Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

އެމްޑީއެން އުވާލުމާއި މަކުނުކޮށި ނައްތާލުން

އަސުރު ނަމާދުން ފައިބައިގެން މިސްކިތުން ނިކުތް އިރު އެންމެންހެން ދައްކަނީ އެއްވާހަކައެކެވެ. ސަރުކާރުން އެންޑީއެން އުވާލި ވާހަކައެވެ. ދީނަށް ފުރައްސާރަކުރާމީހުންނަށް ކީރިތި މާތް ނަބިއްޔާއާއި ކީރިތި ޤުރުއާނަށް އައިބުބަސް ބުނާ މީހުންނަށް ސަރުކާރުން ޖާގަ ނުދޭނެވާހަކައެވެ. އެހެން ނުވާނީ ކީއްވެހެއްޔެވެ؟ އެކަކު ބުނީ މިހާރުގެ ރައީސަކީ ރަސޫލާ ދުޢާކުރެއްވި ފަދަ ބޭފުޅެއްކަމަށް ޢިލްމުވެރިޔަކު ވިދާޅުވިކަމަށެވެ. މި އަޑު އިވުމާކު އަނެކަކު ބުނީ ބަލަގަ މަދީނާގައި މުނާފިގުންގެ ލީޑަރަކަށް އުޅުނު އަބްދުﷲ ބުން އުބައްޔު ބިން ސަލޫލަށް ވެސް ރަސޫލާ ދުޢާކުރެއްވިއެވެ. އެހެންވީމާ ތިޔަ ބުނި އެއްޗެއްގެ މާނައަކީ ކޮބައިހެއްޔެވެ؟ އޭނާ ބުނީ މާނައެއް އެ ދަންނަ ބޭކަލަކު ވެސް ވިދާޅުވެނުދެއްވާކަމަށެވެ. އެކަމަކު އަހަރެން ވާހަކައެއް ބުނަންހެއްޔެވެ؟ ތިޔަ ބުނާ އެންޑީއެމެއް އުވާލުމާ ޖުހާގެ ރާމާމަކުނުކޮށި ނައްތާލުމާ މާ ބޮޑު ތަފާތެއް ނެތެވެ.
ޖުހާގެ ރާމާމަކުނު ކޮށީގެ ވާހަކަ ފެށުނީ ޖެހިގެން ހުރި ސައިހޮޓަލަށް ގޮހެވެ. އެ ވާހަކަ އެ ހިސާބަށް އިހަށް ބާއްވަމާ ހެއްވެ؟ އެމްޑީއެންއާ ދޭތެރޭ ވިސްނާލަމާ ހެއްޔެވެ؟ އެމްޑީއެން އުފެދުނު ދުވަސްވަރާ އެ މީހުންގެ ހަރަކާތްތަކަށް ބަލައިލީމާ ކަށަވާރުވާނެ ކަމަކީ އެ ދުވަސްވަރު އޮތް ސަރުކާރުގައި އެ މީހުންނަށް ދައުރެއް ބާރެއް ނެތްކަމެވެ. އެމީހުން ކުރާން ބޭނުންވާ ކަންކަމަށް އެހެންކަމުން ހުރަސް އެޅޭނެކަމެވެ. އެހެންވީމާ އޭގައި ހިމެނޭ ހުތުރު ފިކުރުތައް އުފަންކުރި މީހުންނަށް ރައްޔިތުންނާ ހަމައަށް އެ ވާހަކަ އުފަލަން އޮތް ހަމަ އެކަނި މަގަކީ ޖަމިއްޔާއެއް ހެދުމެވެ. ބަޔަކަށް ޒަހަރު ދޭން ބޭނުންވާ މީހާ އެކަމަށް ބިއްލޫރިތަށްޓެއް ހޯދާ ފަދައިންނެވެ.
ޖަމިއްޔާއެއް އުފެއްދުމުން އެ ބަޔަކަށް ބަސް ބުނެވެއެވެ. އިޝްތިހާރުވެވެއެވެ. ބާރު ލިބެއެވެ. ސަރުކާރާ ދުރުގައި އާންމުންގެ ގޭގޭގެ އަސްކަނިތަކުގެ ދަށުގައި ހޮޅުއަށިތަކުގައި މި ފަދަ މީހުންގެ މަސައްކަތް ހިންގެއެވެ.
މި ކަން މިހެން އޮއްވާ އާ ސަރުކާރު އުފެދިއްޖެއެވެ. މި ސަރުކާރުގެ އެންމެ އުސްގޮނޑިތަކަށް އެ މީހުން އައްޔަނުކުރެވިއްޖެއެވެ. ރައީސް އޮފީހުގައި އެ މީހުން އެބަ ތިއްބެވެ. ފުލުސް އޮފީހުގައި އެ މީހުން އެބަ ތިއްބެވެ. ރާއްޖެއާ ބޭރުގެ ގުޅުންތައް އުފައްދާ ދާއިރާތަކުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި އެ މީހުން އެބަ ތިއްބެވެ. އަދުލު އިންސާފުގެ އެންމެ އިސްބާރުތަކުގައި ޤާނޫނު ލިޔެ އެކުލަވާލާ އެންމެ އުސް ގޭގައި އޮތީ ތާއީދާއި ތަރުހީބުގެ އަތްތިލަބަޑިތަކެވެ. މި ހުރިހާ ގޮތަކުން ދިވެހި ދައުލަތުން ބޮޑު މުސާރައާއި އާރާއި ބާރާއި އިޚްތިޔާރު ފުރިހަމައަށް އެ މީހުންނަށް ދީފިއެވެ. ދެން ކޮން ޖަމިއްޔާއެއް ހެއްޔެވެ؟
މިހާރު ސައިތަށިތައް ގެނެސް މޭޒުމަތީ ބެހެއްޓިއްޖެއެވެ. ޖުހާގެ ރާމާމަކުނު ކޮށީގެ ވާހަކަ އަނެއްކާ ވެސް ފެށިއްޖެއެވެ. ވާހަކަ ފެށި މޮހަންމާބޭ ބުނީ ބަޔަކު މީހުން ހެއްދި މޭވާދަނޑެއް ޖުހާ ބޭނުންވެއްޖެ ކަމަށެވެ. އެ ކަމަށްޓަކާ ކުރަން ޖެހޭ ކަމަކީ އެ މީހުން އެ ތަނުން ފައްސާލުމެވެ. ޖުހާ ކުރި ކަމަކީ އެ މޭވާ ދަނޑުގެ މެދުގައި ދާޖަހައިގެން ލަކުޑިން ބޮޑު ކޮށްޓެއް ހަދައިފިއެވެ. ދެން އެ ކޮށީގެ ތެރެއަށް ވިއްސަކަށް ރާމާމަކުނު ލައިފިއެވެ.
ދަނޑުވެރީން ބުންޏެވެ. ޖުހާއެވެ. ތިޔަ ކޮށި ތިޔަ ތަނުން ނަގާށެވެ. ތިޔަ ކޮށި މުޅިން ނައްތާލަދޭށެވެ. އަހަރެމެންގެ ދަނޑުތަކާ ގަސްގަހުކުރީގައި ދޮންވެ ފައްކާވެފައިވާ މޭވާތަކާ މެދު ބިރުގަނެއެވެ. ޖުހާ ހަމަ އެއް ގޮތަކަށް ވެސް މި ކަން ގަބޫލުކުރާ ގޮތެއް ނުވިއެވެ. ނަމަވެސް އެންމެ ފަހުން ދަނޑުވެރީންގެ ޝަކުވާއާއި އުނދަގޫ ބޮޑުވެގެން އޮބިއޮންނަވަރެއް ނުވިއެވެ.
އެއް ދުވަހެއްގެ ހެނދުނެވެ. ދަނޑުވެރީން ހެނދުނު ހޭލާ ސައިބޮއިގެން ދަނޑަށް އަންނާން އުޅެނިކޮށް ޖުހާގެ ފަރާތުން އެގޭގެއަށް މަންދޫބަކު ހިނގައްޖެއެވެ. ދިން އުފާވެރި ޚަބަރަކީ ދަނޑުވެރީން އެދުނު ގޮތަށް ރޭގެ ވަގުތެއްގައި މަކުނުކޮށި ނައްތާލައިފިކަމުގެ ޚަބަރެވެ. ހުރިހައި ދަނޑުވެރީން އަތްތިލަ ބަޑިޖަހައި ގެންފިއެވެ. އުފަލުން އެކަކު އަނެކަކަށް ބައްދާ ހަޅޭލަވަން ފަށައިފިއެވެ. އެ ޚަބަރު ގެނައި މީހާއާއި ޖުހާއަށް ބައެއް ގޭގެއިން ހަދިޔާ ވެސް ނުދޭކަމެއް ނޭނގެއެވެ. ކޮންމެޔަކަސް މި އައިކަލޭގެ މި ސަރަހައްދުން ނިކުމެގެން ދާން އުޅެނިކޮށް އެ ތާ ގެއެއްގެ ދޮރުމަތީ ފަސްއޮށް ކުޅެން އިން ފަސް އަހަރުގެ ތޫނުފިލި ކުޑަ ކުއްޖަކު މީނާ ގާތު އަހާލިއެވެ. ތިޔަ ބުނަނީ ރާމާމަކުނުތައް ތިބި ކޮށި ނައްތާލި ވާހަކަ ނޫންހެއްޔެވެ؟ އެހެންވީ އިރު މަކުނުތައް ވީ ކޮންތާކު ހެއްޔެވެ؟ އޭނާ ބުންޏެވެ. މަކުނުތައް މިހާރު އެ މުޅި ދަނޑުގެ ގަސްގަހު ކުރީން އެބަ ދުވެ ފުމެ ނަގައެވެ.
މި ލިއުމާއި ގުޅޭ