ރޮހިންޖާ ރެފިއުޖީން ބަދަލުކުރުމަށް ބަންގްލަދޭޝް ސަރުކާރުން ތައްޔާރުކޮށްފައިވާ ޚާއްޞަ ރަށް

ޝިފްޒާން އަހްމަދު 1 ޑިސެމްބަރު 2019 21:53
Flowers

ބޭ އޮފް ބެންގާލުގައި އޮންނަ ރަށަކަށް އެތައް ހާސް ރޮހިންޖާ މުހާޖިރުން ބަދަލުވުމަށް އެއްބަސްވެފައިވާ ކަމުގައި ބަންގްލަދޭޝުން ބުނެފައިވެއެވެ. އެރަށަކީ ވަރަށް ގިނައިން ފެންބޮޑުވާ ރަށެއް ކަމުގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނެފައިވެއެވެ. އަދި ރޮހިންޖާއިން އުޅުމަށް އެތަން ކަމުނުދާނެ ކަމުގައިވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

740،000 ރޮހިންޖާ މުސްލިމުންވަނީ 2017ވަނަ އަހަރުގައި މިޔަންމާ ދޫކޮށް ހިޖުރަކޮށްފައެވެ. އެހެންކަމުން ގާތްގަނޑަކަށް 1 މިލިއަނެއްހައި މުހާޖިރު ރޮހިންޖާއިން ދިރިއުޅެމުން އަންނަ ކޭމްޕުތަކުން އެމީހުންގެ ތެރެއިން ކޮންމެވެސް މިންވަރެއް ވަކި ރަށަކަށް ބަދަލުކުރުމަކީ އެއީ ދާކާއިން ކުރީއްސުރެ ގެންގުޅޭ ވިސްނުމެކެވެ. ބަންގުލަދޭޝް ސަރުކާރުގެ ވިސްނުމަކީ ރޮހިންޖާ މުހާޖިރުންގެ ތެރެއިން 1 ލައްކަ މީހުން ބޭ އޮފް ބަންގާލާއި މަގުނާ ކޯރު ބައްދަލުވާ ހިސާބުގެ ގާތުގައި އޮންނަ ރަށެއް ކަމުގައިވާ ބަސަން ޗާރަށް ބަދަލުކޮށް އާބާދުކުރުވުމެވެ.


ރޮހިންޖާއިން މިވަގުތު ދިރިއުޅެމުންދާ  ކޭމްޕުތައް 

އޮކްޓޯބަރު މަހު ސަރުކާރުން އިޢުލާނުކޮށްފައިވާ ގޮތުގައި 300 ޢާއިލާއެއް އެރަށަށް ހިޖުރަކުރުމަށް އަމިއްލައަށް އެދިފައިވާ ކަމުގައެވެ. އެފަރާތްތައް އެރަށަށް ބަދަލުކުރުމުގެ މަސައްކަތް ނޮވެންބަރު މަހުގެ ތެރޭގައިވަނީ ފެށިފައެވެ. އެސަރަހައްދަށް އެމީހުން ބަދަލުކުރަން ހަމެޖެހިފައިވަނީ އދގެ މަންދޫބުންގެ ބައިވެރިވުންވެސް އޮންނަ ގޮތަށެވެ. ރެފިއުޖީ ކޭމްޕުތަކުގައި ފޯރުކޮށްދޭންޖެހޭ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދަނީ އދގެ އެކި އިދާރާތަކުންނެވެ.


މިވަގުތު ރޮހިންޖާއިން ދިރިއުޅެމުންދާ ކޭމްޕެއް

ބަސަން ޗާރަށް މީހުން ބަދަލުކުރުމުގެ ކުރިން އެމީހުންނަށް ފުރިހަމަ މަޢުލޫމާތު ލިބެންވާނެ ކަމުގައި އދ.ގެ މުހާޖިރުންނާ ގުޅޭ އިދާރާގެ މަންދޫބު ވިދާޅުވެފައިވެއެވެ. އަދި އެއިދާރާއިން ބަސަން ޗާރަށް ޒިޔާރަތްކޮށް އެރަށުގެ ރައްކައުތެރިކަމާއި، ހަމަޖައްސާފައިވާ ދިރިއުޅުމުގެ ކަންކަމުގެ ފެންވަރު ވަޒަންކުރާނެ ކަމުގައިވެސް އެފަރާތުން ބުނެފައިވެއެވެ.

ބަސަން ޗާ ސިފަކުރަމުން ސަރުކާރުން ބުނެފައިވަނީ އެތަނުގައިވަނީ އަސާސީ ހުރިހާ ޚިދުމަތްތަކެއް ހަމަޖެހިފައިވާ ކަމުގައެވެ. ކޮކްސް ބިޒާރުގައި ތިބި ފަރާތްތަކަށް މިތަނުގައި ހަމަޖެހުމެއް ލިބިގެންދާނެ ކަމުގައިވެސް ބަންގްލަދޭޝުގެ ސަރުކާރުން ބުނެފައިވެއެވެ. އެތަނަށް ޒިޔާރަތްކުރި ޑަބްލިއުޑީ ނޫސް އިދާރާގެ ނޫސްވެރިންވެސް ބުނެފައިވަނީ މިހާރު ރޮހިންޖާއިން ދިރިއުޅެމުންދާ ކޮކް ބާޒާރުގައި ހުރި ކޭމްޕުތަކަށްވުރެ ހުރިހާ ގޮތަކުންވެސް މިރަށުގައި ޤާއިމުކޮށްފައިވާ ޚިދުމަތްތަކާއި ދިރިއުޅޭ ސަރަހައްދުތައް ރަނގަޅު ކަމުގައެވެ.


ބަސަންޗާރުގައި ރޮހިންޖާއިން ދިރިއުޅުމަށް ތައްޔާރުކޮށްފައިވާ ޢިމާރާތްތައް 

ނަމަވެސް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިރަށަކީ މީގެ 20 އަހަރު ކުރިން ވުޖޫދުވެފައިވާ ރަށެއް ނޫންކަމެވެ. އަދި އެރަށަކީ ވުޖޫދުން ފިލައިގެން ހިނގައިދާނެ ރަށެއް ކަމުގައާއި، އެރަށުގައި ރޮހިންގާއިން ބޭތިއްބުމަކީ އެއީ ހުޅުވިފައިވާ ޖަލެއްގައި 1 ލައްކަ ރޮހިންޖާއިން ބޭތިއްބުން ކަމުގައެވެ. އެހެންކަމުން އެފަރާތްތަކުން ދަނީ އެރަށަށް ދިއުމާ ދެކޮޅު ހެދުމުގެ ވިސްނުން ރޮހިންޖާއިންނަށް ވިސްނައިދެމުންނެވެ.

ބަންގުލަދޭޝުގެ ސަރުކާރުން ބުނެފައިވަނީ އެރަށަށް ރޮހިންގާއިން ބަދަލުކުރުމާމެދު އދ.އިން ދެކޮޅު ހަދާނަމަ، އދ ބޭރުކޮށްފައިނަމަވެސް އެކަން ކުރާނެ ކަމުގައެވެ. ނަމަވެސް އދގެ އިދާރާތަކުން ކާނާއާއި މަދުރަސާތަކާއި އެނޫންވެސް ޚިދުމަތްތައް ފޯރުކޮށްދެމުންދަނީ އދ.ގެ އިދާރާތަކުންނެވެ. 

ކިޔުންތެރިންގެ ހިޔާލު