ފަނޑިޔާރުގެ މިނިވަންވާނެ މިންވަރު، ލާމު އަތޮޅުން މަންޒަރާއެކު!

ޙުސައިން އަފްޝަން 25 ނޮވެމްބަރު 2019 11:29
Flowers

ފަނޑިޔާރުގޭގެ މިނިވަންކަމުގެ ވާހަކައަކީ އެމްޑީޕީގެ ބެއިފުޅުން އަބަދުވެސް ދައްކަވާ ވާހަކަފުޅެކެވެ. އަޅުގަނޑު ކުރިން ހީކުޅައީ މިނިވަން ފަނޑިޔާރުގެއަކީ ސިޔާސީ ފަރާތްތައް އަދި ޚާއްޞަކޮށް ސިޔާސީ ދެބާރުގެ ވެރިންގެ ނުފޫޒުން އެއްކިބާވެފައި އޮންނަ ފަނޑިޔާރުގެ ކަމުގައެވެ. ނަމަވެސް އަޅުގަނޑުގެ ބުއްދީގެ ކޮށިކަމާއި ވިސްނުމުގެ އުނިކަން އިއްޔެ އެމްޑީޕީގެ އެންމެ އިސްބެއިފުޅުން ރަނގަޅަށް އަޅުގަނޑަށް ވިސްނަވައިދެއްވައިފިއެވެ. މިނިވަން ފަނޑިޔާރުންނަކީ އެބެއިފުޅުންގެ ވިސްނުންފުޅާއި ފިކުރު، ރައްޔިތުން މަޖިލިހުގެ ރައީސް ވިދާޅުވާ ގޮތަށް ބައްޓަންކުރައްވާ ފަނޑިޔާރުންނެވެ. އެއް ގޮތުން ނުވީވިއްޔާ އަނެއް ގޮތުން ފަނޑިޔާރުންގެ ވިސްނުން ވަކިގޮތަކަށް ލަންބަވައިލެއްވުމަކީ މިމަނިކުފާނުގެ އެދުންފުޅެކެވެ. އެހެންވީމާ މިނިވަން ފަނޑިޔާރުގެއަކީ މިމަނިކުފާނުގެ ވިސްނުންފުޅަށް އެނބުރިފައި އޮންނަ ފަނޑިޔާރުގެއެވެ. 

ފަނޑިޔާރުންގެ ތަމްރީނު: އެމްޑީޕީ އެކްޓިވިސްޓުންނާއެކު!

ފަނޑިޔާރުންނަށް ޚާއްޞަކޮށްގެން ޖުވެނައިލް ޖަސްޓިސްގެ ދާއިރާއިން ތަމްރީނާއި ތަޢުލީމު ދިނުމަށް ޖުޑީޝަލް އެކަޑެމީގެ ފަރާތުން ލ އަދި ތ އަތޮޅަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެއް އިއްޔެ ފަށައިފިއެވެ. މިއީ އެއެކަޑެމީއިން މިފަދަ ހަރަކާތެއް ހިންގާ ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ކަސްތޮޅުއަޅުވައިގެން ދަމާ ކޫއްތައިގެން ޖޭއެސްސީގެ އަޅުވެތިކަމުގެ ދަށަށް އެއެކަޑެމީ ގެންދިއުމުގެ ކުރިންވެސް މިފަދަ ޕްރޮގުރާމުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އެއެކަޑެމީއިން ހިންގާފައިވެއެވެ. އެކަންކަން އިންތިޒާމުކުރަނީ މެޖިސްޓުރޭޓުންނާއި ޤާޟީން އަދާހަމަކޮށް، އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދީ، ޒަމާނީ ޢިލްމުތަކަށް ލޯ ހުޅުވައިދިނުމަށެވެ. އެކޯސްތަކުގައި ކިޔަވައިދެއްވަނީ ތަޖުރިބާކާރު ޢިލްމީ ފަނޑިޔާރުންނާއި ވަކީލުންނެވެ. ސިޔާސީ ކުލައާއި ސިޔާސީ ފިކުރުން އެފަދަ ކޯސްތަކާއި ޕްރޮގުރާމުތައް އަބަދުވެސް މިނިވަންވެފައިވެއެވެ.

ޖޭއެސްސީގެ ބެލެނިވެރިކަމުގެ ދަށަށް ޖުޑީޝަލް އެކަޑެމީ ގެންދިއުމާއެކު، މަންޒަރު ބަދަލުވެއްޖެއެވެ. މެޖިސްޓްރޭޓުން ތަމްރީނުކުރާ ކޯހެއްގެ ފެށުން އިޙުތިފާލުކޮށްދެއްވައި ޝަރަފުވެރިކޮށްދެއްވަނީ އެމްޑީޕީގެ އިންތިޚާބީ ރައީސް، ރައްޔިތުން މަޖިލިހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝީދެވެ. އެތަނުގައި ދެއްކެވި ވާހަކައަކީ އާދަވެގެން އެމަނިކުފާނު ތަނެއްގައި ކޮޅަށް ތެދުވެވަޑައިގެންފިނަމަ، އެދައްކަވާ ވާހަކައެވެ. އަނދިރި ދައުލަތެއްގެ ވާހަކައެވެ. އެމަނިކުފާނު އެތަނަށް ވަޑައިގަތުން މުހިއްމުވާ ސަބަބެއް އެބައޮތެވެ. ޖުޑީޝަލް އެކަޑެމީގެ ތާރީޚުގައިވެސް އެއެކަޑެމީއިން ބާއްވާ މިފަދަ ހަރަކާތެއް އިހުތިފާލުކުރައްވަން ސިޔާސީ ބެއިފުޅަކު ވަޑައިނުގަންނަވައެވެ. އެއީ މިފަދަ ހަފުލާތަކުން ސިޔާސީ ފަރާތްތަކާއި ފަނޑިޔާރުން ބައްދަލުވުމުން ނުފޫޒަށް ދޮރު ހުޅުވިދާނެތީ ކަމުގައިވެސް ވެދާނެއެވެ. އަދި ފަނޑިޔާރުންނަކީ ވަކިން މުސްތަޤިއްލުކަންމަތީ ތިބެންޖެހޭ ބައެއް ކަމުގައި ޙަޤީޤީ މާނައިގައި ޤަބޫލުކުރާތީ ކަމުގައިވެސް ވެދާނެއެވެ.

ދެން އޮތީ އަދި ފާހަގަކޮށްލުން އެއަށްވުރެ މުހިއްމު ނުކުތާއެކެވެ. މިކޯސް ފެށުމުގެ ހަފުލާގައި ޖޭއެސްސީގައި ތިއްބަވާ ސިޔާސީ އެކްޓިވިސްޓުންވެސް ބައިވެރިވެވަޑައިގަތުމާއެކު، އެމްޑީޕީގެ ޕާލެމެންޓަރީ ގުރޫޕުގެ ދޮޅަހަކަށް މެންބަރުންވެސް އެތަނުގައި ވަޑައިގެން ތިއްބެވި ވާހަކައެވެ. ކަމާނުބެހޭ ފަރާތްތަކެވެ. ޖުޑީޝަރީއާ ގުޅުމެއް ނެތް ފަރާތްތަކެވެ. ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރުގެ މެންބަރުންނެވެ. މިއީ ނުފޫޒު ފޯރުވުން، ވެއްދުން ކަމުގައި ނުވާނަމަ، ފަނޑިޔާރުގެއަށް ނުފޫޒު ވައްދާނެ ފޯރުވާނެ ގޮތެއް އަޅުގަނޑުގެ ޚިޔާލަކަށް ނާދެއެވެ.

ޝަރުޢީ ދާއިރާ އެމްޑީޕީގެ އަތްދަށަށް؟

ދައުލަތުގެ 3 ބާރުގެ ތެރެއިން 2 ބާރު އޮތީ އެމްޑީޕީގެ އަތްމަތީގައެވެ. ސަރުކާރާއި މަޖިލިސް އޮތީ އެމްޑީޕީއަށް ހިތަކަށް ލިބިފައެވެ. އެމްޑީޕީއަށް މަޖިލިހުގައި ލިބުނު ބޮޑު އަޣުލަބިއްޔަތާއެކު ދެން އުފެދުނު ސުވާލަކީ އެމްޑީޕީއަށް މިހައި ބޮޑު ބާރުތަކެއް ލިބުނީމަ ޖުޑީޝަރީއަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ އިސްލާމީ ފިކުރުގެ އެންމެން ބޭރުކޮށް ޢަލްމާނީ ފިކުރަށް ކޯޓުތައް އަނބުރައިލާނެ ހެއްޔެވެ؟ ނުވަތަ ކޯޓުތަކުގެ ތެރެއަށް އަތް ބާނައި ސިޔާސީ ގޮތުން ކޯޓުތައް ބޭނުންކުރާނީ ހެއްޔެވެ؟ ނުވަތަ ތިން ބާރު މަސްހުނިކޮށް އެކަތިގަނޑަކަށް ހަދާނީ ބާވައެވެ؟ ނޫނީ ޒަމާނުއްސުރެ އެމްޑީޕީއިން އެބުނާ މިނިވަން ފަނޑިޔާރުގެއެއް އުފަންކުރުވައިދޭނީ ހެއްޔެވެ؟

ސުވާލުތަކުގެ ޖަވާބު މަޑުމަޑުން އަޅުގަނޑުމެންނަށް ފެންނަން ފަށައިފިއެވެ. ޝަރުޢީ ޢިލްމު އުނގެނިގެން ތިބި ފަނޑިޔާރުންތައް، އެއް ބޭފުޅެއްގެ ފަހަތްޕުޅުން އަނެއް ބޭފުޅަކު ބޭރުކޮށް އުކައިލަން ފަށައިފިއެވެ. މިކަމުގެ ތެރޭގައި އެމްޑީޕީގެ ފުރިހަމަ ބާރު އޮތް ޖޭއެސްސީއަކީ އިސްތިއުނާފީ ކޯޓަކަށްވެސް ހަދައިފިއެވެ. ފަނޑިޔާރުން މައްސަލަތައް ބަލައި ނިޔާކަނޑައެޅި ގޮތް އެއީ ޖޭއެސްސީއާއި ރައްޔިތުން މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީގެ މެންބަރުން ހިތްޕުޅާނުވާ ގޮތެއް ކަމުގައިވާނަމަ، އެނިންމުން ސުލޫކީ މައްސަލައެއް ކަމުގައި ކަނޑައަޅައި ފަނޑިޔާރުން ބޭރުކުރަނީއެވެ. ޖޭއެސްސީއިން ފަނޑިޔާރުގެއަށް ދޭ މެސެޖަކީ ސުލޫކީ މައްސަލައިގެ ގޮތުގައި ފަނޑިޔާރުން ނިންމާ ނިންމުންތައް ބަލާނެކަމާއި، ފަނޑިޔާރުން ނިންމުން ނިންމާންވާނީ ޖޭއެސްސީގައި ތިބި ސިޔާސީ އެކްޓިވިސްޓުން ބޭނުންވާ ގޮތަށް ކަމުގައި ބުނެ ދޭ މެސެޖެވެ.

މިއަދު މަޖިލިސް މެންބަރުންގެ ބޮޑު ވަފުދެއް މިބައިވެރިވަނީ ޤާޟީންގެ ތަމްރީނު ކިލާހެއްގައެވެ. އެތަނުގައި އެޤާޟީންނާ ބައްދަލުވެ، މަޖިލިސް މެންބަރުންނާއި ޤާޟީން އެއްތަނަކުން ފެނުމަކީ ފަނޑިޔާރުގޭގެ މިނިވަންކަމުގެ ތަޞައްވުރު ކިލަނބުވާނެ ކަމެއް ކަމުގައި އެތަނަށް ވަޑައިގެންނެވި މަޖިލިސް މެންބަރުންނަށް އެނގިވަޑައިނުގަންނަވަނީބާވައެވެ.


މިހާރު މިފުނުނީ އަދި އާދަޔާ ޚިލާފު މަންޒަރެކެވެ. ފަނޑިޔާރުން ތަމްރީނުކުރުމުގެ ކަންކަމުގެ ތެރެއަށްވެސް މަޖިލިހުގެ ރައީސްގެ ނުފޫޒު ވަންނަ މަންޒަރެވެ. ޢަދުލު އިންސާފު ޤާއިމުކުރުމުގެ ސިޔާސަތާއި މައިގަނޑު ވިސްނުންތަކާއި ފިކުރުތައް ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓުގެ ކިބައިން، ޤާނޫނު އަސާސީއާ ޚިލާފަށް ނިގުޅައިގަނެ، ޖޭއެސްސީއަށް ނަގައިގެން އުޅެނީ ކާކު ކީއްކުރާންކަން މިހާރު ހަމަބުއްދިން ވިސްނައިލާ ކޮންމެ މީހަކަށް އެބަ ފެނެއެވެ. ދައުލަތުގައި އެންމެ މިނިވަންކޮށް މުސްތަޤިއްލުކޮށް ސިޔާސީ ބާރުތަކުން އެކަހެރިވެ އޮންނަންވީ ބާރަކީ ޖުޑީޝަރީއެވެ. ނަމަވެސް މިހާރު އެއީ ސިޔާސީ ބެއިފުޅުން ގެންގުޅުއްވާ މަށިގަނޑަކަށް ވެއްޖެއެވެ. އެބެއިފުޅުން ބޭނުންފުޅުވާ އެދިވަޑައިގަންނަވާ ބައްޓަމެއް މިމަށިގަނޑަށް ގެނެވިދާނެކަންވެސް މިހާރު އެބަ ފެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ލލ
ޖޭއެސްސީގެ ނަމުގައި ގޮސް ސިޔާސީ މީހުން ސިޔާސީ ކެމްޕޭން ކުރަނީ !
އެލަކްސް އަހްމަދް
ދެން ހަމަ މަވީމަ. ބަލާއެއް މި ދިޔަރެސް.