ރައީސް ނަޝީދާއި ހަރުކަށި ފިކުރު: ހަނދާން ނެތެމުންދާ ބައެއް ތާރީޚީ ޙަޤީޤަތްތައް

ޝިފްޒާން އަހްމަދު
Flowers
މަޖްލީސް ރައީސް، ރައީސް މުހައްމަދު ނަޝީދު

ދިވެހިންނަކީ ވަރަށް ހަނދާން ބަލި ބައެއް ކަމުގައި މީސްމީހުން ކިޔާތީ އަޑުއަހަމެވެ. ނަމަވެސް އެއީ ތެދެއްކަމުގައި ޤަބޫލުކުރެވުނީ އިހަށް ދުވަހުއެވެ. ބަޔަކު މާގަދައަށް، އަޑަށް ލެވުނުހައި ބާރެއް ލާފައި ހަރުކަށި ވިސްނުމުގެ ވާހަކަދައްކާތީއެވެ. ހަރުކަށި ފިކުރު ދިވެހި މިމުޖުތަމަޢުގައި އަށަގަނެފައި އޮތް މިންވަރުގެ ބޮޑުކަމުން އެކަމާމެދު ކަންބޮޑުވެގެން، އެކަމުގައި އެކުލެވޭ ނުރައްކާތެރި ކަމުގެ ވާހަކަ ބަޔަކު މާގަދައަށް ދައްކާތީއެވެ. އަޅުގަނޑުވެސް ބައެއް ފަހަރު އެވާހަކަ އަޑުއަހާން ޖެހެއެވެ. އެއީ ރައްޔިތުން މަޖިލީހުގެ ޖަލްސާތައް އަޑުއަހައި އެމަޖިލީހުގައި ވާނުވައި ބަލައިލާ، އެވެރިން އެތަނުގައި އެއްވެ ތިބެ އެދައްކާ ވާހަކައެއް ވަޒަންކޮށް ކިރާލަން ޖެހިފައި އޮންނާތީއެވެ. ނަމަވެސް އެހުރިހާ ވާހަކައެއް އަޑުއަހަން އިނދެވުނީ ސިހުމެއްގައެވެ. އަމިއްލަ ޕާޓީއާއި އެޕާޓީގެ ރައީސް އަދި ރޫޙާނީ ލީޑަރުގެ ތާރީޚު މިވާހަކަ ދައްކަވާ ބޭފުޅުން އެނގިލައްވާ މިންވަރުގެ ކުޑަ ކަމުންނެވެ.

ހަރުކަށި ފިކުރު މިނިވަންކުރުން

ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަން ދިވެހިންނަށް އެނގުނީ އިއްޔެއަކު މިއަދަކު ނޫނެވެ. އެންމެ ފުރަތަމަ ފާޅުކަން ބޮޑު ގޮތެއްގައި ހަރުކަށި ދީނީ ފިކުރު ރާއްޖޭގައި އޮތްކަން އެނގުނީ ހިމަންދޫގައި 2007ވަނަ އަހަރު ހިނގައިދިޔަ ޙާދިސާތަކުންނެވެ. ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރާ މައްސަލައެއްގައި އެޖަމާޢަތެއް ހަދައިގެން ނަމާދުކުރާ "މިސްކިތް" ރޫޅާލުމަށް ފުލުހުން އެރަށަށް ދިއުމުން، ފުލުހުންނާއި ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރި މީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ޒާތެއްގެ ހަނގުރާމައަކަށް އެކަން ބަދަލުވީއެވެ. ހަމައެއަހަރުގެ ސެޕްޓެންބަރު މަހުގެ 27ވަނަ ދުވަހު ސަލްޓަންޕާކުގައި ބޮމެއް ގޮއްވާލާފައިވެއެވެ. .

ދެން އަޅުގަނޑާއެކު 2010ވަނަ އަހަރަށް ވަޑައިގަންނަވާށެވެ. 2007ވަނަ އަހަރު ހިމަންދޫގައި ހިނގައިދިޔަ ކަންކަމުގައި ޝައްކުކުރެވުނު މީހުންގެ މައްޗަށް ދަޢުވާކުރެވި ބައެއް މީހުންގެ މައްޗަށް 10 އަހަރުގެ ޖަލު ޙުކުމްވަނީ އައިސްފައެވެ. އެއްބަޔަކަށް އެއަށްވުރެ ލުއި ޙުކުމްތައްވެސް އައިސްފައިވެއެވެ. އެމައްސަލާގައި 53 މީހެއްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދަޢުވާކުރިއެވެ. ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތީ 2008ވަނަ އަހަރުއެވެ. 2010ވަނަ އަހަރުގެ ފެބްރުއަރީމަހު ހިމަންދުއަށް ވަޑައިގެން އެމީހުންނަށް މަޢާފުދެއްވައި ލުއި ގޮތްތަކެއް ހަމަޖައްސަވާނެ ކަމުގައި ވިދާޅުވެ، އެރަށު ރައްޔިތުންގެ އަރިހު ވަޢުދުވެވަޑައިގަތީ އެމަހުގެ 4ވަނަ ދުވަހުއެވެ. އެމަހު 09ވަނަ ދުވަހު ރައީސް ނަޝީދުގެ ފަރާތުން ރައީސް ނަޝީދުގެ ސްޕްޝަލް އެންވޮއީ އިބްރާހީމް ޙުސައިން ޒަކީއާއި އޭރު ނަޝީދުގެ ސިޔާސީ މުސްތަޝާރު ޙަސަން ޢަފީފު އެމަނިކުފާނުގެ މަންދޫބުންގެ ގޮތުގައި ޖަލަށް ވަޑައިގެން ހިމަންދޫއިން ހައްޔަރުކުރި މީހުން ދޫކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. ކޮންމެއަކަސް މިމަޝްވަރާތަކުގެ ތެރެއިން އެމައްސަލާގައި ޝަރީޢަތްކުރެވި ޙުކުމްކުރެވިފައި ތިބި ބަޔަކު ދޫވެއްޖެއެވެ. ރައީސް ނަޝީދު ވިދާޅުވަމުން ގެންދިޔައީ ބަޔަކު ވިސްނާ ގޮތަށް ބަލައިގެން، ބަންދުކޮށްގެން މީހުންގެ ވިސްނުން ބަދަލުކުރާ ޒަމާން ފާއިތުވެއްޖެ ކަމުގައެވެ.

ކޮންމެއަކަސް އަޅުގަނޑަށް ނަޝީދުގެ މިޢަމަލު ޞިފަވަނީ ހަރުކަށި ފިކުރު މިނިވަންކުރުން ކަމުގައެވެ. ޖަލުގައި ބަންދުވެފައި އޮތް ފިކުރެއް، އެކަށީގެންވާ މިންވަރަށް އެފިކުރު ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަނުކޮށް މުޖުތަމަޢުތެރެއަށް އެފިކުރު ދޫކޮށްލީއެވެ. މިއީ ގޯހަކަށް ނުވާނެ ކަމުގައި އޭރު ވަކާލާތުކުރެއްވީވެސް ރައީސް ނަޝީދެވެ. ގިނަ ސިޔާސީ ލީޑަރުންވެސް މިކަން ނުކުރެއްވުމަށް އެމަނިކުފާނު އަރިހުގައި އެދި ދެންނެވިއެވެ. ނަމަވެސް އެމަނިކުފާނު އޭރު އެވާހަކަތައް އަޑު ނޭއްސެވިއެވެ.

ހަރުކަށި ފިކުރުގެ ދިފާޢުގައި

ރައީސް ނަޝީދުގެ ވެރިކަމުގެ ކުރީ ކޮޅުގައި ވަކިން ޖަމާޢަތް ހަދައިގެން މާލޭގެ މިސްކިތްތަކުގައި ހުކުރުކުރަން ފެށުނެވެ. 2009ވަނަ އަހަރުގެ ޖަނަވަރީގައި އޭރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ.ޝަހީމު ވިދާޅުވެފައިވަނީ އެކަން ހުއްޓުވާނެ ކަމުގައެވެ. ނަމަވެސް ވަކި ހިސާބަކުން ސަރުކާރުގެ ވިސްނުން އެކަމާމެދު ބަދަލުވެ، އެކަން ހުއްޓުވުމުގެ ވިސްނުން މުޅިންހެން ދޫކޮށްލައިފިއެވެ. މިހެން މިކަން ދެމިއޮވެ، 2012ވަނަ އަހަރުގެ ފެބްރުއަރީމަހާ ހަމައަށްވެސް ދިޔައީއެވެ. މާތްﷲގެ ނިޔާފުޅުގައި އޮތް ގޮތަށް ރައީސް ނަޝީދުގެ ވެރިކަމުގެ އަޖަލުހަމަކޮށް އެވެރިކަން ނިމުމަކަށްއައީއެވެ.

ޑރ.ވަޙީދު ރައީސްކަމުގައި ހޭދަކުރެއްވި ދޮޅު އަހަރެއްހައި ދުވަހުވެސް މިކަން ނުހުއްޓި ކުރިއަށް ދިޔައީއެވެ. އޭރު އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ޑރ.ޝަހީމް އެކަން ހުއްޓުވުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އެކަމަށް ބާރުއެޅުއްވިއެވެ.  ދެން އައީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެވެ. އެރިޔާސީ އިންތިޚާބު ނިމުނުއިރު، ޤައުމުގެ ވެރިކަން ލިބިވަޑައިގަތީ ރައީސް ޢަބްދުﷲ ޔާމީނަށެވެ.

މިފަހަރު ހޯމް މިނިސްޓަރަކަށް ވަޑައިގަތީ ޢުމަރު ނަޞީރެވެ. އިސްލާމިކް މިނިސްޓަރަކީ ޑރ.ޝަހީމެވެ. އެހިސާބުން ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރުން ހުއްޓުވުމުގެ މަސައްކަތް މިނިސްޓްރީތަކުން ފެށިއެވެ. ނަޞޭހަތްދީ ޞުލްޙަވެރިކަމާއެކު އެކަން ހުއްޓުވުމަށް މަސައްކަތްކުރިއެވެ. އެގޮތުން 2014 ވަނަ އަހަރުގެ އޭޕްރީލު މަހުގެ ތެރޭގައި ބިލެއް ވައްދައި، ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރުން ޤާނޫނަކުން މަނާކުރިއެވެ. އެއަށްފަހު، އޭރު މާލޭގައި ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރަމުން އައި ދަރުމަވަންތަ މިސްކިތް ބަންދުކުރިއެވެ.

އެހިސާބުން އެފެނުނީ އެމްޑީޕީގެ ޙަޤީޤީ ކުލަވަރެވެ. އެމްޑީޕީގެ މިހާރުގެ ނައިބުރައީސް ޝިފާޒު ވިދާޅުވީ ވަކިން ޖަމާޢަތެއް ހަދައިގެން ނަމާދުކުރުމަކީ ހަރުކަށިވުން ކަމުގައި ނުވާނެ ކަމުގައެވެ. ފުލުހުން އެޖަމާޢަތް ރޫޅާލައި އެތަނުގައި ބޭނުންކުރި ތާޅަފިލި ގެންދިއުމުން އައު ތާޅަފިއްޔެއް ގަނެދެއްވީވެސް އެމްޑީޕީގެ އިސްވެރިއެކެވެ. އެމިސްކިތުގައި ކޮންމެ ހުކުރަކުހެން ހުކުރު ޚުޠުބާދެމުންދާ މުދިމު ހައްޔަރުކުރުމުން އޭނާ ދޫކޮށްލަން ގޮވައިލީ މިހާރުގެ ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދެވެ. އޭރު އޭނާއަކީ އެމްޑީޕީގެ ޗެއަރ ޕާސަނެވެ.


ވަކިން ޖަމާޢަތެއްގައި ނަމާދުކުރުމަކީ އޭގެ ޒާތުގައި ހަރުކަށި ކަމެއް ނޫނެވެ. ނަމަވެސް ކޮންމެ ހުކުރުދުވަހެއްގައި ދިވެހި ދައުލަތާއި، އެދައުލަތުގެ ހުރިހާ މުއައްސަސާއެއް ކާފަރުކޮށްފައި ވާހަކަދެއްކުމަކީ ހަރުކަށި ކަމެކެވެ. ޤާނޫނުތަކަށް ބޯލެނބުމާއި، ކޯޓުތަކާއި މަދުރަސާތަކާއި ސަރުކާރުން ދޭ ޚިދުމަތްތައް ބޭނުންކުރުމާއި އެތަންތަނަށް ވަނުމަކީވެސް ދީނުން ބޭރުވުން ކަމުގައި ކިޔުމަކީ ހަރުކަށިކަމެވެ. ނަމަވެސް މިފިކުރު ދިވެހި ޒުވާނުންނަށް ބަޔަކު ވިސްނައިދޭތީ އެކަން ހުއްޓުވަން އޭރުގެ ސަރުކާރުން ފިޔަވަޅު އެޅުމުން ދަރުމަވަންތަ މިސްކިތުގެ ދޮރާށި ކުރިމަތީ ފާރަވެރިއެއްގެ ގޮތުގައި ސިފައިންނާއި ފުލުހުންނަށް ހުރަސް އަޅުއްވާން މަޑުކުރެއްވީ މިހާރުގެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދެވެ.

މިހާރު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޢަލީ ޒާހިރު، އެމްޑީޕީއިން ހަރުކަށި ފިކުރު ދިފާޢުކުރާތީ ވިދާޅުވީ ބޮޑު ސިޔާސީ ޕާޓީއަކުން އެފިކުރުގެ ބަޔަކަށް ވާގިވެރިވެ، އެބައިމީހުން މެދުވެރިކޮށް ސިޔާސީ އެޖެންޑާއެއް ކުރިއަރުވަން އުޅޭތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމުގައެވެ. ޢަލީ ޒާހިރަކީވެސް ދިވެއްސެއްކަމުގައިވާތީ މިހާރު މިބަސްފުޅު ހަނދުމަފުޅުނެތުމަކީ އަޅުގަނޑު އަންތަރީސްވާނެ ކަމެއް ނޫނެވެ.

މެދުމިނުގެ ޢިލްމުވެރިންނަށް ފުރުޞަތު ހަނިކުރުން

ރައީސް ނަޝީދުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ތެރެއިން ވަރަށް ގިނަ ދުވަސްވީ ޢިލްމުވެރިން އެކަހެރި ކުރެއްވިއެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަދި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިހުގެ ރައީސް ފަޟީލަތުއްޝައިޚު މުޙައްމަދު ރަޝީދު އިބްރާހީމު އެކަހެރިކޮށް އެއްލައިލިއެވެ. އަދި އެއިރު ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާގެ ޢަމީދު (ރެކްޓަރ) އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާވެސް އެމުއައްސަސާއިން ބޭރުކުރުމަށް ރާވައިގެން ހަރަކާތްތައް އެމްޑީޕީ ތެރެއިން ހިންގިއެވެ. އެންމެ ފަހުން އެމަނިކުފާނު އެތަނުގައި އެކަހެރިކޮށްލީއެވެ.

މިދެންނެވި ފަދަ ނިކަމެތިކަން ރައީސް ނަޝީދުގެ ވެރިކަމުގައި ކުރިމަތިވެވަޑައިގަތީ ހަމައެކަނި ދުވަސްވީ ޢިލްމުވެރިންނަށް އެކަންޏެއްނޫނެވެ. މެލޭޝިޔާ އިސްލާމިކް ޔުނިވަރސިޓީއިން އުޞޫލުލް ފިޤުހުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވައިގެން ވަޑައިގެންނެވި ޑރ.އަފްރާޝީމަށްވެސް ޖެހިވަޑައިގަތީ ދާދި އެއް ދަތުރެކެވެ. އެއީ އެމަނިކުފާނު ޑީއާރުޕީގައި ހުންނެވުމުންނެވެ. ރައީސް މައުމޫނަށް ތާއީދުކުރެއްވީމައެވެ. ރައީސް ނަޝީދުގެ ސެކިއުލާ ޢަލްމާނީ ވިސްނުމަށް ފާޅުގައި ފާޑުވިދާޅުވާތީއެވެ. އަދި ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ދިވެހި ދައުލަތުގެ އިސްލާމްވަންތަކަން ހިމާޔަތްކުރެއްވުމަށް މަސައްކަތްކުރައްވާތީއެވެ.

"ތަޅާނެ ކުދިންކޮޅު" ޓީވީއެމްގެ ފާރުތައް މަތިން ފުންމައިގެން އެތަނުގެ ގޯތި ތެރެއަށް ޑރ.އަފްރާޝީމް އަތުޖެހޭތޯ ވަނުމުން އެމަނިކުފާނު އެތަނުގެ ގުދަނެއްގައި ފުލުހުން އަންނަންދެން މަޑުކުރައްވަން ޖެހިވަޑައިގަތީ، ޢަލްމާނީ ފިކުރާ ދެކޮޅަށް ވާހަކަދެއްކެވީމައެވެ. ދިވެހިންގެ ހަނދާން ބަލިވީމައި މިއިން އެއްވެސް ކަމެއް ދިވެހިންގެ ހަނދާނަކު ނެތެވެ.

ހަރުކަށި ފިކުރު ހަތިޔާރަކަށް

ހަރުކަށި ފިކުރު ރައީސް ނަޝީދު ބަދަލުކޮށްލެއްވީ ސިޔާސީ ހަތިޔާރަކަށެވެ. ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދީ، ހަރުކަށި ފިކުރު ބަންދުކޮށް ހިފަހައްޓާފައިވާ ހުރިހާ ކަސްތޮޅަކުން މިނިވަންކުރެއްވީ ނަޝީދެވެ. ޖަލުގެ ތޭރިތަކުން ނުކުމެ ފެތުރިގަތުމުގެ ފުރުޞަތު ދެއްވިއެވެ. ވަކިން ޖަމާޢަތް ހަދައިގެން އެމީހުންގެ ވިސްނުމާއި ފިކުރު ޢާންމުކުރުމުގެ ފުރުޞަތުވެސް ފަހިކޮށްދެއްވިއެވެ. އެހެން ސަރުކާރަކުން އެކަން ހުއްޓުވަން އުޅުނީމާ އެކަމަށް ހުރަސް އަޅުއްވައި، އެއީ ހަރުކަށި ބައެއް ނޫނޭ ވިދާޅުވެ، ޕާޓީގެ އެކްޓިވިސްޓުން ފުލުހުންނާ ދިމާލަށް، އާދަވެގެން ފޮނުއްވާ އުޞޫލުން ފޮނުއްވިއެވެ.

އެމިންވަރަކުން ފުއްދަވައިނުލައްވައެވެ. ރާއްޖޭގައި ހަރުކަށި ފިކުރު އޮތް މިންވަރަށްވުރެ ބޮޑަށް ހަރުކަށި ފިކުރު އޮތް ކަމުގައި ދައްކަވައި އެކަމުގެ ތެރެއިން ބޭރުގެ ފަރާތްތަކުގެ ކިބައިން މަންފާ ޙާޞިލުކުރެއްވުމަށްވެސް ވާހަކަދެއްކެވީއެވެ. މިހާރު އަދި ކުރައްވައިގެން އެއުޅުއްވަނީ މާމޮޅު ކަމެކެވެ. ދިވެހިރާއްޖޭގައި އުފެދުނު ޙަޤީޤީ މަދު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޑރ.އަފްރާޝީމް ޢަލީ އަނިޔާވެރި ގޮތެއްގައި ޝަހީދުކޮށްލެވުނު ހިތާމަވެރި ބިރުވެރި ޙާދިސާއިން ސިޔާސީ މަންފާ ހޯއްދަވަނީއެވެ. ޑރ.އަފްރާޝީމުގެ ޛިކުރާ ކިލަނބުކޮށް އެމަނިކުފާނަކީ ކޮން ބޭފުޅެއްކަން އޮޅުވާލަން މަސައްކަތްކުރަނީއެވެ.

އެމަނިކުފާނު ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނަވައި ކޯޓުތަކުގައި ޝަރުޢީ ޢިލްމުގެ ފަނޑިޔާރުން ބައިތިއްބަވަން އުޅުއްވީތީ އެމަނިކުފާނަކީ އިސްރާއީލަށް އުފަން މީހެކޭ އެއީ ދީން ބަދަލުކުރައްވާ ބެއިފުޅެކޭ ވިދާޅުވެ ވާހަކަދެއްކެވީ އޭރު އެމްޑީޕީގެ މެންބަރުންނެވެ. މިހާރު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި އިންނަވައިގެން ޑރ.އަފްރާޝީމޭ ވިދާޅުވެ އަޑުގަދަކުރައްވާ އިލްޔާސް ލަބީބު ޑރ.އަފްރާޝީމާމެދުގައި ދެއްކި ޒާތުގެ ވާހަކައެއް މަދު މީހަކު ނޫނީ ދައްކާފައިނުވާނެއެވެ. ދުނިޔެއަށް ލަދުވެތިވާން ނުޖެހޭ މިންވަރަށް ބަޔެއްގެ ތާއީދު އޮތީވިއްޔާ ހިތުހުރި އެއްޗެއް ކިޔަންވީތާއެވެ.

ހަރުކަށި ފިކުރު ސިޔާސީ ހަތިޔާރަކަށް ބަދަލުކޮށް ޙަޤީޤީ ހަރުކަށި ފިކުރު އެއް ފަރާތްކުރުމަށްފަހު، އަދި ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުމުގެ މައްސަލައިގެ ޙަޤީޤީ ސަބަބުތައް އެއްކައިރިކުރުމަށްފަހު ރައީސް ނަޝީދު އެއުޅުއްވަނީ ސިޔާސީ ވާދަވެރިން ކިބައިން ބަދަލު ހިއްޕެވުމަށް ބޭނުންކުރައްވާ ހަތިޔާރަކަށް ހަރުކަށި ފިކުރު ހައްދަވާށެވެ. ޑރ.ޝަހީމަކީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނުގެ އިންތިޚާބީ ބައިވެރިޔާއެވެ. ތަޢުލީމާއި ތަޖުރިބާއާއި ހިންގުންތެރިކަމަށް ބަލާއިރު ސިޔާސީ މައިދާނުގައި އުހަށް ވަޑައިގެންނެވޭނެ ބޭފުޅެކެވެ. ޖަމްޢިއްޔަތުއް ސަލަފަކީ، ރައީސް ނަޝީދާ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވައި އެމަނިކުފާނަށް ބޮޑު ގޮންޖެހުމެއް ކުރިމަތިކުރެއްވި އިބްރާހިމް ޖަނާބުއާއި ގުޅުން އޮންނަ ޖަމްޢިއްޔާއެކެވެ. އެޖަމްޢިއްޔާގެ މިހާރުގެ ރައީސަކީ އިބްރާހިމްގެ ބޭބޭފުޅު ޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމެވެ. ސިޔާސީ ގޮތުން ބަދަލު ހިއްޕެވުމަށް ބޭނުންކުރައްވާ ހަތިޔާރަކަށް ދީނީ ހަރުކަށި ވިސްނުމުގެ ލޭބަލު ހައްދަވައި، ނަޝީދުގެ ކޮންމެ ހަތުރެއް ހަރުކަށި މީހަކަށް ހައްދަވާނެއެވެ. ދެން ބޮޑު ސޯބު އެނބުރޭ ގޮތަށް ކުދި ސޯބުތައް އެނބުރެން ފަށާނެއެވެ. އިސްލާމްދީނުގެ ދިފާޢުގައި ބަހެއް ބުނާ ކޮންމެ މީހެއްގެ ބޮލުގައި ހަރުކަށި ފިކުރުގެ ނަންބޯޑު އަޅުވާނެއެވެ. އެމީހަކީ ޓެރަރިސްޓެއް ކަމުގައި ހަދާނެއެވެ. މިވަގުތަށް މިއޮތީ ކޮންމެ ޙާލަތަކަށް ހެޔޮ ހަތިޔާރެއް ލިބިފައެވެ. 

މިތާރީޚީ ޙަޤީޤަތްތައް މިބީދައިން ގެނެސްދިނުމަކީ ދޮގު ހެދުމާއި އޮޅުވައިލުން ކަމުގައި، އަދި ފިތުނަ އުފެއްދުން ކަމުގައި ބަޔަކު ދަޢުވާކުރާނެއެވެ. ނަމަވެސް ލިޔުންތެރިކަމާއި ނޫސްވެރިކަމަކީ ޤައުމުގެ ހަނދާނުގެ ނާރެވެ. އެނާރުގައި އާރެއް ނެތިވުމުން ޤައުމުގެ ހަނދާން ބަލިކަށިވާނެއެވެ. މިތާރީޚީ ޙަޤީޤަތްތައް ދިވެހިންގެ ހަނދާނުން ފޮހެލުމަށް ބަޔަކު ރާވައިގެން ކުޅިގަނޑެއް ކުޅެފިއެވެ. އެބަޔަކު އެހީކުރާ މިންވަރަށް ދިވެހިންގެ ހަނދާން ބަލިނޫންކަން ދިވެހިން ސާބިތުކޮށްދޭންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު
އެނަން
މި ޤައުމު ހަލާކުކުރަނީ ކޮންބައެއްކަން ނޭނގޭ ބައެއް ނޫޅެ. އެންމެ އަޑުގަދަކޮށް ހަޅޭލަވާ ހދަނީވެސް އެމީހުން
ައަހުމަދު
ވަރަށް ބޮޑު ހަގީގަތެއް ތިއީ
ޕަރީ
ވަރަށް ފުރިހަމަ ލިޔުމެއް. ވީޑިޔޯ ރިޕޯޓެއް ހަދާލުން މުހިއްމު
ސސ
ސިޔާސީ މީހުން އުޅުއްވަނީ ދީނީ މީހުން ލޭކައްކުވާ ރުޅިއަރުވާލައިގެން މަގުމައްޗަށް ނެރެގެން އިސްލާމް ފޯބިޔާ ހަރަކާތް ހިންގައިގެން ޔަހޫދީން އަތުން ފައިސާ ހޯދަން!
މާއިނގޭ
ތިޔަހާ ބޮޑަށް ތިކަން ދަންނަންޏާ ކީއްވެތަ ކުރން ތިވާހަ ނުލިޔުނީ؟ ރައީސް ޔާމީން އަތުން ލިބެން އޮތްބައި އަދި ކިރިޔާ ދޯ ތި ލިބުނީ🤣
ނާގުބާރި އާދަނު
ދިވެހި ރާއްޖޭގެ ފިރުއަނު ނަޝީދަކީ ދިވެހި ރާއްޖޭގެ އެންމެ ބޮޑު ހަރުކަށި، އިސްލާމް ދީނަށް ފުރަށްސާރަކުރާ، ނުބައި ނުލަފާ، ދިވެހި ރާއްޖެއިން ނަށްތާލަންވާ އާއިލާތަކުގެ (ކަނޑި އާއިލާ، ކެރެފާ އާއިލާ، ބޯގަނވިލާ އާއިލާ) ގެތެރެއިން ކެރެފާ އާއިލާގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ކުރިސްޓިއަން ދީން ފަތުރަން ފޮނުވާފަ ހުރި އެޖެންޓެއް، ފިރުއައުނަކީ ބޮޑު ޝައިތާނެއް، ޔާ ﷲ: ފިރުއައުނު ނަޝީދަށް ދެދުނިޔޭގައިވެސް ލަޢްނަތް ލަށްވާނދޭވެ!!!!ދުވަހަކުވެސް ނަރަކައިން ސަލާމަތް ނުކުރައްވާނދޭވެ!!!!
މައިސަމް
މަށަކީ އެމް.ޑީ.ޕީ މީހެއް ނޫން. އެހެނަސް މިލިއުމަކީ އިންސާފުން އެއްކިބާވެފައިވާ ލިއުމެއް. މީގަ މުޅިންވެސް މިހުރީ ނަޝީދަށް އަމާޒުކޮށްފަ. ކޮބާ އިނދިކޮޅުން ކުރުނު ރޯލުތައް. އަހަރުމެން ނެތް ގައުމެއްގެ ވާހަކައަކާއި ވައްތަރީ.
ޙަޤީޤަތް
ލިޔުންތެރިޔާއަށް ޝުކުރު ދަންނަވަން. ނަޝީދުކޮށްފައިހުރި ގޯސްކަމެއް ނުފެންނާނެ ގިނަ ދިވެހިންނަށް. މިސާލަކަށް މައިސަމް އެބުނަނީ މިޔަކު ނެތޭ އިދިކޮޅުގެ ވާހަކަ. މީގައި މިހިރަ ވާހަކަތައް ލިޔާން ޖެހެނީ ނަޝީދު ނޫނީ ހަރުކަށި ފިކުރޭ ކިޔައިގެން ސިޔާސީ މީހުންނާއި ދީނީ ޢިލްމުވެރިންނާ ދިމާކޮށްލައިގެން އުޅޭ ރޮނގާއްޔެއް ނެތީމަ. ނަޝީދު މިޤައުމަށް އައިފަހުން މިޤައުމުގައި ހަމަޖެހުމެއް ނެތް. އޭނާ ފަހަތުން ދުވާ ބައިގަނޑު މުޅި ޤައުމު ފިތުނަކޮށްފައި. އިދިކޮޅުން ކުރި ކަމެއް ނުލިޔެ މައިސަމް ދަޢުވާކުރަނީ އިދިކޮޅުން ކަންކަން ކުރިޔޭ ތިއީ ޙަޤީޤަތުގައި އެމްޑީޕީ މީހެއްކަން ހާމަވާ ހިސާބު. ލިޔުމުގެ އޮއްޓަރަށް ބަހެއް ބުނެވޭ ވަރަށްވުރެ ސިޔާސީ ނަފުރަތުގެ މަސްތުގައި އެމްޑީޕީ މީހުން އަބަދުވެސް ތިބޭނީ.
މުހައްމަދު
ތިޔަ ކެނެރީގޭ އަބޫޖަހުލުގެ ވަބާއިން މިޤައުމު ސަލާމަތް ކުރައްވާށި އާމީން.....
މައީ
ހަރުކަށި ފިކުރު ރާއްޖޭގައި ފެށިފައިވަނީ 2007 ގައެއްނޫން ލިޔުނު ބޭފުޅާ ތަންކޮޅެއް ޅައީ ކަންނޭނގެ. ހިމަންދޫއިން ދޫކޮށްލި މީހުން އޭގެ ފަހުން ދިރިއުޅެމުން އައި ގޮތްވެސް މީގަ ހިމަނާލިނަމަ. އެއްޗެއް ލިޔަން ލިޔެފަ މިހުންނަނީ
އާސިފް
ވަރަށް ފުރިހަމަ ލިޔުމެއް
މައުމޫނު ގޭޔޫމް
ވަރަށް ފުރިހަމަ ލިޔުންކޮޅެއް. ހައްގުވާނީ ހައްގަށް. ސާބަހޭ ލިޔުންތެރިޔާއަށް. ހަމަ ސާބަސް. މިލިޔުން ހަޖަމެއް ނުވާނެ މިއުޅޭ ކުދިންކޮޅަކަށް. އެކަމަކު ހަޖަމޭކިޔަމުން ދުވާނެ. ޔާﷲ މިނަޝީދު ސިހުރު ބޮނޑިބަތް ކާންދީފަތިބި ދިވެހިން އެސިހުރުގެ ވަބާއިން ސަލާމަތް ކުރަށްވާ ހަމަބުއްދި ދެއްވާ ހައްގާއި ބާތިލް ވަކިކުރަންއެނގޭ ބަޔަކުކަމުގައި ލައްވާށި. އާމީން