Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ދައުލަތުގެ ރިޒާވުގައި ހުރި ޢަދަދު ކަމުގައި ބުނެ، މީޑިޔާތަކުން މުޅިން ނުބައި ޢަދަދެއް!

ދިވެހިރާއްޖޭގެ ރިޒާވުގައި ހުރި ފައިސާގެ ޢަދަދަކީ ޖުމްލަ 685 މިލިއަން ޑޮލަރު ކަމުގައި ދިވެހިރާއްޖޭގެ ނަން މަޝްހޫރު ގިނަ މީޑިޔާތަކަކުން މިއަދު ރިޕޯޓުކޮށްފިއެވެ. އަދި މިޢަދަދަކީ މިދިޔަ ޑިސެމްބަރު މަހުގެ ދައުލަތުގެ ރިޒާވުގައި ހުރި ފައިސާގެ ޢަދަދަށްވުރެ އެއް މިލިއަން ޑޮލަރު އިތުރު ޢަދަދެއް ކަމުގައިވެސް ހުރިހާ މީޑިޔާއެއްގައި ރިޕޯޓުކޮށްފައިވެއެވެ.
އެހެންކަމުން ރިޒާވުފައި ފައިސާހުރި ޢަދަދެއް ބަލައިލުމުގެ ޝައުޤުވެރިކަމުގައި ރިޒާވާ ގުޅޭ ގޮތުން އެމްއެމްއޭއިން ލިބެންހުރި ތަފާސް ހިސާބުތައް ދިރާސާކުރުމަށް "ދިޔަރެސް"އިން މަސައްކަތް ފެށީމެވެ. މިހާތަނަށް އެމްއެމްއޭގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ އެކި ރިޕޯޓުތަކުގެ ތެރެއިން "ސްޓޭޓްމެންޓް އޮފް ފައިނޭންޝަލް ޕޮޒިޝަން"ގެ ނަމުގައި ޝާއިޢުކޮށްފައިވާ ލިޔުމާއި، އެމްއެމްއޭއިން ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ތަފާސް ހިސާބުތައް ޝާއިޢުކޮށް ނެރޭ "މަންތަލީ ސްޓެޓިސްޓިކްސް" އަދި ޖަނަވަރީ މަހުގެ އިޤުތިޞާދީ ޙާލަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހިމެނޭ "އެކޮނޮމިކް އަޕްޑޭޓް" ފެންނަން އެބައޮތެވެ.
މިލިޔުންތަކަށް ބަލައިލުމުން ތަފާތު ދެ ރިޒާވެއްގެ ވާހަކަ ފެންނަން އެބައޮތެވެ. އެންމެ ފުރަތަމަ އެދެރިޒާވުގެ ވާހަކަ ދަންނަވައިލާނަމެވެ. އެންމެ ފުރަތަމަ ރިޒާވަކީ މޯލްޑިވްސް މަނަޓަރީ އޮތޯރޮޓީގެ ޤާނޫނުގެ 27ވަނަ މާއްދާގެ ދަށުން ޤާއިމުކޮށްފައިވާ މަރުކަޒީ ބޭންކުގެ ޢާންމު ރިޒާވްއެވެ. މިރިޒާވަކީ ކިހިނެއް ހިންގާ ރިޒާވެއްކަން ވަރަށް ސާފުކޮށް މިމާއްދާގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން ޤާނޫނުގެ 27ވަނަ މާއްދާގައި ބުނެފައިވަނީ އޮތޯރިޓީގެ ޢާންމު ރިޒާވަށް އެއޮތޯރިޓީއަށް ލިބޭ ޖުމްލަ ފައިދާގެ ފަންސާސް އިންސައްތަ ޖަމާކުރަން ޖެހެއެވެ. ފަންސާސް އިންސައްތަ ޖަމާކުރާނީ ހުއްދަދެވިފައިވާ ރައުސުލްމާލާ އެއްވަރަށް ރިޒާވު އަރަންދެނެވެ. ދެން ހުއްދަދެވިފައިވާ ރައުސުލްމާލުގެ ދެގުނައަށް ރިޒާވު ބޮޑުވަންދެން ޖަމާކުރާނީ ފައިދާގެ ހަތަރު ބައިކުޅަ އެއްބައެވެ. އެމިންވަރަށް ރިޒާވު ބޮޑުވުމުން ދެންޖަމާކުރާނީ އެމްއެމްއޭގެ ބޯޑުން ކަނޑައަޅާ މިންވަރަކަށެވެ. އެފައިސާ ޖަމާކުރަނީ ދިވެހި ރުފިޔާއިންނެވެ.
ދެވަނަ ރިޒާވަކީ ބޭރު ފައިސާގެ ރިޒާވްއެވެ. އަދި ޤައުމުގެ ފައިސާ ބައިނަލްއަޤުވާމީ މާލީ ބާޒާރުގައި އަގުކުރުމާއި، ފައިސާއާމެދު އިތުބާރު ދެމެހެއްޓުމުގައި މިރިޒާވަކީ ވަރަށް މުހިއްމު ރިޒާވެކެވެ.
މިހިސާބުން އުފެދުނު ސުވާލަކީ މިއަދު ހުރިހާ ނޫހެއްގައި ލިޔެވިފައިވަނީ ކޮން ރިޒާވެއްގެ ވާހަކައެއްތޯ ކުރެވޭ ސުވާލެވެ. އެސުވާލުގެ ޖަވާބުގައި ބަލަންޖެހެނީ މިޢަދަދު ނޫސްތަކަށް ލިބުނު ލިޔުމަށެވެ. އެއީ"ސްޓޭޓްމެންޓް އޮފް ފައިނޭންޝަލް ޕޮޒިޝަން"ގެ ނަމުގައި ޝާއިޢުކޮށްފައިވާ ލިޔުމެވެ. މިލިޔުމުގެ މަތީގައި ބުނެފައިވާ ގޮތުން މިލިޔުމުގައި ޖަހާފައިވާ ޢަދަދުތަކަކީ ދިވެހި ރުފިޔާއިން ޖަހާފައިވާ ޢަދަދުތަކެކެވެ. އެކަން އެލިޔުމުގެ މަތީގައި ވަރަށް ސާފުކޮށް ލިޔެވިފައިވެސްވެއެވެ. ދެވަނަ ނުކުތާއަކީ މިލިޔުމުގައި ބުނާ ރިޒާވަށް ފައިސާ ޖަމާކުރާ ގޮތުގެ ތަފުޞީލުވެސް ލިޔުމުގައި ބުނެފައިވެއެވެ. އެއީ އެމްއެމްއޭގެ ޤާނޫނުގެ 27ވަނަ މާއްދާގައި ބުނެފައިވާ ގޮތެވެ. އެހެން ކަމުން މިރިޒާވަކީ ބޭރުފައިސާގެ ރިޒާވު ނޫންކަން ސާފުވެއެވެ.އަދި އެރިޒާވުގައި ހުރީ 685 މިލިއަން ޑޮލަރު ނޫންކަމާއި، އެއީ 685 މިލިއަން ރުފިޔާކަންވެސް ސާފުކޮށް އެނގެއެވެ.
މަރުކަޒީ ބޭންކުން ބޭރު ފައިސާގެ ރިޒާވް ހުރި މިންވަރު އާންމުކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގައެވެ. ޖެނުއަރީ މަހުގައި އާންމުކޮށްފައިވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ރިޒާވްފައި ފައިސާ ހުރި މިންވަރެވެ. މިގޮތުން ރިޒާވްގައި 753 މިލިއަން ޑޮލަރު ހުރިކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކައެވެ. ފާއިތުވި ޖެނުއަރީ މަހުގެ ރިޒާވްގެ ތަފްސީލު އަދި އެމްއެމްއޭއިން ހާމަކޮށްފައި ނުވެއެވެ.
ނޫސްވެރިކަމަކީ ޤައުމުގެ މުސްތަޤުބަލާ ގުޅުންހުރި ކަމެކެވެ. ނޫސްވެރިކަމުގެ އެންމެ ބޮޑު އެއް ޒިންމާއަކީ ތެދު މަޢުލޫމާތު ހާމަކުރުމެވެ. ދިރާސާކޮށް ޙަޤީޤަތް ހޯދުމަށްފަހު ރައްޔިތުންނަށް ބުނެދިނުމެވެ. މިނޫނަސް ޙައްސާސް މައްސަލަތަކުގައި ތެދު ދޮގު ބެލުމެއްނެތި ދިރާސާ ކުރުމެއްނެތި ދިވެހި ނޫސްވެރިން ޚަބަރު ލިޔެފައި އެބަހުއްޓެވެ. ދަރުމަވަންތަ ހޮސްޕިޓަލާއި އެއާޕޯޓާއި ބުރިޖާ ގުޅޭ ގޮތުން ބޮޑެތި ޢަދަދުތައް ނޫސްތަކުގައި ލިޔަމުންދިޔައީ އެކަންކަން ދިރާސާކޮށް އެކަންކަމާ ގުޅޭ ޢިލްމީ ލިޔުންތަކާއި ހޯދުންތައް ބަލައިގެންނެއްނޫނެވެ. އެކަންކުރަމުން ދިޔައީ ބުންޏޭ ބުންޏޭ އުޞޫލުންނެވެ. ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށްޓަކައި މިއުޞޫލު ބަދަލުކޮށް، ދިރާސާކޮށް ފުންކޮށް ވިސްނައި ހޯދައި ބެލުމަކީ ނޫސްވެރިންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ އަދި އަޚުލާޤީ ޒިންމާއެކެވެ.
މި ލިއުމާއި ގުޅޭ