ސަރުކާރަށް 1 އަހަރު: އަދިވެސް އައްޑޫ ހޮސްޕިޓަލް ނުހުޅުވޭ

އެޑިޓަރު 18 ނޮވެމްބަރު 2019 11:46
Flowers
ރައީސް ސޯލިހް އަދި ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ 1 އަހަރުވެއްޖެއެވެ. މިދިޔަ އަހަރުގެ 23 ސެޕްޓެމްބަރުގައި ބޭއްވި އިންތިހާބުން ނިސްބަތުން އެންމެ ގިނަ ވޯޓު ރައީސް ސޯލިހް ހޯއްދެވީ އައްޑޫ ސިޓީއިންނެވެ. ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިންފެއްޓެވީވެސް އަދި ނިންމާލެއްވީވެސް އައްޑޫއިންނެވެ. އަދި އެފަހުން ބޭއްވުނު މަޖްލީސް އިންތިހާބުގެ އައްޑޫގެ 7 ގޮނޑިވެސް ކާމިޔާބު ކުރީ ވެރިކަން ކުރާ އެމްޑީޕީއިންނެވެ. 

އެމްޑީޕީއަށް މިހާބޮޑު އަގުލަބިއްޔަތެއް ރައްޔިތުން ދިނުމުން، އައްޑޫ ރައްޔިތުން އުއްމީދުކޮށްގެން ތިބީ ސަރުކާރުން ވަކިން ހާއްސަ ސަމާލުކަމެއް އައްޑޫއަށް ދެއްވާނެކަމަށެވެ. އައްޑޫގެ އެންމެ ގިނަ ރައްޔިތުންނަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ ރަނގަޅު ސިއްހީ ފަރުވާއެވެ. އެކަމަށް ކުރީ ސަރުކާރުން މަސައްކަތްތަކެއް ކުރިއެވެ. 

މިގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ބިނާ ކުރެއްވި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ކޮށްފައެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު އެ ހޮސްޕިޓަލުގެ 85 އިންސައްތް މަސައްކަތް ހުރީ ނިމިފައެވެ. އުމްރަނީ ގޮތުން ކުރަންޖެހޭ ކަންކަން ހުރީ ނިމިފައެވެ. އަދި ބައެއް މެޝިންތައްވެސް ވަނީ ހަރުކޮށް ނިމިފައެވެ. ނަމަވެސް ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތްތާ 1 އަހަރު ވީ އިރު އަދިވެސް އެ ހޮސްޕިޓަލް ނުހުޅުވެއެވެ. 

އެންމެ ފަހުން ރައްޔިތުންގެ މަޖްލީހަށް ސިއްހަތާއި ބެހޭ ވަޒީރު އަމީން ހާޒިރު ކުރެވުނު ދުވަހު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ނާޒިލް ވެސް ވަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން އެ ހޮސްޕިޓަލް ހުޅުވޭނެ ކަމަށް ބުނާތާ ތިން މަސްވެއްޖެ ކަމަށާއި ޔަގީނުންވެސް ހުޅުވޭނެ ތާރީހެއް ދެއްވުމަށް މެމްބަރު ނާޒިލް އެދިލެއްވިއެވެ. ނަމަވެސް މިނިސްޓަރު އަމީނަކަށް އެ ހޮސްޕިޓަލް ހުޅުވޭނެ ވަކި ތާރީހެއް ނުދެއްވުނެވެ. އަދި އޭގެ ބަދަލުގައި ވިދާޅުވީ ވަރަށް އަވަހަށް ހުޅުވޭނެކަމަށެވެ. ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވިދާޅުވަމުންގެންދަނީ އެހެންނެވެ. ނަމަވެސް އަދިވެސް އައްޑޫ ރައްޔިތުން ތިބީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކުން މަހްރޫމް ވެފައެވެ.

ހޮސްޕިޓަލުގެ އިތުރަށް އައްޑޫގައި ދެން ކުރަން ސަރުކާރުން ވައުދުވި ކަންކަން ވެސް ކުރިއަށް ނުދާކަން ފާހަގަކުރެވެއެވެ. މިގޮތުން އައްޑޫގެ މަގުތަށް ހެދުމުގެ މަސައްކަތެއްވެސް އަދި ނުފެށެވެއެވެ. އެއީ މިއަހަރު ތެރޭގައި ފަށަން ރައީސް ސޯލިހް ވައުދުވެވަޑައިގެންނެވި މަޝްރޫއުއެކެވެ. މީގެ އިތުރުން ފުރަތަމަ 100 ދުވަސްތެރޭ އައްޑޫގައި ހަދަން ސަރުކާރުން ވައުދުވި ސިޓީ ސްކުއެއަރގެ މަސައްކަތްވެސް އަދި ނުނިމެއެވެ. ފުރަތަމަ 100 ދުވަހު ނިންމަން ވައުދުވިނަމަވެސް 365 ދުވަސް ވާއިރުވެސް އެ މަަސައްކަތް ވަނީ ނުނިމި ދިގުލައިގެން ގޮސްފައެވެ. 

އައްޑޫގެ ވަރަށް ގިނަ ރައްޔިތުން މިހާރު ތިބީ މިކަންކަމާއި ގުޅިގެން މާޔޫސްވެފައެވެ. އަދި އަންނަ އަހަރުވެސް މާ ބޮޑެތި ކަންތައްތަކެއް އައްޑޫއަށް ވާނެ ކަމުގެ އުއްމީދެއް ނެތެވެ. ނަމަވެސް ރައްޔިތުންގެ މަޖްލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ އަންނަ އަހަރުގެ މާޗު މަސްތެރޭ ވަރަށް ގިނަ ކަންކަން އައްޑޫގައި ފެށޭނެކަމަށް ވިދާޅުވެފައެވެ. އެކަމަމު އެއީ ވެސް އެހާ ބޮޑަށް ބުރަދަން ހުރި ވާހަކަތަކެއް ކަމަށް މިހާރު ގިނަ ރައްޔިތުން ގަބޫލެއް ނުކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު