ކަންތައްތަކެއް ހިމެނުމަކީ މުހިއްމު ކަމެެކެވެ.ލޯނު އެހީތެރިކަން
މިދަނޑިވަޅުގައި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާ ނެތުމެވެ. ނުވަތަ ކޭޝް ފްލޯ ދަށަށް ދިއުމެވެ. ދުނިޔޭގެ އެކި ޤައުމުތަކުން މިކަމުގައި އެހީތެރިވުމަށް އެކި ފިޔަވަޅުތައް އަޅަމުންދެއެވެ. އެމެރިކާއަށް ބަލާއިރު އެޤައުމުގެ ރައީސް ޑޮނަލްޑް ޓުރަމްޕު ކޮވިޑް-19އާ ގުޅިގެން ތަޢާރަފުކުރެއްވި ޤާނޫނެއްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ޚާއްޞަ ބަޖެޓެއް އެކުލަވައިލެވިފައިވެއެވެ. އަދި އެޤާނޫނުގައި ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވާ ސްޓޭޓުތަކުގެ ކުދި ވިޔަފާރިތަކަށް އެބަޖެޓުގެ ތެރެއިން ލުއި ލޯނުތައް ފޯރުކޮށްދީ ވިޔަފާރިތަކުގެ ކޭޝްފްލޯ ހިފަހައްޓައިދިނުމަށް އެހީތެރިކަން ފޯރުކޮށްދެއެވެ.
ދިވެހިރާއްޖޭގައިވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ލޯނުތަކެއް ދޫކުރެވޭނެ އިންތިޒާމު ހަމަޖެއްސުން މުހިއްމެވެ. ނަމަވެސް މިފަދައިން ލޯނު ދޫކުރުމުގައި އެލޯނުތައް ދޫކުރަނީ އެވިޔަފާރިއެއްގެ ޕާފޯމޭންސް ނުވަތަ ޤާބިލުކަމާއި އެވިޔަފާރިއެއްގެ ޙަޤީޤީ ފުދުންތެރިކަމަށް ބެލިގެން ކަމުގައިވުން މުހިއްމެވެ. އެއީ ލޯނު ދެއްކުމުގެ ޤާބިލުކަމެއް މިޙާލަތު މެދުވެރިވުމުގެ ކުރިންވެސް ނެތް ވިޔަފާރިއަކަށް ލޯނު ދޫކުރުން ވެގެންދާނީ ލޯނު ދޫކުރާ މާލި އިދާރާއަށް އުފުލަންޖެހޭ ބޮޑު ތަކުލީފަކަށެވެ. މިކާރިސާއިން އަރާ ގަންނައިރު މާލީ އިދާރާތަކަށްވެސް ސަލާމަތުން މިޙާލަތުން އަރައިގަނެވެންވާނެއެވެ.
މިޙާލަތުގައި ކޭޝް ފްލޯ އިތުރުކުރުމަށް ލުއި އަދި ދިގު މުއްދަތުން ދައްކާ ޚަލާޞްކުރާ ލޯނުތަކެއް ތަޢާރަފުކުރުމުގެ އިތުރުން ވިޔަފާރިތަކުން މިހާރު ނަގާފައިވާ ލޯނުތަކާމެދު ޢަމަލުކުރާނެ ލުއި ގޮތްތަކެއްވެސް ހޯދަންޖެހެއެވެ. އެގޮތުން ލޯނަށް ދައްކަންޖެހޭ މިންވަރު ކުޑަކުރުމާއި ދެއްކުމަށް ލިބޭ މުއްދަތު އިތުރުކުރުމަކީވެސް މިދަނޑިވަޅުގައި އިނދަޖެހި އަދަވަޅަކަށް ވެއްޓެމުންދާ ވިޔަފާރިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއެކެވެ. އެހީތެރިކަމެކެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކުދި ވިޔަފާރިތަކުން ނަގާފައިވާ ލޯނު މިމުއްދަތުގައި ނުދައްކައި މަޑުޖައްސައިލެވޭ ގޮތްވެސް ހަދައިދީފައިވެއެވެ. މިފަދައިން ހަމަޖައްސައިދެވޭ ލުއި ގޮތްތަކެއް ބޭނުންވާނީ ޤައުމުގެ އިޤުތިޞާދީ ޙާލަތުގެ މައްޗަށެވެ. އަދި މާލީ މުއައްސަސާތަކުގެ ވިލުންތެރިކަމާއި މާލީ ފުދުންތެރިކަމުގެ މައްޗަށެވެ.
ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުގެ ފަރާތުން ލުއި ލޯނު ދޫކުރުމަށް އުފެއްދި ބޭންކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ލުއި ގޮތްތަކެއް އިންތިޒާމުކޮށްދީފައިވާކަން ފާހަގަކުރަމެވެ. ނަމަވެސް ކުދި ވިޔަފާރިތަކަށް ލޯނު ދޫކޮށްފައިވާ އެހެން މާލީ މުއައްސަސާތަކުންވެސް ކުދި ވިޔަފާރިތަކަށް ރަނގަޅު ގޮތެއް ހަދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.ސަރުކާރުން ދެވޭނެ ލުއާއި އެހީ
ލޯނާ ގުޅޭ ގިނަ ކަންކަން ނިންމާނީ މާލީ މުއައްސަސާތަކުންނެވެ. ނަމަވެސް ސަރުކާރުން ފޯރުކޮށްދެވޭނެ އެހީތަކެއްވެސް ހުންނާނެއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އެންމެ ބޮޑު ދަތިތަކެއް އަދި ފަޅުކަމެއް ތަޙައްމަލުކުރާންޖެހޭނެ އެއް ބައަކީ ރެސްޓޯރެންޓު ހޮޓާ ކެފޭ ހިންގާ ފަރާތްތަކެވެ. އެވިޔަފާރިތަކަށް ކުރިމަތިވާ ދަތިކަމުގެ ތެރޭގައި ފެނާއި ކަރަންޓު ބިލުތަކުން މިންވަރެއް އުނިކޮށްދިނުމަކީ ސަރުކާރަށް ކުރެވިދާނެ ކަމެކެވެ. އެމެރިކާގައި ރައީސް ޓުރަމްޕު ތައްޔާރުވެލައްވަނީ ކޮންމެ ރައްޔިތަކަށް ސަރުކާރުން ފައިސާގެ އެހީއެއް ދިނުމަށެވެ. އެކަމަކީ މިވަގުތު އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ކަމުގައި ނުވެދާނެއެވެ. ނަމަވެސް ކަރަންޓާއި ފެނުން އެކަށީގެންވާ މިންވަރުގެ ލުއެއް ރައްޔިތުންނަށް ދެވިއްޖެނަމަ، އެއީ ރައްޔިތުން އަތުން ސަލާމަތްވާ ފައިސާއެވެ. މިހުރިހާ ކަމެއްގައިވެސް ބެލިދާނެ މިންގަނޑުތަކެއް އެބަހުއްޓެވެ. އަހަރެއްގެ މައްޗަށް އެތައް މިލިއަން ރުފިޔާއެއްގެ އާމްދަނީއެއް ލިބޭ ފަރާތަކާއި އަހަރަކަށް 120،000 ރުފިޔާގެ އާމްދަނީއެއް ލިބޭ ފަރާތުގެ ފަރަޤާއި ތަފާތަށް މިފަދަ ލުއިތައް ފޯރުކޮށްދިނުމުގައި ރިޢާޔަތްކުރަންވާނެއެވެ.
ސަރުކާރަށް ފޯރުކޮށްދެވޭނެ އަނެއް ލުޔަކީ ޓެކްސް ހޮލިޑޭއެކެވެ. ނުވަތަ ވަގުތީ ގޮތުން ޓެކްސްތައް ނެގުން ހުއްޓައިލުމެވެ. އަޅުގަނޑުމެންނަށް މިހާރުވެސް އަޑުއިވެމުންދަނީ ރިސޯޓު އޯނަރުން ދައުލަތަށް ދައްކަންޖެހޭ ބިމު ކުލި ނުދައްކައި ސަލާމަތްވުމަށް މަސައްކަތްކުރާ ވާހަކައެވެ. ގިނަ ކުދި ވިޔަފާރިތައް ހިންގަނީ ބޮޑު އަގުގައި އަމިއްލަ މީހުން އަތުން ބިން ކުއްޔަށް ނަގައިގެންނެވެ. އެހެންވީމާ އެފަރާތްތަކުގެ ކުލި މަޢާފުކުރުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ސަރުކާރަށް އެފަރާތްތަކުން ދައްކަންޖެހޭ ބައެއް ކަހަލަ ޓެކުސްތައް ވަގުތީ ގޮތުން ދެއްކުން ހުއްޓައިލެވޭ ގޮތެއް ހެދުމަކީ މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް ވިޔަފާރި ކުރިއަށް ގެންދިއުމަށް ކުރެވިދާނެ ކަމެކެވެ.
ސަރުކާރުގެ ވަރަށް ގިނަ މަޝްރޫޢުތަކުގައި ކުދި ވިޔަފާރިތަކުން އެކި ފެންވަރުގައި ބައިވެރިވެއެވެ. އެހެންކަމުން އެވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ލަސްނުކޮށް ދެއްކުމަކީވެސް އެކުންފުނިތައް މި ޙާލަތުގައި ސަލާމަތްވުމަށް ވަރަށް މުހިއްމު ކަމެކެވެ. ކުދި ވިޔަފާރިތައް ބަރޯސާވަނީ އެވިޔަފާރިތަކަށް ކަނޑައެޅިފައިވާ ވަގުތުގައި ކުރި މަސައްކަތާއި ފޯރުކޮށްދިން ޚިދުމަތުގެ އަގު ލިބުމުގެ މައްޗަށެވެ. މި ދަނޑިވަޅުގައި ސަރުކާރުގެ މަޝްރޫޢުތައް ހިންގުމުގައި ބައިވެރިވި ކުދި ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާ ނުލިބޭ ނަމަ އެވިޔަފާރިތަކަށް މަޖުބޫރުވާނީ މުވައްޒަފުން މަދުކޮށް، ކުންފުނީގެ ވިޔަފާރިތައް ހުއްޓާށެވެ. އަދި ކުރިއަށްދާ މަސައްކަތެއް ނަމަ މަސައްކަތް ހުއްޓިގެންދިއުން އެކަށީގެންވެއެވެ. ކުންފުނީގެ ކޭޝްފްލޯގައި މަސައްކަތްތައް ކުރުމުގެ ޤާބިލުކަން ކުދި ވިޔަފާރިތަކުގައި ނުހުންނާނެއެވެ.
ހަމައެހެންމެ ކުދި ވިޔަފާރިތަކުގެ ޙާލަތު ވީހާވެސް އަވަހަކަށް ދެނެގަތުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން ކުދި ވިޔަފާރިތަކުގެ ޙާލަތު ދެނެގަތުމަށްޓަކައި ޚާއްޞަ ސާވޭއެއް ހިންގައި، އެވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަޒަންކޮށް އެގޮންޖެހުންތަކުގައި އެހީތެރިވުމަށް އެކަމަށް ޚާއްޞަ އެޕީލް އޮފީހެއް ޤާއިމުކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެކެވެ. އެ އިދާރާއަށް ކުދި ވިޔަފާރިތަކުގެ ޝަކުވާ ހުށަހަޅައި ވިޔަފާރި ކުރިއަށް ގެންދިއުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމުގައި ފެނެއެވެ. މިހުރިހާ ފިޔަވަޅެއްގެ ބޭނުމަކީ އިޤުތިޞާދީ ބޮޑު ސިހުމެއް ޤައުމަށް މެދުވެރިވާއިރު ކުދި ވިޔަފާރިތަކަށް އަންނަ ލޮޅުންތައް ދެނެގަނެ ގެއްލުން ވީހާވެސް ކުޑަކޮށް ވިޔަފާރިތަކަށް މި ޙާލަތުން ސަލާމަތްވުމުގައި އެހީވުމެވެ.
ސަރުކާރަށްވެސް މި ދަނޑިވަޅުވާނީ އުނދަގޫ ދަނޑިވަޅަކަށެވެ. ދައުލަތުގެ އާމްދަނީ އެތައް ގުނައަކުން އުނިވެ، ބަޖެޓު ޑެފިސިޓު ކުރިން އަންދާޒާކުރި މިންވަރަށްވުރެ އިތުރުވާނެކަން ޔަޤީނާ ގާތަށް އެނގެއެވެ. އެހެންކަމުން ބައެއް މަޝްރޫޢުތައް ކުރިއަށް ގެންދިއުން ހުއްޓާލަން ޖެހޭނެއެވެ. އެފަދައިން މަޝްރޫޢުތައް ހުއްޓާލަންޖެހޭނަމަ، ބޮޑެތި ބިޔަ މަޝްރޫޢުތައް ހުއްޓާލަން އިސްކަންދޭންވާނެއެވެ. މަޖުބޫރުވެގެން ހުއްޓާލާއިރުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިސާ ލިބޭ މަގުތަކުގެ ތެރެއިން މަގެއް ބަންދުކޮށްގެން ނުވާނެއެވެ. ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދިއުން ހުއްޓާލައި އޮސްޓިރެޓީ ނުވަތަ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ މިންވަރަކުން އިޤުތިޞާދުގައި ފައިސާ ދައުރުކުރާ މިންވަރު ދަށަށް ގޮސް އެކަމުގެ ނޭދެވޭ އަސަރު އެންމެ އާދައިގެ ރައްޔިތުންނަށް ފޯރާނެއެވެ. މިއީ ދުނިޔޭގެ ގިނަ ސަރުކާރުތަކަކުން މިދަނޑިވަޅުގައި އިޤުތިޞާދުގެ ތެރެއަށް ފައިސާ އެތެރެކުރެވޭނެ ގޮތްތައް ހޯދާ ސަބަބެވެ. އިޤުތިޞާދު ހުއްޓުމަކަށް ނާންނާނީ ފައިސާ ދައުރުކޮށްގެން ކަމުގައިވާތީއެވެ.ކާރިސާއިން އަރައިގަނެވުމާއެކު
ކުރިމަތިވެފައި މިއޮތް ޞިއްޙީ އަދި އިޤުތިޞާދީ ދަތި ޙާލަތަކުން އަރައިގެނެވުމާއެކު ސަރުކާރުގެ ވިސްނުން ވަރަށް ބޮޑުތަނުން ބަދަލުވާންޖެހެއެވެ. ރާއްޖޭގެ އިޤުތިޞާދުގެ ނާޒުކު ކަމާއި ބައިނަލްއަޤުވާމީ ލޮޅުންތަކުގެ ސަބަބުން އިޤުތިޞާދަށް ކުރާ ނޭދެވޭ އަސަރަކީ ދިވެހިން އަދި ދިވެހި ސަރުކާރުތައް އަލަށް ތަޖުރިބާ ކުރި ކަމެއް ނޫނެވެ. 2004 ވަނަ އަހަރުގެ ސުނާމީއާއި، 2008 ވަނަ އަހަރު އައި ބައިނަލްއަޤުވާމީ އިޤުތިޞާދީ ހީނަރުކަން ފަދަ ކޮންމެ ކާރިސާއެއްގައި ދިވެހި އިޤުތިޞާދަށް ލޮޅުން އަރަނީ ވަރަށް ބޮޑަށެވެ. އެހެންކަމުން އެފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން މިހާރުން ފެށިގެން ސަރުކާރުން ކުރުން މުހިއްމު ބައެއް ކަންކަން ފާހަގަކުރަން ޖެހެއެވެ.
އެގޮތުން އެންމެ ޞިނާޢަތެއްގެ މައްޗަށް ދިވެހިރާއްޖޭގެ އިޤުތިޞާދު ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް އިޤުތިޞާދު "ޑައިވަރސިފައި" ކުރުން ނުވަތަ ބާވަތް ގިނަކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އެގޮތުން އުފެއްދުންތެރިކަން އިތުރުކޮށް މަސްވެރިކަމުގެ ޞިނާޢަތު ކުރިއަރުވައި، ދަނޑުވެރިކަމަށް އިތުރަށް އިންވެސްޓުކޮށް، ޤައުމުގެ ޞިނާޢީ އުފެއްދުންތެރިކަން ބިނާކުރަންޖެހެއެވެ.
އިޤުތިޞާދު ބާވަތް ހެޔޮ ކުރުމުގައި ކުރެވިދާނެ އެންމެ ރަނގަޅު އެއް ކަމަކީ ދިވެހިރާއްޖެ އޮންނަ އިސްތިރާޖީ (ސްޓްރެޓީޖިކް) ގޮތުން މުހިއްމު ސަރަހައްދުގެ ފައިދާ ދައުލަތަށް އެންމެ ބޮޑަށް ލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމެވެ. މިގޮތުން ޓްރާންޝިޕްމެންޓު ބަނދަރެއް ބިނާކުރުމަކީ ރާއްޖޭގެ އިޤުތިޞާދު މިހާރު މިއޮތް ހަރުފަތުން އެހެން ހަރުފަތަކަށް އުފުލައިލެވޭނެ ކަމެކެވެ. އެކަން ކުރުން ވެގެންދާނީ ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވާނެ މުހިއްމު ކަމަކަށެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ޤާއިމުކުރެއްވި ސޮވަރައިން ޑިވޮލޮޕްމެންޓު ފަންޑު އިތުރަށް ތަރައްޤީކޮށް އެ ފަންޑަށް ޖަމާކުރެވޭ ފައިސާއިން ވުނަކުރުމަކީވެސް (އިންވެސްޓު) ދައުލަތުގެ މާލިއްޔާ އިތުރަށް މުއްސަނދިކުރެވޭނެ ކަމެކެވެ.
މިފަދަ ދަނޑިވަޅެއްގައި ސަރުކާރާއި ވިޔަފާރިވެރިން ގުޅިގެން ޤައުމުގެ ސަލާމަތާއި މުސްތަޤުބަލުގެ ފައިދާއަށް ރާވަންޖެހޭ ހުރިހާ ކަމެއް އިންތިޒާމު ކުރަމުން ގެންދިއުމަކީ ބޭނުންތެރި ކަމެކެވެ. މި ޠޫފާނާއި އާފާތް ދިވެހި ފަސްގަނޑުން ފިލައިދާއިރު، ދިވެހިން ދިވެހި ޤައުމުގެ ނާޒުކު ޙާލަތާމެދު ހޭވެރިވެ، ރަނގަޅު ހެޔޮ ބަދަލުތަކަކާ ދިމާލަށް އަމާޒުކުރުމަކީ ޤައުމުގެ މުސްތަޤުބަލަށްޓަކައި މިހާރު ކުރަންޖެހޭ ކަމެކެވެ.
މި ލިއުމާއި ގުޅޭ