Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ދުވަހުގައި ދެލީޑަރެއްގެ ތަފާތު ދެތަޞައްވުރު

މިއަދަކީ ބައިނަލް އަޤުވާމީ އިިންސާނީ ޙައްޤުތަކުގެ ދުވަހެވެ. ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވޭ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10ވަނަ ދުވަހެވެ. އެދުވަސް އިޙުތިފާލުކުރެވެނީ 1948ވަނަ އަހަރުގެ ޑިސެންބަރު 10ވަނަ ދުވަހުގައި އދ.އިން ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ އިޢުލާނު ބަލައިގަތުން އިހުތިފާލުކުރުމުގެ ގޮތުން އެދުވަހާ ގުޅުވައެވެ.
މިދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ޓުވީޓެއް ކުރައްވައިފިއެވެ. އަވައްޓެރި ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާނުވެސް ޓުވީޓެއް ކުރައްވައިފިއެވެ. މިދެޓުވީޓުން އަޅުގަނޑަށް ފެނުނީ ދެވިސްނުމެކެވެ. މުޅިން ތަފާތު ދެތަޞައްވުރެކެވެ. އަދި ދުނިޔެ ބެލުމަށް ބޭނުންކުރެވޭ ތަފާތު ދެބާވަތެއްގެ ދުރުމިއެކެވެ. މިއިން ކޮންމެ ދުރުމިއަކުން ދުނިޔެ ބެލުމުން ފެންނަ ގޮތް ވަރަށް ތަފާތުވާނެއެވެ.
އެކި މީހުންނަށް އިލްހާމު ލިބެވެނީ އެކި ކަންކަމުންނެވެ. ބައެއް މީހުންނަށް އެބައިމީހުންގެ އުންމީދުތަކުގެ ހުޅުކޮޅު ދިއްލައިދެނީ އަމިއްލަ ސަގާފަތާއި އަމިއްލަ ޙަޟާރަތުގެ ހުޅުކޮޅުންނެވެ. އަނެއްބައިމީހުންނަށް އިލްހާމު ލިބެނީ ތިމާމެންގެ ގޮތާއި ފޮތް އެއްފަރާތްކޮށް އެހެން ބައެއްގެ ގޮތާއި ފޮތުންނެވެ. ތިމާމެންގެ އަމިއްލަ ގޮތާއި އަމިއްލަ ފިކުރީ ތަރިކައިގެ އަގެއް ނެތް ކަމުގައި ދެކި، އެހެން ބައެއްގެ ގޮތާއި އެބައިމީހުންގެ ފިކުރީ ތަރިކައިގެ ކުރިމަތީގައި ކުޑަކަކުލަށް ތިރިވެވެނީ ތިމާމެންގެ އަމިއްލަ ނަފުސުތައް ބަލިކަށިކޮށްލަނިވި ފިކުރީ އަޅުވެތިކަމަކުން ބަދެވުމުންނެވެ. މިކަމަކީ ކިޔެވިތަނަކާއި އުނގެނުނު އެއްޗަކާވެސް މާބޮޑު ގުޅުމެއް ހުރި ކަމެއް ނޫނެވެ. މިއަދު ދެލީޑަރެއްގެ ވާހަކަފުޅުން މިމަންޒަރު ސާފުވާނެއެވެ.
އެންމެ ފުރަތަމަ ޢިމްރާނު ޚާނުގެ ކުރު ތަޢާރަފެއް އަރުވައިލުމަކީ އޮތް ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ޢިމްރާނު ޚާނަކީ ޕާކިސްތާނުގެ ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ކުރިން އެޤައުމުގައި އުފެދުނު އެންމެ ކުޅަދާނަ ކުރިކެޓު ކުޅުންތެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ޢިމްރާނަކީ ހަމައެކަނި ކުޅިވަރު ކުޅުންތެރިއެއް ނޫނެވެ. އޭނާއަކީ ހުޅަނގުގެ ތަޢުލީމީ ކޯއްޓޭތަކުގެ ތެރެއިން ޤަދީމީ އަދި އެހާމަ ޤަދަރުހުރި ކޯއްޓޭއެއްކަމުގައިވާ އިނގެރޭސިވިލާތުގެ އޮކްސްފޯރޑު ޔުނިވަރސިޓީއިން ތަޢުލީމު ޙާޞިލުކުރެއްވި ބޭފުޅެކެވެ. އެޤަދީމީ ޖާމިޢާގައި އޭނާ ކިޔަވާވިދާޅުވީ ފަލްސަފާއާއި އިޤުތިޞާދާއި ސިޔާސަތެވެ.
އޭނާގެ ސިޔާސީ ހަރަކާތްތަކުގެ ތާރީޚަށް ދިއުމަކީ މިލިޔުމުގެ މަޤުޞަދަށް މާމުހިއްމު ކަމެއް ނޫނެވެ. ނަމަވެސް ސިޔާސީ ކަންކަމުގައި އޭނާއަށް އެންމެ ބޮޑު އިލްހާމެއް ލިބެނީ ދެލިޔުންތެރިއެއްގެ ކިބައިން ކަމުގައި ޢިމްރާނު ފާހަގަކުރައްވާފައިވެއެވެ. އެއީ ޕާކިސްތާނު އުފެއްދެވުމުގެ ފިކުރާއި 20ވަނަ ޤަރުނުގައި އިސްލާމީ ޙަޟާރަތު އަލުން ބިނާކުރުމުގެ ފިކުރު އުފަންކުރެއްވި އިސްލާމީ ފަލްސަފާވެރިޔާ އަދި އުރުދޫ ޅެންވެރިޔާ ޢައްލާމާ އިޤުބާލުގެ އިތުރުން، އީރާނުގެ އިސްލާމީ ފިކުރު ބިނާކުރުމުގައާއި އިސްލާމީ ޙަޟާރީ ދިރުމެއްގެ މަގު ޗާޓު ކުރަހައިދެއްވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި މުފައްކިރެއް ކަމުގައިވާ ޢަލީ ޝަރީޢަތީއެވެ.
މިހިސާބުން މިއަދު ދެލީޑަރުން ކުރެއްވި ޓުވީޓުތަކަށް ޖެހިލަމާތޯއެވެ. ތިރީގައި މިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓެވެ.
Human Rights are universal and inalienable, because to be human is the most universal of values. On #WorldHumanRightsDay2019, we commit to double our efforts to ensure that the values laid out in the UDHR are upheld. For, a right violated anywhere, is a right violated everywhere.— Ibrahim Mohamed Solih (@ibusolih) December 10, 2019

މިޓުވީޓުގެ ދިވެހި ތަރުޖަމާ ދަންނަވައިލާނަމެވެ. އިންސާނީ ޙައްޤުތަކަކީ ޢާލަމީ އެއްޗެކެވެ. އަދި އެއިން މީހުން މަހުރޫމުނުކުރެވޭނެ އެއްޗެކެވެ. އެހެނީ އިންސާނެއް ކަމުގައިވުމަކީ އެންމެ ޢާލަމީ ނުވަތަ ޝާމިލު އަގުކުރުމެވެ. ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ދުވަސް 2019ގައި އދގެ އިންސާނީ ޙައްޤުތަކުގެ އިޢުލާނުގައި ހުރި އަގުކުރުންތައް ނެގެހެއްޓުމަށް ދެގުނަ އިތުރަށް މަސައްކަތްކުރުމަށް މިއަދު އަހަރުމެން އިލްތިޒާމްވަމެވެ. އެހެނީ އެއްވެސް ތަނެއްގައި ޙައްޤަކަށް އަރައިގަނެވިއްޖެނަމަ، އެއީ ހުރިހައި ތަނެއްގައި ޙައްޤަކަށް އަރައިގަނެވުމެވެ.
މިޓުވީޓުން ފާހަގަކުރެވޭ ގޮތުގައި އިންސާނީ ޙައްޤުތަކުގެ މަފުހޫމާއި ވިސްނުން ދިވެހި ސަރުކާރުން ދެނެގަންނާނީ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިޢުލާނުގެ ތެރެއިންނެވެ. އެއިޢުލާނުގައި ކަނޑައެޅިފައިވާ އިންސާނީ ޙައްޤުތަކާ ގުޅޭ އަގުކުރުންތައް އެއީ އެދާއިރާގައި އެންމެ ފުރިހަމަ އަދި އެންމެ ރަނގަޅު އަގުކުރުންތަކުގެ ގޮތުގައިވެސް މިހާރުގެ ދިވެހި ސަރުކާރުން ޤަބޫލުކުރާ ކަމުގައި މިޓުވީޓުން ދޭހަވެއެވެ. އަދި އެއަގުކުރުންތައް ދަމަހައްޓައި ނެގެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް މިޓުވީޓުގައި ރައީސް ވިދާޅުވެފައިވެއެވެ. މިދެންނެވުނު އިޢުލާނުގައި ހުރި ކަންކަމުގެ ތަފުޞީލަށް ދެވޭނީ އެހެން ފަހަރަކުން އެހެން މަޙައްލެއްގައެވެ. ނަމަވެސް ކުރުކޮށް ދަންނަވަނީނަމަ، އޭގެ ތެރެއިން ވަރަށް ގިނަ އަގުކުރުންތަކަކީ ރާއްޖެއިން އެކަންކަމުގައި އިސްތިސްނާތަކެއް ނަގާފައިވާ ކަންކަމެވެ.
ދެން މިހިސާބުން ބަލައިލާނީ ޢިމްރާން ޚާނުގެ ޓުވީޓަށެވެ. އެމަނިކުފާނުވެސް ހަމަ މިދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެކެވެ.


މިޓުވީޓުގެ ތަރުޖަމާ ދަންނަވައިލާނަމެވެ. "އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤުވާމީ ދުވަހުގައި މުސްލިމުން ހަދާންކުރަންވީ ހަމަހަމަކަމާއި، ޢަދުލާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރެއްވުމުގެ ރިސާލަތު މުސްލިމުންނަށް މީގެ 1400 އަހަރުކުރިން ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ ގެނެސްދެއްވާފައިވާ ކަމެވެ. އަދި އެރިސާލުގައި އިންސާނީ ޙައްޤުތަކަށާއި އިންސާނީ ކަރާމަަތަށް އިހުތިރާމުކުުމުގެ މަބްދައު ފުރިހަމައަށް އެކުލެވިގެންވާ ކެމެވެ.
ޢިމްރާނު ޚާނު މުޚާޠަބުކުރެއްވީ ޕާކިސްތާނުގެ ރައްޔިތުންގެ އިތުރަށް، ޕާކިސްތާނު އެއުންމަތަކަށް ނިސްބަތްވާ އިސްލާމީ އުންމަތާއެވެ. އެއުންމަތުގެ އެންމެހާ ފަރުދުންނާއެވެ. ހަނދުމަފުޅުކޮށް އެރުވީ އިސްލާމްދީނާއި އިންސާނީ ޙައްޤުތަކުގެ ގުޅުމެވެ. ނަމަވެސް އިސްލާމީ ފިކުރިއްޔާތުގައި އޮންނަ އިންސާނީ ޙައްޤުތަކަކީ އިލާހީ ޤާނޫނުތަކުންނާއި އަޚުލާޤީ އުޞޫލުތަކަކުން ބަދެވިފައިވާ ޙައްޤުތަކެވެ. އެހެންކަމުން ޢިމްރާނުގެ ވާހަކަފުޅުގައި މުސްލިމުންނަށް އިސްލާމްދީނުގެ އިންސާނީ ޙައްޤުގެ މަފުހޫމު ހަނދުމަފުޅުކޮށް އަރުވަނީ މުސްލިމުން އެހެން ޙަޟާރަތެއްގެ ކުރިމަތީގައި ނިކަމެތިވެގަނެ އެމީހުންގެ މަފުހޫމުތައް ބަލައިގަންނަ ގަތުމާމެދު ހޭލައްވައިލަދެއްވުމަށް ކަމުގައި އަޅުގަނޑަށް އިޙުސާސުކުރެވުނެވެ.
ކޮންމެއަކަސް އެއް ދުވަހެއްގެ މުނާސަބަތުގައި މުސްލިމު ދެޤައުމެއްގެ ލީޑަރުން ދެއްވި މެސެޖުތައް ވަރަށް ތަފާތެވެ. މުސްކުޅިން ބުނެ އުޅޭތީ އިވެނީ އެކަންވާރަކުން ނުކުންނާނީ އެކަންވާރެއްގައި ހުރި އެއްޗެއް ކަމުގައެވެ. މިވަނީ އެހެން ކަމުގައިވެސް ވެދާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲއެވެ.
މި ލިއުމާއި ގުޅޭ