Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ޝާހިދުގެ މޮރޮކޯ ދަތުރުފުޅުގެ ހަރަދު އޮޅުވާލާފައި!

ފޮރިން މިނިސްޓަރު ޝާހިދު މޮރޮކޯގައި
ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިދިޔަ އަހަރު މޮރޮކޯއަށް ވަޑައިގެންނެވިއެވެ. އެ ދަތުރުފުޅުގައި ލިބިވަޑައިގެންނެވި ކާޕެޓެއް އަމިއްލަފުޅު ގެކޮޅަށް މިނިސްޓަރު ގެންދެވި މައްސަލަ މީގެ ކުރިން މީޑިއާއަށް ވާނީ ތިލަވެފައެވެ. އަދި އޭގެ ސަބަބުން އެ ދަތުރުގެ ވާހަކަ ވަރަށް ބޮޑަށް އާންމުންގެ ތެރޭގައި ދެކެވުނެވެ.
މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ވަނީ ރިޕޯޓު ކުރެވިފައެވެ. އެ މައްސަލާގައި އޭސީސީއިން ވަކިގޮތެއް ނިންމާފައި ނުވާއިރު، އަނެއްކާވެސް އެ ދަތުރުގެ އެހެން މައްސަލައެއް މިވަނީ ފެންމަތިވެފައެވެ. މިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަސްތެރޭގައި "ދިޔަރެސް" ގެ ފަރާތުން ވާނީ ވަޒީރު ޝާހިދު ކުރެއްވި ހުރިހާ ދަތުރެއްގެ ތަފްސީލު ހޯދުމަށް މިނިސްޓްރީއަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ފޯމެއް ހުށަހަޅާފައެވެ. އޭރު މިނިސްޓްރީން މައުލޫމާތު ދިން އިރު ދީފައިވަނީ މިނިސްޓަރު ކުރައްވާފައިވާ ބައެއް ދަތުރުފުޅުތަކާއި އެ ދަތުރުފުޅުތަކުގައި ހަމަ އެކަނި މިނިސްޓަރަށް ކުރެއްވި ހަރަދުތައް އެކަންޏެވެ.
މިގޮތުން އޭރު ދިން މައުލޫމާތު ތަކަށް ބަލާއިރު މޮރޮކޯ ދަތުރުފުޅަށް މިނިސްޓަރަށް ހަރަދު ކޮށްފައި ހުރީ 92،535.42 ރުފިޔާއެވެ. އޭގެ އެއްވެސް އިތުރު ތަފްސީލެއް މިނިސްޓްރީން އޭރު ހާމަކޮށްފައި ނުވެއެވެ. އޭގެ ފަހުން "ދިޔަރެސް" އިން ވާނީ އަނެއްކާވެސް މިނިސްޓަރު ކުރެއްވި ހުރިހާ ދަތުރުފުޅަކާއި އެ ދަތުރުފުޅުތަކުގައި ބައިވެރިވި ހުރިހާ އެންމެންނަށް ކުރި ހަރަދު ވަކިން އެނގޭނެހެން ހާމަކޮށްދިނުމަށް އެދި ހުށަހަޅާފައެވެ. އެ ތަފްސީލު މިހާރު ދީފައިވާއިރު، ކުރިން މިނިސްޓްރީން ދިން އަދަދު އެއީ ނުބައި އަދަދެއް ކަމަށް ތުހުމަތު ކުރެވެއެވެ.
މިގޮތުން މޮރޮކޯ ދަތުރުގައި މިނިސްޓަރާއި އެކު މުޅިއެކު 6 ބޭފުޅަކު ބައިވެރިވެވަޑައިގެންފައިވާއިރު، އޭގެ ތެރެއިން އެންމެ ކުޑަ ހަރަދެއް ހިނގާފައިވަނީ މިނިސްޓަރު ޝާހިދަށެވެ. މިނިސްޓްރީން ދިން އަދަދުތަކަށް ބަލާއިރު، ދެން ދަތުރުގައި ބައިވެރިވި ކޮންމެ ބޭފުޅަކަށް 95،000 ރުފިޔާއަށްވުރެ ގިނައިން ހަރަދުކޮށްފައިވެއެވެ. އަދި މިނިސްޓަރު ޝަހިދުގެ ބޮޑީގާޑުގެ ގޮތުގައި ވަޑައިގެންނެވި އެމްއެންޑީއެފް ގެ އެސްޕީޖީ އޮފިސަރަށް 113،337 ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ނަން ހާމަ ނުކުރަން ޝަރުތުކޮށް "ދިޔަރެސް" އަށް މައުލޫމާތު ދެއްވި މިނިސްޓްރީގެ ފައިނޭންސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިދަތުރުގައި ޝާހިދު ޓިކެޓަށް އެކަނި 96،000 އަށްވުރެ ގިނަ ރުފިޔާ ވަނީ އަރާފައެވެ. އަދި ހުރުމުގެ ހަރަދާއި ޕޮކެޓު މަނީ ހިމެނުމުން 115،000 ރުފިޔާ ހަރަދުވާނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
މިނިސްޓްރީން މިހާރު ދީފައިވާ މައުލޫމާތު ތަކަށް ބަލާއިރުވެސް ނަން ހާމަނުކުރަަަން ޝަރުތުކޮށް މައުލޫމާތު ދިން މަސްދަރުގެ ވާހަކަ ތެދުކަން އެނގެއެވެ. މިގޮތުން ސެކިއުރިޓީ އޮފިޝަލް ފިޔަވާ ދެން ދަތުރުގައި ބައިވެރިވި އެހެން ބޭފުޅުންގެ ޓިކެޓު ހުރީ ދާދި އެއް އަގެއްގައެވެ. ބެލެވޭ ގޮތުގައި އެ ބޭފުޅުން ދަތުރު ކޮށްފައިވަނީ ބިޒްނަސް ކްލާހުންނެވެ. އަދި އެމްއެންޑީއެފް ބޭފުޅާ ދަތުރުކޮށްފައިވަނީ ފަސްޓް ކުލާހުންނެވެ. އެމްއެންޑީއެފްގެ ބޭފުޅާ އަކީ ޝާހިދުގެ ބޮޑީ ގާޑަށް ވާއިރު އެބޭފުޅާ ދަތުރުކުރައްވާފައިވާނީ ޝާހިދާއި އެއް ކުލާހަކުންނެވެ. އެހެން ކަމުން ޝާހިދުގެ ޓިކެޓަށްވެސް އެހާވަރަށް ހަރަދުވެފައި ހުންނާނެކަން ޔަޤީނެވެ. ސަރުކާރުގެ އޮފިޝަލުންނަށް އެންމެ ދިގު ދަތުރެއްގައިވެސް ދަތުރު ކުރެއްވޭނީ ބިޒްނަސް ކުލާހުންނެވެ. ފަސްޓު ކުލާހުން ދައުލަތުގެ ހަރަދުގައި ދަތުރު ކުރުމަކީ ހުއްދަ ކަމެއްނޫނެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން، އެއްވެސް ފަރާތަކުން ހޯދަން އެދޭ މައުލޫމާތު ދޭ އިރު ސައްހަ ނޫން މައުލޫމާތު ދިނުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. އަދި އެފަދައިން ދޮގު މައުލޫމާތު ދޭނަމަ، އެ ދޭ އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރު 25،000 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް ލިބިގެންވެއެވެ.
ފޮރިން މިނިސްޓްރީން މިހާރު ދީފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތު ކަމުގައި ވާނަމަ މޮރޮކޯ ދަތުރަށް އެކަނި ދައުލަތުގެ ބަޖެޓުން 594،408.9 ރުފިޔާ ވަނީ ހަރަދުވެފައެވެ. މިދިޔަ އަހަރު ދަތުރުތަކަށް 200 މިލިއަނާއި ގާތް ކުރާ އަދަދަށް ފައިސާ ހަރަދުކޮށްފައިވާ އިރު ސަރުކާރުން ބުނެފައިވަނީ އެއީ ހިލޭ އެހީ ހޯދުމަށް ކުރި ދަތުރުތަކެއް ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ބަޖެޓުގައި ހިލޭ އެހީ ލިބޭނެ ކަމަށް އަންދާޒާ ކުރިވަރުގެ 50 އިންސައްތަވެސް ނުލިބޭކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ