Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ދަތުރުތަކަށް ދުވާލެއްގެ މައްޗަށް 6 ލައްކަ ޚަރަދު ނުކުރާ ކަމަކަށް ނުވާނެއެވެ!

ރައީސް ސޯލިހް އަދި ރައީސް ނަޝީދު ބޯޓެއް ތެރޭ އަރާމު ކުރައްވަނީ. ފޮޓޯ:އެމްޑީޕީ
ސިޔާސީ ފަރާތްތަކަކީ ރައްޔިތުންނަށް ކަންކަން އޮޅުވާލެއްވުމަށް ވަރަށް ކުރީގައި ތިބޭ ބައެކެވެ. ވަކިން ޚާއްސަ ގޮތެއްގައި އެބޭފުޅުންނަށް ހެއްދެވޭ ގޯސްތަކުގެ ވާހަކަ ރައްޔިތުން ދައްކަން ފެށުމުން އެ ވާހަކަތައް ހުއްޓުވަން ތަފާތު މޮޅު "ސްޓަންޓްތައް" ޖައްސަވައެވެ. މިއީ ހަމައެކަނި ދިވެހި ރާއްޖޭގައި ހިނގާ ކަމެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މި އުކުޅު ސިޔާސީ ފަރާތްތަކުން ބޭނުންކުރެއެވެ.
އެހެނަސް މިފަހަރު މި ހުނަރު ބޭނުންކޮށްލީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައެވެ. ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމްޑީޕީ އިން އުތުރުގެ އަތޮޅޮތަކަށް ފަށައިގެން އުޅޭ ދަތުރުގައި ނަންގަވާފައިވާ ފޮޓޯއިން ފެންނަނީ ރައީސް ސޯލިހާއި ރައީސް ނަޝީދު ބޯޓެއްގެ ތެރޭގައި އަރާމްކުރައްވާ މަންޒަރެވެ. މާލެ އާއި އަތޮޅުތެރޭގެ ރަށްތަކާއި ދެމެދު ދަތުރުކުރުމަށް ބޭނުންކުރާ ޒާތުގެ ބޯޓުގެ ތެރޭގައި ނެންގެވި ފޮޓޯ އާއި އެކު އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ އެ ދެ ބޭފުޅުންގެ ހިތްތިރި ކަމުގެ ވާހަކަ ދައްކަވަމުންނެވެ.
އެކްޓްވިސްޓުން ކިޔަނީ މިހެންނެވެ. ދައުލަތުގެ ބަޖެޓަށް އަސަރުކޮށްފާނެތީ އެންމެ އާދައިގެ ރައްޔިތުމީހާ ދަތުރުކުރައްވާ ޒާތުގެ ބޯޓެއްގައި ރައީސަކު ވަޑައިގަންނަވާނީ ކިހާ ހިތްތިރިވީމައި ހެއްޔެވެ؟އެހެން ނަމަވެސް ހަގީގަތަކީ އެއީ ހެއްޔެވެ؟
ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ހިތްތިރިކަން ދައްކުވައިދޭ ފޮޓޯއިން ކޮންމެ މެސެޖެއް ދެއްވަން ބޭނުންވިޔަސް ދޮގު ނުކުރެވޭނެ ކަމެއް އެބައޮތެވެ. ކިތަންމެ ދެރަވަރުގެ ބޯޓެއްގައި މިއަދު އެ ދެބޭފުޅުން ދަތުރުކުރެއްވިޔަސް ފާއިތުވި އަހަރުދައުލަތުގެ ދަތުރުތަކަށް ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން 223 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ.
މިއީ ދުވާލެއްގެ މައްޗަށް ބަލާނަމަ 610،000 ރުފިޔާއެވެ. މިހާ ބޮޑު ހަރަދެއްކޮށްގެން ޤައުމަށް އެކަމުން ވި ފައިދާއެއް އަދިވެސް ސަރުކާރަކަށް ބުނެދެވިފައި ނުވެއެވެ. ދަތުރު ކުރެއްވުމުގައި ރައީސް ސޯލިހާއި ވަޒީރުން ވަނީ ގިނަ ވަގުތު ހޭދަ ކުރައްވާފައެވެ. ހުދު ރައީސް ސޯލިހްވެސް ޤައުމުން ބޭރުގައި 57 ދުވަސް ހޭދަ ކުރައްވާފައިވާއިރު، ރާއްޖެތެރޭގައި ކުރެއްވި ދަތުރުތަކާއި އެކު މުޅި އެކު 90އަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވީ ދަތުރުމަތީގައެވެ. މިދިޔަ އަހަރުގެ ދަތުރު ބަޖެޓު އެއްކޮށް ހުސްވެ އިތުރަށް ބޭނުންކޮށްފައިވާ އިރު މިއަހަރުވެސް ދަތުރުތަކަށް 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. އަދި އަހަރުގެ ފުރަތަމަ ހަފްތާ ތެރޭގައި އެކަނި ދަތުރުތަކަށް ބައި މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް މަސް ދޯނިތަކުގެ ތައްޓުމަތިން، ނުވަތަ މުދާ އުފުލާ ބޯޓުގެ ފަލްކާތެރެއިން ފޮޓޯ ނަންގަވާ ހިއްސާ ކުރެއްވިއަސް އަހަރުގެ ދެން ހުރިހާ ދުވަހަކު ފަސްޓް ކުލާހުން ދަތުރުކޮށް ދުނިޔޭގެ އަގުބޮޑު ހޮޓާތަކުގައި ރައްޔިތުންގެ ފައިސާ ހަރަދު ނުކުރައްވާކަމަކަށް ނުވާނެއެވެ.
މި ލިއުމާއި ގުޅޭ