Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ރައީސް ޔާމީނު ހުށަހެޅުއްވި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބުދީފި

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމުގައި ކަނޑައަޅައި ކުރިމިނަލް ކޯޓުން އިއްވި ޙުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފުކުރި މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި، އެމަނިކުފާނު ހުށަހެޅުއްވި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބުދީފިއެވެ.
ދައުލަތުން މިއަދު ޖަވާބު ދީފައިވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި އިސްތިއުނާފީ ނުކުތާތައް މައިގަނޑު ހަ ބައަކަށް ބަހާލައިގެންނެވެ. އެގޮތުން އެމަނިކުފާނުގެ ފަރާތުން ކުށުގެ ޢުންޞުރުތަކާ ގުޅޭ ގޮތުން ހުށަހެޅުއްވި ނުކުތާތަކާއި، ހެކިބަހާ ގުޅޭ ގޮތުން ފާހަގަކުރެއްވި ކަންކަމާއި ދިފާޢީ ހެއްކަށް ރިޢާޔަތްކުރެވިފައިނުވުމާއި އަދި އިޖުރާއީ ގޮތުން ޝަރީޢަތް ހިންގުމުގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ފާހަގަކުރެއްވި ނުކުތާތަކާއި ތަޙުޤީޤާ ގުޅޭ ގޮތުން ރައީސް ޔާމީނުގެ ފަރާތުން ފާހަގަކުރެއްވި ނުކުތާތަކާއި ރައްދު ދޭން ނުޖެހޭ ނުކުތާތައް ކަމުގައި ދައުލަތުން ޤަބޫލުކުރާ ނުކުތާތަކާ ގުޅޭ ގޮތުން ދައުލަތުން ވާހަކަދައްކާފައިވެއެވެ.ޢުނުޞުރުތައް
ކުށުގެ ޢުންޞުރުތަކާ ގުޅޭ ގޮތުން ރައީސް ޔާމީނުގެ ފަރާތުން ފާހަގަކުރެއްވި ނުކުތާތަކާ ގުޅޭ ގޮތުން ދައުލަތުގެ ފަރާތުން ވާހަކަދެއްކެވީ ޕަބްލިކް ޕްރޮސެކިއުޓަރ އަޙްމަދު ނައުފަލްއެވެ. އޭނާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވަނީ ކުށްތައް ދެބައަކަށް ބެހިގެންވާ ކަމުގައާއި އެއީ ނަތީޖާގެ މައްޗަށް ބިނާކޮށް ސާބިތުކުރާ ކުށާއި ޢަމަލަށް އެކަނި ބަލައިގެން ސާބިތުކުރާ ކުށްތައް ކަމުގައެވެ. އެގޮތުން މަނީލޯންޑަރިން ކުށަކީ ހަމައެކަނި ޢަމަލަށް ބަލައިގެން ސާބިތުކުރާ ކުށެއް ކަމުގައާއި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގިވަޑައިގެން ހުންނަވައި ނުވަތަ އެއީ ކުށެއް ކޮށްގެން ހޯދި ފައިސާ ކަމުގައި ޝައްކުކުރެއްވޭ ޙާލަތުގައި އެފައިސާ ބޭނުންކުރެއްވުން މަނީލޯންޑަރިން ކުށް ސާބިތުކުރުމަށް ފުދާ ކަމުގައި ދައުލަތުން ބުނެފައިވެއެވެ.
އޭގެ އިތުރުން މަނީ ލޯންޑަރިން ޤާނޫނުގައި ކުށް ކަނޑައަޅައި ބަޔާންކޮށްފައިވަނީ ޤާނޫނު އަސާސީގައި ބަޔާންކުރާ އުޞޫލުގެ މަތިން ކަމުގައާއި އެޤާނޫނު ތަޞްދީޤުކުރެއްވީ ރައީސް ޔާމީނު ކަމުގައިވާތީ އެމަނިކުފާނަށް އެކުށުގެ ޢުންޞުރުތައް އެނގިވަޑައިނުގަތުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމުގައި ދައުލަތުން ފާހަގަކުރިއެވެ.
ރައީސް ޔާމީނުގެ ފަރާތްޕުޅުން މިޤާނޫނުގައި ކުށުގެ ޢުންޞުރުތައް އެކަށައަޅާފައިވާ ގޮތް ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކަމުގައި ފާހަގަކުރައްވާފައިވާ ނުކުތާއާމެދު ދައުލަތުން ބުނެފައިވަނީ، ޤާނޫނު ހަދަންޖެހެނީ ރައްޔިތުން މަޖިލިހުން އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތަށް ކަމުގައި ޤާނޫނު އަސާސީން އެނގޭ ކަމުގައެވެ. އަދި މަޖިލިހުން މަނީލޯންޑަރިން ކުށުގެ ޢުންޞުރުތައް ބަޔާންކޮށްފައިވަނީ ޢާންމުކޮށް ޤާނޫނުގައި ކުށުގެ ޢުންޞުރުތައް ބަޔާންކުރާ އުޞޫލުން ކަމުގައިވެސް ދައުލަތުން ފާހަގަކުރިއެވެ. އަދި އެޤާނޫނުގައި ކުށުގެ ޢުންޞުރުތައް ބަޔާންކޮށްފައިވަނީ ބައިނަލްއަޤުވާމީ މުޢާހަދާތަކާ އެއްގޮތަށް ކަމުގައި ދައުލަތުން ބުންޏެވެ. އަދި ބައެއް މުޢާހަދާތަކުގައި ބަޔާންކޮށްފައިވާ މަނީ ލޯންޑަރިންގެ ފިޔަވަހިތައްވެސް ރައީސް ޔާމީނުގެ ޢަމަލުފުޅުގައި ފުރިހަމަވާ ކަމުގައި ދައުލަތުން ބުނެފައިވެއެވެ. އެގޮތުން އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަކުން އެމަނިކުފާނުގެ އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރެއްވުމަކީ ލޭޔަރިން ކަމުގައިވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އޭގެ އިތުރަށް މަނީލޯންޑަރިން ކުށުގެ ނިޔަތުގެ ޢުންޞުރަކީ ލޯންޑާރ ކުރެވުނު ފައިސާއަކީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގުން ނުވަތަ އެފައިސާއަކީ ކުށެއްކޮށްގެން ހޯދި ފައިސާކަމާމެދު އެކަށީގެންވާ ސަބަބުތަކަކާ ހުރެ ޝައްކުވުން ކަމުގައިވެސް ދައުލަތުން ބުންޏެވެ. އަދި ރައީސް ޔާމީނު ހުންނެވީ ދައުލަތުގެ ރައީސްގެ މަޤާމުގައި ކަމާއި އެމަޤާމުގައި ހުންނަވާ ބޭފުޅަކަށް ވިޔަފާރިކުރުމުގެ ހުއްދައެއް ނޯންނަކަމުގައާއި އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުން އެހިސާބުން އެމަނިކުފާނަށް އެފައިސާއަކީ ކުށްކޮށްގެން ހޯދި ފައިސާ ކަމާމެދު ޝައްކު އުފެދޭނެ ކަމުގައިވެސް ދައުލަތުން ބުނެފައިވެއެވެ.
އަދި އޭގެ އިތުރަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން މިފައިސާއަކީ އެމަނިކުފާނު ސިޔާސީ މަސައްކަތްޕުޅުގައި ބޭނުންކުރައްވަން ލިބިވަޑައިގެންނެވި ފައިސާ ކަމުގައި ފާހަގަކުރައްވާ ކުރެއްވުމަށް ރައްދުދެމުން ދައުލަތުން ބުނެފައިވަނީ މިފައިސާގެ ބޮޑުކަމުން މިއީ ރިޔާސީ އިންތިޚާބުގައި ބޭނުންކުރުމަށް އެއް ކުންފުންޏަކުން ދެވޭނެ އެންމެ ބޮޑު ޢަދަދަށްވުރެ ބޮޑު ޢަދަދެއް ކަމުގައި ފާހަގަކުރާ ކަމުގައެވެ. އަދި މިއީ ސިޔާސީ މަސައްކަތްޕުޅަށް ލިބިވަޑައިގެންނެވި ފައިސާ ކަމުގައި ރައީސް ޔާމީން ވިދާޅުވާ ބަސްފުޅަކީ ޤާނޫނީ ޒިންމާއިން ރެކިވަޑައިގަތުމަށް ދައްކަވާ ވާހަކަފުޅެއް ކަމުގައެވެ. އަދި ސިޔާސީ ބޭނުމަށް ލިބިވަޑައިގެންނެވި ފައިސާއެއް އިންވެސްޓްމެންޓު އެކައުންޓަކަށް ލައްވައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައިވެސް ބޭނުންނުކުރެއްވޭ ގޮތަށް ބެހެއްޓެވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމުގައިވެސް ދައުލަތުން ބުންޏެވެ.
ހެކިބަސްރައީސް ޔާމީނުގެ ފަރާތްޕުޅުން ހެކި ބަހާ ގުޅިގެން ފާހަގަކުރެއްވި ނުކުތާތަކަށް ޖަވާބުދެއްވީ ޕަބްލިކް ޕްރޮސެކިއުޓަރ ޢާއިޝަތު މުޙައްމަދެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އަދީބާއި ޒިޔަތުގެ ހެކި ބަހާ ގުޅޭ ގޮތުން ރައީސް ޔާމީނުގެ ފަރާތްޕުޅުން ފާހަގަކުރެއްވި ފަދައިން އެދެބޭފުޅުން ހެކި ބަސް ބަލައިގަތުމާ ގުޅޭ ގޮތުން ކުރިމިނަލް ކޯޓުން ގޮތް ނިންމާފައިވަނީ މަތީ ކޯޓުތަކުގެ ނިންމުންތަކަށް ރިޢާޔަތްކުރައްވައިގެން ކަމުގައެވެ.
އެގޮތުން އެއް މައްސަލައެއްގައި ހިމެނޭ ދެޚަޞްމުންކުރެ އެކެއްގެ ހެކިބަސް އަނެކަކާ ދެކޮޅަށް ނެގުމާ ގުޅޭ ގޮތުން ދައުލަތުން ބުނެފައިވަނީ އަދީބާއި ޒިޔަތުގެ ހެކި ބަހަށް ބުރަދަންދޭ ހެކި ހުރުމާއެކު އެދެބޭފުޅުންގެ ހެކިބަސް މިމައްސަލާގައި ނެގޭނެ ކަމުގައެވެ. އަދި އެއީ ސުޕްރީމް ކޯޓާއި ހައިކޯޓުން މިމައްސަލާގައި ނިންމާފައިވާ ނިންމުންތަކާ ޚިލާފު މައްސަލައެއް ނޫން ކަމުގައިވެސް ދައުލަތުން ބުނެފައިވެއެވެ.
އޭސީސީގެ ކުރީގެ ރައީސް މުޢައްވިޒު ރަޝީދުގެ ހެކިބަހަށް ބާރުދޭނެ އެއްވެސް ހެއްކެއް ނެތް ކަމުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ފާހަގަކުރެއްވި ނުކުތާއަށް ދައުލަތުން ބުނެފައިވަނީ އެމައްސަލާގައި ރައީސް ޔާމީނު ދައްކަވާ ވާހަކަފުޅުން އެބައްދަލުވުން ހިނގާފައިވާކަން ސާބިތުވާ ކަމުގައެވެ. ނަމަވެސް ދަށު ކޯޓުގައި ރައީސް ޔާމީނުވަނީ އެބައްދަލުވުން ހިނގާފައިނުވާ ކަމުގައި ވިދާޅުވެފައެވެ. އަދި އެބައްދަލުވުން ރައީސް އޮފީހުގައި ކުރިއަށް ދިޔައީ ކޮންތަނެއްގައި ކޮން ވަގުތެއްގައި ތޯ ރައީސް ޔާމީނު މުޢައްވިޒާ ސުވާލުކުރެއްވުމުން އޭނާއަށް އެސުވާލަށް ޖަވާބުދެއްވިފައިނުވާ ކަން ދިފާޢީ ވަކީލުން ފާހަގަކުރައްވާފައިވެއެވެ.
އޭގެ އިތުރުން ހެކި ވަޒަންކުރުމުގައި ދަށު ކޯޓުން ބޭނުންކުރި މިންގަނޑަކީ ޤާނޫނާ ޚިލާފު މިންގަނޑެއް ކަމުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ފާހަގަކުރެއްވި ނުކުތާއަށްވެސް ދައުލަތުން ރައްދުދީފައިވެއެވެ. އެގޮތުން ހެކި ވަޒަންކުރުމުގެ ބާރަކީ ޤާޟީންނަށް ލިބިފައިވާ ތަޤުދީރީ ބާރެއް ކަމުގައާއި އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަން ދީފައިވަނީ ހައިކޯޓުގެ ނިންމުމެއްގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތަށް ކަމުގައިވެސް ދައުލަތުން ބުނެފައިވެއެވެ.
އަދި ރައީސް ޔާމީނު 2018 ވަނަ އަހަރު ދެއްވި މާލީ ބަޔާނެއްގައި އެމަނިކުފާނުގެ އެކައުންޓުގައި ހުރި ފައިސާއަކީ، އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން އަދީބު ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރެއްވި ފައިސާ ކަމުަގއި ރައީސް ޔާމީނު ވިދާޅުވެފައިވާ ކަމުގައި ދައުލަތުން ފާހަގަކޮށްފައިވެއެވެ. އަދި އެފައިސާއަކީ ދައުލަތުގެ ފައިސާކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ ކަމުގެ ހެއްކެއްގެ ގޮތުގައި މާލީ ބަޔާން ދައުލަތުން ފާހަގަކޮށްފައިވެއެވެ.އިޖުރާއީ ނުކުތާތައް ގުޅޭ ނުކުތާތައް
ރައީސް ޔާމިނުގެ ފަރާތްޕުޅުން ފާހަގަކުރެއްވި އިޖުރާއީ ނުކުތާތަކާ ގުޅޭ ގޮތުންވެސް ދައުލަތުން މިއަދު ވާހަކަދައްކާފައިވެއެވެ. އެގޮތުން ކުރިމިނަލް ކޯޓުގެ ޝަރީޢަތް ކުރިއަށް ގެންދިޔައިރު އިބްތިދާއީ މަރުހަލާއާއި ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން އެކީގައި ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ފާހަގަކުރެއްވި ނުކުތާއާ ގުޅިގެން ދައުލަތުން ބުނެފައިވަނީ ފުރަތަމަ އަޑުއެހުމުގައި އޮތީ ދަޢުވާ އިއްވުމާއި ދަޢުވާގެ ޖަވާބު އިއްވުން ކަމުގައެވެ. އެހެންކަމުން އެއީ މައްސަލައެއް ނޫން ކަމުގައި ދައުލަތުން ބުނެފައިވެއެވެ.
އޭގެ އިތުރަށް ކޯޓުން ޝަރީޢަތް ކުރިއަށް ގެންގޮސްފައިވަނީ ބާޠިލު ފޯމަކުން ހުށަހެޅި މައްސަލައެއްގެ މައްޗަށް ބިނާކޮށް ކަމުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ފާހަގަކުރެއްވި ނުކުތާއަށް ރައްދުދެމުން ދައުލަތުން ބުނެފައިވަނީ މިމައްސަލާގައި ދައުލަތުން ހުށަހެޅި ފޯމަކީ ޖިނާއީ އިޖުރާއާތުގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ފުރާފައިވާ ފޯމެއް ކަމުގައެވެ. އެހެންކަމުން އެފޯމު ޞައްޙަނުވާންވީ ސަބަބެއް ނެތް ކަމުގައި ދައުލަތުން ބުނެފައިވެއެވެ.
އަދި ބައެއް ލިޔުންތައް ލިބިފައިނުވާ ކަމުގައި ފާހަގަކުރެއްވި ނުކުތާއާ ގުޅިގެން ދައުލަތުން ބުނެފައިވަނީ ހުރިހާ ލިޔުމެއްވެސް ރައީސް ޔާމީނުގެ ވަކީލުންނަށް އަރުވާފައިވާނެ ކަމުގައެވެ. އެހެންނަމަވެސް އެސްއޯއެފް ކުންފުނީގެ މާލީ ބަޔާނަކީ ފަރާތެއްގެ ޒާތީ މަޢުލޫމާތު އެކުލެވޭ ލިޔުމެއް ކަމުގައިވާތީ އެލިޔުން ސިއްރުކުރުމަށް ދައުލަތުން އެދުނު ނަމަވެސް ކޯޓުން އެލިޔުން ދިނުމަށް ނިންމާފައިވާ ކަމުގައެވެ. އަދި އެހިސާބުން އެލިޔުން ދީފައިވާނެ ކަމުގައިވެސް ދައުލަތުން ބުންޏެވެ.ތަޙުޤީޤު
ރައީސް ޔާމިނުގެ ފަރާތްޕުޅުން އިސްތިއުނާފުގައި ފާހަގަކުރައްވާފައިވާ ތަޙުޤީޤާ ގުޅުންހުރި ނުކުތާތަކަށްވެސް މިއަދުގެ އަޑުއެހުމުގައި ދައުލަތުން ޖަވާބުދީފައިވެއެވެ. އެގޮތުން ތަޙުޤީޤު ކުރިއަށް ގެންދިޔުމުގެ ކުރިން ދިން ޤާނޫނީ އިންޒާރުގައި ތުހުމަތަކީ މަނީ ލޯންޑަރިންގެ ތުހުމަތު ކަމުގައި ބުނެފައިވާނެ ކަމުގައި ދައުލަތުން ބުނެފައިވެއެވެ. އަދި ތަޙުޤީޤުގެ އިންޒާރު އިއްވި ވަގުތުގެ ވީޑިޔޯއެއްވެސް ޝަރީޢަތުގެ މަޖިލިހުގައި ދައުލަތުން ދައްކާފައިވެއެވެ.
އެވީޑިޔޯއިން ފެންނަ ގޮތުގައި ރައީސް ޔާމީނަށް ދިން ޤާނޫނީ އިންޒާރަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގައި އެސްއޯއެފު އެކައުންޓުން ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރި ފައިސާ ލޯންޑަރކުރި މައްސަލައިގެ ތަހުޤީޤުގައި އެމަނިކުފާނު ދައުލަތުގެ މުއައްސަސާތަކަށް ދޮގު މަޢުލޫމާތުދެއްވި ކަމުގެ ތުހުމަތުގައި ކުރެވޭ ދަޢުވާއެކެވެ.
މިނުކުތާގައި ރައީސް ޔާމީނުގެ ވަކީލުންވަނީ އެބޭފުޅުން ފާހަގަކުރެއްވީ ވޮޑަމުއްލާގެ ފައިސާ މަނީލޯންޑަރ ކުރުމާ ގުޅޭ ގޮތުން ރައީސް ޔާމީނާ ތަޙުޤީޤުގައި ސުވާލުކޮށްފައިނުވުންކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ޔާމީނާ އެކަމާ ގުޅޭ ގޮތުން ތަޙުޤީޤު މަރުހަލާގައި ސުވާލުކޮށްފައިނުވާ ކަމުގައި އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ތަކުރާރުކޮށް ފާހަގަކޮށްފައިވެެއެވެ.
މިއަދުގެ ޝަރީޢަތުގައި ދައުލަތުގެ ފަރާތުން ދެއްކި ވާހަކަތަކާ ގުޅިގެން ރައީސް ޔާމީނުގެ ވަކީލުންނަށް ތަފުޞީލުކޮށް ވާހަކަދެއްކެވުމުގެ ފުރުޞަތު ދެން އޮންނަ އަޑުއެހުމެއްގައި ދެއްވާނެ ކަމުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުން ބެންޗުގެ އިސް ފަނޑިޔާރު ޙުސައިން މަޒީދު ވިދާޅުވިއެވެ. މިމައްސަލާގައި އިތުރު އަޑުއެހުމެއް އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
މި ލިއުމާއި ގުޅޭ