ރައީސް ޔާމީންގެ ޝަރީޢަތް: އިއްޔެއިން އަދާހަމައަށް

އެޑިޓަރު
Flowers
ރައީސް ޔާމީން. ފޮޓޯ:ވަގުތު

މާދަމާއަކީ އަނެއްކާވެސް ބޮޑު ދުވަހެކެވެ. ދިވެހިންގެ ސަމާލުކަން އެއް ދިމާލަކަށް އެއްފަހަރާ ހުއްޓޭނެ ވަގުތުކޮޅެއް އަންނާނެ ދުވަހެކެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅެއްގެ ޝަރީޢަތް ނިމި، އެޝަރީޢަތުގައި ކުރެވުނު ދަޢުވާއާމެދު ގޮތް ނިންމައި ފަނޑިޔާރުގެއިން ނިޔާކަނޑައަޅާ ދުވަހެވެ. ހުރިހާ ދިވެހިންނަށް ވަގުތުން މިޝަރީޢަތް ކުރިއަށް ދިޔަ މަންޒަރު ބަލައި، ދެފަރާތުން ޝަރީޢަތުގައި ހުށަހެޅި ކަންކަމާއި ދެއްކި ވާހަކަތައް އަޑުއެހުމުގެ ފުރުޞަތު ލިބުނެވެ. އެހެންކަމުން އެމައްސަލަ ފެށުނު ހިސާބުން ފެށިގެން ގޮސް ނިންމެންދެން ކަންވެގެން ދިޔަ ގޮތް ނޫސްވެރިން ލިޔަމުން، ތާރީޚަށްޓަކައި ރެކޯޑުކުރަމުން އައެވެ. ނަމަވެސް ޤާނޫނީ ނަޒަރަކުން ޝަރީޢަތް ނިއުޅެމުންދިޔައިރު ފާހަގަކުރެވެމުން ދިޔަ ކަންކަން ފެންނާނެހެން ތަރުތީބުކުރެވިފައި ނެތެވެ. އެހެންކަމުން މިދެންނެވި ގޮތަށް މިޝަރީޢަތުގެ އަޑުއެހުންތަކުން ފާހަގަކުރެވުނު މުހިއްމު ޤާނޫނީ ނުކުތާތައް ފެންނާނެ ގޮތަށް ކަޅާއި ހުދުން ލިޔެ، އިންޓަރނެޓުގެ ޞަފުޙާތަކުގައި ރައްކާކުރުމަކީ ބޭނުންތެރި ކަމެއް ކަމުގައި ފެނި، އެކަންކުރުމަށް ގަސްތުކޮށް މިލިޔުން ލިޔަމެވެ.

ދައުލަތުން އުފުލި ދަޢުވާ

ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދަޢުވާއެވެ. މަނީ ލޯންޑަރިންއަކީ ޣައިރު ޤާނޫނީ ޢަމަލަކުން ލިބިފައިވާ ފައިސާއެއް ޞައްޙަ އިޤުތިޞާދީ ޙަރަކާތުގެ ތެރޭގައި ދައުރުކުރުވައިގެން އޭގެ އަޞްލު އޮޅުވާލައި، އެއީ ޤާނޫނީ ގޮތުން ތާހިރު ހުދު ފައިސާއަށް ބަދަލުކުރުމެވެ. ކަޅުފައިސާ ދޮވުމެވެ. މިދަޢުވާގެ ފުރަތަމަ އަސާސަކީ އިސްލާމިކް ބޭންކުގައި ހުރި ރައީސް ޔާމީނުގެ އެކައުންޓަކަށް، އެސްއޯއެފް ނަމަކަށް ކިޔުނު ކުންފުނީގެ ޗެކެއް މެދުވެރިކޮށް ވަދެފައިވާ ފައިސާއަކީ، ގއ.ވޮޑުމުލާ ކިޔުނު ފަޅުރަށް ކުއްޔަށް ދިނުމުގައި ދައުލަތަށް ލިބެންޖެހޭ "އެކުއިޒިޝަން ކޯސްޓު" ނުވަތަ މުދާ ލިބިގަތުމުގެ އަގުގެ ތެރެއިން 1 މިލިއަން ޑޮލަރު ކަމުގައިވުމެވެ. ދެވަނަ އަސާސަކީ އެފައިސާ ރައީސް ޔާމީނުގެ ނަންފުޅުގައި އިސްލާމިކް ބޭންކުގައި އޮންނަ އިންވެސްޓްމެންޓު އެކައުންޓަކަށް ބަދަލުކުރައްވައި އެފައިސާއިން ފައިދާ ހޯއްދެވުމަކީ އެފައިސާގެ އަޞްލު އޮޅުވައިލުން ކަމުގައި ބުނުމެވެ. ތިންވަނަ އަސާސަކީ އެމަނިކުފާނާއި އޭސީސީގެ މެދުގައިވެވުނު އެއްބަސްވުމެއްގެ ދަށުން ޤާއިމުކުރި އެކްސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރަކީ އެސްއޯއެފު ޗެކު މެދުވެރިކޮށް އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ 1 މިލިއަން ޑޮލަރަށް ނުވުމެވެ.

ދައުލަތުން މިދަޢުވާ ސާބިތުކުރުމަށްޓަކައި، މައިގަނޑު ގޮތެއްގައި ކުށުގެ މާނަވީ އަދި ޢަމަލީ ރުކުންތައް ފުރިހަމަވާކަން ސާބިތުކޮށްދޭންޖެހޭނެއެވެ. މާނަވީ ރުކުން ކަމުގައި އަޅުގަނޑު މިދެންނެވީ މަނީ ލޯންޑަރިންގެ ބޭނުން ޙާޞިލުކުރުމުގެ ނިޔަތް އޮތްކަން ސާބިތުކުރުމެވެ. މިމައްސަލައިގައިނަމަ، އިސްލާމިކް ބޭންކުގައި ހުރި ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފުގެ ޗެކަކުން ވަދެފައިވާ ފައިސާގެ އަޞްލު އޮޅުވައިލެއްވުމަށް މަސައްކަތްކުރެއްވުމުގެ ނިޔަތުގައި އެފައިސާއިން މުޢާމަލާތްކުރުމެވެ. ދެވަނަކަމަކީ ޢަމަލީ ރުކުނެވެ. ޢަމަލީ ރުކުނަކީ މަނީ މުދަލަކާމެދު ތަޞައްރުފުކުރި ކުރުމެއް މަނީ ލޯންޑަރިންކަމުގައި ހިމެނުމަށް އެޢަމަލުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވުމެވެ. އެއީ އެފައިސާގެ އަޞްލު އޮޅުވައިލުމުގެ ނިޔަތާއެކު، އެއަޞްލު އޮޅުވައިލެވޭ ފަދަ ޢަމަލެއް ހިންގުމެވެ.

މިހިސާބުން އުފެދޭ ސުވާލަކީ މަނީ ލޯންޑަރިންއަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. ބައިނަލްއަޤުވާމީ ޤާނޫނީ މިންގަނޑުތަކާއި، މާލީ ޖަރީމާތަކާ ގުޅިގެން ދުނިޔޭގެ ތަފާތު ޤާނޫނީ އިޚުތިޞާޞުތަކުގައި ކަނޑައެޅިފައިވާ އުޞޫލުތަކަށް ބަލާއިރު، މަނީ ލޯންޑަރިންއަކީ ޣައިރު ޤާނޫނީ މަޞްދަރަކުން ނުވަތަ އަޞްލަކުން ހޯދާ ފައިސާ، ޤާނޫނީ ގޮތުން ޞައްޙަ ފައިސާއަށް ހަދައި، އޭގެ އަޞްލު ގެއްލޭ މިންވަރަށް ޞައްޙަ އިޤުތިޞާދީ ހަރަކާތުގެ ތެރޭގައި ދައުރުކުރުވުމެވެ. މަނީ ލޯންޑަރިން ނުވަތަ ކަޅުފައިސާ ދޮވުމަކީ ކޮބައިކަން ވަރަށް ތަފުސީލުކޮށް އެހެން ލިޔުމެއްގައި ތިޔަ ކިޔުންތެރިންނާ ހަމައަށް ގެނެސްދެވިފައިވާނެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުގައި މަނީ ލޯންޑަރިން މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ޤާނޫނު 10/2014 މަނީލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 5ވަނަ މާއްދާގެ ހ.ގެ 1ގައި ބުނެފައިވަނީ ޣައިރު ޤާނޫނީ ޢަމަލަކުން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ އެކަން ސިއްރުކުރުމުގެ މަޤުޞަދުގައި ނުވަތަ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އެމުދަލަކީ ކުށެއްކޮށްގެން ހޯދައިފައިވާ މުދަލެއްކަމަށް ޝައްކުކުރެވޭ ޙާލަތުގައި އެމުދަލެއް ބަދަލުކުރުން ނުވަތަ އެމުދަލަށް ބަދަލެއް ގެނައުން ކަމުގައެވެ. އަދި އެމާއްދާގެ ހ.ގެ 2ގައި ބުނެފައިވަނީ ހޯދާފައިވާ މުދަލެއްކަން އެނގިހުރެ ނުވަތަ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އެމުދަލަކީ ކުށެއްކޮށްގެން ހޯދައިފައިވާ މުދަލެއްކަމަށް ޝައްކުކުރެވޭ ޙާލަތުގައި އެމުދާ ބަދަލުކުރުން ނުވަތަ އެމުދާ ހުރި ތަނުން ބަދަލުކުރުން ނުވަތަ އެމުދަލާ ގުޅިފައިވާ ޙައްޤެއް ގެއްލޭނެ ގޮތަކަށް ޢަމަލުކުރުން ނުވަތަ އެމުދަލުގެ ވެރި ފަރާތް އޮޅުވައިލުމަކީ މަނީ ލޯންޑަރިން ކަމުގައި މާނަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނަށް ބަލާއިރުވެސް ކުރިން އަޅުގަނޑު ބަޔާންކުރި މާނަވީ އަދި ޢަމަލީ ރުކުން ސާބިތުކުރަންޖެހެއެވެ. އޭގެ އިތުރަށް މުދަލަކާމެދު ތަޞައްރުފުކުރި ފަރާތަކަށް އެމުދަލެއް ނުވަތަ ފައިސާއަކީ ޣައިރު ޤާނޫނީ މަޞްދަރަކުން ލިބިފައިވާ ފައިސާކަން އެނގުން ނުވަތަ އެއީ އެފަދަ ފައިސާއެއް ކަމާމެދު އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވެންޖެހެއެވެ. އެހެންކަމުން ދައުލަތުން ސާބިތުކޮށްދޭންޖެހޭ ތިންވަނަ ކަމަކީ ރައީސް ޔާމީނުގެ އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު، އެމަނިކުފާނުގެ އިންވެސްޓްމެންޓު އެކައުންޓަށް ބަދަލުކުރެއްވުމުގެ ކުރިން އެފައިސާއަކީ ޣައިރު ޤާނޫނީ މަޞްދަރަކުން ނުވަތަ ދައުލަތުގެ ފައިސާއިން ކޮށްފައިވާ ވައްކަމަކުން ލިބިފައިވާ ފައިސާކަމާމެދު ޝައްކު އުފެދިފައިވުން ނުވަތަ އެކަން އެނގިވަޑައިގަންނަވާކަމެވެ.

ޝަރީޢަތުން ފާހަގަވި ބައެއް ކަންކަން

ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފު އެކައުންޓުން ވަދެފައިވާ 1 މިލިއަން ޑޮލަރަކީ ވޮޑަމުލާގެ އަގުގެ ގޮތުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 1 މިލިއަން ޑޮލަރު ނޫންކަން އެސްއޯއެފުގެ މާލީ ބަޔާންތަކުން ފާހަގަކުރެވުނެވެ. އެސްއޯއެފުގެ މާލީ ބަޔާނުގެ 175ވަނަ ޞަފުޙާގައި ހުރީ މިމައްސަލައާ ގުޅޭ މުޢާމަލާތްތަކުގެ ތާރީޚުތަކާއި ރެކޯޑުތަކެވެ. އެތަފުޞީލުތަކަށް ބަލާއިރު 5 ލައްކަ ޑޮލަރު ޖަމާ ކުރުމަށް އެސްއޯއެފް އިން ބޭންކަށް ޗެކު ހުށަހެޅި އިރު އެސްއޯއެފް ގެ އެކައުންޓުގައި 831،645.41 ޑޮލަރު ހުރި ކަމަށް އެސްއޯއެފްގެ ބޭންކު ސްޓޭޓްމެންޓުން ދައްކައެވެ. އެސްއޯއެފްގެ އެކައުންޓްގައި ހުރި ފައިސާ އަށް ބަލާއިރު ފުރަތަމަ 5 ލައްކަ ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާ ކުރުމުން ބާކީ 331654.41 ޑޮލަރު ހުއްޓެވެ. އެއީ ދައުލަތަށް ލިބެން ޖެހޭކަމަށް ތުހުމަތު ކުރެވޭ 1 މިލިއަން ޑޮލަރު ނުލައެވެ. އަދި އޭގެ ފަހުން 149،329.21 ޑޮލަރު އެސްއޯއެފްއަށް ވަދެފައިވާ ކަމަށް ސްޓޭޓްމެންޓުން ދައްކައެވެ. އެއާއި އެކު ކުރިން ހުރި ފައިސާއާއި އެއްކޮށް އަދި ދައުލަތަށް ލިބެން ޖެހޭ ކަމަށް ތުހުމަތު ކުރެވޭ 1 މިލިއަން ޑޮލަރު ނުހިމަނައި 480،983.62 ޑޮލަރު އެ އެކައުންޓުގައި ހުރިކަމަށް ސްޓޭޓްމެންޓުން އެނގެއެވެ. ރައީސް ޔާމީން ގެ އެކައުންޓަށް ދެވަނަ 5 ލައްކަ ޑޮލަރު ޖަމާ ކުރިއިރު ދައުލަތަށް ލިބެންޖެހޭ ކަމަށް ތުހުމަތު ކުރެވޭ ލާރިން ވަދެފައިވަނީ 19،016.38 ޑޮލަރެވެ. 

ދެވަނަ ކަމަކަށް ފާހަގަވީ ދައުލަތުގެ ދަޢުވާގެ އެންމެ މުހިއްމު ހެކިވެރިޔަކީ އޭސީސީގެ ކުރީގެ ރައީސް މުޢައްވިޒު ރަޝީދުކަމެވެ. ރައީސް ޔާމީނުގެ ނަންފުޅުގައި އިސްލާމިކް ބޭންކުގައި ހުރި އެކައުންޓަކަށް ޖަމާވި 1 މިލިއަން ޑޮލަރަކީ އޭގެ އަޞްލުގައި ޤާނޫނީ ގޮތުން ޞައްޙަ ނޫން ފައިސާ ކަމުގައި އެކަށީގެން ސަބަބެއްގެ މައްޗަށް ބިނާކޮށް ރައީސް ޔާމީނަށް ޝައްކުކުރެއްވޭނެކަން ސާބިތުކޮށްދިނުމަށް ދައުލަތުން ހުށަހެޅި ހެއްކަކީ މުޢައްވިޒެވެ. މުޢައްވިޒު ހެކިބަސްދެއްވަމުން ވިދާޅުވީ ރައީސް ޔާމީނާ ބައްދަލުކުރައްވައި، އެފައިސާއާމެދު ތަޙުޤީޤެއް ހިންގަވާފައިވާނެ ކަމުގައެވެ. އެކަމުގައި އޭނާއާ އެކީގައި ބައިވެރިވެވަޑައިގަތީ އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުޠުފީ ކަމުގައިވެސް މުޢައްވިޒު ވިދާޅުވިއެވެ. ނަމަވެސް ލުޠުފީވަނީ ކޯޓުން ބޭރުގައި އެވާހަކަ ދޮގުކުރައްވައި ބަޔާނެއް ނެރުއްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ އެފަދަ ޞިފައެއްގައި ރައީސް ޔާމީނާ ބައްދަލުކުރައްވާފައިނުވާނެ ކަމުގައެވެ. ރައީސް ޔާމީނު ދިފާޢުގައި ސުވާލުކުރައްވަން ލިބިވަޑައިގެންނެވި ފުރުޞަތުގައި މުޢައްވިޒާ އެމަނިކުފާނާ ބައްދަލުކުރެއްވީ ރައީސް އޮފީހުގައި ކޮންއިރަކު ކޮންތަނަކުންތޯ ސުވާލުކުރެއްވުމުން އެސުވާލަށް އޭނާއަށް އެކަށީގެންވާ ޖަވާބެއް ދެއްވިފައި ނުވެއެވެ. އަދި މުއައްވިޒު އެވިދާޅުވާ ބައްދަލުވުމެއް ކުރިއަށް ދިޔަ ކަމުގެ އެއްވެސް ކިތާބީ ހެއްކެއް ހުށަހެޅިފައިނުވެއެވެ. ރައީސް އޮފީހުގެ ނިޒާމުތައް ނިޔާކުރާ ގޮތުން އެފަދައިން ރައީސުލްޖުމްހޫރިއްޔާއާ މުއައްސަސާގެ ވެރިޔަކު ބައްދަލުކުރައްވާނަމަ، އެބައްދަލުކުރުމެއްގެ ވާހަކަ ޔައުމިއްޔާގައި ހިމެނި އެއޮފީހުގެ ރިކޯޑުތަކުގައި ލިޔެވި ފެންނާން އޮންނާނެ ކަމުގައި ދިފާޢީ ޓީމުން ފާހަގަކޮށްފައިވެއެވެ.

ދެވަނައަށް ރައީސް ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިންނަކީ އަޙްމަދު އަދީބާއި ޢަބްދުﷲ ޒިޔަތެވެ. މިދެބޭފުޅުންނަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ތުހުމަތުކުރެވި ރައީސް ޔާމީނުގެ ވެރިކަމުގައި ބަންދުކުރެވި ޝަރީޢަތްކުރެވި ދިގު މުއްދަތުގެ ޖަލު ޙުކުމްތަކެއް ތަންފީޒުކުރަން ޖެހިވަޑައިގެންނެވި ދެބޭފުޅުންނެވެ. މިކަމުގެ ސަބަބުން މިދެބޭފުޅުންނަކީ "ހޮސްޓައިލް ވިޓްނެސް" ނުވަތަ ޢަދާވާތްތެރި ހެކިވެރިންތަކެއްގެ ގޮތުގައި ކަނޑައަޅައިދެއްވުމަށް ދިފާޢުން އެދިވަޑައިގެންނެވި ނަމަވެސް، އެއިރު މައްސަލަ ބެއްލެވި ފަނޑިޔާރުވަނީ އެއީ ރަނގަޅު ހެކިވެރިންގެ ގޮތުގައި ބަލައިގަނެ، އެދެބޭފުޅުންގެ ހެކިބަސްވެސް ނަންގަވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2012/SC-A/01 ވަނަ ޤަޟިއްޔާގައި ފަނޑިޔާރުން ފާހަގަކުރައްވާފައިވަނީ އެއްމައްސަލައެއްގައި ތުހުމަތުކުރެވޭ ދެމުއްތަހަމެއް އެކަކު އަނެކަކަކާ ދެކޮޅަށް ނުވަތަ އެއްކޮޅަށްވެސް ޝަރީޢަތުގައި ހެކި ދިނުން ބަލައިނުގަނެވުމަކީ ދުނިޔޭގެ ތަފާތު ޖޫރިސްޑިކްޝަންތަކާއި ޤާނޫނީ ނިޒާމުތަކުގައި ޢަމަލުކުރެވެމުން އަންނަ އުޞޫލެއް ކަމުގައެވެ. ހަމަ މިޤަޟިއްޔާގައި އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ އުޞޫލުތަކުގެ މަތިން ފާސިޤުންގެ ހެކިބަސް ޤަބޫލުނުކުރެވޭނެ ކަންވެސް ބަޔާންކޮށްފައިވެއެވެ. މިދެންނެވުނު ޤާނޫނީ އުޞޫލުތަކުގެ ވާހަކަ ދިފާޢީ ޓީމުން ފާހަގަކުރެއްވި ނަމަވެސް ޤާޒީ އެކަންކަމަށް ނުބައްލަވައެވެ. ނަމަވެސް ޤާނޫނު އަސާސީގެ 143ވަނަ މާއްދާގައި ބުނެފައިވަނީ ދަށު ކޯޓުތަކުން ކަންކަން ނިންމުމުގައި މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވާންޖެހޭނެ ކަމުގައެވެ.

މިޝަރީޢަތުގެ ތެރެއިން ފާހަގަވި އަނެއް ކަމަކީ ވޮޑަމުލާގެ ފައިސާގެ މައްސަލައިގައި އޭސީސީގެ ތަޙުޤީޤު ފުރިހަމަވެފައިނުވާކަމެވެ. މިމައްސަލާގައި އޭސީސީގެ ރައީސް މުޢައްވިޒު ރަޝީދު ހެކިބަސްދެއްވަމުން ވިދާޅުވެފައިވަނީ ބޭރުގައި ތިބި ބައެއް ފަރާތްތަކުގެ ހެކިބަސް ހޯދައި ތަޙުޤީޤަށް ޙާޟިރުކުރުމުގައި މެދުވެރިވި ދަތިތަކުގެ ސަބަބުން އަދިވެސް ތަޙުޤީޤު ނިންމައި ފުރިހަމަކުރެވިފައިނުވާ ކަމުގައެވެ. އަދި ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ގޮތުގައި ކަނޑައެޅިފައި ނުވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ޢަމަލީ ޢުންޞުރު ފުރިހަމަވުން

މަނީ ލޯންޑަރިންގެ ޢަމަލުގައި މައިގަނޑު ތިން ޢުންޞުރެއް ފުރިހަމަވާންޖެހެއެވެ. މަނީ ލޯންޑަރިން އަކީ މައިގަނޑު ތިން ރުކުނެއް އެކުލެވޭ ޢަމަލެއް ކަމުގައި ޤާނޫނީ ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ:

ހ- ކުށަކުން ހޯދާފައިވާ ފައިސާ ޞައްޙަ އިޤުތިޞާދީ މުޢާމަލާތެއްގެ ތެރެއަށް ވެއްދުމެވެ. މިއީ ކުށަކުން ހޯދާފައިވާ ފައިސާއެއް ބޭނުންކޮށްގެން ޞައްޙަ އިޤުތިޞާދީ މުޢާމަލާތެއް ކުރުމެވެ. ނުވަތަ ޤާނޫނީ ގޮތުން ޞައްޙަ އިޤުތިޞާދުގައި ވިޔަފާރިއެއް ހިންގުމެވެ.

ށ- ކުށަކުން ހޯދާފައިވާ ފައިސާއިން ތަފާތު އެތައް މުޢާމަލާތްތަކެއް ކުރުމުގެ ސަބަބުން އެފައިސާގެ އަޞްލު ފޮރުވުން ނުވަތަ ފަށަލަކޮށް އޭގެ އަޞްލަށް ވާޞިލުނުވެވޭނެ ގޮތް ހެދުމެވެ.

ނ- ކުށަކުން ހޯދާފައިވާ ފައިސާއިން ވިޔަފާރިކޮށް އެވިޔަފާރީގެ ސަބަބުން ޞައްޙަ އިޤުތިޞާދުގެ ބައެއް ކަމުގައި އެފައިސާ ހެދުމެވެ.

ރައީސް ޔާމީނުގެ މައްޗަށް ތުހުމަތުކުރެވޭ މުޢާމަލާތަކީ އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އޮތް އެކައުންޓަކުން އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ހުޅުވާފައި އޮތް އެހެން އެކައުންޓަކަށް ފައިސާ ޖަމާކޮށް ބަދަލުކުރުމާ ގުޅިގެން އުފުލައިގެން އުޅޭ ތުހުމަތެކެވެ. ފައިސާގެ އަޞްލު އޮޅުވައިލުމަކީ އެފައިސާއަކީ ކޮންތާކުން ކިހިނެއް އައި ފައިސާއެއްކަން ނޭނގޭ މިންވަރަށް އެފައިސާގެ އަޞްލު އޮޅުވައިލުމެވެ. ރައީސް ޔާމީނު އެކަންކުރެއްވިކަން ދައުލަތަށް ސާބިތުކޮށްދެވިފައިނެތެވެ. އެމަނިކުފާނުގެ އެއް އެކައުންޓަކުން އެމަނިކުފާނުގެ އެހެން އެކައުންޓަކަށް ޖަމާކުރި ފައިސާއަކީ ކިހިނެއް އެމަނިކުފާނުގެ އެކައުންޓަށް ވަން ފައިސާކަން ވަންހަނާކުރައްވާނެ ނުވަތަ އެކަން އޮޅުވައިލައްވާނެ އެއްވެސް ޢަމަލެއް މިކަމުގައި ނެތް ކަމުގައި ދިފާޢުން ފާހަގަކޮށްފައިވެއެވެ.

ދެވަނަކަމަކީ މަނީ ލޯންޑަރިންގެ ޢަމަލީ ޢުންޞުރުގެ އެންމެ މުހިއްމު ބައެވެ. އެއީ ލޭޔަރިން ނުވަތަ ފަށަލަ އަޅައި، ފައިސާގެ އަޞްލާ ހަމައަށް ވާޞިލުވިޔަ ނުދިނުމަށް މަސައްކަތްކުރުމެވެ. އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާހުރީ އަދިވެސް އެމަނިކުފާނުގެ އެކައުންޓުގައެވެ. ދެން އޮތީ އެކްސްކްރޯ އެކައުންޓަށް ޖަމާކުރެއްވި ފައިސާއެވެ. އެއީ ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ދައުލަތަށް އަނބުރައި ލިބެންޖެހޭ ފައިސާ ކަމުގައި ދައުލަތުގެ ތަޙުޤީޤީ އިދާރާއަކުން ކަނޑައަޅައިފިނަމަ، ދައުލަތުގެ ޚަޒާނާއިން އުނިވި މިންވަރު ދައުލަތަށް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސް ޔާމީނު ހުށަހަޅުއްވައިގެން، އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް ޖަމާކޮށްފައިހުރި ފައިސާއެވެ. އެއީ އެމަނިކުފާނުގެ ޖުމްލަ ތަނަވަސްކަމުގެ ތެރެއިން އުނިވާނެ 1 މިލިއަން ޑޮލަރެވެ. އެކްސްކްރޯ އެކައުންޓެއް ހެދުމާ ހަމައަށް ދެވުނު އިރު އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ފައިސާވަނީ އެމަނިކުފާނުގެ އިންވެސްޓްމެންޓު އެކައުންޓަށް ޖަމާކުރައްވާފައި ކަމާއި، އެހެންކަމުން ސީދާ އެފައިސާ ވަކިކުރައްވައިގެން ނުދެއްވޭނެކަން ރައީސް ޔާމީނުގެ ލޯޔަރުންވެސް ފާހަގަކުރައްވާފައިވެއެވެ.

ޝަރީޢަތަށް ނުފޫޒު ފޯރުވުން

މާދަމާ ޝަރީޢަތް ނިމި ޙުކުމްކުރުމާ ހަމައަށް އައުމުގެ ކުރިން މިވާހަކަ މިތަނުގައި ފާހަގަކޮށްލުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި އަޅުގަނޑުވެސް ދެކެމެވެ. ރައީސް ޔާމީނުގެ ޝަރީޢަތުގެ ވަރަށް ކުރީ ކޮޅުގައި ޝަރީޢަތަށް ނުފޫޒުފޯރުވާ ކަމުގެ އަޑުތައް ފެތުރުނެވެ. ނަމަވެސް އެންމެ ފުރަތަމަ އެފަދަ ޚަބަރެއް ޞަރީޙަކޮށް ސާފުކޮށް އިއްވައިދެއްވީ އޭސީސީގެ ކުރީގެ ރައީސް ޙަސަން ލަޠީފެވެ. އޭނާ ވިދާޅުވެފައިވަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދެއްވުމަށް އޭނާއަށް މަޖުބޫރުކުރުވައި، ބިރުދެއްކުމަށް ބަޔަކު މަސައްކަތްކޮށްފައިވާ ކަމުގައެވެ. އެންމެ ފަހުން އެކަމެއް ކުރީ ކޮންބައެއްތޯ އެތައް ސުވާލެއް ކުރިމަތިކުރުވުން ޖަވާބުގައި ވިދާޅުވީ ހޯމް މިނިސްޓަރު ޝެއިޚު ޢިމްރާން ކަމުގައެވެ. ރައީސް ޔާމީނާއެކު ޖަލަށް ލުޠުފީ ލައްވާނެ ކަމުގައި ވިދާޅުވެ އޭނާއަށް ޢިމްރާނު އިންޒާރުދެއްވި ކަމުގައި ވިދާޅުވިއެވެ. އެންމެ ފަހުން ޤައުމުގައި ދިރިއުޅުއްވަން ދަތިވުމުން ރާއްޖެއިން ބޭރަށް ވަޑައިގަތީއެވެ. އަދި އެޝަރީޢަތުގައި ހެކިބަސްދެއްވުމަށް ޢުޒުރުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، ހެކިބަސްނުދެއްވައެވެ.

ދެން ފެނުނީ މައްސަލަ ބައްލަވާ ޤާޒީ ހައިލަމް ވައިބާ ގުރޫޕެއްގައި ހިއްސާކުރެއްވި ފޮޓޯއަކާ ގުޅިގެން، ޝަރީޢަތުގެ ނިޔާ ކަނޑައެޅުމަށް އޮތް ދުވަހު ޝަރީޢަތްކުރުމުގެ 5ވަރަކަށް ގަޑިއިރުކުރިން ސަސްޕެންޑުކޮށްލި މަންޒަރެވެ. އެހިސާބުން ޤާޒީ ހައިލަމްގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރާމެދު ތިލަވެގެން ދިޔައެވެ. އެގޮތުން އެމަނިކުފާނަށް ސީދާ ގުޅުއްވައި، އަދި ނުސީކޮށް އެކުވެރިން މެދުވެރިކުރައްވައިގެން ރައީސް ޔާމީނުގެ ޝަރީޢަތް ވަކި ގޮތަކަށް ނިންމުމަށް ބާރުއެޅުއްވުމަށް ސަރުކާރުގެ އިސް ބޭފުޅުން މަސައްކަތްކުރައްވާ ކަމުގެ ތުހުމަތެވެ. ވަކި ބޭފުޅެއްގެ ނަންފުޅު ހައިލަމް ވިދާޅުނުވި ނަމަވެސް ތުހުމަތުގެ އިނގިލި މީސްމީޑިޔާގައި އަމާޒުވީ ރައީސް އޮފީހުގެ ޗީފް ސްޓާފަށެވެ. ޢަލީ ޒާހިރަށެވެ. އޭނާކަމަށް ބެލެވޭ އެކައުންޓަކުން ޓުވީޓުކޮށްފައިވަނީ އެމަނިކުފާނު ހައިލަމަށް ގުޅުއްވި ކަމުގައެވެ. ނަމަވެސް ޝަރީޢަތް އިންސާފުވެރިކުރެއްވުމަށް އެދިވަޑައިގެންނެވުމަށް ކަމުގައެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު އަދި ޢަލީ ޒާހިރުވެސް ފަހުން ވިދާޅުވެފައިވަނީ އެއީ އަޞްލު ޓުވީޓެއް ނޫން ކަމުގައެވެ.

މިލިޔުމުގައި ގެނެސްދެވިފައި އެވަނީ މިޝަރީޢަތާމެދު ފާހަގަކޮށްލަން ޖެހޭ މުހިއްމު ބައެއް ނުކުތާތަކެވެ. އެނުކުތާތަކެއްގެ ވާހަކަ ނުދައްކައި ވަންހަނާކޮށް ފަސްއަޅައި ފޮރުވުމަށް ބަޔަކު ނުހަނު ބޭނުންވާ ނުކުތާތަކެކެވެ. އެހެންނަމަވެސް ޝަރީޢަތުގައި ކަން ހިނގައިދާ ގޮތް ލިޔެ ރެކޯޑުކުރާއިރު، ހުރިހައި ކަމެއް ރެކޯޑުކުރަންޖެހެއެވެ. މާދަމާއަކީ ދިވެހިންގެ ގިނަ ބައެއްގެ އިންތިޒާރީ ނިމުމަކަށް އަންނަ ދުވަހެވެ. ރައީސް ޔާމީނުގެ ޝަރީޢަތް ނިމޭ ގޮތް ހުރިހާ ދިވެހިންނަށް މާދަމާ ފެންނާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު
މެޑައްމް
ވަކި އަތަކައް ބުރަވެފަ މި ލިއުމުގަ
Ahmed
ވީޑިޔޯ އެއް ހެދުން ރަގަޅު...ގިނަ މީހުންއައް ވާނުވާ ނޭގެ