Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

މިނިވަން މުއައްސަސާ ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަޙީދާ ސަރުކާރުގެ ހަފުލާއެއް ހުށަހަޅައިދެއްވުން: މިހާރު ރަނގަޅު؟

ބްރޮޑްކާސްޓިން ކޮމިޝަނުގެ ކުރީގެ މެންބަރު ފާޠިމަތު ޒޭނާ ކުރީ ސަރުކާރުން ބޭއްވި ހަފުލާއެއްގައި އިންތިޒާމީ ކަންކަމުގައި އުޅުއްވާ ފޮޓޯއެއް މީސްމީޑިޔާއަށް ތިލަވިއެވެ. އެއީ ބްރޯޑްކޮމްގެ މިނިވަންކަމާއި އެކޮމިޝަނުގެ އިތުބާރު ގެއްލޭ ކަމެއް ކަމުގައި އެއިރުގެ އިދިކޮޅު ފަރާތްތަކުން ބުންޏެވެ. ދެން ސަރުކާރު ބަދަލުވެ، އެއިރުގެ އިދިކޮޅު ފަރާތްތައް ސަރުކާރަށް ހޮވި މަޖިލިހުގެ އަޣުލަބިއްޔަތު ލިބުމުން ޒޭނާ ކޮމިޝަނުގެ މެންބަރުކަމުން ބޭރުވެސް ކޮށްލައިފިއެވެ.
ވެރިކަން ކުރާ އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން އައު ބްރޯޑްކޮމްއެއް އެކުލަވައިލައިފިއެވެ. އެކޮމިޝަނުގެ ރައީސަކަށް މަޖިލިހުން އިންތިޚާބުކުރީ ތަޖުރިބާކާރު ކުޅަދާނަ ޓީވީ ޕްރޮގުރާމް ހުށަހެޅުންތެރިޔާ މަރިޔަމް ވަޙީދާއެވެ. މަރިޔަމް ވަޙީދާ ނުވަތަ ޢާންމު ނަމުންނަމަ މަރީއަކީ ދާއިރާގެ ތަޖުރިބާއާއި ފަންނީ ޤާބިލުކަން ހުރި ކުޅަދާނަ ބޭފުޅެކެވެ. އެކަމުގައި އަޅުގަނޑުގެ ދެބަސްވުމެއް ނެތެވެ.
ނަމަވެސް މިހާރުގެ ސަރުކާރުގެ ވެރިންނަށް ސުވާލެއް ދަންނަވައިލަން މަޖުބޫރުވީ ރޭގައި ފެނުނު މަންޒަރަކުންނެވެ. މަރިޔަމް ވަޙީދާ ސަރުކާރުން ބޭއްވި ހަފުލާއެއް ހުށަހަޅައިދެއްވި މަންޒަރެވެ. މިމަންޒަރު ފެނުމުން އަޅުގަނޑު ހިތުގައި އުފެދުނު ސުވާލަކީ މަރީ މިހަފުލާ ހުށަހަޅައިދެއްވުމާއި، ރައީސް ޔާމީން ވެރިކަމުގައި އިސް ރައްވެހިންނާ ބައްދަލުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން ސަރުކާރުން ބޭއްވި ހަފުލާއެއްގައި ޝާމިލުވެވަޑައިގެން ޒޭނާ އުޅުއްވި އުޅުއްވުމުގެ މެދުގައި ހުރިކަމަށް ތިޔަ ދެކެވަޑައިގަންނަވާ ތަފާތަކީ ކޮބައިތޯއެވެ؟
ފަހަރުގައި ދެބޭފުޅުން އަދާކުރެއްވި ދައުރު ތަފާތުވެދާނެއެވެ. މަރީ ޖަލްސާއެއް ހުށަހަޅައިދެއްވީއެވެ. ޒައިނާ ޖަލްސާއެއްގެ އިންތިޒާމީ ކަންކަމުގައި އުޅުއްވީއެވެ. ނަމަވެސް އެއިރު ޝަކުވާއަކަށްވީ މިނިވަންކަން ނެތިގެން ގޮސް ބްރޯޑްކޮމް ވަކިއަތަކަށް ފުރޮޅައިލުމެވެ. ހެއްކަކީ ޒައިނާ ޖަލްސާގެ ކަންކަމުގައި އުޅުއްވުމެވެ. އަޅުގަނޑުގެ ސުވާލަކީ މިހާރު މިޖަލްސާގައި މަރިޔަމް ވަޙީދާ ވާހަކަދައްކަވައި، ޖަލްސާ ހުށަހަޅައިދެއްވުމަކީ މިނިވަންކަން ގެއްލޭ ކަމަކަށް ނުވަނީ ހެއްޔެވެ؟
އަޅުގަނޑުގެ ވިސްނުމުގައި ދައުލަތުގެ ކަމެއްގައި މިނިވަން މުއައްސަސާއެއްގެ ވެރިއެއް އުޅުއްވުން އެއީ އަދި މުއައްސަސާގެ މިނިވަންކަމާއި، އެބޭފުޅެއްގެ އިސްތިޤުލާލިއްޔަތު ގެއްލޭ ސަބަބެއް ނޫނެވެ. އަޅުގަނޑު ހިތުން މަރިޔަމް ވަޙީދާއަކީ ފަންނުވެރި ކަމަށް ކުޅަދާނަ ވަކިއަތަކަށް ޖެހިވަޑައިނުގެން މަސައްކަތްކުރައްވާނެ ބޭކަނބަލެކެވެ. ދައުލަތުގެ ހަފުލާއެއްގައި އޭނާ ބައިވެރިވެވަޑައިގަތުމަކީ އޭނާގެ އިތުބާރު ނަގައިލަންވީ ސަބަބެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ. ހަމައެފަދައިން ރަނގަޅު ޒިންމާދާރު ސިޔާސީ ލީޑަރުންތަކެއް ތިބޭ އިދިކޮޅު ހަރަކާތެއްގައި ޒައިނާގެ އަނބުރު ނަގައިލާ އޭނާގެ އިސްތަށިފުޅުގައި އެޅުވިހާ އިލްޒާމެއްވެސް ނޭޅުވީސް ކަމުގައި އަޅުގަނޑު ދެކެމެވެ.
މި ލިއުމާއި ގުޅޭ