Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ދިއްލީގެ ލޭ އޮހޮރުވުމަށް ބީ.ޖޭ.ޕީ. ކޮށި މަގު

ބީ.ޖޭ.ޕީ. އަށް ނިސްބަތްވާ އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރާ މޯދީ
ނިމިގެންދިޔަ ހަފުތާ، ހަރުކަށި ހިންދޫދީނުގެ މީހުން އިންޑިޔާގެ ދިއްލީގެ އަވަށްތަކުތެރޭ ހަޅުތާލުކޮށް މާރާމާރި ހިންގާ، މުސްލިމުންގެ ގެދޮރު އަންދާ ސުންނާފަތުކުރި މަންޒަރުތައް އަޅުގަނޑުމެންނަށް ފެނުނެވެ. ދިވެހި ރާއްޖޭގެ ގިނަ، ބިޔަ މީޑިޔާތަކުގައި މިވާހަކަ ވަރަށް ކުޑަކޮށް، ފަނޑުކޮށް ގެނެސްފައިވިނަމަވެސް : ދުނިޔޭގެ މުސްލިމުންގެ ސަމާލުކަން މި ނިމިދިޔަހަފުތާތެރޭ އިންޑިޔާއަށް ހުއްޓުނެވެ.
މި ހަޅުތާލުގެ ތެރޭ މަރުވެގެންދިޔަ 40 އަށްވުރެ ގިނަމީހުންގެ ތެރޭ ގިނައީ މުސްލިމުންނެވެ. އަދި މުސްލިމުންކަމަށް ހީވި މީހުންނެވެ.
އިންޑިޔާގެ ސަރުކާރުން ވަރަށް އަވަހަށް މި ހަޅުތާލު ސިފަކުރީ "ކުއްލިއަކަށް" ވެގެންދިޔަ ކަމެއްގޮތުގައިއެވެ. ނަމަވެސް، ގިނަ މާހިރުން ދެކޭގޮތުގައި، މިއީ މިހާރުއޮތް ބީޖޭޕީ ސަރުކާރުގެ ސިޔާސަތުތަކެއްގެ އެތައް އަހަރެއްގެ ނަތީޖާއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވެރިކަމަށް ކެމްޕޭނު ފެށީ 2014 ގައިއެވެ. އޭނާ ބޭނުންކުރި ސްލޯގަން އަކަށްވެގެންދިޔައީ "އެކުގައި އެންމެނަށް، ތަރައްޤީ އެންމެނަށް"، މިއެވެ.
އެކެމްޕޭނުގައި މޯދީ ސިފަވެގެންދިޔައީ ވަތަނީ މީހެއްގޮތުގައި އެވެ. އަދި އިންޑިޔާގެ އިޤުތިޞާދީ ސިޔާސަތުތައް އިޞްލާޙުކުރާނޭ މީހެއްގޮތުގައިއެވެ. އޭނާ ނިސްބަތްވި ބީޖޭޕީ (ބަހާރަތިޔާ ޖަނާތާ ޕާޓީ) ގެ ހިންދޫ ހަރުކަށިކަމާއި، މުސްލިމުންނާއި މެދު ގެންގުޅުނު ނަފުރަތުގެ ވާހަކަ އެ ކެމްޕޭނުގައި އޮއްބާލެވުނެވެ.
އޭނާގެ ޝަޚުޞިއްޔަތާއި މެދު އެތަކެއް ޝައްކެއް ހުއްޓެވެ. ކޯޓަކުން އޭނާގެ މައްޗަށް ކުށްސާބިތު ނުވިނަމަވެސް ، 2002 ގައި އޭނާގެ ޗީފް މިނިސްޓަރު ކަމުގެ ދަށުގައި އޭރު އޮތް، ގުޖާރާތުގައި ހިނގި މުސްލިމުންގެ ލޭއޮހޮރުވުމަކީ އޭނާގެ މޭސްތިރިކަމުގެ ދަށުގައި ހިނގިކަމެއް ކަމަށް ގިނަބަޔަކު ތުހުމަތު ކުރެއެވެ.
އިންޑިޔާގެ މޮޑަރޭޓުން އޭނާއަށް ވޯޓުދިން ސަބަބަކަށްވީ އިދިކޮޅު ކޮންގްރެސް ޕާޓީގެ ސަރުކާރުތަކުގައި ހިނގަމުންދިޔަ ކޮރަޕްޝަނާއި ފަސާދަ އަށް ބަދަލެއް މޯދީ ގެނެސްފާނެ ކަމުގެ އުންމީދެވެ. ހިންދޫ ވަތަނިއްޔަތުގެ މާގިނަ ވާހަކަތަކެއް އޭނާގެ ކެމްޕޭނުން ނުފެނުމުން، މޯދީ އަށް ވޯޓުލުމުގައި މާބޮޑު މައްސަލައެއް މޮޑަރޭޓުންނަކަށް ނުފެނުނެވެ. މޯދީގެ ވެރިކަން ފެށުމުން މަލަމަތި ބަދަލުވެގެން ހިނގައްޖެ
ގެރި ރައްކާތެރިކުރުމުގެ ނަމުގައި ހަރުކަށި ހިންދޫދީނުގެ މީހުން ބައިގަނޑު ހަދައިގެން އިންޑިޔާގެ އެކި ކަންކޮޅުތަކުގައި މާރާމާރީ ހިންގަން ފެށިއެވެ . މިފަދަ މާރާމާރީތަކުގައި ގެރި ރައްކާތެރި ކުރުމަށްޓަކައި މީހުން މެރިއެވެ. މަރުވެގެންދިޔަ ގިނަ މީހުންނަކީ މުސްލިމުންނާއި ދަލިތުންނެވެ. (ދަލިތުންނަކީ ހިންދޫދީނުގައި އޮންނަ އިޖުތިމާޢީ ގިންތިތަކުގެ ތެރެއިން އެންމެ ދަށް ގިންތިއެވެ).
އިންޑިޔާގެ 12 ސްޓޭޓެއްގައި، މެއި 2015 އާއި ޑިސެމްބަރު 2018 ދެމެދު މަދުވެގެން 44 މީހުންވަނީ މަރާލާފައއެވެ. އެ އަދަދުގެ ތެރެއިން 36 މީހުންނަކީ މުސްލިމުންނެވެ .
މިފަދަ 100 ހާދިސާއެއްގައި 280 މީހުންވަނީ ޒަޚަމްވެފައިއެވެ.
މިފަދަ ހާދިސާތަކުގެ ފެށުމަކީ ބީޖޭޕީގެ ބައެއް އިސްމީހުން ހިންދޫދީނަށް ނިސްބަތްވާމީހުންގެ ލެއި ކައްކުވާލައިގެންނެވެ.
މޯދީގެ ވެރިކަމުގައި ހިންދޫދީނުގެ ހަރުކަށިފިކުރަށް ނިސްބަތްވާ މީހުން ވަނީ ސަރުކާރުގެ އިސްމަޤާމުތަކަށް އައްޔަނުކޮށްފައިއެވެ. އެންމެ ފާހަގަކޮށްލެވޭ މިސާލަކީ އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރުކަމަށް އިސްކުރެވިގެންދިޔަ ޔޯގީ އަދިޓްޔަނަތު އެވެ. އަދިޓްޔަނަތަކީ ހަރުކަށި ހިންދޫދީނަށް އުޅޭ ގޮރަކަހްނަތު ފައްޅީގެ ހާމުދުރެކެވެ.
އުއްތަރު ޕްރަދޭޝުގައި 200 މިލިޔަން މުސްލިމުން ދިރިއުޅެއެވެ. އޭނާވަނީ މުސްލިމުންނަކީ "ދެފައި ހުރި ޖަނަވާރުން" ކަމުގައިސިފަކޮށްފައިއެވެ. އަދި އެއް ޖަލްސާގައި "ދީނީ ހަނގުރާމައަކަށް އަހަރުން އެބަ ތައްޔާރުވަން"،މިހެންވެސް އޭނާ ބުނެފައިވެއެވެ.
އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު، އަޑިތްޔަނަތު. މަޞްދަރު: ގެޓީ އިމޭޖަސް.
އާރް. އެސް. އެސް. އަކީ ހިންދޫދީނުގެ ހަރުކަށިފިކުރަށް ތާޢީދުކުރާ، ހިންދޫ ވަތަނިއްޔަތަށް ތާޢީދުކުރާ ޖަމިއްޢާއެކެވެ. މި ޖަމިއްޢާގެ މެމްބަރުންނާއި އިންޑިޔާގައި ހިނގާފައިވާ ނިރުބަވެރި ޙަމަލާތަކާއި ގުޅުންތަކެއްވެސް އޮވެއެވެ. 2002ގައި ގުޖާރާތުގައި ހިންގި ލޭއޮހޮރުވުމުގައި އާރް. އެސް. އެސް.ގެ ބައިވެރިވުން އޮވެއެވެ. އަދި 2007 ގައި ލާހޯރާއި ދިއްލީ ދެމެދު ދަތުރުކުރާ، ސަމްޖަހައުތާ އެކްސްޕުރެސް ރޭލަށް ދެވުނު ބޮމުގެ ޙަމަލައެއްގައިވެސް އާރް. އެސް. އެސް. ގެ މެމްބަރެއް ޙަރަކާތްތެރިވިއެވެ. މި ޙަމަލާގައި 70 މީހުން މަރުވިއެވެ. 2017 ގައި ރޯދަމަހު، އަޖްމަރ ދަރަގަޔަށްވެސް ބޮމުގެ ޙަމަލައެއްދިންކަމަށްވެއެވެ. އަދި މިނޫން އިތުރު އެހެންކަންކަމުގައިވެސް އާރް. އެސް. އެސް. އަށް ތުޚުމަތުކުރެވެއެވެ.
2014 ގައި މޯދީގެ ބޮޑުވަޒީރުކަން ފެށުނުއިރު، ބީޖޭޕީގެ މެމްބަރުންގެ ތެރެއިން މިނިސްޓަރުކަމުގެ މަޤާމަކަށް އައްޔަނުކުރެވުނު 66 މީހުންކުރެ 41 (%62) މީހުންނަކީ އާރް. އެސް. އެސް. އާއި ކޮންމެވެސް ގޮތަކަށް ގުޅިފައިވާމީހެކެވެ. 2019 ގައި، ބީޖޭޕީ އަށް ނިސްބަތްވާ 53 މިނިސްޓަރުންކުރެ 38 (%69) މީހުންނަކީ ހަމަ މި އާރް. އެސް. އެސް. އާއި ގުޅިފައި ތިބި މީހުންނެވެ. ޚުދު މޯދީއަކީ އެއްޒަމާނެއްގައި އާރް. އެސް. އެސް. ގެ ޙަރަކާތްތެރިއެކެވެ.
ޔުނިވާސިޓީތަކާއި އެހެން މުއައްސަސާތަކުގެ އިސްވެރިންގޮތުގައިވެސް ހަރުކަށި ހިންދޫފިކުރުގެ މީހުން އައްޔަނުކުރިއެވެ. ހިންދޫދީނުގެ ޝިއާރުތައް އިސްކުރުމަށްޓަކައި، އަދި އިންޑިޔާއަށް މުސްލިމުންގެ ފަރާތުންކޮށްފައިވާ ފައިދާތައް ފަނޑުކޮށްލުމަށްޓަކައި އަދި މުސްލިމުންނަކީ އިންޑިޔާގެ ތާރީޚުގައި މާބޮޑުދައުރެއް އަދާނުކުރާ ބައެއްގޮތުގައި ދެއްކުމަށްޓަކައި ތަންތަނުގެ ނަންނަމާއި ސްކޫލުކުދިންގެ ކިޔަވާފޮތްތަކަށް ބަދަލުތަކެއް ގެނެވުނެވެ.
މާރާމާރީ ހިންގުމުގައި ބައިވެރިވި ހަރުކަށިހިންދޫ ދީނުގެ މީހުންގެ މައްޗަށް މާބޮޑެތި ޤާނޫނީ ފިޔަވަޅެއް ނޭޅެއެވެ. އެއިން މީހަކު ހިފުނުނަމަ، ބީޖޭޕީގެ އިސްވެރިން އެބަޔަކު ސިފަކުރީ "ބަޠަލުން" ގޮތުގައިއެވެ.
މިދިޔައަހަރުގެ އޯގަސްޓުމަހު، މޯދީގެ ސަރުކާރު ކަޝްމީރުގެ މިނިވަންކަން ނައްތާލިއެވެ. އަދި ކަޝްމީރުގެ މަދަނީ އަދި ސިޔާސީ ލީޑަރުން ހައްޔަރުކޮށް ސިއްރު ޖަލުތަކަށް ގެންދިޔައެވެ. ކަޝްމީރުތެރޭ ނޫސްވެރިންގެ މަސައްކަތަށް އިންޑިޔާގެ އަސްކަރިއްޔާއިން ބޮޑެތި ހުރަސް އެޅިއެވެ. އިންޓަނެޓާއި އެހެން މުވާސަލާތީ ޚިދުމަތްތައް ކަނޑާލިއެވެ.އިންޑިޔާގެ ހަމައެކަނި މުސްލިމް މެޖޯރިޓީ ސްޓޭޓް "ހުޅުވިފައި އޮތް ޖަލަކަށް" ހެދި
ނޮވެމްބަރުމަހުގައި ޔޯގީ އަދިތްނަޔަތު ގެ ފައްޅީގެ މީހުން ތަޅާސުންނާފަތި ކުރި މިސްކިތްހުރި ބިމުގައި ފައްޅިއެއް އެޅުމުގެ ހުއްދަ އިންޑިޔާގެ ސުޕްރީމް ކޯޓުން ދިނެވެ. ކަންކަން މިހެންހުއްޓާ އިންޑިޔާގެ ރައްޔިތުކަމުގެ ޤާނޫނަށް ޑިސެމްބަރު މަހު ގެނައި، މުސްލިމުން އިންޑިޔާއިން ނައްތާލުމުގެ ނިޔަތުގެ ކުލަވަރު ހުރި ބަދަލު، ވެގެންދިޔައީ އިންޑިޔާގެ މުސްލިމުންނަށް ލިބުނު ސިހުމަކަށެވެ.
މުސްލިމުންގެ ގިނަބަޔަކު މުޒާހަރާކުރިއެވެ. އަދި ބީޖޭޕީގެ ބާރު އޮތް ސަރަހައްދުތަކުގައި މުޒާހަރާކުރި މީހުންނާއި މެދު ކަންކުރެވުނީ އަނިޔާވެރި ގޮތަކަށެވެ.
އަދިޓްޔަނަތުގެ ވެރިކަމުގެ ދަށުގައިވާ އުއްތަރު ޕްރަދޭޝްގައި ފުލުހުން މުސްލިމް ފިރިހެންކުދިންނަށް އަނިޔާކުރި ކަމާއި، މުސްލިމުން ބަޑިޖަހާމެރިކަމަށް މަންޒަރުދުށްމީހުން ބުނެއެވެ. ނިއު ދިއްލީގައި ހުންނަ ޔުނިވަރސިޓީ އެއްގެ ތެރެޔަށް ފުލުހުންވަދެ، ކިޔަވާކުދިންގައިގައި ތަޅާ ވީޑިޔޯ މީސްމީޑޔާ ތެރޭ ފެތުރިގެންދިޔައެވެ.
ނަމަވެސް، އަނިޔާވެރިންނާއި ޤާނޫނީ ފިޔަވަޅެއް ނޭޅެއެވެ. މިހުރިހާ ކަމަކުން ނެގުނު މެސެޖު ވަރަށް ސާފުވިއެވެ.
މުސްލިމުންނަށް ދޭ އަނިޔާގައި ސަރުކާރުން ހިތްވަރުދޭނެކަމެވެ. ނުވަތަ ކަނުލޮލެއް ދޭނެކަމެވެ.
ބީޖޭޕީ އިން މީހުންގެ ލެއި ކައްކުވާލަން ގެންގުޅުނު ބަހުރުވައިން މިފަދަ ހިތްވަރުދިނުމުގެ މިސާލުފެނެއެވެ.
އިންޑިޔާގެ މިނިސްޓަރެއް ކަމަށްވާ އަނުރާގު ތަކުރް ވަނީ ސިޔާސީ ޖަލްސާއެއްގައި، މުޒާހަރާކުރާ މީހުންނަކީ ބަޑިޖަހާ މަރާލަންވީ "ޣައްދާރުން" ކަމުގައި ބުނެފައިއެވެ. ބީޖޭޕީގެ އެހެން އިސްވެރިންވަނީ މުޒާހަރާ ކުރާމީހުންނަކީ ޕާކިސްތާނުގެ އެޖެންޓުންގޮތުގައި ސިފަކޮށްފައިއެވެ.
ދިއްލީގައި ހިނގި ހަމަނުޖެހުންގަނޑުގެ ފެށުމަކީ ދާދިފަހުން ބޭއްވުނު އިންތިޚާބެއްގައި ބަލިވި ބީޖޭޕީގެ ސިޔާސީ ލީޑަރެއްކަމަށްވާ ކަޕިލް މިޝްރާގެ ވާހަކައެކެވެ. ފެބްރުއަރީ 23 ގައި، ރައްޔިތުކަމުގެ ޤާނޫނާއި ގުޅޭގޮތުން މުސްލިމް އަންހެނުންތަކެއް ދިޔައީ ސުލްހަވެރި މުޒާހަރާއެއްކުރަމުންނެވެ. އެ މުޒާހަރާ އާއިހެދި އެ ސަރަހައްދުގެ މަގުތައް ބަންދުވެގެންދިޔައެވެ.
"އެމީހުން ބޭނުންވަނީ މަގުތައް ބަންދުކޮށް 35 ލައްކަ މީހުން އެކަހެރިކޮށްލަންތަ؟ އެހެން ޝާހީން ބާޣް އަކަށް މިސަރަހައްދު އަހަރުން ވެދީގެންނުވާނެ!" ކާޕިލް މިޝްރާ އާންމުންގެ ބަޔަކާ މުޚާތަބުކޮށް ބުންޏެވެ.
ބީޖޭޕީގެ ކާޕިލް މިޝްރާ
ފުލުހުންނަށް އެ މުޒާހަރާ ރުޅާނުލެވިއްޖެނަމަ ސުލްހަވެރިކޮށް ކަން ނުކުރާނަންކަމަށް މިޝްރާ ބުންޏެވެ.
ދިއްލީގައި ހުޅުގަނޑު ރޯވެގެންދިޔައީ މީގެ ގަޑިއިރުކޮޅެއްގެ ފަހުންނެވެ.
ދިއްލީގެ އެ ސަރަހައްދުގައި މުސްލިމުންނާއި، މުސްލިމުންނާއި ވައްތަރު މީހުން ގައިގައި ތަޅާ އަނިޔާކޮށް ހެދިއެވެ. މުސްލިމުންގެ ގެދޮރާއި ފިހާރަތައް ލޫޓުވާ ރޯކޮށްހެދިއެވެ.
ދިއްލީގެ އައު ޗީފް މިނިސްޓަރު، އަރްވިންދު ކެޖްރިވަލް، މި އަނިޔާވެރިކަން ހުއްޓުވުމަށް ހުރީ ނުކުޅެދިފައެވެ. އާންމުންގެ ރައްކަލަށްޓަކައި އިންޑިޔާގެ އަސްކަރިއްޔާ ދިއްލީއަށް ފޮނުވުމަށް އޭނާ އެދުނެވެ. ނަމަވެސް އިންޑިޔާގެ ސަރުކާރުން އެކަން ބަލައެއް ނުގަތެވެ.
އެހަފުތާގެ އަންގާރަދުވަހު، މި ހަމަނުޖެހުން ފެށްޓި ކާޕިލް މިޝްރާ އާއި އެކަމުގައި ބައިވެރިވި ބީޖޭޕީގެ އެހެން ލީޑަރުންނާއި ދެކޮޅަށް ފުލުހުން ފިޔަވަޅު ނޭޅިކަމަށްޓަކައި، ދިއްލީގެ ހައިކޯޓު ފަނޑިޔާރެއް ކަމުގައިވާ ސ. މުރަލިދަރު ފުލުހުންގެ އިސްވެރިން ކޯޓަށް ހާޒިރުވުމަށް އެންގިއެވެ. އޭގެ އެއްދުވަސް ފަހުން، މުރަލިދަރު ދިއްލީއިން އުފުރާލެވި ޕުންޖާބުގެ ކޯޓަކަށް ބަދަލުކުރެވުނެވެ.
ދިއްލީގެ ފުލުހުން ޙަރަކާތްތެރިވަނީ ސީދާ ހޯމް މިނިސްޓަރު އަމިތު ޝާހުގެ އަމުރަށެވެ. ފުލުހުން ކަމެއް ނުކޮށްތިބިކަމަށް، އަދި އަނިޔާކުރަމުންދިޔަ މީހުންނަށް ރައްކާތެރިކަންދެމުން ދިޔަކަމަށް ބައެއް މީޑިޔާތަކުން ތުހުމަތުކުރިއެވެ. ފުލުހުން ސީ.ސީ.ޓީ.ވީ. ކެމެރާ ހަލާކުކުރާ މަންޒަރު ފެންނަ ވީޑިޔޯތަކާއި، އަނިޔާލިބިފައިވާ މުސްލިމުންނަށް މަލާމާތްކުރި މަންޒަރުތައް މީސްމީޑިޔާގައި ފެތުރިގެންދިޔައެވެ.
ބައެއް މާހިރުންގެ ނަޒަރުގައި، ހިންދޫ ވަތަނިއްޔަތާއި ހަރުކަށި ހިންދޫ ފިކުރަށް އިތުރު ބާރުވެރިކަމެއް މޯދީގެ ސަރުކާރުން ދޭ ސަބަބަކީ އިންޑިޔާގެ އިޤްތިޞާދީ ޙާލަތުން އާންމުންގެ ސަމާލުކަން އަނބުރާލާށެވެ. ކޮންމެ ސަބަބުތަކާހުރެ ނަމަވެސް، އަދުގެ އިންޑިޔާ ސަރުކާރުން ކަނޑާ މަގަކީ އިންޑިޔާގެ މުސްލިމުން ފޮހެލުމަށް އެސަރުކާރުގެ އިސްވެރިން ކަނޑާ މަގެކެވެ.
ބުރުމާގެ ރޮހިންޖާއިންގެ ޙާލަތު ދެނެގަނެ، އެމީހުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައްފެނި ކުށްވެރިކުރެވޭހިނދު، އިންޑިޔާއާއި މެދު މިފަދަ އުޞޫލުތަކެއް ނުގެންގުޅޭނީ މަޖުބޫރުވެގެން ކަމާއިމެދު ޝައްކެއްނެތެވެ
ނަމަވެސް، ދިވެހި ސަރުކާރުންވަނީ ވަރަށް ބޮޑަށް އިންޑިޔާއަށް ބަރޯސާވެފައެވެ. އަދި ގުޅުންތައްވެސް ބަދަހިކޮށްފައިއެވެ. ބީޖޭޕީ އިން ހިންގާ ޖަރީމާތަކަށް ދިވެހި ސަރުކާރުގެ އިސްވެރިން ދެނީ ކަނުލޮލަކާއި ބީރުކަންފަތެއް ފަދައެވެ. އިންޑިޔާގެ ސަރުކާރަށް ސަނާކިޔުމުގައި މަޑުޖެހުމެއް ނެތެވެ. މޯދީ އަށް ނިޝާން ޢިއްޒުންދީންގެ ޝަރަފުވެސް ވަނީދެވިފައެވެ. ބީޖޭޕީ ސަރުކާރެއް އޮތުމަކީ "ހިތްހަމަޖެހުމެއް" ކަމުގައި މަޖިލިސް ރައީސް، މުޙައްމަދު ނަޝީދު، ވަނީ ވިދާޅުވެފައެވެ.
އަދި އިންޑިޔާގެ 2 ހެލިކޕްޓަރެއް ރާއްޖެއަށް ވަނީ "ހަދިޔާ" ކުރެވިފައެވެ. އެ ހެލިކޮޕްޓަރާއި ގުޅިގެން (އަދި ނުގުޅިވިނަމަވެސް) ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު މިނިސްޓްރީ އޮފް ޑިފެންސުން އެބަ ވަންހަނާކުރެއެވެ.
އިންޑިޔާގެ މުސްލިމުންނަށް އެހީފޯރުކޮށްދީ، އިންޑިޔާގެ ޢަމަލުތައް ކުށްވެރިކޮށް އެކަމާއި މެދު ފިޔަވަޅު އަޅަން މަސައްކަތްކުރުމަކީ ކޮންމެ މުސްލިމް ޤައުމަކުން (އަދި އަމުދުން އަވަށްޓެރި ޤައުމުތަކުން) ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް، ޗައިނާގެ އިއިޣުރުންގެ ޙާލަތަށް މުސްލިމުންގެ ގިނަ ޤައުމުތައް ކަނުލޮލެއްދޭ ފަދައިން، ދިވެހި ސަރުކާރުން މިދަނީ އިންޑިޔާ ސަރުކާރުގެ ޖަރީމަތަކަކީ ނުވާކަންކަންކަމަށް ހަދައިގެންނެވެ.
މި ލިއުމާއި ގުޅޭ