Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ކުޑަކުދިންނަށް އަނިޔާވެރިވުން: ދިވެހި މުޖުތަމަޢުގެ މޫނުގައި ޖެހިފައިވާ އަނދިރި ލައްގަނޑު

ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވެ ނިޔާވި ތުއްތު އިބްތިހާލު
މިލިޔުމުގެ ފޮޓޯއަކަށް އަޅުގަނޑު އިޚުތިޔާރުކުރީ، ކުޑަ އިރުއްސުރެ އެތައް އަނިޔާއެއް ތަޙައްމަލުކުރި މަންމައެއްގެ އަތުން ލިބުނު ޖިސްމާނީ އަނިޔާގެ ސަބަބުން ދުނިޔެ ދޫކޮށްދިޔަ، މަރުޙޫމު އިބްތިހާލުގެ މަޢުޞޫމު ޞޫރައެވެ. އެއީ ސަބަބެއް އޮވެގެންނެވެ. ދިވެހިންގެ ޖަމާޢީ ޟަމީރު އިބްތިހާލު ނިޔާވުމާއެކު، ދެތިން ހަފުތާއަށް ހޭލައި، ކުޑަކުދިންނަށް އަނިޔާކުރުމުގެ ނުބައިކަމާއި، އެކަންހުއްޓުވުމުގެ ވާހަކަ އަޑު އަހަރުކޮށް ދައްކާފައި، ގަދަ ނިދިން ނިދުމުން، މިފޮޓޯ މެދުވެރިކޮށް އެޟަމީރު ހޭލައްވައިލެވޭތޯ ބެލީއެވެ.
އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުގައި އެއްކަމެއްގެ އާފާތް ބޮޑުވެ، އެކަމުގެ ސަބަބުން އެންމެން ބިރުގަނެ ހާސްވާންވީ އެއްކަމެއް އޮތްނަމަ، އެކަމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ކުޑަކުދިންނާމެދު މުޢާމަލާތްކުރެވޭ ގޮތެވެ. ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤުބަލު ކަމުގައި އަޅުގަނޑުމެން އެންމެން ބުނަމުއެވެ. ނަމަވެސް ތަފާސް ހިސާބުތަކާއި ސިޔާސަތު އެކަށައަޅުއްވާ ބޭފުޅުންގެ ވާހަކަތަކުން ދައްކުވައިދޭ މަންޒަރަކީ އެމުސްތަޤުބަލާމެދު އަޅުގަނޑުމެން ޖަމާޢީ ފެންވަރެއްގައި އިހުމާލުވެފައިވާ ތަނެވެ. ޤައުމީ ފެންވަރެއްގައި އެވާހަކަ ދައްކައި، އެކަމުގެ ޙައްލަކާ ދިމާލަށް އެންމެން އެކީގައި މަސައްކަތްކުރާން ޖެހިފައި އޮތް ތަނެވެ.ތަފާސް ހިސާބުތަކުން މަންޒަރު
އިޖުތިމާޢީ މައްސަލަތައް ދިރާސާކޮށް ދެނެގަތުމުގައި އެންމެ ބޮޑަށް ބަރޯސާވެވެނީ ދައުލަތުން ޢާންމުކޮށްފައި ހުންނަ ތަފާސް ހިސާބުތަކަށެވެ. މިމައްސަލައިގައި ދައުލަތުގެ ތަފާސް ހިސާބުތައް ކުރަހައިދޭ މަންޒަރަކީ ނާމާން މަންޒަރެކެވެ. މިލިޔުމުގައި އަޅުގަނޑު މިހިއްސާކުރާ ޢަދަދުތަކާއި އެޢަދަދުތަކުގެ ފަހަތުގައިވާ ގިނަގުނަ ވާހަކަތައް އަޅުގަނޑުމެންގެ މިހިތާމަވެރި ޙާލަތާމެދު، ސަމާލުވުމަށް އިންޒާރުކުރެއެވެ.
2017ވަނަ އަހަރުގެ ދައުލަތުގެ ތަފާސް ހިސާބުތަކުގެ ތެރެއިން "ދިވެހިރާއްޖޭގެ ތުއްތުކުދިންގެ" ނަމުގައި ޝާއިޢުކޮށްފައިވާ ކަރުދާހުގައި ވަރަށް ތަފުޞީލުކޮށް އެއަހަރު ހިސާބުކުރެވި ރެކޯޑުކުރެވިފައިވާ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތަކުގެ ތަފާސް ހިސާބުތައް ބަޔާންކޮށްފައިވެއެވެ. އެއަހަރު ކުޑަކުދިންނަށް އަނިޔާކުރުމުގެ 1412 މައްސަލަ ހުށަހެޅިފައިވެއެވެ. އޭގެ ތެރެއިން 418 މައްސަލައަކީ ޖިންސީ ގޯނާކުރުމުގެ މައްސަލައެވެ. ޖިސްމާނީ އަނިޔާގެ 354 މައްސަލައެއް ހުށަހެޅިފައިވެއެވެ. ކުޑަކުދިންނަށް އިހުމާލުވުމުގެ 297 މައްސަލައެއް ހުށަހެޅިފައިވާއިރު، ނަފުސާނީ އަނިޔާކުރުމުގެ 182 މައްސަލައެއް ރެކޯޑުކުރެވިފައިވެއެވެ. ގެވެށި އަނިޔާ ފެނުމުގެ 48 މައްސަލައަކާއި، ގަނާކުރުމުގެ 39 މައްސަލައެއްގެ އިތުރުން، އިންޓަރނެޓުގައި ގަނާކުރުމުގެ 10 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި އެނޫން ބާވަތްތަކުގެ މައްސަލައިގެ ގޮތުގައި 52 މައްސަލައެއް ހިސާބުކުރެވިފައިވެއެވެ.
އިސްވެ މިދެންނެވުނީ އެންމެ އަހަރެއްގެ ތަފާސް ހިސާބުތަކެވެ. އެންމެ އަހަރެއްގެ ތެރޭގައި އެކި ބާވަތުގެ އަނިޔާ ތަޙައްމަލުކުރާންޖެހުނު ކުޑަކުދިންގެ ޢަދަދުތަކެވެ. އަދި މިޢަދަދުތަކަކީ ކަމާބެހޭ އިދާރާތަކަށް ހުށަހެޅިފައިވާ މައްސަލަތަކެވެ. ފޮރުވައި ސިއްރުކޮށް ވަންހަނާކުރެވިފައި ހުރި މައްސަލަތައް އަދި މިއަށްވުރެ ގިނަވާނެއެވެ. ޚާއްޞަކޮށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތަކެއް ޢާއިލީ އިހުމާލުގެ ސަބަބުން ސިއްރުކުރެވި، ރިޕޯޓުނުކުރެވި، ނުހިނގާ ކަންކަމުގެ ގޮތުގައި ފޮރުވާ އެންމެން ދަންނަ ބޮޑެތި ސިއްރުގެ ގޮތުގައި ބެހެއްޓުމަކީ، މިމުޖުތަމަޢުގައި ޢާންމު ކަމެކެވެ. މިވާހަކަ މިދެންނެވީ އެވާހަކަ ދަންނަވަން ލަދުވެތިވާ ޙާލުއެވެ.
މިހިސާބުތައް އެއް ފަރާތުގައި ބަހައްޓަމާ ބަހީއެވެ. އެންމެ މަހެއްގެ ތަފާސް ހިސާބުތަކަށް އަލިއަޅުވައިލަމާތޯއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓުގައި އެންމެ ފަހަށް ޝާޢިއުކޮށްފައިވަނީ މިދިއަ ސެޕްޓެންބަރު މަހު އެއިދާރާއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސް ހިސާބެވެ. ސެޕްޓެންބަރުގައި އެކަނި ޖިންސީ ގޯނާގެ 24 މައްސަލައަކާއި، ޖިސްމާނީ އަނިޔާގެ 27 މައްސަލައަކާއި، އިހުމާލުގެ 37 މައްސަލައަކާއި، ނަފުސާނީ އަނިޔާގެ 12 މައްސަލައެއް ހުށަހެޅިފައިވެއެވެ. މިދެންނެވީ އެންމެ ގިނައިން ހުށަހެޅިފައިވާ މައްސަލަތަކުގެ ޢަދަދުތަކެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ 125 މައްސަލަ އެމަހުގައި އެކަނި ހުށަހެޅިފައިވެއެވެ. މިއީ އެންމެ މަހެއްގެ ތަފާސް ހިސާބެވެ.
ޔުނިސެފާއި ރާއްޖޭގެ ތަފާސްހިސާބާ ބެހޭ އިދާރާ ގުޅިގެން މިއަހަރުގެ ޖަނަވަރީގައި ބޭއްވި ދިވެހިރާއްޖޭގެ ކުޑަކުދިންނާ ގުޅޭ މަޢުލޫމާތު ފެތުރުމުގެ ސެޝަނެއްގައި، ޖެންޑަރ މިނިސްޓަރު އަލްފާޟިލާ ޝިދާތާ ޝަރީފު ވިދާޅުވެފައިވަނީ، އާދަވެގެން ކޮންމެ ދުވަހަކު ކުޑަކުދިންނަށް އަނިޔާކުރުމުގެ ހަތަރު މައްސަލަ އެވުޒާރާއަށް ހުށަހެޅޭ ކަމުގައެވެ. އަދި އެކަމަނާ ވިދާޅުވެފައިވަނީ ކުޑަކުދިންނަށް އަނިޔާކުރުމަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ބޮޑުވެފައިވާ، ޢާންމު ކަމެއް ކަމުގައެވެ.
ތަފާސް ހިސާބުތަކުން ފެންނަނީ ޙަޤީޤަތުގައިވެސް ބިރުގަންނަންޖެހޭ މަންޒަރެކެވެ. ކުޑަކުދިންނަށް އަނިޔާކުރުމާއި އިހުމާލުވުމުގެ މައްސަލަތައް އިތުރުވަމުން ގިނަވަމުންދާއިރު، ކުށްކުރުމުގެ ތެރެއަށް ކުޑަކުދިން ވަންނަ މިންވަރުވެސް އިތުރުވަމުން އަންނަ މަންޒަރެވެ. 2017ވަނަ އަހަރުގައި އެކި ބާވަތުގެ ކުށްތަކުގެ ތުހުމަތުގައި 218 ކުއްޖަކު ބަންދުކުރެވިފައިވެއެވެ. އޭގެ ތެރެއިން 105 ކުދިން ހައްޔަރުކުރެވިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ތުހުމަތުގައެވެ. މާރާމާރީގެ ތުހުމަތުގައި 45 ކުއްޖަކު ހައްޔަރުކުރެވިފައިވާއިރު، ވައްކަމުގެ ތުހުމަތުގައި 25 ކުއްޖެއް އަދި ޢާންމު މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތަކުގައި 11 ކުއްޖަކު ހައްޔަރުކުރެވިފައިވެއެވެ. އެއީ ކުށްތަކުގައި ކުޑަކުދިންގެ ބައިވެރިވުން އޮތް މިންވަރުގެ ވާހަކައެވެ.
މިހުރިހައި ވާހަކަތެއް ބުނެދެނީ ޤައުމުގެ މުސްތަޤުބަލާމެދު ސަމާލުވާންޖެހޭ ވާހަކައެވެ. އަނިޔާގެ ޝިކާރައަކަށް އަޅުގަނޑުމެންގެ މުސްތަޤުބަލުގެ ޖީލުތައްވަމުންދާއިރު، އެކަމާމެދު ހޭލައި، އެޙާލަތު ބަދަލުކުރަން މަސައްކަތްތަކެއްކުރަން ޖެހިފައިވާ ވާހަކައެވެ. ޙައްލު ހޯދުމަށްޓަކައި ފުންކޮށް މައްސަލައާމެދު ވިސްނުން މުހިއްމު ކަމުގައެވެ. ދެވިސްނުމަކުން މިމައްސަލައިގެ ހައްލާމެދު ވިސްނިދާނެއެވެ.ޙައްލާއި އުންމީދު
ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަ ތަޙުލީލުކޮށް ޙައްލުކުރުމުގައި މައިގަނޑު ދެނަޒަރިއްޔާއެއް އިޖުތިމާޢީ ޢިލްމުވެރިން ބޭނުންކުރައްވައެވެ. މިނޫންވެސް ނަޒަރިއްޔާތަކާއި ވިސްނުންތައް ނުހުންނަ ވާހަކައެއް ނުދަންނަވަމެވެ. ނަމަވެސް މިއީ މައިގަނޑު ދެނަޒަރިއްޔާއެވެ. އެއިން ކޮންމެ ނަޒަރިއްޔާއެއް އިޚުތިޔާރުކުރިނަމަވެސް، އަސާސީ ފެންވަރެއްގައި ރާއްޖޭގައި ކުރަންޖެހިފައި ހުންނާނީ ދާދި އެއްކަންތައްތަކެކެވެ.މާހައުލާއި ނަގުލުވުމުގެ ވިސްނުމެއް (Ecological Transactional Model)
މިނަޒަރިއްޔާ ޤަބޫލުކުރައްވާ ޢިލްމުވެރިންނާއި މުޙައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި މިމައްސަލަ ތަޙުލީލުކުރަންވާނީ ތަފާތު ފަށަލަތަކަކުން ފަށަލަލެވިފައިވާ ވެށީގެ ތެރޭގައި، ކުޑަކުދިންނަށް އަނިޔާކުރުން ތަޙުލީލުކޮށްގެން ކަމުގައެވެ. ކުއްޖާ ދިރިއުޅޭ ތަފާތުވެށިތައް ގުޅިފައިވާއިރު، އަދި އެކުއްޖާ އެއްވެށިން އަނެއް ވެއްޓަށް ނަޤުލުވަމުންދާ ދިއުމުގެ ތެރޭގައި ކުއްޖާއަށް އަނިޔާ ލިބުމުގެ ފުރުޞަތު ފަހިވުމަށް މެދުވެރިވާ ސަބަބުތައް މިއިން ކޮންމެ ވެށީގެ ފަށަލައެއްގައިވެސް ހުރުން އެކަށީގެންވާ ކަމުގައި މިނަޒަރިއްޔާ ޤަބޫލުކުރައްވާ ޢިލްމުވެރިން ވިދާޅުވެއެވެ. އެފަދަ ސަބަބުތައް ދެނެގަނެވުމަކީ ކުދިންނަށް އަނިޔާކުރުން މަދުކުރުމަށް އެންމެ ރަނގަޅު ގޮތުގެ ގޮތުގައިވެސް މިޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ.ޢާންމު ޞިއްޙީ މައްސަލައެއްގެ ވިސްނުން (Public Health Model)
މިވިސްނުމުން މިމައްސަލައާމެދު ވިސްނަވާ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ މިމައްސަލައިގެ ޙައްލެވެ. އެއީ މުޅި ޤައުމުގައި ކުރިއަށްގެންދަންޖެހޭނެ ޙަރަކާތެކެވެ. އަދި އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރައްކާތެރިވުމާއި ރައްކާތެރިކުރުން ފިޔަވައި ކުޑަކުދިންނަށް އަނިޔާކުރުމާއި އިހުމާލުވުމުން ކުދިން ސަލާމަތްކުރެވޭނެ އިތުރު މަގެއް ނޯވެއެވެ. މިނަޒަރިއްޔާގެ ދަށުން ރައްކާތެރިކުރުމުގެ މަސައްކަތް ދެބާވަތަކަށް ބަހައިލެވެއެވެ. އެއީ ފުޅާ ދާއިރާއެއްގައި ހިންގޭ ޝާމިލު ހަރަކާތްތަކާއި، އެއަށްވުރެ ހަނިދާއިރާގައި ވަކި ޚާއްޞަ ފަރާތަކަށް އަމާޒުކުރެވިގެން ހިންގޭ ހަރަކާތްތަކެވެ. ޝާމިލު ހަރަކާތްތަކަކީ ޤައުމީ ފެންވަރުގައި އެންމެންނަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތަކެވެ. ވަކި ޚާއްޞަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތަކަކީ މިބާވަތުގެ މައްސަލަތައް އެޖަމާޢަތެއްގެ ތެރޭގައި ހުރުމުގެ ހިރާސް (ރިސްކް) އެންމެ ބޮޑު ޖަމާޢަތްތައް ދެނެގަނެ، އެފަރާތްތަކަށް އަމާޒުކޮށް ހިންގާ ޚާއްޞަ ހަރަކާތްތަކެވެ.
މިދެވިސްނުމުގެ ތެރެއިން އެންމެ މޮޅު ވިސްނުމެއް ހޯދުމަށްޓަކައި އެދެވިސްނުމުގެ މެދުގައި އަޅައިކިޔައި، ބޮޑު ދިގު ޢިލްމީ ބަހުސަކަށް ދިއުމަކީ މިލިޔުމުގެ މަޤުޞަދެއް ނޫނެވެ. ނަމަވެސް މިދެވިސްނުމުގެ މައްޗަށް ބިނާކޮށް ދިވެހި މާހައުލާ ގުޅޭ ދެތިން ނުކުތާއެއް ދަންނަވައިލުމަކީ އަޅުގަނޑުގެ ޙަޤީޤީ މަޤްޞަދެވެ.ތަފާސް ހިސާބު ފުރިހަމަކުރުން
މިފަދަ މައްސަލަތަކުގެ ހައްލުތައް ބިނާކޮށް އުފެއްދުމުގައި، އަދި ދިރާސާކުރުމުގައި ރާއްޖޭގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަފާސް ހިސާބުގެ އުނިކަމެވެ. އަނިޔާ ލިބޭ ކުޑަކުދިން ނިސްބަތްވަނީ ކޮން ފެންވަރެއްގެ ގޭބީސީތަކަކަށްކަން ފެންނާކަށްނެތެވެ. ހަމައެހެންމެ، އަނިޔާ ލިބޭ ކުދިންގެ ޢާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރާއި، ތަޢުލީމީ ފެންވަރާއި، އިޖުތިމާޢީ ސިޑިން މައްޗަށް އެރުމުގައި އެޢާއިލާތަކުގެ ޙާލަތު ވަޒަންކުރެވިފައި ނެތެވެ. މަތީގައި ދަންނަވާފައިވާ ދެވިސްނުމުންކުރެ ކޮންމެ ވިސްނުމަކުން މިމައްސަލައާ ކުރިމަތިލައި ޙައްލުތަކެއް އެކަށައަޅަން ބޭނުންވީނަމަވެސް، މިމަޢުލޫމާތަކީ މުހިއްމު، އަދި އަސާސީ މަޢުލޫމާތެވެ.މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ޒިންމާ
މިމައްސަލައިގެ ޙައްލުގެ ވަރަށް މުހިއްމު އެއް އަސާސަކީ ހޭލުންތެރިކަން އިތުރުވުމެވެ. މައިންބަފައިންގެ ކިބައިގައި ދަރިން ތަރުބިއްޔަތުކުރުމަށް ބޭނުންވާ ތަރުބަވީ ހުނަރުތައް އުފައްދައި، އަށަގެންނެވުމެވެ. ދަރިންނަކީ ވަރަށް ބޮޑު ނިޢުމަތެކެވެ. ނަމަވެސް އެނިޢުމަތަކީ ބޮޑު ޒިންމާއެއް އަދި އަމާނާތެއްވެސްމެއެވެ. މިފަދަ މަތިވެރި ޒިންމާއަކާއި އަމާނަތެއް ބެލެހެއްޓުމާއި އަދާކުރުމަށް، ހުނަރުތަކެއް ބޭނުންވެއެވެ. ޒަމާނީ ސައިންސާއި، ޢިލްމުވެރިންގެ ވިސްނުމާއި ހޯދުންތަކުގެ އަލީގައި މިދެންނެވުނު ހުނަރުތައް ލިޔެވި، އެއްތަންކުރެވި ޖަމާކުރެވިފައިވެއެވެ. ނަމަވެސް އެހުނަރުތަކާ ބެހޭ މަޢުލޫމާތު މައިންބަފައިންނާ ހަމައަށް އެކަށީގެންވާ މިންވަރަކަށް ނުފޯރައެވެ. އެހެންކަމުން މިމަޢުލޫމާތު މައިންބަފައިންނަށް ފޯރުކޮށްދިނުމުގައި މަދަނީ ޖަމްޢިއްޔާތަކަށް ވަރަށް މުހިއްމު ދައުރެއް އަދާކުރެވިދާނެއެވެ.
ކުޑަކުދިންނަށް ކުރިމަތިވާ އަނިޔާތަކުގެ ތެރެއިން އެންމެ ގިނައިން ރެކޯޑުކުރެވޭ އެއް ބާވަތަކީ ޖިންސީ އަނިޔާއެވެ. މިފަދަ ކުށްތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގައި "އާރކް" ޖަމްޢިއްޔާފަދަ ޖަމާޢަތްތަކުން އަދާކުރަމުން އަންނަ ދައުރު ފާހަގަކޮށް ޝުކުރުއަދާކުރަނީ އިޚުލާޞްތެރިކަމާއެކެއެވެ. ރަށްރަށުގައި މިމައުޟޫޢުތަކުގައި ހޭލުންތެރިކަން އިތުރުކޮށް މިފަދަ ކަމެއް ކުރިމަތިވެފައިވާ ކުދިން ދެނެގަންނާނެ ގޮތާއި، އެކުދިންނަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ފޯރުކޮށްދީ ރައްކާތެރި މާހައުލެއް އުފެއްދޭނެ ގޮތްތަކުގެ މަޢުލޫމާތު، ޢާންމުކުރުމުގައި އަދިވެސް މަދަނީ ޖަމްޢިއްޔާތަކަށް އިތުރު މަސައްކަތްކުރެވޭނެއެވެ.މީޑިޔާގެ ދައުރު
މިފަދަ ޢަމަލުތައް މުޖުތަމަޢުގައި އިތުރުވަމުން އަންނައިރު،އެކަންކަމާ ގުޅޭ މަޢުލޫމާތު ޢާންމުކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، މުޖުތަމަޢުގައި އެފަދަ ނޭއްގާނީ ޢަމަލުތައް މަދުކުރުމުގައި މީޑިޔާއަކީ ބާރުގަދަ ވަސީލަތެކެވެ. ކުޑަކުދިންނަށް ގޯނާކުރާ މައްސަލަތަކުގެ ޚަބަރު ރައްޔިތުންނަށް ގެނެސްދިނުމުން ނުފުދެއެވެ. މިފަދަ މައުޟޫޢުތަކުގައި ދިރާސާތައް ބަލައި، އެދިރާސާތަކުން އެލިބޭ މަޢުލޫމާތުތައް ދިވެހިންނާ ހަމައަށް ތިލަކޮށްދިނުމަކީ މީޑިޔާގެ ޒިންމާއެކެވެ. ޚާއްޞަކޮށް މުޖުތަމަޢުގެ ރައްކާތެރިކަމާއި ސަލާމަތާ ގުޅިފައިވާ މިފަދަ ޚުޠޫރަތްތެރި މައްސަލައެއްގައި މީޑިޔާގެ ދައުރު އޮންނާންވާނީ ހަމައެކަނި ކަމެއްވުމުން އެކަމުގެ ވާހަކަދައްކައިލުމުގެ ހަނި އިމުގެ ތެރޭގައި ބަދެވިފައެއް ނޫނެވެ. މީޑިޔާއަށް ލިބިފައިވާ މިނިވަންކަމުގެ ބޭނުންހިފައި، މިކަންކަން ސަރުކާރާއި ދައުލަތުގެ ސަމާލުކަމަށް ގެނައުމުގެ އިތުރަށް، މުޖުތަމަޢުގެ ޟަމީރު ހޭލައްވައި، އެޟަމީރު ނިދިޔަނުދީ ދާއިމީ ހޭވެރިކަމެއްގައި ދެމެހެއްޓުމަކީވެސް މީޑިޔާގެ ޒިންމާއެކެވެ.ސަރުކާރުން އަވަސް ފިޔަވަޅު އެޅުން
މިމައްސަލާގައި ސަރުކާރުން ހަރުދަނާ ސިޔާސަތުތަކެއް އެކުލަވައިލަންޖެހެއެވެ. މިމައްސަލައިގެ މުލުގައިވާ ސަބަބުތައް ދެނެގަނެ އެސަބުބުތަކަށް ފަރުވާ ހޯދައިދޭންޖެހެއެވެ. ގެދޮރުގެ ދަތިކަމާއި، ދިރިއުޅުމުގެ އުދާހާއި، މައިންބަފައިންގެ ކިބައިގައި ތަރުބަވީ ހޭލުންތެރިކަން ނެތުން ފަދަ އެތައް ކަމަކީ މިމައްސަލައިގެ އަޞްލު ސަބަބުތަކުގެ ތެރޭގައި ހިމެނުން އެކަށީގެންވާ ކަންކަމެވެ. އެއިން ކޮންމެ ކަމަކީވެސް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ފަރުވާ ހޯދޭނެ ކަންކަމެވެ. ގެދޮރު އަގުހެޔޮކޮށްދީ، އިޤުތިޞާދީ ހަރުގަނޑުން މައްޗަށް އެރުން ފަސޭހަކޮށްދީގެން، އިޖުތިމާޢީ ހަރަކާތް އަވަސްކޮށްދީގެންނެވެ. ތަޢުލީމީ ނިޒާމާއި، ދައުލަތުގެ މީޑިޔާ މެދުވެރިކޮށް ތަރުބަވީ ސަގާފަތާ ރަހުމަތްތެރި ޖީލެއް ބިނާކޮށްގެންނެވެ. އަދި ތަރުބަވީ ސަގާފަތް ނޭނގޭ މައިންނާއި ބަފައިންނަށްވެސް އުގަންނައިދީގެންނެވެ. މިހެން ގޮސް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މިމައްސަލަ ޙައްލުކުރުމަށް ބައިވަރު ފިޔަވަޅު އެޅޭނެއެވެ.
މިމައްސަލައަކީ މުޅި މުޖުތަމަޢު އެކަތިގަނޑަކަށްވެ ހައްލުކުރާންވެއްޖެ މައްސަލައެކެވެ. އަޅުގަނޑުމެންގެ އިސްލާމްވަންތަކަން ނިޔާކުރަނީ ކުޑަކުދިންނަށް އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށެވެ. ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާ ޙަދީސްކުރައްވާފައިވަނީ އަހަރުމެންގެ ކުޑަކުދިންނަށް އޯގާތެރިނުވާ މީހާއަކީ އަހަރުމެންގެ ތެރެއިންވާ މީހެއް ނޫން ކަމުގައެވެ. މުޅި މިމުޖުތަމަޢު ޖަމާޢީ ފެންވަރެއްގައި ކުޑަކުދިންނާމެދު އޯގާތެރިނުވާ، އިހުމާލުވާ މުޖުތަމަޢެއް ކަމުގައި ވިޔަދިނުމަކީ އަޅުގަނޑުމެންގެ ޖަމާޢީ ޟަމީރު މަރުވެ، ކަފުންވެސްނުކޮށް ވަޅުލައިފި ކަމުގެ ޢަލާމަތެއް ކަމުގައި މެނުވީ ނުވާނެއެވެ.
މި ލިއުމާއި ގުޅޭ