ޢިއްޒަތްތެރި ވަޒީރެވެ! ތިޔަ ކޯޓަށް ނުފޫޒު ފޯރުއްވަނީއެވެ!

ޝިފްޒާން އަހްމަދު
Flowers
ޔޫތު މިނިސްޓަރު މަހްލޫފް

ކޯޓުތަކުގައި ޝަރިޢަތްކުރުމަކީ ވަކި ކަހަލަ އިޖުރާއާތެއްގެ ތެރެއިން ޤާނޫނުތަކުގެ ނައްޞަށް ބަލައިގެން، ޤާނޫނުގެ އުޞޫލުތަކާއި މަބްދައުތަކުގެ މައްޗަށް ކަންކަން ހިންގުމެވެ. އެއީ ޢާންމުންގެ ރައުޔައަށް ކަންކަން ނިންމުމަށް ކިޔޭ ނަމެއް ނޫނެވެ. ޢާންމުންގެ ރައުޔައާއި ވިސްނުން އުފެދޭ ގޮތާއި، ޝަރުޢީ ކޯޓެއްގައި ކަންކަން ނިންމާ ގޮތަކީ މުޅިން ތަފާތު ދެގޮތެކެވެ. ޢާންމުންގެ ވިސްނުން ބައްޓަންކުރަނީ ވަރަށް ގިނަ ފަހަރަށް ޢާންމުންނަށް ކަންކަން ވިސްނައިދިނުމަށް ހޮވިފައިތިބޭ ބައެކެވެ. ނުވަތަ އެޢާންމުން ތަބާވާ އެބައެއްގެ ބަސް ޤަބޫލުކުރާ ލީޑަރުންނެވެ. ކުޑަ މިސާލެއްގެ ގޮތުން ދިވެހިރާއްޖޭގެ ޙާލަތަށް ބަލައިލަމާތޯއެވެ؟ ދިވެހިރާއްޖޭގެ ކޯޓަކުން ސިޔާސީ ބޭފުޅަކާމެދު ކަމެއް ކޮންމެ ގޮތަކަށް ނިންމިނަމަވެސް، އެނިންމުމާ އެއްބަސްވާނެ ބައަކާއި ދެބަސްވާނެ ބައަކު ޢާންމުންގެ ތެރޭގައި ތިބޭނެއެވެ. މިސަބަބަށްޓަކައި ޢާންމުންގެ ވިސްނުމާއި، ޤާނޫނުގެ ނިޔާއަކީ މުޅިން ތަފާތު ދެކަމެކެވެ.

ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެނުނު މަންޒަރަކީ ދައުލަތުގެ ވަޒީރެއްގެ މަޤާމުގައި ހުންނެވި ބޭފުޅަކު ޝަރުޢީ ކޯޓެއްގައި ކުރިއަށްދާ މައްސަލައަކާމެދު ރައްޔިތުންގެ ރައުޔަ ހޯދުމަށް އޮންލައިން މަންސައެއްގައި ވޯޓެއް ކުރިއަށް ގެންދެއްވި މަންޒަރެވެ. ޔޫތު މިނިސްޓަރު ހިތްޕުޅުން އެކުރެއްވީ ވަރަށް މޮޅު ކަމެކެވެ. ނަމަވެސް އެކަމާމެދު ފުންކޮށް ފިކުރުކުރައްވައި، އެކަމުގެ އަސަރާއި އެކަމުގެ ޤާނޫނީ ނަތީޖާތަކާމެދު ވިސްނައިލެއްވުމުން އެކުރެއްވީ ދައުލަތުގެ ވަޒީރަކާ އެކަށީގެންވާ ވަރުގެ ޢަމަލެއް ނޫންކަން އެނގިވަޑައިގަންނަވާނެއެވެ. ނަމަވެސް ވިސްނަވައި ފިކުރު ހިންގެވިނަމަތާއެވެ!

ކޯޓުގެ ޙުރުމަތް ކެނޑުން (ކޮންޓެމްޓް އޮފަ ކޯރޓް)

ކެރީބިއަން ކޯޓު އޮފް ޖަސްޓިސްއިން ކޮންޓެމްޕްޓް އޮފް ކޯރޓު ނުވަތަ ކޯރޓުގެ ހުރުމަތަށް އަރައިގަތުމާ ބެހޭ ގޮތުން އެކޯޓުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ކަރުދާހުގައި ބުނެފައިވަނީ، ކޯޓުގައި ހިނގަމުން އަންނަ މައްސަލައެއްގައި ވަކި ފަރާތެއް ކުށްވެރިވާނެ ކަމުގައި ކަނޑައަޅައި އެގޮތަށް ލިޔުމަކީވެސް ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައެވެ. އިނގެރޭސި ޤާނޫނީ ނިޒާމަށް ބަލާނަމަ، ކޮންޓެމްޕްޓު އޮފް ކޯރޓު ކަމުގައި ޝާއިޢުކުރެވޭ ލިޔުމެއްވާނީ ޝަރީޢަތެއްގެ މިސްރާބު ބަދަލުވާފަދަ އަދި އެޝަރީޢަތާމެދުގައި ކުރިން ޤަބޫލުކުރެވިފައިވާ ޤަބޫލުކުރުމެއް އުފެއްދުމަށް މަސައްކަތްކުރެވިފައިވާނަމައެވެ. ހަލްސްބަރީގެ ލޯ އޮފް އިންގްލޭންޑުގައި ކޮންޓެމްޕްޓް އޮފް ކޯޓުގެ މާނައެއް ކަމުގައި ބުނެފައިވަނީ، ފަނޑިޔާރެއް ނުވަތަ ކޯޓެއްގެ ހުރުމަތް ނައްތައިލުމަށް ގަސްތުގައި ހިސާބުކޮށްގެން، ރާވައިގެން ކުރާ ޢަމަލެއް ނުވަތަ ޝާއިޢުކުރާ ލިޔުމެއްގެ އިތުރުން، ޢަދުލު ޤާއިމުކުރުމުގެ ޤާނޫނީ އިޖުރާއާތުތަކާއި ޝަރީޢަތެއްގެ މިސްރާބު ބަދަލުކުރުމަށް، ތަދައްޚުލުވުމުގެ ގޮތުން ލިޔާ ލިޔުމާއި ކުރާ ޢަމަލަކީ ކޮންޓެމްޕްޓު އޮފް ކޯރޓު ކަމުގައެވެ.

ކޯޓެއްގެ ހުރުމަތް ކަނޑައިލުން ގުޅިފައިވަނީ ޢަދުލުވެރިކަން ޤާއިމުކުރުމާއި، ކޯޓުގެ ހުރުމަތާއި ޤަދަރު ނެގެހެއްޓުމާއެވެ. ކޯޓަކުން، ނުވަތަ ފަނޑިޔާރެއް ބަޔަކު ހިތްހަމަނުޖެހޭ ގޮތަށް ކަމެއް ނިންމުމަކީ އެކޯޓެއް ނުވަތަ ފަނޑިޔާރަކާމެދު ހިތުހުރި އެއްޗެއް ކިޔަންޖެހޭ ސަބަބެއް ނޫނެވެ. ފަހަރުގައި މިމަބްދައު ސިޔާސީ ބައެއް ބޭފުޅުންނަށް އެނގިވަޑައިނުގަތުން އެކަށީގެންވެއެވެ. ސިޔާސީ ކަންކަމުގައި މިބެއިފުޅުން އެންމެ ބޮޑަށް މިސާލުޖައްސަވަނީ ހުޅަނގުގެ ޤައުމުތަކުންނެވެ. އެހެންވީމާ ހުޅަނގުގެ ޑިމޮކްރަސީއަކުން މިސާލެއް ދަންނަވައިލާނަމެވެ. 2000ވަނަ އަހަރުގައި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައިގަތީ، ރައީސް ބިލް ކްލިންޓަންގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އަލްގޯރއެވެ. އެފަހަރު އިންތިޚާބުގައި މައްސަލަތަކެއް ޖެހި ފްލޮރިޑާގެ ވޯޓުތައް އަލުން ގުނަން ފެށުމުން، އެމެރިކާގެ ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހެޅުނެވެ. އެމައްސަލަ ބައްލަވައި ކޯޓުން ނިންމެވީ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު ޖޯރޖް ބުޝްއާ އެއްކޮޅަށެވެ. އެމައްސަލާގައި އަލްގޯރ ބަލި ޤަބޫލުކުރައްވައި ވިދާޅުވީ "ސުޕްރީމް ކޯޓުގެ ނިންމުމާ އަހަރެންގެ ޚިޔާލު ތަފާތުވީނަމަވެސް، އެނިންމުން ފުރިހަމައަށް ބަލައިގަންނަ" ކަމުގައެވެ. މިއީ ކޯޓުތަކުގެ ހުރުމަތް ހިފަހައްޓާ ގޮތެވެ. ޢާންމުންގެ ރައުޔައެއް ހޯދައިގެން އޭގެ މައްޗަށް ބިނާކޮށް ކޯޓުގެ ނިންމުން ބަދަލުކުރުމަށް މަސައްކަތްކުރައްވާފައި ނެތެވެ. އެއީ އެފަދަ ޢަމަލަކީ ކޯޓުގެ ހުރުމަތް ނަގައިލުންކަން އަލްގޯރއަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީއެވެ. 

ކޯޓުތަކުގެ ނިންމުންތަކާމެދު ޢިލްމީ ފެންވަރެއްގައި ވާހަކަދައްކައި ޚިޔާލު ފައުޅުކުރުމާއި، ކޯޓުތަކުގެ ނިންމުންތަކަށް އަސަރުކުރުވާ ބީދައިން ވާހަކަދައްކައި، ކޯޓުތަކުގެ އަގުވައްޓައިލުމަކީ ވަރަށް ތަފާތު ދެކަމެކެވެ. ކޯޓުތަކަކީ ސިޔާސީ ކުލައާއި ވިސްނުމަށްވުރެ މަތީގައި ހުންނަ، ޤާނޫނުގެ ބަދެވުންތައް ފިޔަވައި އެހެން ހުރިހައި ބަދެވުންތަކާއި ހިފަހެއްޓުންތަކުން މިނިވަންވެފައިވާ ތަންތަނެވެ. އެހެންކަމުން ކޯޓުތަކަށް ސިޔާސީ އަސަރު ފޯރުވުމަށް ޢާންމުން ދެކޭ ގޮތް ބަލައިގެން، ގިނަ މީހުން ދެކޭ ގޮތަކީ ޤާނޫނުގެ ނިޔާ ކަމުގައި ހެދުމަށް އުޅުމަކީ ނާތަހުޒީބު ދަށުދަރަޖައިގެ ޢަމަލެކެވެ. އެއީ ޑިމޮކްރަސީގެ އަލިފާއި ބާ ރަނގަޅަށް އެނގިވަޑައިނުގަންނަވާ ބޭފުޅަކު މެނުވީ ހިންގަވާނެ ޢަމަލެއް ނޫނެވެ.

ޤާނޫނު އަސާސީގެ 141ވަނަ މާއްދާގެ ނ.ގައި ބުނެފައިވަނީ އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމުގައެވެ. ކޯޓުގައި ހިނގަމުން އަންނަ މައްސަލައެއްގައި ޢާންމުންގެ ރައުޔަ ހޯދައި، އެރައުޔައަށް ހުކުމް ނުކުރިނަމަ، އެފަނޑިޔާރަކީ ފާސިދު، ނުބައި ފަނޑިޔާރެއް ކަމުގައި ދޭހަވާ ގޮތަށް ވާހަކަދެއްކުމާއި، ލިޔުން ލިޔުމަކީ ޤާނޫނު އަސާސީގެ މިމާއްދާއާ ޚިލާފުވުން ކަމުގައި ނުވާނެތޯއެވެ؟ އަދި ޝަރުޢީ ދާއިރާގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް މިފަދަ ކަމެއް ހިންގުމަށް ކުރާ މަސައްކަތް ހުއްޓުވުން ލާޒިމުނުވާނެ ހެއްޔެވެ؟ މިއީވެސް މިފަދަ މަޤާމެއްގައި މިނިސްޓަރު އަމިއްލަ ނަފުސާ ކޮށްލެއްވުން ރަނގަޅު ސުވާލުތަކެވެ.

ޤާނޫނުގެ ކޯޓުތަކަކީ މަޤުބޫލު ރައުޔައަށް ކަންކަން ނިންމާ ތަންތަނެއް ނޫން:

މަޤުބޫލު ރައުޔަ (ޕޮޕިއުލަރ އޮޕީނިއަން)ގެ ދާއިރާއަކީ ސިޔާސީ މަސްރަހެވެ. ވޯޓު ފޮށިތަކާއި މަޖިލިހުގެ ތަޅުމުގައި ކަންކަން ނިންމާނީ މަޤުބޫލު ރައުޔައަށެވެ. އަޣުލަބިއްޔަތަށް ފެންނަ ގޮތަށެވެ. ނަމަވެސް ކޯޓުތަކަކީ އެކަމަށް ޤާއިމުކުރެވިފައިވާ ތަންތަނެއް ނޫނެވެ. ފަނޑިޔާރުން ކަންކަން ނިންމާނެ މިންގަނޑު ޤާނޫނު އަސާސީގައި ވަރަށް ސަރީހަ ސާފު ޢިބާރާތުން ބަޔާންވެފައި އެބަ އޮތެވެ. އެއީ އެޤާނޫނު އަސާސީގެ 142ވަނަ މާއްދާގައެވެ. އެމާއްދާގައި ބުނަނީ ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެއް ކަމުގައެވެ. އަދި ފަނޑިޔާރުން ކަންކަން ނިންމުމުގައި ބަލާން ޖެހޭނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް ކަމުގައެވެ. ޤާނޫނުގައި ވަކި ގޮތަކަށް ކަމެއް ބަޔާންވެފައި ނެތްނަމަ، އެކަމުގައި ރިޢާޔަތްކުރާންޖެހޭނީ އިސްލާމީ ޝަރިޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ކަމުގައެވެ. އަދި ފަނޑިޔާރުން ޤާނޫނާއި ޤާނޫނު އަސާސީއާއި އެއްގޮތަށް ކަންކަން ނިންމާނީ ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ބެލުމެއްނެތި، ތަޢައްޞުބުން އެއްކިބާވެ ތިބެ ކަމުގައިވެސް އެމާއްދާގައި ބުނެފައިވެއެވެ. ފަނޑިޔާރުން ކަންކަން ނިންމުމުގައި އަޣުލަބިއްޔަތުގެ ވިސްނުމަށް ރިޢާޔަތްކުރަން ޖެހޭނެ އެއްވެސް ހަމައެއް ޤާނޫނު އަސާސީގައި ބަޔާންވެފައި ނެތެވެ.

ދެން އޮތީ ދުނިޔޭގެ އެހެން ޤައުމުތަކުގައި މިކަން އޮންނަ ގޮތެވެ. ޖިނާއީ އަދި މަދަނީ މައްސަލަތައް ނިންމުމުގައި ހުރިހައި ޤައުމެއްގައިވެސް ފަނޑިޔާރުން ރިޢާޔަތްކުރާންޖެހޭ ހަމައެކަނި އެއްޗަކީ ޤާނޫނެވެ. ބައެއް ޤައުމުތަކުގައި ޤާނޫނަކީ ފަނޑިޔާރުން ކުރިން ނިންމާފައިވާ ނިންމުންތަކާއި ބަރުލަމާނުން ފާސްކޮށްފައިވާ ޤާނޫނުތަކެވެ. އަނެއްބައި ޤައުމުތަކުގައި ހަމައެކަނި ކޮނޑިފައި ކުރެވިފައިވާ ޤާނޫނުތަކަށް ރިޢާޔަތްކުރުމުން ފުދެއެވެ. ދިވެހިރާއްޖޭގެ ނިޒާމުގައި ސުޕްރީމް ކޯޓާއި ހައިކޯޓުން ޤާނޫނުތައް މާނަކޮށްފައިވާ ގޮތަށް ދަށު ކޯޓުތަކުން ރިޢާޔަތްކުރުން ލާޒިމުވެއެވެ. ނަމަވެސް މިނިސްޓަރު މަޚުލޫފު ހީފުޅުކުރައްވާ ގޮތަށް ޢާންމުންގެ ވިސްނުމަކީ ފަނޑިޔާރުން ކަންކަން ނިންމުމުގައި ރިޢާޔަތްކުރާންޖެހޭ މިންގަނޑެއް ނޫނެވެ. ފަހަރުގައި މިކަހަލަ ބައެއް އަސާސީ ކަންކަން އެމަނިކުފާނު ދެނެވަޑައިނުގަންނަވަނީ ކަމުގައިވެދާނެއެވެ.

ކޯޓުތަކާއި ސަރުކާރުތަކުގެ މެދުގައި އޮންނަ ގުޅުމުގެ ކުޑަ މިސާލެއް ދަންނަވައިލާނަމެވެ. ރިޗާޑް ނިކްސަންއަކީ އެމެރިކާގެ ކުރީގެ ރައީސެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި ފެންމަތިވި މައްސަލައެއްގައި، ވައިޓް ހައުސްގައި ކުރެވޭ މުޢާމަލާތްތައް ރެކޯޑުކުރެވިފައިވާ ޓޭޕުތައް ކޯޓާ ހަވާލުކުރުމަށް އެޤައުމުގެ ސުޕްރީމް ކޯޓުން އަމުރުކުރެއްވިއެވެ. އޭނާ އެކަންކުރެއްވިއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އޭނާ ވެވަޑައިގަތީ އެޤައުމުގެ ތާރީޚުގައި ރައީސްގެ މަޤާމުން އިސްތިއުފާދެއްވި ހަމައެކަނި ރައީސަށެވެ. އޭނާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ ޢަސްކަރިއްޔާގެ ކޮމާންޑަރ އިން ޗީފެވެ. ސުޕްރީމު ކޯޓަށް އަމުރުކުރެވޭނެ ލަޝްކަރެއް ނޯވެއެވެ. ނަމަވެސް ކޯޓަށް ހުރުމަތްތެރިކޮށް ހިތުމުގެ ޑިމޮކްރެޓިކް ސަގާފަތް އޮތުމުގެ ސަބަބުން އެކަން އެގޮތަށް ކުރެއްވީއެވެ. ޢާންމުންގެ ރައުޔައެއް ހޯއްދަވައިގެން، އެރައުޔައިގެ މައްޗަށް ކޯޓުގެ ނިންމެވުންތަކާއި ޙުކުމްތައް އަނބުރައިލެއްވުމަށް ނޫޅުއްވައެވެ.

އެމްޑީޕީއާއި މިސަރުކާރަކީ ޑިމޮކްރަސީގެ ވާހަކަ ވަރަށް ގަދައަށް ދައްކައި، އޭގެ އަޑު އުފުލާ ބައެކެވެ. ޑިމޮކްރަސީއަކީ ރައްޔިތުން ކައްކުވައިގެން، ރުޅިވެރިކަމާއި ނަފުރަތުގެ ޖޯޝުގައި ވެރިކަން ބަދަލުކުރުން އެކަންޏެއް ނޫނެވެ. ޑިމޮކްރަސީއަކީ ޤާނޫނުގެ ޙުކޫމަތަށް އިޙުތިރާމްކުރުމާއި، ދުސްތޫރީ ސިޔާދަތު ނެގެހެއްޓުމާއި، ދައުލަތުގެ ނިޒާމުތަކާއި ތަރުތީބުތަކަށް އިޙުތިރާމްކުރުމުގެ މައްޗަށް އެކުލެވިގެންވާ ނިޒާމެކެވެ. އެއީ އަޣުލަބިއްޔަތުން ހުރިހައި ކަމެއް ނިންމާ ނިޒާމެއް ނޫނެވެ. އަމުދުން ލިޔެވިފައިވާ ދުސްތޫރެއް އޮތް ޤައުމެއްގައި، އެދުސްތޫރަށް އިޙުތިރާމްކުރުމެއް ނެތި، ނިޒާމުން ބޭރުން މުއައްސަސާތައް ކިލަނބުކޮށް، ޤަޟާއީ ނިންމުންތަކަށް އަސަރު ފޯރުވުމަށް އުޅުމަކީ ޑިމޮކްރަސީ ދަންނަ ކަންކަމެއް ނޫނެވެ. އެއީ ދައުލަތަށް ތެދުވެރި، ނިޒާމު ނަގަހައްޓައި، ޢާންމު މަޞްލަހަތާއި ހަމަތަކަށް ލޯބިކުރާ މީހުން ކުރާ ކަންކަމެއް ނޫނެވެ. ޢިއްޒަތްތެރި ވަޒީރެވެ. މަނިކުފާނު ތިހުންނެވީ ކޯޓުގެ ހުރުމަތް ކަނޑުއްވައި، ހިނގަމުން އަންނަ ޝަރީޢަތަކަށް ނުފޫޒު ފޯރުއްވައިގެންނެވެ. ތިޔަ ހެއްދެވީ ގޯހެކެވެ. ތިޔަ ކުރެއްވީ ޣައިރު ޤާނޫނީ ޢަމަލެކެވެ. 

ކިޔުންތެރިންގެ ހިޔާލު
ކޮލެޖު ބޯއި
މަހުލޫފުގެ ސުލޫކީ މައްސަލަ ބަލާ
ނަޒާހަތުގެ ތިން ކިލޯ
ރައީސު މައުމޫނުގެ ދުވަސް ވަރުގައި ރައްޔިތުންނަށް އަނިޔާދިން މީހުންނާއި އެމީހުންގެ ދަރިން މިއަދު ތިބީ އެމްޑީޕީ އިސްސަފުގައި ތިބެގެން އެމީހުން އުޅެނީ ރައްޔިތުންނަށް އަނިޔާ ދޭން، ކަށީގައި ހިފާފައި ހުރިކަންކަން ފިލާނެތޯ
މުޙައްމަދު ޙަސަން
ބައެއް ނޫސްވެރިންނަކީ އެމީހެއްގެ ޚިޔާލު ބައްޓަންކުރަން މިސްރާބްހިފާ އަމާޒަށް އެކަނި ދަތުރުކޮށްގެން ލިޔުންތައް ހުށަހަޅައިލެވުމުން ހިތްހަމަޖެހުން އިޙްސާސްކުރާ ބައެކެވެ.
މޮހަައްމަދު
މިއަަަާޓިކަލްކިޔާލުމުންއަޅުގަޑަށްއެގުނީމީތިލިއުނީ ސިޔާސީގޮތުންވަކިފިކުރަކަށްގޮސް ހުސްވެފައި ހުރިމީހެއްކަން ފުރާޅުންޓިނުނަގާގެންވަދެ ފަޑިޔާރުން ހައްޔަރުކުރުމާއި ރައްޔަތުންހޮވާފައިތިބި މަންދޫބުން ތަކެއް އެމީހުންގެދާއިރާތަމްސީލުކުރަންހުރަސްއަޅާެމަންދޫބުން ފާރުމަތީންބޭރަށްއުކާލާހެދީމަ އެއީތޯހުޅަގުގެޑިމޮކުރަސީއާއިސްލާމީޝަރީއަތޭ ޤާނޫނުއަސާސިއޭތިކިއަނީ ފަޑިޔާރު ހައިލަމު ވަކިބަޔަކުތިބިކުރެހުމެއްލާފަ ތަހޮނިއާފޮނުވީމައޭނައެހުރީސިއާސީނުފޫޒުންއެއްކިބާވެފަބާ ފަހަރުގަ އެއީއާޓިކަލްލިއުނުމީހާދައްނަ އިސްލާމްދީނާއިޑިމޮކުރަސީއާޤާނޫނުއާއިމިނިވަންކަންކަމައްވެދާނެެ އެކަމަކުއެއީއަޅުގަޑުމެންކިއާޝަރީއަތާޑިމޮކުރަސީއާޤާނޫނާމިނިވަންކަމާޚިލާފުކަންތައް
އަމައްޔާ
މޮހައްމަދާ، ތިޔަ ލިޔުމުގައި އެހުރީ ހައްތާވެސް ޤާނޫނާއި ޤަވާޢިދުގެ ވާހަކަ. ދުނިޔޭގައި ކަން ހިނގާފައި އޮތް ގޮތުގެ ވާހަކަ. ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކާއި ފާރުމަތިން ބަޔަކު އުކި ވާހަކައަކީ އިއްޔެގެ މާޒީ. މިހާރު ހިނގަމުން އަންނަ ކަންކަމުގެ ވާހަކަ ތިހިރީ. ނިކަން އެއިން އޮޅުވައިލަން ދައްކާފައި އޮތް ވާހަކައެއް ބުނެބަ. މަހުލޫފަކަށް ޤާނޫނެއް ނޭނގޭނެ. މިކަހަލަ ލިޔުން ހަޖަމުކުރާން ދަތިވާނެކަން އެނގޭނެ ލިޔުނު މީހާއަށްވެސް އެކަމަކު އެސޮރުވާ ލިޔެފި. މިސަރުކާރަށް ތާރީފުކޮށްފިއްޔާ އެއީ އޮއްޓަރެއް ނެތަސް މޮޅު އެއްޗަކަށްވާނެ. ނޫސްވެރިކަން ކުރަންޖެހެނީވެސް އެމްޑީޕީ މީހުން ބުނާ ގޮތަށޯލަ. އެހެނެއް އެކަމެއް ނުވާނެ.