ކަޝްމީރު މައްސަލާގައި ނެރުނު ބަޔާނާއި އެކު ޝާހިދު ހޫނުފެނަށް !

މަރިޔަމް ލީނާ 7 އޯގަސްޓު 2019 17:51
Flowers
ހާރޖީ ވަޒީރު ޝާހިދު އިންޑިޔާގެ ބޮޑު ވަޒީރު މޯދީ އާއި އެކު

އިންޑިޔާގެ ސަރުކާރުން، ކަޝްމީރަށް ދީފައިވާ ހާއްސަ އިނާޔަތްތަށް އުވާލައި އިންޑިޔާގެ ޔޫނިއަން ޓެރެޓަރީ އަކަށް ކަޝްމީރު ހެދުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން ދިވެހި ހާރޖިއްޔާއިން ނެރުނު ބަޔާނާއި ގުޅިގެން ގިނަބަޔަކު މީސްމީޑިއާގައި ނުރުހުން ފާޅުކުރަމުން އެބަގެންދެއެވެ.

މިގޮތުން ހާރޖީ ވަޒީރު އަބްދުﷲ ޝާހިދު ޓުވީޓުކޮށްފައިވާ ބަޔާނަށް ރައްދު ދެމުން ގިނަ ބަޔަކު ބުނަމުން ދަނީ މިއީ ދިވެހި ރައްޔިތުންގެ ދެކޭ ގޮތް ނޫންކަމަށާއި މިއީ ހާރޖީ ވަޒީރުގެ އަމިއްލަ ވިސްނުންފުޅުކަމަށެވެ. ޔަމްދާ ގެ ނަމުގައި ޓުވީޓުކޮށްފައިވާ ބޭފުޅަކު ވަނީ ޝާހިދު މުސްލިމަކަށްވެ ހުރެ މިފަދަ ބަޔާނެއް ނެރެން ލަދުންގަންނަން ޖެހޭނެ ކަމަށާއި ސަރުކާރުން ވަކިކޮޅެއް ނުނަގާނަމަ މި މައްސަލާގައި ހަނު ހުރުން މާ ބުއްދިވެރިކަމަށް ބުނެފައެވެ.

މީގެ އިތުރުންވެސް ވަރަށް ގިނަ ބަޔަކު ވަނީ މިއީ ދިވެހިންގެ ވިސްނުން ނޫން ކަމަށާއި ދިވެހިން ތިބީ ކަޝްމީރުގެ މުސްލިމުންނާއި އެކުގައިކަމަށް ބުނެފައެވެ. 

ހާރޖީ ވަޒީރު ޝާހިދުގެ ޓުވީޓަށް ކޮންމެވެސް ވަރަކަށް އިންޑިޔާ މީހުންވެސް ރައްދު ދީފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ސަރުކާރުގެ ބަޔާނަށް މަރުހަބާ ކިޔައި ޝާހިދަށް ޝުކުރު އަދާކޮށްފައި ބައެއް މީހުން ޓުވީޓުކޮށްފައިވެއެވެ. 

ކަޝްމީރު މައްސަލާގައި ދިވެހިރާއްޖެއިން އަބަދުވެސް އަމަލު ކުރަމުން ގެންދަނީ ވަކިކޮޅަކަށް ނުޖެހޭ ސިޔާސަތެކެވެ. އިނގިރޭސިންގެ އަތްދަށުން މިނިވަންވި ފަހުން ތަފާތު 4 ހަނގުރާމައެއް އިންޑިޔާއާއި ޕާކިސްތާނާއި ދެމެދު ހިނގާފައި ވީ ކަމުގައި ވީނަމަވެސް ދިވެހި ސަރުކާރުތަކުން އަބަދުވެސް ދިޔައީ ދެފަރާތާއި ވެސް ގުޅުން ބާއްވަމުންނެވެ. އަދި ފާޅުގައި އެއްވެސް ފަރާތަކަށް ތާއީދުކޮށްފައި ނުވެއެވެ.

ނަމަވެސް ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް ސަރުކާރުން މިވަނީ ފާޅުގައި މި މައްސަލާގައި ވަކި ސްޓޭންޑެއް ނަގައި އިންޑިޔާއަށް ތާއީދުކޮށްފައެވެ. މިގޮތުން މިއަދު ދިވެހިރާއްޖޭގެ ހާރޖީ ވުޒާރާއިން ނެރުނު ކުރު ބަޔާނެއްގައި ވާގޮތުން، އިންޑިޔާގެ މި ނިންމުމަކީ އެ ޤައުމުގެ ދާހިލީ މައްސަލައެއްކަމަށް ރާއްޖެއިން ދެކޭކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން އިންޑިޔާ އަކީ މިނިވަން މުސްތަޤިއްލު ޤައުމެއް ކަމުން، އިންޑިޔާ ބޭނުން އިރަކު ބޭނުންގޮތަކަށް އެ ޤައުމުގެ ޤާނޫނު އަސާސީ ބަދަލުކުރުމުގެ ބާރު އޮންނާނެކަމަށް ރާއްޖެއިން ޤަބޫލުކުރާކަމަށް އެ ބަޔާނުގައި ވެއެވެ.

އިނގިރޭސިން އިންޑިޔާއިން ފޭބި އިރު، ކަޝްމީރު ވަނި ވަކި ޝަރުތުތަކަކާއި އެކު އިންޑިޔާ އާއި ގުޅިފައެވެ. އެގޮތުން، ކަޝްމީރާއި އިންޑިޔާއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކަޝްމީރުގައި ވަކި ޤާނޫނު އަސާސީއެއް އޮތުމާއި އެކު އަމިއްލަ ވެރިކަމެއް ކުރުމުގެ ބާރު އޮންނަންވާނެއެވެ. އިންޑިޔާ އިން ބަލަހައްޓާނީ ހަމައެކަނި ދިފާއީ، އިޤްތިސާދި، އަދި ހާރޖީ ކަންކަން ކަމުގައި އެ އެއްބަސްވުމުގައި ވެއެވެ. އަދި ކަޝްމީރަށް މިހާއްސަ އިމްތިޔާޒުތަށް ދީފައިވަނީ އިންޑިޔާގެ ޤާނޫނު އަސާސީގެ 370 ވަނަ މާއްދާގެ ދަށުންނެވެ. މި ހަފްތާ ތެރޭގައި އިންޑިޔާގެ ޤާނޫނު ހަދާ މަޖްލީހުން ވަނީ އެ މާއްދާ އުވާލަން ނިންމާފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ޑިމޮކްެރަސީ
ދިވެހިންގެ ނަމުގަ މުސްލިމުންނާ ދެކޮޅައް ބަޔާން ނެރެވިގެންނުވާނެ ކޮންމެބައެއްގެ އަޅުވެތިކަމުގަ ވެރިކަންކުރާ ބަޔަކުތިއްބަސް ދިވެހިން އެއްވެސް ބަޔަކަށް އަޅުވެތިވާކައްނުޖެހޭ ދިވެހިންގެތެރެއިން ބަޔަކު އަޅުވެތިވެގެން އުޅުނަސް ދިވެހިރައްޔިތުން އަޅުވެތިއެއްނުކުރެވޭނެ އަދިނުވެސްވާނެ އިންޝާﷲ
ރަމީޒު
ޓެރަރިސްޓް ޖަމާޢަތުގެ ލިސްޓަށް އިޒްރޭލާ އިންޑިއާ އަދި މިޔަންމާ ލާން ނުޖެހޭ ސަބަބެއް ނެތް.