ސިޔާސީ މުވައްޒަފުންގެ މުސާރަ މިހާރުން މިހާރަށް ކުޑަކުރަން ޖެހޭ!

އެޑިޓަރު 13 މާރިޗު 2020 20:20
Flowers
ރައީސް ސޯލިހް އަދި ބައެއް ވަޒީރުން. ފޮޓޯ:ރައީސް އޮފީސް

ކޮވިޑު-19 އާއި ގުޅިގެން ދިވެހިރާއްޖެއަށް އަދި މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވަނީ އިޤްތިސާދީ ގޮތުން ދަތިހާލަތެކެވެ. ވަކިން ހާއްސަކޮށް އިޤްތިސާދުގެ 90 އިންސައްތަ ފަތުރުވެރިކަމަށް ބަރޯސާވާ މި ދިވެހިރާއްޖެ އުފުލަން ޖެހިފައިވާ އުނދަގުލާއި ތަކުލީފުބޮޑެވެ. 

ރާއްޖޭގެ އިޤްތިސާދީ ހާލަތު މިހާރު އޮތް ގޮތް އަދި ކުރިއަށް އޮތްތާ ވާނެގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއްޔެ ވިދާޅުވެދެއްވާފައެވެ. މިގޮތުން ރައީސް ވިދާޅުވި ގޮތުގައި މިއަހަރު ރާއްޖޭގެ އިޤްތިސާދު ކުރިއަރާ މިންވަރު ހުންނާނެ ކަމަށް ބެލެވެނީ 0.5 އިންސައްތަ އާއި 5.6- އިންސައްތަ އާއި ދެމެދުގެ މިންވަރެއްގައެވެ. އެއީ ފާއިތުވި 10 އަހަރުވެސް އިޤްތިސާދު ކުރިއަރާ މިންވަރު ދަށްވެފައިނުވާ މިންވަރެކެވެ. އެންމެ ފަހުން ރާއްޖޭގެ އިޤްތިސާދު މިމިންވަރާ ގާތްކުރާ މިންވަރަކަށް ދަށަށް ގޮސްފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރުގައެވެ. އެއިރު މުޅި ދުނިޔެއަށް ކުރިމަތިވި އިޤްތިސާދީ ހީނަރުކަމާއި އެކަންކަމުން އަރައިގަންނަން ރާއްޖެ މަސައްކަތް ކުރި ގޮތުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު ކުރިއަރާ މިންވަރު އެ އަހަރު ހުރީ 7.2- އިންސައްތައިގައެވެ. އޭގެ 11 އަހަރުފަހުން އެއަށްވުރެ މާ މިއަދު ދިވެހިރާއްޖެއަށް ކުރިމަތިލާންޖެހިފައިވަނީ އެއަށްވުރެ މާ ނުރައްކާތެރި ނާޒުކު ޙާލަތާކާއެވެ. 

ރައީސް ސޯލިހް ވިދާޅުވެފައިވާ ގޮތުންނަމަ މިހާތަނަށް 161،740 ފަތުރުވެރިކަމުގެ ބެޑްނައިޓް ވަނީ ކެންސަލްވެފައެވެ. އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ އިޤްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ އަގުގެ އެވަރެޖު މިންވަރަކުން ބެލިކަމުގައި ވިޔަސް މަދުވެގެން 500 މިލިއަން ޑޮލަރުގެ ގެއްލުމެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 7.5 ބިލިއަން ރުފިޔާއެވެ. 

އަދި ފަތުރުވެރިކަމަށް މި ލިބޭ ގެއްލުމުގެ ސަބަބުން މިއަހަރު ތެރޭގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ ތެރެއިން 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ނުލިބުން އެކަށީގެންވާ ކަމުގައިވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ. މާނައަކީ ދައުލަތުގެ ބަޖެޓު ޑެފިސިޓާއި ދަރަނި ކުރިން އަންދާޒާ ކުރި މިންވަރަށްވުރެ ބޮޑުތަނުން އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. 

އެހެންކަމުން، އެ ފައިސާ ނުލިބިއްޖެ ހާލަތެއްގައި، އެފައިސާ އިން ކުރަން ރާވާފައިހުރި ކަންކަން ހަމަގައިމުވެސް ނުކުރެވޭނެެވެ. މިފަދަ ޙާލަތެއްގައި ސަރުކާރުން ޚަރަދު ކުޑަ ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ޚަރަދު ކުޑަކުރުމުގެ ގޮތުން ބައެއް ކަންތައްތައް ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އޭގެ މާބޮޑު ތަފްސީލެއް ނުދެއްވިނަމަވެސް ރައީސް ވިދާޅުވީ ހަރަދު ކުޑަކުރެއްވުމުގެ ގޮތުން ސަރުކާރު އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކުރައްވާނެ ކަމަށާއި ތަރައްޤީގެ އެއްވެސް މަޝްރޫއުއެއްވެސް ހުއްޓަވައިނުލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަކީ މިދަނޑިވަޅުގައި އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި ކުރެވޭނެ ސަރުކާރުގެ މުވައްޒަފުން ހާއްސަކޮށް ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަކީ ކުރެވިދާނެ ކަމެކެވެ. 

މިއަހަރަށް ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓުގައި ވާގޮތުން ސިޔާސީ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 331،718،861  ( ތިންސަތޭކަ އެއްތިރީސް މިލިއަން ހަތް ލައްކަ އަށާރަހާސް އަށްސަތޭކަ ފަސްދޮޅަސް އެއް) ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ މަހެއްގެ މައްޗަށް 27.6 މިލިއަން ރުފިޔާއެވެ. ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 އިންސައްތަ ކުޑަކޮށްފިނަމަ މަހެއްގެ މައްޗަށް 5.5 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. އަދި މިއަހަރު ބާކީ 10 މަސް އޮތް އިރު އެއީ މުޅި އަހަރަށް ބަލާނަމަ 55 މިލިއަން ރުފިޔާއެވެ. މިއީ ހަމަ އެކަނި އައްޔަން ކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ މުސާރައެވެ. 


އިންތިހާބު ކުރެވިފައިވާ ސިޔާސީ މީހުންނަށް ބަލާއިރު އެންމެ ބޮޑު މުސާރައެއް ލިބެނީ މަޖިލީސް މެމްބަރުންނަށެވެ. މިގޮތުން 87 މަޖިލީސް މެމްބަރުން ތިއްބަވާއިރު މަހެއްގެ މައްޗަށް މެމްބަރުންނަށް މުސާރައިގެ ގޮތުގައި 7.2 މިލިއަން ރުފިޔާ ހަރަދުކުރެއެވެ. މަޖިލީސް މެމްބަރުންގެ މުސާރައިން 20 އިންސައްތަ ކުޑަކޮށްފިނަމަ މަހެއްގެ މައްޗަށް 1.4 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. އަދި މިއަހަރުގެ ކުރިއަށް އޮތް މަސްތަކަށް ޖުމްލަ 14 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. 


ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަކީ ސިޔާސީ މުވައްޒަފުންގެ މެދުގައި މާ މަޤުބޫލު ކަމަކަށް ނުވެދާނެއެވެ. މީގެ ކުރިން ވެސް ސަރުކާރުގެ ބައެއް ވަޒީރުންވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. ނަމަވެސް އިޤްތިސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި މިއީ ކުރުން މުހިންމު ކަމެކެވެ. އަބަދުވެސް ދިވެހި ސިޔާސީ ފަރާތްތަކުން މިސާލަކަށް ނަގާ ސިންގަޕޫރުގައިވެސް ވަނީ އެ ޤައުމުގެ ސިޔާސީ ފަރާތްތަކުގެ މުސާރަ ކުޑަކޮށް ސިއްހީ ފަރުވާ ދިނުމަށް ހަރަކާތްތެރިވާ މީހުންގެ މުސާރަ ބޮޑުކޮށްފައެވެ. އަދި އެހެން ބައެއް ޤައުމުތަކުގައި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ބައެއް މަޝްރޫޢުތައްވެސް ފަސްކޮށް އެފައިސާ ޢާންމު ޞިއްޙީ ނިޒާމަށް ޚަރަދުކުރަން ފަށައިފިއެވެ. 

ސިޔާސީ މުވައްޒަފުންނަށް ބޮޑު މުސާރަ ދީގެން ނޫނީ ސަރުކާރު ނުހިންގޭނެކަމަށް ވެސް ވެރިކަން ކުރާ އެމްޑީޕީގެ ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިއީ މުޅިން ހަގީގަތެއް ނޫނެވެ. ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ވެރިކަމާއި ހަވާލުވެވަޑައިގެން ފުރަތަމަ މަސް ތެރޭ ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކުރެއްވިއެވެ. މިގޮތުން ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ މުސާރައިން 12.5 އިންސައްތަ މަދުކުރެއްވިއެވެ. އަދި ރައީސް އާއި ނައިބު ރައީސްގެ މުސާރަ ވެރިކަމުގެ ފުރަތަމަ 3 އަހަރު ނިމެންދެން 50 އިންސައްތަ ކުޑަކުރެއްވިއެވެ. ވެރިކަމުގެ ދައުރު ނިމުނު އިރުވެސް ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ މުސާރަ ބޮޑު ނުކުރައްވައެވެ. މަހެއްގެ މައްޗަށް ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ހަރަދުވެފައިވަނީ 11.7 މިލިއަން ރުފިޔާއެވެ. އަދި ވެރިކަމުގެ ފުރަތަމަ 3 އަހަރު އެ އަދަދު އެއަށްވުރެވެސް މަދެވެ. އެހެން ކަމުން، ސިޔާސީ މުވައްޒަފުންނަށް ބޮޑު މުސާރަ ނުދީވެސް ސަރުކާރު ހިންގޭނެއެވެ. އަދި އެގޮތަށް ސަލާމަތްކުރެވޭ ފައިސާއަކީ އިތުރު މުހިއްމު ކަންކަމަށް ޚަރަދުކުރެވޭނެ ފައިސާވެސްމެއެވެ. 


އެހެން ކަމުން، މި ދަނޑިވަޅުގައި ޤައުމުގެ އިޤްތިސާދީ ހާލަތަށް ބަލައި، ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކޮށް އަދި އެ މުސާރައިން ސަލާމަތްވާ ފައިސާ ކޮވިޑު-19 އާއި ގުޅިގެން ކުރަންޖެހޭ އިތުރު ހަރަދުތައް ކުރުމަށް ބެހެއްޓުމަކީ ކުރުން މުހިންމު ކަމެކެވެ. ޞިއްޙީ ނިޒާމު ތައްޔާރީ ޙާލަތަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ ހޭދަތަކަށް ކުރުމަށް ފައިސާ ބޭނުންވާނެއެވެ. އެފައިސާ މިވަގުތު އިޤުތިޞާދުގެ ތެރެއިން ހޯދޭނެ އެންމެ ރަނގަޅު ގޮތަކީ ސިޔާސީ މުވައްޒަފުންނަށް ކުރޭ ހޭދައިން މިންވަރެއް އުނިކުރުމެވެ. 

"ރައްކާވެ ތިބިއްޔާ ދަތުރެވެ." މިއީ ދިވެހިން ބުނެ އުޅޭ ހަރުބަހެކެވެ. މިފަދަ ދަތި ދަނޑިވަޅުގައި އުދަގޫ ނިންމުންތައް ނިންމުމަކީ ޤާބިލު ސަރުކާރެއްގެ އެންމެ އަސާސީ އެއް ޞިފައެވެ. ސިޔާސީ މުވައްޒަފުންގެ މުސާރައިން މިންވަރެއް އުނިކުރުމަކީ ސިޔާސީ ޕާޓީއަކަށް އުދަގޫ ކަމެކެވެ. ނަމަވެސް މި ޙާލަތުގައި ކުރުން މުހިއްމު ކަމެކެވެ. އުދަގޫ ނިންމުން ނިންމަންވާ ވަގުތުގައި ނިންމުމަކީ ރައްކާވެ ތިބުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމެވެ.  

ކިޔުންތެރިންގެ ހިޔާލު
ސޮރު
ރާއްޖޭގެ ސިވިލް މުވައްޒަފުންނަށް ލިބެނީ ނިސްބަތުން އާދައިގެ މުސރައެއް؛ އަދި ރިސޯޓްތަކުގެ މުވައްޒަފުންގެ މުސާރައަކީ އެވްރެޖް 250 ޑޮލަރ ... އަދި ސިޔާސީ އާދައިގެ މީހާއަށް 20000 ވިހިހާސް ރުފިޔާ ލިބޭ، އަދި މަޖްލިސް މެންބަރަކަށް 82000 އަށްޑިހަ ދެހާސް ރ ލިބޭ...އަދި ބެންކޮކާއި އާސިއާންގެ ޤައުމުތަކުން ސަރުކާރުގެ ޚަރަދުގައި ބޭސްކުރެވޭ..ވީމާ ސިޔާސީ ހުރިހާ މީހުންގެ މުސާރަ ކުޑަކޮށް އަވަހަށް ސަލާމަތީ ފިޔަވަޅުއަޅުއްވާ.
މުއުތަބަރު
އަހަންނަނީ ސިޔާސީ މަގާމެެްގަ ޖުރި މިހެއް މުސާރާ ކުޑަކުރަން ތާޢިދު އަދި ސިޔަސީ މަގާމްތަކުގެ ޝަރުތު ކަނޑައަޅާފައި އޮތުމަށްވެސް އެދެން 2008 ކުން ފެށިގެން ސިޔާސީ މަގާމްތަކަށް ކޮންމެ ވެރިކަމެއްގައިވެސް އެބަތިވި އޯލެވެލް ފެންވަރު ފާސްނެތް މީހުން ބޮޑެތި މަގާމް ތަކުގަ. މި ސަރުކާރުގަވެސް. ދިޔަރެސް އިން ރަނގަޅު އެ މައުލޫމާތު ހޯދަން އަދި ގަޑިޖެހޭވަރގވެސް ބަލާލަން.
ޚާލިފު
ސިޔާސީ މަގާމުތަ ކާއި މަޖިލިހުގައި ތިބި މީހުންނަށް ރައްޔިތުންނަށްޓަކައި ކަމެއް ކޮށްދެވޭނީ އެމީހުން ފައިސާއަށް ހުރި ދަހިވެތި ކަން ކުޑަ ކުރެވިގެން. މިވެރިންނަ ކީ ރައްޔިތުންގެ ތޮފި އަޅައިގެން ދައުލަތުގެ މާލިއްތުން ވައް ކަން ކުރަމުން ދާ ބައިގަނޑެއް.
ކުޑަ އަލީ
މުސާރަ ކުޑަކުކޮއް ސަރުކާރައް ރައްއިތުން ބޭނުން ވާކަންކަން ވާނެ ކަމުގެ އަގީން ކަން އޮތިއްޔާ މުސާރަ އަދިވެސް ބޮޑު ކުރަން ވީ