Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

އިންޑިޔާއިން ސިއްކީމު އަޅުވެތިކުރި ގޮތް

ސިއްކީމް

ސިއްކީމަކީ ހިމާލިޔާގައި އޮތް ކުޑަކުޑަ ދައުލަތެކެވެ. އިންޑިޔާ ޕާކިސްތާން ވަކިކޮށް މިނިވަން ދެދައުލަތް އިނގެރޭސިވިލާތުން އުފެއްދި އުފެއްދުމާ ގުޅިގެން އިންޑިޔާ ވަށައިގެން އުފެދިފައި ހުރި ކުދި ދައުލަތްތަކަށް ދެޚިޔާރެއް ހުށަހެޅުނެވެ. އެއީ މިނިވަން އިންޑިޔާއާ ގުޅި އިންޑިޔާގެ ބައެއް ކަމުގައިވުން ނުވަތަ މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ދެމި ތިބުމެވެ. ސިއްކީމާއި ކަޝްމީރާއި ބޫޓާނާއި ނޭޕާލު ފަދަ ދައުލަތްތަކުން އިޚުތިޔާރުކުރީ މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ދެމިތިބުމަށެވެ. ނަމަވެސް ސިއްކީމުގެ މިނިވަންކަން ގެއްލި އިންޑިޔާގެ ބައެއް ކަމުގައި ސިއްކީމު ވެގެންދިޔައީ އިންޑިޔާއިން ރޭވުންތެރިކަމާއެކު ހިންގި ވަރުގަދަ ހަރަކާތްތަކެއްގެ ތެރެއިންނެވެ. މިލިޔުމުގައި އެހަރަކާތްތަކާއި އިންޑިޔާއިން ސިއްކީމު އިންޑިޔާގެ ބައެއް ކަމުގައި ހެދުމަށް މަސައްކަތްކުރި ގޮތް ހިމަނައިލާ "ދިޔަރެސް"ގެ ކިޔުންތެރިންނާ ހިއްސާކުރަނީ، މިދަނޑިވަޅަކީ އަޅުގަނޑުމެންނަށް މިކަމުގެ މަޢުލޫމާތު މުހިއްމުވެފައިވާ ދަނޑިވަޅެއް ކަމުގައި ފެންނާތީއެވެ.

އިންޑިޔާގެ ބައަކަށްވުމުގެ ކުރިން ސިއްކީމް

އިންޑިޔާއިން ސިއްކީމަކީ އިންޑިޔާގެ ބައެއް ކަމުގައި ހެދުމުގެ ކުރިން ސިއްކީމަކީ މިނިވަން ދައުލަތެކެވެ. އިނގެރޭސިންގެ ހިމާޔަތުގައި ސިއްކީމު އޮތް އިރުވެސް ސިއްކީމު މިނިވަން ދައުލަތެއްގެ ގޮތުގައި ބާއްވާނެ ކަމުގެ ޔަޤީންކަން އިނގެރޭސި ރާޖާއިން ސިއްކީމަށް ދީފައިވެއެވެ. އެގޮތުން 1922ވަނަ އަހަރުގައި އިނގެރޭސި ރާޖާ އުފެއްދެވި ޗެމްބަރ އޮފް ޕްރިންސަސްގައި ސިއްކީމުން ބައިވެރިވިއެވެ. މިފަދައިން ބައިވެރިވި ދައުލަތްތަކަށް 1947ގައި އިންޑިޔާ އުފެދުމާއެކު އިންޑިޔާގެ ބައެއް ކަމުގައި ހިމެނުން ނުވަތަ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ އިޚުތިޔާރު ލިބުނެވެ.
1947ވަނަ އަހަރު އިންޑިޔާ މިނިވަން ދައުލަތެއްގެ ގޮތުގައި ވުޖޫދުވުމާއެކު، މިޔަޤީންކަން އިންޑިޔާއިންވެސް ސިއްކީމަށް ދީފައިވެއެވެ. އެފަދަ ޔަޤީންކަމެއް އިންޑިޔާއިން ސިއްކީމަށް ދިނީ ސިއްކީމު އިންޑިޔާގެ ބައެއްގެ ގޮތުގައި ހިމެނުމަށް ނެގި ވޯޓު އިންޑިޔާއަށް ނާކާމިޔާބުވުމާއެކުއެވެ. އެހިސާބުން އިންޑިޔާއަށް ޖިޒީދޭ ދައުލަތެއްގެ ގޮތުގައި އިންޑިޔާގެ ޙިމާޔަތުގައި ސިއްކީމު އޮތުމަށް އެއިރު އިންޑިޔާގެ ބޮޑުވަޒީރު ޖަވާލް ލާލް ނެހެރޫ އެއްބަސްވެވަޑައިގެންނެވިއެވެ. ސިއްކީމުގެ ޚާރިޖީ ސިޔާސަތު ހިންގުމާއި، މުވާސަލާތީ ކަންކަން ބެލެހެއްޓުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން އިންޑިޔާގެ ޒިންމާއެއްގެ ގޮތުގައި ހަމަޖެހުނެވެ. މިކަން ރަސްމީ ޞިފައެއްގައި ހަމެޖެހިގެން ދިޔައީ 1950ވަނަ އަހަރުގައި ދެދައުލަތުގެ މެދުގައި ވެވުނު އެއްބަސްވުމަކުންނެވެ. މިއެއްބަސްވުމަކީ އިންޑިޔާގެ އަތްދަށަށް ސިއްކީމު ގެންދިއުމަށް މަގުކޮށައިދިން އެއްބަސްވުން ކަމުގައި ސިއްކީމު އިންޑިޔާގެ ދަށަށް ގެންދިޔަ ގޮތާ ގުޅޭ ގޮތުން އެމަސައްކަތުގައި އިސްކޮށް އުޅުއްވި ޖީ.ބީ.އެސް ސިދޫ "ސިއްކީމް: ޑޯން އޮފް ޑިމޮކްރަސީ" ނަމުގައި ލިޔުއްވާފައިވާ ފޮތުގައި ފާހަގަކުރައްވާފައިވެއެވެ.
މިދުވަސްވަރު ސިއްކީމުގެ ބަރުލަމާނު އެކުލެވިގެންވަނީ 17 މެންބަރުންގެ މައްޗަށެވެ. މީގެ ތެރެއިން ފަސް މެންބަރުންނަކީ ރަސްގެފާނުގެ ފަރާތްޕުޅުން އެބަރުލަމާނުގައި ތިއްބަވާ މެންބަރުންނެވެ. އިނގިރޭސިންގެ ހިމާޔަތުގައި ސިއްކީމު އޮތް ދުވަސްވަރު ސިއްކީމުގައި ހުރި އިނގިރޭސި ވިޔަޒޯރުގެ ބަދަލުގައި އިންޑިޔާގެ އޮފިޝަލެއް އިންޑިޔާއިން ޢައްޔަންކޮށްފައިވެއެވެ. އޭގެ ފަހުން ސިއްކީމުގައި އޮންނަންވާނެ ކަމަށް އިންޑިޔާއިން ޤަބޫލުކުރާ ދުސްތޫރާ ގުޅޭ މެމޮރަންޑަމެއް އިންޑިޔާއިން ޢާންމުކޮށްފައިވެއެވެ. އެއީ އިންޑިޔާއާއި ސިއްކީމުގެ މެދުގައި ވެވިފައިވާ އެއްބަސްވުމާ ޚިލާފަށް ސިއްކީމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިޔާއިން ވަނުން ކަމުގައި ބުނެ އެއިރު ސިއްކީމުގެ އިސްވެރިން އަޑުއުފުއްލަވާފައިވެއެވެ.

އިންޑިޔާގެ އަތްދަށަށް ސިއްކީމް ގެނައުމުގެ މަސައްކަތް

މިލިޔުން ލިޔުމުގައި ދެފޮތަކަށް އަޅުގަނޑު ބަރޯސާވީމެވެ. އެގޮތުން ފުރަތަމަ ފޮތަކީ އިސްވެ ނަންގަނެވުނު "ސިއްކީމް ޑޯން އޮފް ޑިމޮކްރަސީ" ނަމަކަށް ކިޔުނު ފޮތެކެވެ. މިފޮތަކީ އިންޑިޔާއިން ސިއްކީމު އަތުލުމަށް ކުރި މަސައްކަތްތައް އިންޑިޔާގެ ނަޒަރުން ގެނެސްދޭ ފޮތެކެވެ. އެގޮތުން އިންޑިޔާގެ އިސްވެރިންގެ ވިސްނުން ސިއްކީމާ ގުޅޭ ގޮތުން ބަދަލުވަމުންދިޔަ ގޮތާއި، ސިއްކީމުގެ މިނިވަންކަން ޤުރުބާންކުރުމަށްފަހު އިންޑިޔާ ދަށަށް ސިއްކީމު ގެންގޮސްގެން ނަމަވެސް ޑިމޮކްރަސީއެއް ޤާއިމުކުރުމަށް މަސައްކަތްކުރި ސިއްކީމުގެ ސިޔާސީ ފަރާތްތަކުގެ ވާހަކަތައް ތަފުޞީލުކޮށް ބަޔާންކޮށްދީފައިވާ ފޮތެކެވެ. މިފޮތަކީ އިންޑިޔާއިން ގެންގުޅުނު ސިޔާސަތުތަކަކީ ރަނގަޅު ސިޔާސަތުތަކެއް ކަމުގައި ދައްކައިދޭ ފޮތެކެވެ. ދެވަނަ ފޮތެއްގެ ގޮތުގައި އަޅުގަނޑު ބަލާފައިވާނީ ސުނަންޑާ ކޭ.ޑައްޓާ-ރޭ ލިޔުއްވާފައިވާ "ސްމޭޝް އެންޑް ގްރެބް: އެނެކްޒޭޝަން އޮފް ސިއްކީމް" މިފޮތެވެ. މިފޮތަކީ ސިއްކީމުގެ ޤައުމީ ފިކުރުގެ ފަރާތްތަކާއި މުސްތަޤިއްލު ސިއްކީމެއް އޮތުމަށް އެދުނު ފަރާތްތަކުގެ ވިސްނުމުން ސިއްކީމުގެ ޙާދިސާ ހުށަހަޅައިދީ، އެދުވަސްވަރު ސިއްކީމުގައި ހިނގާފައިވާ ކަންކަން ރެކޯޑުކޮށް ބަޔާންކޮށްދީފައިވާ ފޮތެކެވެ.
ސިއްކީމުގައި ކަންކަން ފެށިގެން ދިޔަ ހިސާބަކީ އިންޑީޔާއާ އެއްކޮޅު އިދިކޮޅު ސިޔާސީ ހަރަކާތެއް އުފެދި އެހަރަކާތުގެ ބާރުގަދަވެ، އެޕާޓީއާއި އިންޑިޔާގެ މެދުގައި އޮތް ގުޅުން ބަދަހިވެ، ސިއްކީމު އިންޑިޔާގެ ދަށަށް ގެންދިއުމަކީ ސިއްކީމަށް އެންމެ ރަނގަޅު ގޮތް ކަމުގައި ޤަބޫލުކުރާ ސިޔާސީ އިސްވެރިންތަކެއް އުފެދުމެވެ.
މިކަމުގެ ތެރޭގައި އުފެދުނު އެންމެ ބޮޑު އެއް މައްސަލައަކަށްވީ ސިއްކީމުގެ ސިޔާސީ ނިޒާމަށް ގެނައި އިޞްލާޙުތަކުގެ ތެރޭގައި ވޯޓު ގުނުމުގައި ސިއްކީމުގެ ޖަމާޢަތްތަކުގެ މެދުގައި ތަފާތުކުރާ ނިޒާމެއް އުފެދުމުގެ ސަބަބުން ސިއްކީމުގައި ދާޚިލީ ހަމަނުޖެހުންތަކެއް އުފެދުމެވެ. އެއީ ސިއްކީމުގެ އެންމެ ބޮޑު އާބާދީ ކަމުގައިވާ ނޭޕާލު ބަހުން ވާހަކަދައްކާ ފަރާތްތަކުން އިންތިޚާބުގައި ދޭވޯޓަކީ އެންމެ ވޯޓެއް ކަމުގައި ބަލައި، އެނޫން ކުދި ޖަމާޢަތްތަކުގެ މީހުންގެ ވޯޓަކީ ދެވޯޓުކަމުގައި ބަލާ އުޞޫލެއް ހަމަޖެއްސިއެވެ. މިކަމުގެ ބޭނުމަކީ ސިއްކީމުގައި ދިރިއުޅޭ ތަފާތު އާބާދީތަކަށް ހަމަހަމަކަމާއެކު ތަމްސީލުވުމުގެ ޙައްޤު ހޯދައިދިނުމެވެ. ނަމަވެސް މިނިންމުމުގެ ބޭނުން ހިފައި އިންޑިޔާއާ އެއްކޮޅު ޕާޓީތަކުން މުޒާހަރާތައް ހިންގައި ހަމަނުޖެހުން އުފައްދައި އެއިރު އޮތް ސަރުކާރަށް ދަތިކޮށް އެސަރުކާރުގެ ބޮޑުވަޒީރު އެމަޤާމުން ދުރުވެވަޑައިގަންނަވަން މަޖުބޫރުކުރިއެވެ. މިހަމަނުޖެހުންތަކަކީ ރޭވުންތެރިކަމާއެކު އިންޑިޔާގެ ޖާސޫސީ އިދާރާއިން އުފައްދާފައިވާ، ނުވަތަ އިންޖިނިއަރކޮށްފައިވާ ހަމަނުޖެހުންތަކެކެވެ.

މިމުޒާހަރާތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ސިއްކީމުގެ ރާޖާއަށް އިންޑިޔާއާއެކު މުޅިން އައު އެއްބަސްވުމެއްގައި ސޮއިކުރަން މަޖުބޫރުވިއެވެ. އެއީ 1973ވަނަ އަހަރުގެ މޭމަހުގެ 08ވަނަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމެވެ. މިއެއްބަސްވުމުގެ ދަށުން ސިއްކީމުގެ ސަލާމަތާއި ޞުލްޙަވެރިކަން ބެލެހެއްޓުމަކީ އިންޑިޔާއިން ކުރާ ކަމެއްގެ ގޮތުގައި ހަމެޖެހި އިންޑިޔާއިން ސިއްކީމުގެ އިދާރީ ކަންކަން ބަލަހައްޓަން އޮފިޝަލެއް ޢައްޔަންކުރާ ގޮތަށް ނިމިގެންދިޔައެވެ. އަދި ކޮންމެ މީހަކަށް އެއް ވޯޓު ލިބޭ އުޞޫލުން އިންތިޚާބު ކުރިއަށް ގެންދިއުމަށް ހަމަޖެހިގެން ދިޔައެވެ. އަދި އިންޑިޔާއިން ކަނޑައަޅާ އިދާރީ އޮފިޝަލަށް އިދާރީ ކަންކަމުގައި ހުރިހާ ބާރެއް ލިބިފައި އޮންނާނެ ކަމުގައިވެސް މިއެއްބަސްވުމުގައި ބުނެފައިވެއެވެ. އަދި ސިއްކީމު ރަސްގެފާނާއި އިންޑިޔާގެ އޮފިޝަލާމެދު ޚިޔާލު ތަފާތުވެއްޖެނަމަ، އެކަމުގައި ގޮތް ނިންމާނެ ފަރާތަކީ އިންޑިޔާ ސަރުކާރު ކަމުގައި ކަނޑައެޅިގެން ދިޔައެވެ.

ޢަސްކަރީ ހިޔަނީގައި ގަނޑުބަޑުކޮށްލި ވޯޓު

ކުރިން ދެންނެވި މުޒާހަރާތަކުގެ ތެރެއިން ސިއްކީމުގެ ވެރިކަން ފުރޮޅި އިންޑިޔާގެ ބައިވެރިންނަށް ސިއްކީމުގެ ސިޔާސީ ބާރު ލިބުނެވެ. އެންޑްރޫ ޑަފް އޭނާގެ "ސިއްކީމް: ރިކުއިމް އޮފް އަ ހިމާލިޔަން ކިންގްޑަމް" މިފޮތުގައި ބުނެފައިވާ ގޮތުގައި ސިއްކީމުގެ ސިޔާސި ބާރު ވަޠަނީ ފަރާތްތަކުގެ އަތްމަތިން އިންޑިޔާއަށް ޤައުމު ވިއްކާލާފައިވެސް "ޑިމޮކްރަސީ" ގެންނަން ބޭނުންވި ފަރާތްތަކުގެ އަތްމައްޗަށް ގެންދިއުމަށް އިންޑިޔާގެ ޖާސޫސީ އިދާރާއިން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އަދި އިންޑިޔާއިން ސިއްކީމުގައި ބޭތިއްބި އޮފިޝަލުންވެސް އެމަސައްކަތްކުރިއެވެ. އެމަސައްކަތް ކާމިޔާބުވުމާއެކު، މަޑުމަޑުން އިންޑިޔާއިން ސިއްކީމުގެ ދާޚިލީ ކަންކަމުގައި އަދާކުރަމުންދިޔަ ދައުރު ފުޅާކޮށް އެދައުރު އިތުރުކޮށް ސިއްކީމު އެމީހުންގެ އަތްމައްޗަށް ގެނައުމުގެ މަސައްކަތް ފެށިއެވެ.
މިގޮތުން ފުރަތަމަ އިންޑިޔާއިން ކުރި ކަމަކީ އިންޑިޔާގެ ނިޔާބީ މަޖިލިސްތަކުގައި ސިއްކީމު ތަމްސީލުކުރާނެ ފަރާތެއް ބެހެއްޓުމަށް ޤާނޫނެއް ސިއްކީމުގެ ބަރުލަމާނަށް ލައި، އެބަރުލަމާނުން އެޤާނޫނު ފާސްކުރީއެވެ. މިކަން ކުރި ގޮތް ކަމުގައި ހުރިހާ މުއައްލިފުންވެސް ލިޔެފައިވަނީ އެބަރުލަމާނުގެ މެންބަރުން ގަނެގެން ނުވަތަ ބިރުދައްކައި މަޖުބޫރުކުރުވައިގެންނެވެ. މަޖުބޫރުނުކުރެވުނު މީހެއްނަމަ، ހައްޔަރުކޮށް ޖަލަށްލީއެވެ. މިހުރިހައި ކަމެއް ހިނގަމުންދިޔައިރު، އިންޑިޔާއިން ބޭނުންވާ ގޮތަށް ޚަބަރު ގެނެސްދޭ ނޫސްވެރިން ނޫން ބަޔަކަށް ސިއްކީމަކަށް ނުވަދެވެއެވެ. މިޤަރާރާ ދެކޮޅަށް ސިއްކީމުގައި މުޒާހަރާކޮށް އިހުތިޖާޖުކުރަން ފެށިއެވެ. އެހިސާބުން ސިއްކީމުގެ ދާޚިލީ ސަލާމަތް ބެލެހެއްޓުމަށް އިންޑިޔާއިން ސިއްކީމުގައި ބޭތިއްބި މަރުކަޒީ ފުލުހުން ނުކުމެ، މުޒާހަރާވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް މުޒާހަރާތައް ހަންމަތަކުރީއެވެ.
1974ވަނަ އަހަރުގައި އިންޑިޔާއަށް ވަފާތެރި އަދި ސިއްކީމަށް ޣަދަރުވެރި ބޮޑުވަޒީރުގެ ޕާޓީއަށް ސިއްކީމު ބަރުލަމާނުގެ ބޮޑު އަޣުލަބިއްޔަތު ލިބުނެވެ. އެގޮތުން 31 ގޮނޑި އޭނާގެ ޕާޓީއަށް ލިބުނެވެ. މިގޮނޑިތައް ކާމިޔާބުކުރީ އޮޅުވާލައިގެން އިންޑިޔާގެ އެހީތެރިކަމުގައި ކަމަށް އެއިރު ސިއްކީމުގެ ވަޠަނީ އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ. އެއިންތިޚާބުގައި ބަލިވެދާނެކަމަށް ބިރުން ބޮޑުވަޒީރުވަނީ އިންޑިޔާގެ އެހީއަށްވެސް އެދިފައެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ކުރާ ދަޢުވާއަކީ ހަމަ ރަނގަޅު ދަޢުވާއެއް ކަމުގައިވުން އެކަށީގެންވެއެވެ.
"ސިއްކީމް ޑޯން އޮފް ޑިމޮކްރަސީ"އޭ ކިޔުނު ފޮތުގައި ފޮތުގެ މުއައްލިފު އަދި އިންޑިޔާ ޖާސޫސީ އިދާރާގެ ކުރީގެ އޮފިސަރު ސިދޫ ލިޔެފައިވާ ގޮތަށް ބަލާއިރު ސިއްކީމު ޖަހައިގަތުމުގެ ކުރިން ސިއްކީމުގެ ވަޠަނީ ޤައުމީ ސިޔާސީ ހަރަކާތް އިދަޖައްސައި، ކުރިއެރިޔަނުދީ ހިފަހެއްޓުމުގައި ރޯއިން ވަރަށް މުހިއްމު އަދި ބޮޑު ދައުރެއް އަދާކުރިއެވެ. އެގޮތުން 1974ގައި އިންތިޚާބުވީ މަޖިލިސް މެންބަރުން ސިއްކީމުގެ ބޮޑުވަޒީރުގެ ފަހަތްޕުޅުގައި ތިބޭނެކަން ކަށަވަރުކުރީ ރޯއިންނެވެ. ފައިސާއާއި ބިރުދެއްކުންވެސް އެކަމުގައި ބޭނުންކުރިއެވެ. ސިއްކީމުގެ މިނިވަންކަން އަތުލުމަށްފަހުގައިވެސް ސިއްކީމު ރަސްގެފާނަށް ޖާސޫސްކޮށް 1999ވަނަ އަހަރުގައި އޭނާ ނިޔާވަންދެންވެސް އޭނާގެ ފަސްފަހަތް ބެލުމުގައި ރޯގެ އެޖެންޓުން އުޅުނެވެ.
ކޮންމެއަކަސް ކުރިން ދެންނެވި ޤަރާރު ނުވަތަ ޤާނޫނު ސިއްކީމުގެ މަޖިލިހުން ފާސްވުމާއެކު، ދެން އިންޑިޔާގެ ބައަކަށްވެ، ސިއްކީމުގައި އޮތް ރަސްކަން ރޫޅާލުމާމެދު ފެންނަ ނުފެންނަ ގޮތެއް ބެލުމުގެ އިންތިޚާބެއް ބޭއްވީ 1975ވަނަ އަހަރުއެވެ. މިއިންތިޚާބުގެ ކުރިން އެންމެ ފުރަތަމަ އިންޑިޔާއިން ކުރި ކަމަކީ އިންޑިޔާގެ ޢަސްކަރީ ސިފައިންގެ ފައުޖެއް ސިއްކީމަށް ފޮނުވައި ސިއްކީމުގެ ރަސްގެފާނުގެ ލަޝްކަރަށް ހަމަލާދީ ހަތިޔާރު އަތުލައި، ރަސްގެފާނު ގަނޑުވަރުގައި ބަންދުކުރީއެވެ. އަދި މުޅި ސިއްކީމު ބަންދުކޮށް ސިއްކީމަށް ވަދެނުކުތުން އިންޑިޔާގެ ފުރިހަމަ ބާރުގެ ދަށަށް ގެނައީއެވެ.
97،000 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އިންތިޚާބުގައި ވޯޓުދީފައިވަނީ 61133 މީހުންނެވެ. ސުނަންޑާ ޑައްޓާ-ރޭ އޭނާގެ ފޮތުގައި ފާހަގަކުރައްވާފައިވާ ގޮތުގައި މިއިންތިޚާބަކީ ހަމައެކަނި ނަމެއްގައި ބޭއްވި އިންތިޚާބެކެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ، އެޒަމާނުގެ މުވާސަލާތު ކަންކަން ހުރި ގޮތުންނާއި، ސިއްކީމުގެ ޖިއޮގުރަފީއަށް ބަލާއިރު ބައެއް ތަންތަނަށް ވަދެ ނުކުތުމަށްވެސް އިންތިޚާބުގައި ހޭދަވި ދުވަހަށްވުރެ ގިނަ ދުވަސް ހޭދަވާ ކަމުގައެވެ. ކޮންމެއަކަސް 1975ވަނަ އަހަރުގެ އޭޕްރީލުމަހުގެ 11ވަނަ ދުވަހުން 15ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ އިންތިޚާބުގައި 97.555% އަޣުލަބިއްޔަތުން ރަސްކަން އުވައިލައި އިންޑިޔާގެ ބައެއް ކަމުގައިވުމަށް ސިއްކީމު ރުހިއްޖެ ކަމުގައި ނިންމިއެވެ. ނަމަވެސް މިއިންތިޚާބު ކުރިއަށްދިޔަ ގޮތް ބަލައިލުމަށް ބައިނަލްއަޤުވާމީ އެއްވެސް ނޫސްވެރިޔަކަށް ނުވަދެވެއެވެ. އަދި އިންޑިޔާގެ ނޫސްވެރިންގެ ތެރެއިން މިނިންމުމަށް ފާޑުކީ ފަރާތްތައް ވަޒީފާތަކުން ވަކިކުރެވި މަގުމަތިކުރެވިގެންދިޔައީއެވެ.
ސިއްކީމު އިންޑިޔާގެ ދަށަށް ގެނެސް މިނިވަންކަން އެކީ ނިގުޅައިގަނެވިގެންދިޔައީ އިންޑިޔާގެ ކުރިގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ވެރިކަމުގައެވެ. އޭނާއަށް ފަހު އިންޑިޔާގެ ވެރިކަމަށް ވަޑައިގެންނެވި މޮރާޖީ ޑޭސާއީވަނީ އެނިންމުމަށް ފާޑުވިދާޅުވެފައެވެ. އަދި އެއީ ރަނގަޅަށް ހިންގުނު ހަރަކާތެއް ނޫން ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް އަނބުރައި އެނިންމުން ބަދަލުނުކުރެއްވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. މިހެން ވިދާޅުވެގެން އިންޑިޔާގެ ކަންކޮޅުތަކުގައި އޭނާއާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލާފައިވެއެވެ.
ސިއްކީމުގެ ވާހަކަ މިއަށްވުރެ ތަފުޞީލުކޮށްވެސް ލިޔެވިދާނެއެވެ. ނަމަވެސް މުހިއްމު ނުކުތާތައް ލިޔެވިއްޖެ ކަމުގައި ދެކެމެވެ. މިހިސާބުން މިލިޔުން މިވަގުތު ލިޔެލަން ޖެހުނު ސަބަބުވެސް ދަންނަވައިލާނަމެވެ. ބައެއް ސިޔާސީ ލީޑަރުން މިހާރަކަށް އައިސް އުޅުއްވާ ގޮތުން ސިއްކީމު އިންޑިޔާގެ ބައަކަށް ހަދައި ސިއްކީމުގެ އިސްތިޤުލީލިއްޔަތު ނަގައިލި ސިއްކީމުގެ ބޮޑުވަޒީރުގެ މަތިން ހަމަ ހަނދާންވަނީއެވެ. އިންޑިޔާ މީހަކު ދިވެހިރާއްޖޭގައި ޚަރަދުކުރާ އެންމެ ރުޕީއެއް އެހެން ބައަކު ޚަރަދުކުރާ 100 ޑޮލަރަށްވުރެ އަގުހުންނާނެ ކަމުގައި، އިންޑިޔާ މީހުންނާއި ދިވެހިންނަކީ ހަމައެއް ބައެއް ކަމުގައާއި، އިންޑިޔާގެ ފަހަތުން ނޫނީ ދިވެހިރާއްޖެއަށް ނުދެވޭނެ ކަމުގައި ބައެއް ސިޔާސީ ލީޑަރުން ވިދާޅުވީމައި، އެބޭފުޅުން ދައްކަވާ ވާހަކަފުޅުތަކާއި އުޅުއްވާ ގޮތް އެންމެ އެއްގޮތްވަނީ އެޒަމާނުގައި ސިއްކީމުގެ ބޮޑުވަޒީރުކަމުގައި ހުރި ކާޒީ އުޅުނު ގޮތާއި ދެއްކި ވާހަކަތަކާއެވެ. އެހެންވީމާ މިއަދު އަޅުގަނޑުމެންގެ ޙާލަތާއި އެދުވަހު ސިއްކީމުގެ ޙާލަތު އަޅައިބައްލަވާށެވެ. ވިދާޅުވާށެވެ. ފިކުރު ހިންގަވާށެވެ.
މި ލިއުމާއި ގުޅޭ