Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ކޮންކިރިޓު ތަރައްޤީ އާއި ނުލައި ވާކަށް ނެތް!

ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގެ 5 އަހަރަކީ ރާއްޖެ މީގެ ކުރިން ނުދެކޭވަރުގެ ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދެވުނު 5 އަހަރެވެ. އެތައް ރަށެއްގެ ނަރުދަމާ، ބަނދަރު، ފަރުތޮށި، ފެނުގެ ނިޒާމު، ދެން މިހެން ގޮސް އެތައް ކަމެކެވެ. މާލެ ސަރަހައްދަށް ބަލައިފިނަމަ ބްރިޖާއި، އެއާޕޯޓުގެ ރަންވޭއާއި، 7000 ހައުސިން ޔުނިޓު އަދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލެވެ. މިކަންތައްތަކަށް އޭރުގެ އިދިކޮޅު ފަރާތްތަކަުން ދިން ނަމަކީ "ކޮންކިރިޓު ތަރައްޤީ" އެވެ.
އޭރުގެ އިދިކޮޅު ލީޑަރު އަދި މިހާރު ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތުންނަމަ "ކޮންކިރިޓު ތަރައްޤީ" އަކީ ތަރައްޤީ އެއް ނޫނެއެވެ. ތަރައްޤީއަކީ މީހާއަށް އަންނަ ބަދަލެއް ކަމަށާއި އެ ތަރައްޤީއަކީ އިންސާނީ ތަރައްޤީކަމަށްވެސް ރައީސް ނަޝީދުވިދާޅުވެއެވެ. ރައީސް ނަޝީދު އެކިފަހަރު މި ތަރައްޤީ މާނަކުރައްވަނީ އެކި ގޮތްގޮތަށެވެ. އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ އިންސާނީ ތަރައްޤީއަކީ ޖީބަށް ވަންނަވަރު ގިނަވުން ކަމަށާއި އުފަލުގައި ދިރިއުޅެވޭނެގޮތް މެދުވެރިވުން ކަމަށެވެ. އަދި މަގުތަކާއި، ބްރިޖާއި އުސް އިމާރާތްތަކަކީ ތަރައްޤީއެއް ނޫންކަމުގައިވިދާޅުވިއެވެ.
ރައީސް ނަޝީދު މިދެއްކެވި ވާހަކަފުޅަށް ވިސްނާލަމާ ހިނގާށެވެ. އިންސާނީ ތަރައްޤީއަކީ ޖީބަށްވަންނަ ފައިސާ އިތުރުވެފައި، އުފަލުގައި ދިރިއުޅެވޭނެގޮތް މެދުވެރިވުން ކަމުގައިވާނަމަ އެ ބުނާ އިންސާނީ ތަރައްޤީ ގެންނާނީ ކިހިނެއްހެއްޔެވެ؟ ޖީބަށް ވަންނަ ފައިސާ އިތުރުކޮށްގެންކަން ކަށަވަރެވެ. ރައްޔިތުންގެ ޖީބަށް ފައިސާ ވަންނަ މިންވަރު އިތުރު ކުރެވޭނީ ޤައުމުގެ އިޤްތިސާދު ކުރިއަރުވައި ފުޅާ ކޮށްގެންނެވެ. އިޤްތިސާދު ފުޅާ ކުރެވޭނީ އެބުނާ "ކޮންކިރިޓު ތަރައްޤީ" ގެނެސް ގެންނެވެ.
ރާއްޖެއަށް ބަލާނަމަ، ރާއްޖޭގެ އިޤްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށެވެ. އެ ސިނާއަތް އިތުރަށް ކުރިއަރުވަން ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރަންޖެހެއެވެ. އާ ރަންވޭ އަޅަން ޖެހެއެވެ. ޓާމިނަލް ބޮޑުކުރަންޖެހެއެވެ. އަހަރަކު 5-7 މިލިއަން ފަތުރުވެރިންނަށް ހިދުމަތްދެވޭވަރު ކުރަންޖެހެއެވެ. އަދި ރާއްޖޭގެ ރަށްތައް އެތުރިފައި އޮންނަ ގޮތުން، ވެލާނާ އެއާޕޯޓުން އެހެން ރިސޯޓުތަކަށް ދާން ބޭނުންވާ ފަތުރުވެރިންނަށް ފަސޭހަކަމާއެކު އެހެން ރަށްތަކަށްވެސް ދެވެން ޖެހެއެވެ. އެހެން ކަމުން އެކި ސަރަހައްދުތަކުގައި އެއާޕޯޓުތައްވެސް ތަރައްޤީ ކުރަންޖެހެއެވެ. ޖީބަށް ވަންނަ ފައިސާ އިތުރު ކުރުމަކީ އަމާޒު ކަމުގައިވާނަމަ އެ އަމާޒަށް ވާސިލުވެވޭނީ ކޮންކިރީޓު ތަރައްޤީ ގެނެސްގެންނެވެ.
އެމްޑީޕީގެ ޖަލްސާތަކުގައި އަޑަށް ބާރުލާފައި އިންސާނީ ތަރައްޤީއޭ ޖަޒީރާ ރާއްޖެއޭ ގޮވިއަސް މި ސަރުކާރުގެވެސް މައިގަނޑު އަމާޒު ހުރީ ހަމަ ކޮންކިރިޓު ތަރައްޤީ ގެނައުމަށެވެ. ވެރިކަމަށް އަންނަން ކެމްޕެއިނު ކުރިއިރު އެއާޕޯޓު އެޅުމާއި ބްރިޖު ހެދުމާ ދެކޮޅު ހެދިނަމަވެސް ވެރިކަމަށް އައިސް ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ކޮންމެ ތާކު ހުރެފައިވެސް 20 މިނިޓުން އެއާޕޯޓަކަށް ދެވޭ ވަރަށް އެއާޕޯޓު ރާއްޖޭގައި އެޅުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ވަޒީރުން ހާމަކުރަން ފަށައިފިއެވެ. ކުރިން ބްރިޖާއި ދެކޮޅު ހެދި ވަޒީރުން، މިހާރު ކުރިއަށްވުރެ މާގިނަ ބްރިޖު އެޅޭތޯ މަސައްކަތް ފަށައިފިއެވެ.
ޙަޤީޤަތަކީ އިންތިޚާބަށް ނުކުމެ ވޯޓު ހޯދުމުގެ ނިޔަތުގައި ތަރައްޤީގެ މާނައާއި މަފުހޫމު އޮޅުވައިލަނީއެވެ. ތަރައްޤީ ކޮންމެ ގޮތަކަށް މާނަކުރިނަމަވެސް ތަރައްޤީގެ އެންމެ މުހިއްމު އެއް ބައަކީ ޢުމްރާނީ ތަރައްޤީއެވެ. ހިލަވެއްޔާއި، ދަގަނޑާއި ކޮންކްރީޓުން މެނުވީ އެތަރައްޤީ ނުގެނެވޭނެއެވެ. އެތަރައްޤީ ނުގެނެސް ފުދުންތެރިކަން އިތުރުކޮށް ވިޔަފާރިތައް ހަރުދަނާކޮށް ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ދައުލަތުގެ އާމްދަނީ އިތުރުކޮށް ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ނުދެވޭނެއެވެ. ނަމަވެސް އެއީ ތަރައްޤީ ކަމުގައި ބުނެ އިޢުތިރާފުވެއްޖެނަމަ، ސިޔާސީ ގޮތުން ރައީސް ޔާމީނުގެ ކާމިޔާބީއަށް އިޢުތިރާފުވާންޖެހިދާނެއެވެ. އެހެންވީމާ ދެންވެސް ބުނާންޖެހޭނީ ކޮންކުރީޓު ތަރައްޤީއަކީ ތަރައްޤީ ނޫން ކަމުގައެވެ.
މި ލިއުމާއި ގުޅޭ